ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މާރވޭމްޕްސް – ބާބު 11

“ކޮން ކިސްކުރުމެއް؟” އަހަރެން ދެއަތް މޭމަތީގައި ބަނދެލީމެވެ. “އަހަރެމެން ކިސްއެއް ނުކުރަން.”

“އަނެއްކާވެސް،” އޭނާ އަހަރެންގެ އަތުގައި އަތްލިއެވެ. “އަހަރެންނަށް އިވެނީ މާޔޫސްކަމުގެ އަޑު.” އޭނާ އަހަރެންގެ ގާތަށް ގުދުވެލިއެވެ.

“ލިޔާމް،” އަހަރެން މަޑުމަޑުން ބުނެލީމެވެ. އޭނާގެ ނަން ކިޔާލުމުންވެސް ހިތަށް ބުނެދޭން ނޭނގޭ އަސަރެއް ކުރެއެވެ. އެއީ ވަރަށް އާދަޔާ ހިލާފު ކަމެކެވެ. އެއް ވަގުތެއްގައި އަހަރެން އޭނާދެކެ އިންތިހާއަށް ރުޅިއާދެއެވެ، އަދި އަނެއް ވަގުތު އޭނާގެ ހިތްގައިމުކަމާއި ގާތްކަމަށް ހިތް އެދެއެވެ.

އޭނާގެ ތުންފަތް ފެންނަނީ ވަރަށް މަޑުކޮށެވެ.

އަހަރެން މިހާރު ގޮތެއް ނިންމަން އެބަޖެހެއެވެ. އަހަރެން ލިޔާމް ބޭނުން ހެއްޔެވެ؟މި ބޮސްދިނުމަށްފަހު ހުރިހާ ކަމެއް ބަދަލުވާނެއެވެ. އަހަރެންގެ ހިތް ހަމަޖައްސަން އެބަޖެހެއެވެ.

“އަޒްމާރާ،” އޭނާ މަޑުމަޑުން ބުނެލިއެވެ. އަހަރެންގެ ލޯ މެރެން ފެށިއެވެ.

އަދި އެސްފިޔަޖަހާލި ހިނދު އަނެއްކާވެސް ލޯ ހުޅުވާލެވުނެވެ. އަހަންނަށް މި ކުރެވެނީ ކީއް ހެއްޔެވެ؟ ލިޔާމް އިނީ އަހަރެންގެ ގާތަށް ގުދުވެލައިގެންނެވެ. އޭނާގެ ތުންފަތުގެ މަޑުކަމުން އަހަރެންގެ ހިތް ދަމައިގަންނަމުންދިޔައިރު، އޭނާގެ ދެލޯ ވަނީ މެރިފައެވެ.

“ނޫން!” ކުއްލިއަކަށް ސިހިފައި އަހަރެން މޫނު އަނބުރާލީމެވެ.

އޭނާގެ ތުންފަތް އަހަރެންގެ ކަރުގައި ބީހިލުމާއެކު، އަހަރެންގެ ނޭވާ އަވަސްވިއެވެ.

“އަހަރެން… ” ބަހަނާއެއް ދެއްކުމަށް އަހަރެން މަސައްކަތް ކުރީމެވެ. “އަހަރެން ފެންވަރަން އެބަޖެހޭ.”

އަހަރެން އޭނާއާ ދުރަށް ޖެހިލުމަށްފަހު، އަވަސްއަވަހަށް ފާޚާނާއަށް ވަދެ ދޮރު ތަޅުލީމެވެ.

“ފެން ޖެހުމުން މާމެއިޑަކަށް ބަދަލުވެދާނެތީ ބިރެއް ނުގަނޭތަ؟” އޭނާ ހިތްހަމަނުޖެހިފައި ހުރެ ސުވާލުކުރިއެވެ.

“އަހަރެން… އުމް،” އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. “ލިޔާމް، މިތަނުން އިހަށް ގޮސްދީ،” އަހަރެން އާދޭސްކުރީމެވެ.

“އަޒްމާރާ، ތިކުރަނީ ކީއް؟” އޭނާ ހަރުކަށިކަމާއެކު އެހިއެވެ. އޭނާ ހުރީ ހަމަ ދޮރުމަތީގައިކަން އަޑުން އެނގެއެވެ.

“އަހަންނަކަށް ނުވާނެ… އެހެން އުޅެވާކަށް އަހަންނަކަށް ނެތް، އާދޭސްކޮށްފަ ބުނަން،” އަހަރެން އާދޭސްކުރީމެވެ.

“ކޮރިޑޯ ތެރޭގައި ހުރިއިރު ކަލޭ ހުރީ ވަރަށް ތައްޔާރަށް. ކުއްލިއަކަށް ބަދަލުވީ ކީއްވެ؟” އޭނާގެ އަޑު މިހާރު މަޑެވެ.

“އަހަންނަކަށް ނޭނގެ ލިޔާމް. ހަމައެކަނި މިވަގުތު މިކަން ކުރާކަށް ބޭނުމެއް ނޫން،” އެ ޖުމްލަ ބުނެވުމާއެކު އަހަރެން ދެރަވިއެވެ. އަހަރެން ބޭނުންވީ ދޮރު ހުޅުވާލާފައި ބޭރަށް ނިކުމެ އޭނާގެ ގައިގައި ބައްދާލާށެވެ. ނަމަވެސް ކޮންމެވެސް ކަމެއް އަހަރެން ހިފަހައްޓަމުންދިޔައެވެ. އެހެންކަމުން އަހަރެން ހަމައެކަނި ދޮރުގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލައިގެން ހުރީއެވެ.

“އެންމެ ރަނގަޅު!” އޭނާ ބާރަށް ބުނި އަޑު އިވުނެވެ. އެއަށްފަހު ކޮޓަރީގެ ދޮރު ހުޅުވައި ބާރަށް ލެއްޕި އަޑު އިވުނެވެ.

އެ އަޑާއެކު އަހަރެން ސިހިގެން ދިޔައެވެ.

