ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ރ. އަތޮޅުގެ ޗެންޕިއަންކަން ދުވާފަރު ހޯދައިފި އެވެ. މި އަތޮޅު މުބާރާތުގައި ބައިވެރިވެފައި ވަނީ ދުވާފަރާއި އިނގުރައިދޫ އެވެ. ފުޓްސަލްގެ ގަދަ ބާރުންގެ ގޮތުގައި މަޝްހޫރު ވެފައިވާ ދުވާފަރާއި އިނގުރައިދޫ ފިޔަވާ އެހެން ރަށަކުން މި އަތޮޅު މުބާރާތުގައި ބައިވެރި ވެފައި ނުވާތީ މި އަތޮޅުގައި ކުޅެވުނީ، އަތޮޅު ޗެންޕިއަން ކަނޑައެޅުމަށް ކުޅެވުނު ފައިނަލް މެޗް އެކަންޏެވެ.
ރ.އަތޮޅުގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ ދެ ޓީމުގެ މި ކުރިމަތިލުމުގައި ވަނީ ފުޓްސަލްގައި ފާހަގަ ކޮށްލެވޭ ގިނަ ތަރިންތަކެއް ފެނިގެން ގޮސްފައެވެ. ގޯލްޑަން ފުޓްސަލް އާއި ކުލަބް މޯލްޑިވްސް ފަދަ ބޮޑެތި މުބާރާތްތަކުން ފެނިފައިވާ، މަސްހޫރު ގިނަ މޫނުތަކެއް މި މެޗްގައި ފެނުނެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗަކީ ވާދަވެރިކަންބޮޑު ފޯރިގަދަ މެޗެކެވެ. މެޗް ފަށައިގެން ރަނގަޅަށް ކުޅުނު ދުވާފަރުން ހާފުގެ ކުރީކޮޅު ރަނގަޅު ދެ ފުރުސަތެއް ހޯދިއިރު، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭގޮތެއް ނުވިއެވެ. އިރުކޮޅެއް ފަހުން އިނގުރައިދޫން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދި އެވެ. އަލީ ހާފިޒްގެ މޮޅު ކުޅުމާއިއެކު އެ ޓީމުން ގާތްގާތުގައި އުފެއްދި ގިނަ ހަމަލާތައް ހުއްޓުވުމުގައި ދުވާފަރުން ވަނީ ކާމިޔާބު ހޯދާފައެވެ.
މިމަހު 19 ވަނަ ދުވަހު ހަވީރު ކުޅެވުނު މިމެޗްގެ ދިހަވަނަ މިނިޓްގައި ދުވާފަރުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މުޙައްމަދު އިސާމް އެވެ. އިސާމް މި ލަނޑު ޖަހާފައި ވަނީ އަނާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެޓީމަށް ވަނީ ލިބިފައެވެ.
ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި އިނގުރައިދޫން ގިނަ މަސައްކަތްތަކެއް ކޮށްފައި ވާއިރު، އެޓީމަށް ނަތީޖާ ހަމަހަމަ ކުރެވޭވަރުވީ ހާފުގެ ފަހުކޮޅު އެވެ. އިނގުރައިދޫ ދަނޑުގައި ކުޅުނު މިމެޗް އިނގުރައިދޫން ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެން ތިރީހަކަށް ސިކުންތައް ވީ ފަހުން އަލީ ހާފިޒު އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެ ޓީމަށް ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އިތުރު ކޮށްފައެވެ.
ދެވަނަ ފަހަރަށް ދުވާފަރުން ލީޑު ނެގީ ދެވަނަ ހާފުގެ ދެވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައި ދިނީ އިބްރާހިމް އަނާން އެވެ. އަނާން މި ލަނޑު ޖަހާފައި ވަނީ އިނގުރައިދޫ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި އޭރިޔާ ބޭރުން ތިރިތިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރުމަށް އިނގުރައިދޫން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ވާގޮތް ނުވި ނަމަވެސް، ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބިފައެވެ.
މެޗްގެ ފަހުކޮޅު ދުވާފަރުން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު އެޓީމަށް ޖަހައި ދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން އިބްރާހިމް އަނާން އެވެ. އަނާން މި ލަނޑު ޖަހާފައި ވަނީ މެދުރޮނގު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި އޭރިޔާ ބޭރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
3-1 އިން މެޗް ކާމިޔާބުކޮށް ރ. އަތޮޅުގެ ޗެންޕިއަންކަން ދުވާފަރުން ހޯދި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދުވާފަރަށް ދެ ލަނޑު ޖަހައިދިން އިބްރާހިމް އަނާން އެވެ.
