މިހާރު ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕް 2026 ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު އިއްޔެ އާއި ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި ވަނީ ކުޅެފައެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ހުޅުމާލޭ ޑިވެލޮޕްމެންޑް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓް ކުލަބް އެޗްޑީސީ ހޯދީ 20-25 އިންނެވެ.
ފުރަތަމަ ސެޓް އެޗްޑީސީން ހޯދި ނަމަވެސް، ދެވަނަ ސެޓްގައި އެ ޓީމަށް އެމްޓީސީސީ ފަހަތަށް ޖައްސާލެވޭ ގޮތެއް ނުވިއެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި ސެޓް ކާމިޔާބު ކުރީ އެމްޓީސީންނެވެ. ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު މެޗުގެ ފޯރި ގަދަވިއެވެ. ތިންވަނަ ސެޓްގެ ވާދަވެރިކަން ބޮޑުވިއެވެ. މި ސެޓްގައި މޮޅަށް ކުޅުނީ އެމްޓީސީސީ އެވެ. މި ސެޓްގައި އެ ޓީމުން 25 ޕޮއިންޓް ހަމަކުރިއިރު، އެޗްޑީސީއަށް ހޯދުނީ 18 ޕޮއިންޓެވެ.
ފަހަތުން އަރައި އެމްޓީސީސީން ދެ ސެޓް ހޯދުމާއިއެކު އެޗްޑީސީއަށް ބާރު ބޮޑުވިއެވެ. ފައިނަލްގެ ޖާގައެއް ހޯދުމަށްޓަކައި ހަތަރުވަނަ ސެޓް ހޯދުން އެ ޓީމަށް މަޖުބޫރުވިއެވެ. މި ސެޓްގައި އެޗްޑީސީން ކުރީ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ސެޓް ހޯދޭވަރެއް ނުވިއެވެ. 25-21 އިން ސެޓް ކާމިޔާބުކޮށް 3 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ އެމްޓީސީސީން ހޯދިއެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އާއި ލަޔަންސް ރެކްރިއޭޝަން ކުލަބެވެ. ވާދަވެރި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓް ކާމިޔާބު ކުރީ ލަޔަންސް އެވެ. އެ ޓީމުން މި ސެޓް ކާމިޔާބުކޮށްފައިވަނީ 19-25 އިންނެވެ.
ފުރަތަމަ ސެޓް ލަޔަންސް ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓްގައި ސިފައިންގެ ކުލަބް ވަނީ ފުރަތަމަ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ސެޓް ނިންމުމުގެ ފުރުސަތު ލަޔަންސަށް ވެސް ލިބުނު މި ސެޓް ސިފައިންގެ ކުލަބް ކާމިޔާބުކުރީ 23-25 އިންނެވެ.
ދެ ޓީމުން ދެ ސެޓް ހޯދުމާއިއެކު ތިންވަނަ ސެޓްގެ ފޯރިގަދަވެ ވާދަވެރިކަން ބޮޑުވިއެވެ. ފައިނަލްގެ ޖާގައެއް ހޯދުމަށްޓަކައި ތިންވަނަ ސެޓް ދެ ޓީމަށް ވެސް މުހިންމުވިއެވެ. ތިންވަނަ ސެޓްގައި ލަޔަންސަށްވުރެ ރަނގަޅަށް ކުޅުނީ ސިފައިންގެ ކުލަބެވެ. އެ ޓީމުން މި ސެޓް ކާމިޔާބުކުރީ 19-25 އިންނެވެ.
ހަތަރުވަނަ ސެޓް ކާމިޔާބުކޮށް 3 ސެޓް 1 ސެޓުން މެޗު ކާމިޔާބުކުރަން، ހަތަރުވަނަ ސެޓަށް ސިފައިންގެ ކުލަބް ނުކުތްއިރު ލަޔަންސް ނުކުމެފައި ވަނީ ސެޓް ކާމިޔާބުކޮށް ފައިނަލަށް ދިއުމުގެ ފުރުސަތު ފަހިކުރާށެވެ. ވާދަވެރި ހަމަހަމަ ކުޅުމަކުން ފެށުނު މި ސެޓް ސިފައިން ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ލަޔަންސަށް 23 ޕޮއިންޓް ދީފައެވެ.
މި މުބާރާތުގެ ތިންވަނަ ހޮވާ މެޗު މިއަދު ހަވީރު ކުޅުނުއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ.