އޭނާ ރުޅިގަދަވުމުން އަހަރެން ވަރަށް ދެރަވިއެވެ. އޭނާ އެހާ ބޮޑަށް ރުޅިއަރުވާލާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. ދެން އަނެއްކާވެސް ކުރީގެ ހާލަތަށް ކަންތައްތައް ބަދަލުވާނެއެވެ. ރޭގައި ޖަންގަލި ތެރޭގައި ހޭދަކުރި ވަގުތުތަކުގެ އެއްވެސް އަގެއް ނޯންނާނެއެވެ. ލިޔާމް ދެން ދުވަހަކުވެސް އަހަންނަށް އިތުބާރުކޮށް ހިތް ހުޅުވައެއް ނުލާނެއެވެ. އޭނާ އަހަންނާއެކު ހިތްހަމަޖެހިގެން އުޅުނު އުޅުން ނިމުމަކަށް އައީއެވެ. އޭނާގެ ހިތް މަޑުވުމަށް އޮތް ކޮންމެ ފުރުސަތެއް އަހަރެން ބޭކާރުކޮށްލައިފީމެވެ. އެކަމާ އަހަރެން އިންތިހާއަށް ދެރަވިއެވެ.

އަހަރެން ތެދުވެ ފެންވަރާލީމެވެ. ބަނޑުހައިވެފައި ހުރުމުން ވަރަށް އަވަސްކޮށްލީމެވެ. ފާޚާނާއިން ނިކުމެ ހަށިގަނޑު ހިއްކާލުމަށްފަހު ތުވާލި އޮޅާލީމެވެ. އެވަގުތު އަހަރެންގެ އަތުގައި ލާނެ އަންނައުނެއް ނެތްކަން ހަނދާންވިއެވެ. އެހެންކަމުން ފާޚާނާ ދޮރުގެ ފުރަގަހުގައި އަޅުވާފައި އޮތް ރޯބް ލައިގެން ބޭރަށް ނިކުތީމެވެ.

އަހަރެން އަވަހަށް ފައުޒާގެ ކޮޓަރިއަށް ދިޔައީމެވެ. އޭނާ އިނީ އެނދުގައި ފޮތެއް ކިޔާށެވެ.

“އޯ، އަޒްމާރާ،” އޭނާ ހައިރާންވެފައި ބުންޏެވެ.

“އަހަރެން ލާނެ އެއްޗެއް ބޭނުން،” އަހަރެން އެދުނީމެވެ.

“ބޭނުން އެއްޗެއް ނަގާ،” އޭނާ އަލަމާރިއަށް އިޝާރާތް ކުރިއެވެ.

އަހަރެން ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ސާދާ ޓީޝާޓެއްލީމެވެ. ފައިވާނަކަށް ނާރަމެވެ. އަދި އިސްތަށިގަނޑުވެސް އޮތްގޮތަށް ދޫކޮށްލީމެވެ.

“ތިޔަ ދެމީހުންގެ ދެމެދުގަ ހިނގި ކަންތައްތައް އަހަންނަށް ކިޔައިދޭނަންތަ؟” އަހަރެން ތުވާލިތައް ފާޚާނާއަށް އެއްލާލި ވަގުތު އޭނާ އެހިއެވެ.

އަހަރެން ގޮސް އޭނާގެ އެނދުގައި އިށީނދެލީމެވެ. “އަހަރެން މި ވާހަކަ ދައްކަން އޭނާ ހިތްހަމަޖެހޭނެ ހަމައެކަނި މީހަކީ ތިޔައީ ކަމަށް އަހަރެން ގަބޫލުކުރަން،” އަހަރެން ބުނީމެވެ. “އަދި އަހަރެންގެ ހިތުގެ ޝުޢޫރުތައް ހިއްސާކުރާނެ މީހަކު މިވަގުތު ވަރަށް ބޭނުން…”

“އަވަހަށް ކިޔައިދީ!” ފައުޒާ ވަރަށް އުފާވެފައި ބުންޏެވެ.

“ރަނގަޅު، އަހަރެމެން ހަމައެކަނި ވަގުތު ހޭދަކޮށްލީ. ދެން ދަމެއް ހާއިރު އަހަންނަށް ހޭލެވުނުއިރު އޭނާ ތެދުވެގެން ދަނީ. އަހަންނަށް އެއްފަހަރު ހޭލެވިއްޖެއްޔާ ދެން ނިދުން ވަރަށް އުނދަގޫ ކަމަކަށްވޭ، އެހެންވެ އޭނާގެ ފަހަތުން ދިޔައީ. އޭނާ އަހަރެން ޖަންގަލި ތެރެއަށް ގެންދިޔަ، އަދި އަހަރެމެން ވާހަކަދެއްކިން. ފުރަތަމަ އޭނާ ހުރީ އޭނާގެ އާދައިގެ ގޮތުގަ، ވަރަށް ފާޑަކަށް. އެކަމަކު ރޭގަނޑު ނިމެންވީއިރު އޭނާ ވަރަށް މަޑުމައިތިރިވި. އަހަރެމެން ނެށިން، އަދި ވަރަށް ފުން ވާހަކަތަކެއް ދެއްކިން. އެއަށްފަހު ނިދިއްޖެ. އެއީ އެހާ ބޮޑު ކަމެއް ނޫން، އެކަމަކު މިއަދު ހެނދުނު ހޭލައިގެން އޭނާ އަހަރެން ގެއަށް ގެނައިމަ، ކޮޓަރި ބޭރުގައި ހުރެފަ އޭނާ އަހަންނަށް ބޮސްދޭން އުޅުނު…”

“ސީރިއަސްލީ! ތިޔައީ ތެދެއްތަ؟” ފައުޒާ ހައިރާންވެފައި ބުންޏެވެ. “އަހަރެން ބުނިން ދޯ! އަހަރެން ބުނި ގޮތަށް ކަންތައް މިވީ!”

