އެމެރިކާގެ ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ގޫގުލް އޭއައި ޕްރޯ، އެއް އަހަރު ދުވަހަށް ހިލޭ ލިބޭނެކަން ގޫގުލް އިން މިއަދު (19 އޮގަސްޓް 2026) ވަނީ އިޢުލާންކޮށްފައެވެ. އާންމުކޮށް މަހަކު 19.99 ޑޮލަރަށް ވިއްކާ ގޫގުލް އޭއައި ޕްރޯ ސަބްސްކްރިޕްޝަންގެ ދަށުން، ޖެމިނި ބޭނުންކުރެވޭ މިންވަރު ހަތަރު ގުނަ އިތުރުވުމުގެ އިތުރުން، ޖެމިނި ސްޕާކް ބޭނުންކުރުމުގެ ފުރުސަތާއި، ޖީމެއިލް އަދި ގޫގުލް ޑޮކްސް ފަދަ އެޕްތަކުގައި ޖެމިނި ބޭނުންކުރުމުގެ ފުރުސަތާއި، 5 ޓީބީގެ ސްޓޯރޭޖް ލިބޭނެއެވެ. އެމެރިކާއިން ބޭރުގައި ކިޔަވާ ޝަރުތު ހަމަވާ ދަރިވަރުންނަށް ލިބޭނީ ގޫގުލް އޭއައި ޕްލަސް އެވެ. މީގެ ތެރޭގައި ޖެމިނި އޮމްނީ އާއި، ޖެމިނި ބޭނުންކުރެވޭ މިންވަރު ހަތަރު ގުނަ އިތުރުވުމާއި، 400 ޖީބީގެ ސްޓޯރޭޖް ހިމެނެއެވެ.
މީގެ އިތުރުން، އެމެރިކާގެ ދަރިވަރުންނަށް ގޫގުލް އޭއައި ޕްރޯ އާއި ޔޫޓިއުބް ޕްރީމިއަމް ހިމެނޭ ބަންޑަލްއެއް މަހަކު 8.99 ޑޮލަރަށް ނެގުމުގެ އިޚްތިޔާރު އޮންނާނެއެވެ. މިއީ އާންމު އަގަށްވުރެ 70 އިންސައްތަ ހެޔޮ އަގެކެވެ. މި ބަންޑަލް ގިނަވެގެން ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ ކަމަށާއި، މިކަމަށްޓަކައި ޝިއަރ އައިޑީ މެދުވެރިކޮށް ދަރިވަރެއްކަން ކަށަވަރުކުރަން ޖެހޭނެއެވެ.
ގޫގުލް އިން ވަނީ ޖެމިނިގައި ދަރިވަރުންނަށް ޚާއްޞަ “ސްޓޫޑަންޓް ހަބް” އެއް ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި ކިޔެވުމަށް ބޭނުންވާ ނޯޓްބުކްތަކާއި، ކިޔަވާ އެއްޗެހި ދެނެގަތުމަށް ހަދާ ކުއިޒްތަކާއި، ކިޔަވާނެ ޕްލޭންތައް ހިމެނެއެވެ. ޖެމިނި ނޯޓްބުކް މިހާރު ގޫގުލް ސާޗްގެ އޭއައި މޯޑްގައި ލިބެން ހުންނާނެ ކަމަށާއި، ކޮންމެ މާއްދާއަކަށް ނުވަތަ ޕްރޮޖެކްޓަކަށް ވަކި ނޯޓްބުކެއް ހެދޭނެއެވެ. އޭއައި މޯޑަށް ބޭނުންވާ ނޯޓްބުކްތައް ކުރިއަށް އޮތް ދުވަސްތަކުގައި 180 އަށްވުރެ ގިނަ ގައުމަށް ތައާރަފުކުރެވޭނެއެވެ.
ގޫގުލް ސާޗް މެދުވެރިކޮށް އުނދަގޫ ކޮންސެޕްޓްތައް ދަސްކޮށްދޭން އެހީތެރިވެދޭ ޓޫލްތަކާއި ސިމިއުލޭޝަންތައް އުފެއްދޭނެއެވެ. އަދި އޭސީޓީ، އޭޕީ، ޖީއާރުއީ، ސެޓް ފަދަ ބައިނަލްއަގުވާމީ އިމްތިހާނުތަކަށް ތައްޔާރުވުމަށް ފަރިތަކުރުމުގެ ކުއިޒްތައް ވެސް ހިމެނެއެވެ. މި ޚިދުމަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ލިބެން ހުންނާނެއެވެ.
ކުރިއަށް އޮތް ތަނުގައި ގޫގުލް ލެންސް މެދުވެރިކޮށް އުނދަގޫ ފިލާވަޅުތައް އޮޅުންފިލުވައިދޭ އިންޓަރެކްޓިވް ތަޖުރިބާއެއް ވެސް ލިބިގެންދާނެއެވެ. ދަރިވަރުން ކުރަމުންދާ މަސައްކަތުގެ ފޮޓޯއެއް ގޫގުލް އެޕް މެދުވެރިކޮށް ނެގުމުން، އޭގައި ހުރި ކުށްތައް ދެނެގަނެ، އެކަންކަން އޮޅުންފިލުވައިދޭ އޭއައި އޯވަރވިއުއެއް ލިބޭނެއެވެ.
ދަރިވަރުންނަށް މި ހިލޭ އޭއައި ޕްލޭންގައި ބައިވެރިވުމުގެ ފުރުސަތު 31 ޑިސެމްބަރު 2026ގެ ނިޔަލަށް އޮންނާނެއެވެ. ހިލޭ ދެވޭ މުއްދަތު ހަމަވުމުން، ސަބްސްކްރިޕްޝަން ކެންސަލް ނުކުރާނަމަ، އޭއައި ޕްރޯއަށް މަހަކު 19.99 ޑޮލަރު އަދި އޭއައި ޕްލަސްއަށް މަހަކު 4.99 ޑޮލަރު ގޫގުލް އިން ނަގާނެއެވެ.
މި ޚިދުމަތް ހޯދާ ދަރިވަރުންނަކީ އުމުރުން 18 އަހަރު ފުރިފައިވާ، އަމިއްލަ ގޫގުލް އެކައުންޓެއް އޮންނަ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި ސްކޫލް ނުވަތަ ކޮލެޖްގެ ރަސްމީ އީމެއިލް އެޑްރެސް މެދުވެރިކޮށް ދަރިވަރެއްކަން ކަށަވަރުކޮށްދޭން ޖެހޭނެއެވެ.