“ފައުޒާ، ޕްލީޒް،” އަހަރެން ބުނީމެވެ. “ކިޔާމް ގަނޑު އެތަނަށް ނައިނަމަ ފަހަރެއްގައި އެކަން ވީސް، އެކަމަކު އޭނާ އައީމަ އަހަރެމެން ދުރަށް ޖެހިލީ. ފައުޒާ، އޭނާ ތިޔަ އާއިލާގެ މީހުންގެ ކުރިމަތީގަ އަހަންނާ މެދު އޯގާތެރިކޮށް އުޅޭކަށް ބޭނުމެއް ނުވޭ. ދެން ތިޔަ އެންމެން ދިޔުމުން އޭނާ އަނެއްކާވެސް އުޅުނު، އެކަމަކު އަހަރެން ދުރަށް ޖެހުނީ…”

“އަޒްމާރާ!” ފައުޒާ ޝަކުވާ ކުރިއެވެ.

“އޭނާ ހުރީ ވަރަށް ރުޅިއައިސްފަ. ރޭގަ އަހަރެމެންގެ ދެމެދުގަ އުފެދުނު ރަނގަޅު ގުޅުން އަހަރެން މި ހަލާކުކޮށްލީ. އެއް ފިޔަވަޅު ކުރިއަށް އަޅާފަ ދިހަ ފިޔަވަޅު ފަހަތަށް އެޅުނީ،” އަހަރެން ދެރަވެފައި ބުނީމެވެ.

މިވެސް ކިޔާލަން:  ދެން އަލުން ބައްދަލުވާނެބާ! - ހަތަރުވަނަ ބައި

“ކީއްވެ ތިހެން ހެދީ؟” އޭނާ އެހިއެވެ.

“ސަބަބަކީ އަހަންނަކަށް އޭނާ ގޮތަށް ދެގޮތަކަށް ނޫޅެވޭނެ!” އަހަރެން ބާރަށް ބުނީމެވެ. “އެއް ލޯކޮޅުން ބޮސްދީފަ، އަނެއް ސިކުންތުގަ ރުޅިވެރިކަން ދައްކާކަށް އަހަންނަކަށް ނޭނގޭނެ! އޭނާއަށް އެކަން ކުރެވޭނެ… އޭނާއަށް އެކަމުގެ އެއްވެސް މާނައެއް ނެތް. ތިޔަ ހީކުރާ ކަހަލަ ކަމެއް ނުހިނގާނެ،” އަހަރެން ހަށަންބަނދެލައިގެން އިނީމެވެ.

“ތިޔައީ ހަމަ ބޮޑާކަމުން ބުނާ އެއްޗެއް،” އޭނާ ބުންޏެވެ. “އަހަރެން ބުނި ބުނުން ތެދުވިކަން ގަބޫލުކުރަން ޖެހުމުން ތިހުރީ ހިތްހަމަނުޖެހިފަ. އަދި އަހަރެންގެ ބޭބެ ދެކެ ލޯބިވެވިދާނެ ކަމަށް ދުވަހަކުވެސް އުންމީދު ނުކުރާތީ ވީގޮތެއް ތިޔައީ.”

އެއީ ތެދެކެވެ. އޭނާދެކެ ލޯބިވާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. ނަމަވެސް އޭނާއާ މެދު އަހަރެންގެ ހިތުގައި އުފެދިފައިވާ ޝައުގުވެރިކަމުގެ ސަބަބުން އަހަރެން ހުރީ އުނދަގޫވެފައެވެ.

“އެންމެ ރަނގަޅޭ ފައުޒާ، ކަލޭ ބުނީ ތެދެއް. އެކަމަކު އޭގެއިން އެއްވެސް ކަމެއް ބަދަލެއް ނުވާނެ،” އަހަރެން ވަރަށް ސީރިއަސްކޮށް ބުނީމެވެ.

“ތިޔައީ ކަލެއަށް ހީވާ ގޮތް،” އޭނާ ހިނިތުންވަމުން ބުންޏެވެ.

މިނިވަންކަމާއެކު ހީލަމުން އޭނާ ބުންޏެވެ.

“ތިޔަހެން ހީކުރަނީ ހަމައެކަނި ކަލޭ. ގޮސް ލިޔާމް ގާތު އަހާބަލަ!” އެހެން ބުނެވުނު މޮޔަ އަހަންނަށް ހަމަ އެވަގުތު އިހުސާސްވިއެވެ.

“އެންމެ ރަނގަޅު!” އޭނާ ހިނިތުންވެލުމަށްފަހު، އެސްފިޔަޖަހާލިހާ ހިނދުކޮޅެއްގެ ތެރޭގައި ލޯމަތިން ގެއްލިއްޖެއެވެ.

“ނޫން!” އަހަރެން އޭނާގެ ފަހަތުން ދުއްވައިގަތީމެވެ. އޭނާ ދާނެކަން ޔަގީންވާ ހަމައެކަނި ތަނަކީ ބަދިގެއެވެ.

ބަދިގެއަށް ދެވުނުއިރު، ފައުޒާ ހުއްޓިގެން ހުރި ތަނުގައި އަހަރެން ގޮސް އޭނާގެ ބުރަކަށީގައި ޖެހުނެވެ. އޭނާ ހުއްޓުނީ ކީއްވެތޯ ބަލައިލުމަށް އޭނާގެ ކޮނޑުމަތިން ކުރިއަށް ބަލައިލީމެވެ.

ބަދިގޭގެ ކަނެއްގައި އަންހެން ކުއްޖަކާއެކު ލިޔާމް އުޅެނީ ވަރަށް ގައިގޯޅިކޮށެވެ. އެ މަންޒަރު ފެނުމާއެކު އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. ފައުޒާ ވަދެގެން އައިއިރު އެމީހުންނަށް ރޭކާނުލީ އަހަރެމެންނަށްވުރެ އޭނާގެ ހަރަކާތްތައް ހަލުވިވެފައި ސިއްރުވެރިވީމަ ކަމަށް ވެދާނެއެވެ. އެމީހުން ދުރުވީ އަހަރެން އެތަނަށް ދިޔުމުންނެވެ.

“ލިޔާމް؟” އަހަރެންގެ އަޑުގައި ހުރި މާޔޫސްކަން ސިއްރުކުރާކަށް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ އަމިއްލަ ނަފްސު ދެކެ އެވަގުތު ފޫހިވިއެވެ.

“ހެލޯ ކުދިންނޭ،” ލިޔާމް އޭނާގެ އަތް އެ އަންހެން ކުއްޖާގެ ކޮނޑުމަތީގައި ބާއްވައިގެން ހުރެ ބުންޏެވެ. “މިއީ ކައިނާ،” އޭނާ ފަޚުރުވެރިކަމާއެކު ތަޢާރަފުކޮށްދިނެވެ.

އެ އަންހެން ކުއްޖާ އަހަރެމެންނަށް ހިނިތުންވެލިއެވެ. ފަސް މިނެޓެވެ! އެންމެ ފަސް މިނެޓު ތެރޭގައި އޭނާ އެހެން ކުއްޖަކު ހޯދައިފިއެވެ! މިއީ މަޖަލަކަށް ކުރާ ކަމެއް ހެއްޔެވެ؟ އޭނާ އެ އުޅެނީ ހަމަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ހަދައިގެންނެވެ. ރަނގަޅެވެ، އޭނާއަށް ކުޅެވޭނަމަ އަހަންނަށްވެސް ކުޅެވިދާނެއެވެ. އަހަރެން އޭނާއަށް ރުޅިވެރިކަމާއެކު ބަލައިލީމެވެ.

“އަހަރެން ދަނީ،” ކައިނާ ލިޔާމްގެ މޫނަށް ބަލައިލުމަށްފަހު ބުންޏެވެ. ލިޔާމް ހުރީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ފައުޒާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ.

“އޯކޭ،” ލިޔާމް އެ އަންހެން ކުއްޖާގެ މޫނަށް ބަލައިލުމަށްފަހު ވަރަށް ލޯބިން ބޮސްދިނެވެ.

“ބާއި،” އެ ކުއްޖާ އަހަރެމެން ކައިރިން ލާފައި ދަމުން އަތުން އިޝާރާތް ކޮށްލިއެވެ.

“ހަމަ އަސްލަށްވެސްތަ؟” އަހަރެން ރުޅިއައިސްފައި އެހީމެވެ. “ތިޔަ އުޅެނީ ސީރިއަސްކޮށްތަ؟”

“ކަލެއަށް ލިބުނު ފުރުސަތު ކަލޭ ބޭކާރުކޮށްލީ. އަހަރެން ހުށަހެޅިން… ކަލޭ އިންކާރު ކުރީ،” އޭނާވެސް އެހާމެ ހަރުކަށިކަމާއެކު ރައްދު ދިނެވެ.

“އެއީ ހަމައެކަނި ކަލޭގެ ހިތުގައި… ނޫން،” އަހަރެން ބޯ ހޫރާލީމެވެ. “އަހަރެން އެއްވެސް އެއްޗެއް ސާފުކޮށްދޭކަށް ބޭނުމެއް ނޫން، އެއީ މުހިންމު ކަމެއް ނޫން. އެއްވެސް ކަމެއް ނުހިނގާ،” އަހަރެން ހަޅޭއްލަވައިގަތީމެވެ.

“ތިޔައީ ހަމަ ތެދެއް،” އޭނާ ޖަވާބު ދިނެވެ.

އަހަރެން ފައުޒާއަށް ބަލައިލީމެވެ. “މިހާރު ހިތްހަމަޖެހިއްޖެތަ؟”

“އަޒްމާރާ،” އޭނާ އަހަރެންގެ ގާތަށް ފިޔަވަޅެއް އެޅިއެވެ.

އަހަރެން ފަހަތަށް ޖެހުނީމެވެ. “އަހަރެން ބުނީމެއްނު،” އަހަރެން ބާރަށް ބުނީމެވެ. “އެއްވެސް ކަމެއް ބަދަލެއް ނުވާނެއޭ. ކަލޭގެ ބޭބެއަކަށް އެއްވެސް ހަގީގީ ބަދަލެއް ބަލައެއް ނުގަނެވޭނެ.” އަހަރެން ލިޔާމްއަށް ފަހު ފަހަރަށް ބަލައިލުމަށްފަހު އެތަނުން ދުވެފައި ދިޔައީމެވެ.

ނަސީބަކުން އެމީހުން އަހަރެންގެ ފަހަތަކުން ނާދެއެވެ. އަހަރެން ސަލާމަތުން ކޮޓަރިއަށް ވަދެވުމާއެކު، ފަހަތުން މީހަކު ވަދެ ދޮރު ލެއްޕި އަޑު އިވުނެވެ.

“ކަލޭ ތިޔައީ ހާދަ ޝަކުވާ ބޮޑު ކުއްޖެކޭ!”

އެއީ ލިޔާމްއެވެ.

އަހަރެން އެނބުރި އޭނާއާ ކުރިމަތިލީމެވެ.

“ކަލޭ އަހަންނާ ދިމާއަށް ހަޅޭއްލަވަނީތަ؟ އަހަރެން މިކުރީ ހަމަ ކަލޭ ބޭނުންވި ކަންތައް،” އަހަރެން އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނީމެވެ. “ކަލޭ ބޭނުންވީ ކަލޭގެ ވަށައިގެންވާ އިންތައް ދަމަހައްޓަން. އަހަންނާއެކު އުޅޭއިރު… އާއިލާގެ ކުރިމަތީގަ… ރޭގައި އުޅުނު ގޮތަށް އުޅެފިނަމަ އެ އިންތައް ފަހަނައަޅައި ދިޔައީކަން އެންމެނަށް އެނގޭނެ! އެކަމަކު އެއީ މިހާރު މުހިންމު ކަމެއް ނޫން. ކަލޭ އަޅައެއް ނުލާނެ… އެއްވެސް ކަމެއް ނުހިނގާ،” އަހަރެން އޭނާއަށް ފުރަގަސްދިނީމެވެ.

“ތިޔަހެން ބުނުން ހުއްޓާލާ!” އޭނާ އަހަރެންގެ އަތުގައި ހިފައި އަނބުރާލަމުން އަމުރުވެރިކަމާއެކު ބުންޏެވެ. “ކަލެއަށް ވަރަށް ރަނގަޅަށް އެނގޭނެ ތިޔައީ ތެދެއް ނޫންކަން!”

“އަހަރެން މިހާރު އަޅައެއް ނުލަން ލިޔާމް! ކަލޭ އުޅެން ބޭނުންވަނީ ތިޔަގޮތަށް ކަމަށްވާނަމަ، އެންމެ ރަނގަޅު! އަހަރެމެންނަށްވެސް ތިޔަގޮތަށް އުޅެވިދާނެ!” އަހަރެން އަތް ދޫކޮށްލަން މަސައްކަތް ކުރީމެވެ.

“ދޮގު ނުހަދާ އަޒްމާރާ، ކަލޭ އަޅާލާކަން އެނގޭ!” އޭނާ ރައްދު ދިނެވެ.

“އާނ، އަހަރެން އަޅާލަން!” އަހަރެންގެ ލޮލުން ކަރުނަ އަންނަން ކައިރިވެފައި ހުރެ ބުނީމެވެ. “އަހަރެން މިއީ އަންހެން ކުއްޖެއް… ކަނޑުރެއްސިއެއް. އަހަރެމެންގެ ސިފައަކީ އެއީ… އަހަރެމެން އަޅާލަން! މިއީ،” އަހަރެން އަތް ފޮޅުވާލީމެވެ. “މިއީ އަހަރެންގެ ބައްޕަ، ލޭއިންސިންނާއި ކަނޑުރެއްސިންގެ ގުޅުން މަނާކުރި ސަބަބަކީ. އެމީހުންނަށް އިހުސާސްތަކުގެ ގޮތުން އެކަކު އަނެކަކާ ގުޅުމެއް ނުއުފެއްދޭނެ. ކަލޭ ކަހަލަ ލޭއިންސިންގެ ހިތުގައި އިހުސާސްތަކެއް ނުހުރޭ! އެކަމަކު އަހަންނަކަށް އަހަރެންގެ އިހުސާސްތަކެއް ކޮންޓްރޯލެއް ނުކުރެވޭ. އަހަރެން ކަލެއާ މެދު ކެއަރކުރަން ލިޔާމް!” އަހަރެން ބާރަށް ބުނީމެވެ.

މިވެސް ކިޔާލަން:  ދުނިޔޭގެ މީއޭ ޤާނޫނަކީ... ތިންވަނަ ބައި

“އާނ، އާނ، އަހަރެންގެވެސް އިހުސާސްތައް ހުރޭ،” އޭނާ އާދޭސްކުރާ ފަދަ ރާގަކަށް ބުންޏެވެ. “އަހަރެންގެ ހިތުގައި މާ ގިނައިން އިހުސާސްތައް ހުރޭ، އެހެންވެ އަހަރެން އެކަން ސިއްރުކުރަނީ… ސަބަބަކީ އަހަރެން ބިރުގަންނާތީ… އެއީ އަހަރެން ވަރުގަދަކޮށްދޭ ކަމެއް ކަމަށް ހީކުރެވުނީތީ. އެކަމަކު ކަލެއަށް ބަލައިލުމުން އަހަންނަށް އެނގެނީ ކަލޭގެ އެ ސާފު އިހުސާސްތަކަކީ ކަލޭގެ ބާރުކަން. އަހަންނަކަށް ދެން ދުވަހަކުވެސް އެހެންނެއް ނުވެވޭނެ. އަހަރެން އަމިއްލައަށް މާ ދުރަށް ގޮސްފީމު، މިހާރު އިހުސާސްތައް ދައްކާނެ ގޮތެއްވެސް އަހަންނަކަށް ނޭނގޭ،” އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ނޫން ލިޔާމް، ކަލޭގެ ތިޔަ ކުޅިވަރުގަނޑަކަށް ދެން އަހަރެން ނުހެއްލޭނަން. ކަލޭ އަހަންނާ މެދު އަޅާނުލާ ކަމަށްވާނަމަ، އެންމެ ރަނގަޅު! އެކަމަކު އެހެން ބުނުމުގެ ހިތްވަރު ހޯދާ!” އަހަރެން ކޮޓަރީގެ އެތެރެއަށް ފިޔަވަޅެއް އެޅީމެވެ.

“އަހަރެން އަޅާލަން. އަޒްމާރާ، އައި ރިއަލީ ކެއަރ ފޯރ ޔޫ، އެކަމަކު އެކަން ދައްކަން އަހަންނަށް އުނދަގޫވަނީ، އާދޭސްކޮށްފަ ބުނަން…”

“ލިޔާމް، ދެރައީ އަހަންނަށް ކަލޭ ތިޔަ ހުރި ގޮތަށް ކަމުދާތީ. މިހާތަނަށް ކަލޭ އުޅުނީ ވަރަށް ގޯސްކޮށް، އެކަމަކުވެސް އަހަންނަށް ކަލޭދެކެ ލޯބިވެވިއްޖެ. އަހަރެން ބޭނުމީ ހަމައެކަނި ކަލޭ ތެދުބަހުން ވާހަކަދައްކަން، ތި އެކްޓުކުރުން ހުއްޓާލަން!” އަހަރެން ޝަކުވާ ކުރީމެވެ.

“އެންމެ ރަނގަޅު،” އޭނާ ހިނިތުންވެލިއެވެ. އޭނާގެ ލޮލުގައި އާދަޔާ ހިލާފު ވިދުމެއް ހުއްޓެވެ.

“ލިޔާމް، ކަލޭ ތިޔަ އުޅެނީ…”

އޭނާ ވަރަށް އޯގާތެރިކަމާއެކު އަހަރެންގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށްފަހު، އޭނާގެ ތުންފަތް އަހަރެންގެ ތުންފަތުގައި ޖައްސާލިއެވެ.

ފުރަތަމަ އަހަރެން މަސައްކަތް ކުރީ ދުރަށް ޖެހިލާށެވެ. ނަމަވެސް އޭނާ އަހަރެންގެ މޫނުގައި ބާރަށް ހިފަހައްޓާލިއެވެ. އޭނާ ކަމެއް ސާބިތުކޮށްދޭން އުޅޭ ފަދަ ފުން އަސަރަކާއެކު އަހަންނަށް ބޮސްދެމުން ދިޔައެވެ. އަހަރެން އޭނާގެ އަތުކުރީގައި ހިފައި ދުރަށް ޖައްސަން މަސައްކަތް ކުރީމެވެ.

އިރުކޮޅެއް ފަހުން އޭނާ ދުރަށް ޖެހިލިއެވެ. އޭނާ ހުރީ ރުޅިއައިސްފައި ކަމަށް ދެއްކިޔަސް، އަހަރެންގެ މޫނުން އަތެއް ދުލެއް ނުކުރެއެވެ. “ހުއްޓާލާ!” އޭނާ އަމުރުވެރިކަމާއެކު ބުންޏެވެ. “ކަލޭ ތިޔަ ހުންނަނީ ގަދަދައްކައިގެން.”

އޭނާ ބުނީ ތެދެކެވެ. އަހަރެންގެ ތުންފަތް ހުރީ އެއްވެސް ހަރަކާތެއް ނެތް ބުދެއް ފަދައިންނެވެ.

“ދޫކުރޭ،” އަހަރެން ބުނީމެވެ. “އަހަރެން ކަލެއަކަށް ފުރުސަތެއް ނުދޭނަން…”

“ނޫން، ކަލޭ!” އޭނާ ރައްދު ދިނެވެ. “ހަމަޖެހިބަލަ އަޒްމާރާ. ރޭގައި އަހަރެން ހަމަޖެހިލުމުން… އަހަރެންގެ ވަށައިގެންވާ އަޑުތަކަކީ މިއުޒިކްކަން ކަލޭ ދަސްކޮށްދިނުމުން، އަހަންނަށް ކުރެވުނު އިހުސާސްތައް ވަރަށް ފުރިހަމަ. އަޒްމާރާ، ހަމަޖެހިލާ،” އޭނާ އެދުނެވެ.

އަހަރެން ހަމައެކަނި އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރީމެވެ.

އޭނާ އަނެއްކާވެސް ގާތްވެލިއެވެ. މިފަހަރު އޭނާގެ ތުންފަތުގެ ބީހުން މާ މަޑެވެ. އަހަރެންގެ ތުންފަތް މަޑުމަޑުން ހުޅުވާލީމެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަން އަންގައިދޭ ފަދަ ގޮތަކަށް އޭނާ ބޮސްދެމުން ދިޔައެވެ.

މިފަހަރު އަހަރެން އޭނާއަށް އިޖާބަ ދިނީމެވެ. އަހަރެންވެސް އޭނާއަށް ބޮސްދިނީމެވެ. އޭނާގެ ހަށިގަނޑުގެ ތެރެއަށް އަހަރެންގެ ހުރިހާ އިހުސާސެއް ވިރިގެންދާ ފަދައެވެ.

އަހަރެން ދުރަށް ނުދާނެކަމުގެ އިތުބާރު ލިބުމުން، އޭނާގެ ދެއަތް އަހަރެންގެ އުނަގަނޑުގައި އަޅުވާލައި އޭނާގެ ހަށިގަނޑާ ކައިރިކޮށްލިއެވެ. އަހަރެންވެސް އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލީމެވެ.

ވަރަށް އަވަހަށް، މާ އަވަހަށް އޭނާ ދުރަށް ޖެހިލިއެވެ. އަހަރެންގެ ތުންފަތަށް އެ ކުރެވުނު އިހުސާސްތައް ދެމެހެއްޓުމަށްޓަކައި ކުޑަވަގުތުކޮޅަކަށް ލޯ މަރާލައިގެން ހުރީމެވެ.

“ވާއު،” އަހަރެންގެ ނޭވާ އަވަސްވެފައި ހުރެ ބުނީމެވެ.

“އަހަރެން ބުނީމެއްނު މިއީ ކަލެއަށް ލިބޭނެ އެންމެ ފުރިހަމަ ބޮސްދިނުމަށް ވާނެއޭ،” އޭނާ ފޮނިވެލާފައި ބުންޏެވެ.

“އަނގަ މަޑުންލާ،” އަހަރެން މިހެން ބުނެލުމަށްފަހު އަނެއްކާވެސް އޭނާއާ ކައިރިވެލީމެވެ.

އޭނާ އުފަލާއެކު އަހަންނަށް އިޖާބަ ދިނެވެ. އަދި އޭނާގެ ހަށިގަނޑާލާ އަހަރެން ބާރަށް ބައްދާލިއެވެ.

އަހަރެންވެސް އޭނާގެ ގައިގައި ބާރަށް ހިފަހައްޓާލީމެވެ.

އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ.

އަހަރެން ލިޔާމްއާ ދުރަށް ޖެހިލަން އުޅުނު ނަމަވެސް، އޭނާ އަހަރެން ދުލެއް ނުކުރިއެވެ. އޭނާ އަހަރެންގެ ކަރާއި ކޮނޑުމަތީގައި ބޮސްދެމުން ދިޔައެވެ.

“ލިޔާމް…”

“އެއީ ކިޔާމް ގަނޑު… އަޅާނުލާ،” އޭނާ ސިއްރުން ބުންޏެވެ.

“އެކަމަކު އޭރުން އޭނާއަށް ޝައްކުވާނެއެއްނު،” އަހަރެން އޭނާ ދުރަށް ޖައްސަމުން ބުނީމެވެ.

އަނެއްކާވެސް ޓަކިޖަހާލި އަޑު އިވުނެވެ.

“ވަދޭ،” ލިޔާމްއާ ދުރަށް ޖެހިލަމުން އަހަރެން ބުނީމެވެ.

ލިޔާމް ދަތްކުނޑިތަޅާލަމުން ދޮރާ ދިމާއަށް ރުޅިވެރިކަމާއެކު ބަލަން ހުއްޓެވެ. އޭނާ އަނެއްކާވެސް އޭނާގެ ކުރީގެ މިޒާޖަށް ބަދަލުވީއެވެ.

ނަމަވެސް އަހަރެންގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ.

“ތިޔަ ހިނިތުންވުން ފޮރުވާ، ކުޑަކުއްޖާ. ތިޔައީ ވަރަށް އުނދަގޫވާ ކަމެއް،” އޭނާ ބުންޏެވެ.

އޭނާ ހުރިހާ ކަމެއް ހަލާކުކޮށްލީއެވެ. އަހަރެން އޭނާއަށް ރުޅިވެރިކަމާއެކު ބަލައިލުމުން އޭނާ ހިނިތުންވެލިއެވެ.

ކިޔާމް އެތެރެއަށް ވަތްއިރު އަހަރެން ހުރީ އަނެއްކާވެސް ހިނިތުންވެފައެވެ.

އަހަރެން ހިނިތުންވެފައި ހުރީ އޭނާއަށްޓަކައި ކަމަށް ކިޔާމް އަށް ހީވިއެވެ. އަހަރެން ލިޔާމް އަށް ބަލައިލަމުން ލޯ އަނބުރާލީމެވެ.

ލިޔާމް ބަލަހައްޓައިގެން ހުރީ ވަރަށް ތަފާތު ގޮތަކަށެވެ. އެއީ އެ ހިނިތުންވުމަކީ އޭނާއަށްޓަކައި ވީ އެއްޗެއްކަން އެނގޭ ފަދަ ގޮތަކަށެވެ.

“ކިހިނެއްވީ ކިޔާމް؟” އާދައިގެ ގޮތަކަށް އުޅެން މަސައްކަތް ކުރަމުން އަހަރެން އެހީމެވެ.

“އަހަރެން މި ބަލާލީ އަހަންނަށް ކުޑަ ވަގުތުކޮޅެއް ދެވިދާނެތޯ،” އޭނާ ލަދުވެތިކަމާއެކު ހިނިތުންވެލަމުން ބުންޏެވެ.

“ނޫން،” ލިޔާމް ހަރުކަށިކަމާއެކު ބުންޏެވެ. ކިޔާމް އަހަރެންގެ ގައިގައި ދަތް އެޅި ފަހުން، ލިޔާމް އަހަރެން އެކަނި ދޫކޮށްލަނީ ހަމައެކަނި ފައުޒާއާއެކީގައެވެ.

“ލިޔާމް، އަހަރެން އޭނާއަކަށް އަނިޔާއެއް ނުކުރާނަން،” ކިޔާމް ބުންޏެވެ.

“އާނ، އެކަން ނުވާނެކަން ޔަގީންކުރުމަކީ އަހަރެންގެ ވަޒީފާ. އަހަރެން މިތަނުން ނުދާނަން،” އޭނާގެ ކޮއްކޮއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

މިވެސް ކިޔާލަން:  ބޮޑީގާޑް ޓޫ ޕޮއިންޓް އޯ – ކުރު ވާހަކަ

“ލިޔާމް،” އަހަރެން ޝަކުވާ ކުރީމެވެ.

“ނޫން، އަހަރެން ތިޔަ ދެމީހުންކުރެ އެކަކުގެ އަމުރަކަށްވެސް ކިޔަމަނެއް ނުވާނަން،” އޭނާ ބުންޏެވެ.

“ކަލެއަކީ ހާދަ ގޯސް މީހެކޭ!” އަހަރެން ބުނީމެވެ.

“ކަލެއަކީ އަހަރެންގެ ބެލުމުގެ ދަށުގަ ހުރި މީހެއް… ކަލޭ އަހަންނާ މެދު ދެކޭ ގޮތަކުން އަހަންނަށް ކުރާނެ އަސަރެއް ނެތް،” އޭނާ ބުންޏެވެ.

“އެންމެ ރަނގަޅު، އެހެންވިއްޔާ މިތަނުން ދޭ،” އަހަރެން ދެއަތް އުރާލައިގެން ހުރެ ބުނީމެވެ. “އަހަންނަށްވެސް މާ ބޮޑު ކަމެއް ނޫން.”

“އާނ، ބަރާބަރު،” އޭނާ ބުންޏެވެ. “އޭނާ ކަލޭގެ ގައިގައި ދަތްއަޅައިފިއްޔާ… އެއީ އަހަރެންގެ ކުށެއް ނޫން.” އޭނާ ނިކުމެގެން ގޮސް ދޮރު ލެއްޕިއެވެ.

“އަހަރެން މާފަށް އެދެން…”

“ކިޔާމް، މާފަށް އެދުމުގެ ބޭނުމެއް ނެތް،” އަހަރެން ބުނީމެވެ. “އަހަރެން އޯކޭއޭ… އެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން.” އަހަރެން ގޮސް އެނދުގައި އިށީނީމެވެ.

“އެކަމަކު އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސަށް އިތުބާރެއް ނުކުރެވޭ،” ކިޔާމް އެނދު ކައިރީގައި ހުރެ ބުންޏެވެ.

“އެހެންވިއްޔާ ލިޔާމް ފޮނުވާލަން އަހަންނަށް ފުރުސަތު ދިނީ ކީއްވެ؟” އަހަރެން އެހީމެވެ.

“ސަބަބަކީ އޭނާގެ ސަބަބުން ކަލެއަށް އުނދަގޫވާކަން އަހަންނަށް އެނގޭތީ،” އޭނާ ހިނިތުންވެލިއެވެ.

“އޯ، ޝުކުރިއްޔާ،” އަހަރެން އުނދަގޫ ގޮތަކަށް ހިނިތުންވެލަމުން ބުނީމެވެ.

“މަރުހަބާ،” އޭނާ ހީލިއެވެ.

އަހަންނަށް ކުރެވެނީ ކުށްވެރި އިހުސާސެކެވެ. ލިޔާމް އަދި ކިރިޔާ އަހަންނަށް އެގޮތަށް ބޮސްދިނީއެވެ.

އަދިވެސް އަހަރެން ކިޔާމްއާއެކު ހުންނަން ޖެހިލުންވެއެވެ. އޭނާ އެއްފަހަރު އަހަރެންގެ ލޭގެ ރަހަ ބަލާފައިވުމުން، އިތުރަށް ބޭނުންވާނެކަން އަހަންނަށް އެނގެއެވެ. ހުރިހާ ލޭއިންސިންގެ ސިފައަކީ އެއީއެވެ.

“ކަލޭ ހަމަ އަސްލުވެސް އޯކޭތަ؟” ކިޔާމް އެހިއެވެ.

އަހަރެން އޭނާއާ ދުރަށް ޖެހިލައި އެނދުގައި އިށީނީމެވެ. “އާނ، އަހަރެން އޯކޭ އޭ،” އަހަރެން ފުން ނޭވާއެއް ދޫކޮށްލަމުން ބުނީމެވެ.

“ކަލޭ އޯކޭހެނެއް ހިއެއް ނުވޭ،” އޭނާ ފިރުކެމުން ކަހަލަ ގޮތަކަށް އެނދުމައްޗަށް އެރިއެވެ.

“އަހަރެން ހަމަ އަސްލުވެސް އޯކޭއޭ ކިޔާމް، ހަމަ އަސްލަށްވެސް،” އަހަރެން އޭނާއަށް ހިނިތުންވުމެއް ދެމުން އިތުރަށް ދުރަށް ޖެހިލީމެވެ.

“ކިހިނެއްވީ؟ކަލެއަށް އެނގޭނެ ކޮންމެ ވާހަކައެއްވެސް އަހަރެން ގާތު ބުނެވިދާނެކަން،” އޭނާ އަހަރެންގެ ކޯތާފަތުގައި އަތް ބާއްވާލިއެވެ.

“ކިޔާމް،” އަހަރެން އޭނާގެ އަތް ދުރުކޮށްލީމެވެ.

“ކަލޭ އަހަންނަށް ‘ކިޔާމް’ އޭ ކިޔާފައި ނުގޮވާތާ ކިތަންމެ ދުވަހެއް، އެންމެ ފަހުން އަހަރެން ކަލޭގެ ގައިގަ ދަތްއެޅި ފަހުން،” އޭނާ އަހަރެންގެ ގާތަށް ގުދުވެލިއެވެ.

އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އަހަންނަކަށް މިކަމެއް ނުކުރެވޭނެއެވެ. ލިޔާމް ބޭނުންވަނީ ހަމައެކަނި އަހަރެމެން އެކަނި ތިބޭ ވަގުތު އޯގާތެރިވާން ކަމަށްވާނަމަ، އެއީ އޭނާގެ ގޮތެވެ. އެކަމަކު އޭނާ ނެތް ވަގުތު އޭނާގެ ބޭބެއާ ސަމާސާކޮށް އުޅޭކަށް އަހަރެންގެ ހިތެއް ނުރުހެއެވެ.

ނަމަވެސް އަހަންނަށް ދުރަށްދާކަށް ފަސޭހައެއް ނުވިއެވެ. ކުރިން ނަމަ ކިޔާމް މިހާ ގާތްވުމުން އަހަރެން ދުރަކަށް ނުދިޔައީމުހެވެ. އެކަމަކު މިހާރު ކަންތައް ބަދަލުވެއްޖެއެވެ. ލިޔާމްގެ ބޮސްދިނުމަށްފަހު، އަހަރެން ކިޔާމް އަހަންނަށް ބޮސްދޭކަށް ބޭނުމެއް ނޫނެވެ. އޭނާއަށް ދޮގު އުންމީދުތަކެއް ދޭކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.

މާތްކަލާއްކޯ! އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ތުންފަތް އަހަރެންގެ ތުންފަތުގައި ބީހިލިއެވެ. އޭނާ އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލައި، އިތުރަށް ގާތްވެ، އަހަރެން އެނދުމައްޗަށް ތިރިކޮށްލިއެވެ.

އޭނާގެ ތުންފަތް އަހަރެންގެ ކަތުރުކަށިގަނޑާ ދިމާއަށާއި ކަރަށް ދަތުރުކުރަން ފެށިއެވެ.

“ކިޔާމް، މިދިޔަ ފަހަރު މިކަން ނިމުނީކީ އެހާ ރަނގަޅަކަށް ނޫން،” އަހަރެން ޝަކުވާ ކުރީމެވެ.

“މިފަހަރު އަހަރެން މިހުރީ ބަނޑުފުރައިގެން،” އޭނާގެ ނޭވާ އަހަރެންގެ ކަންފަތްދޮށަށް އިހުސާސްވަމުންދިޔައެވެ. “އަހަރެން ވަޢުދުވަން، އަހަރެން އުޅޭނީ ވަރަށް ރަނގަޅަށް.” އޭނާ ހިނިތުންވެލުމަށްފަހު އަނެއްކާވެސް އަހަރެންގެ ތުންފަތަށް ބޮސްދޭން އުޅުނެވެ.

“ކިޔާމް،” އަހަރެން އޭނާގެ ތުންފަތް ކައިރީގައި ސިއްރުން ބުނީމެވެ. “އާދޭސްކޮށްފައި ބުނަން، ހުއްޓާލާ.”

އޭނާގެ އަތް އަހަރެންގެ ޓީޝާޓުގެ އެތެރެއަށް ވައްދާލުމަށްފަހު، އަނެއްކާވެސް ތިރިއަށް ޖީންސާ ދިމާއަށް ގެންގޮސް، އަހަރެންގެ ބެލްޓް ހަރުކުރާ ބައިގައި ހިފާ ދަމާލިއެވެ.

“ކިޔާމް!” އަހަރެން ސިހިފައި ހަޅޭއްލަވައިގަތީމެވެ. އަހަރެންގެ ހިތް ނުހަނު ބާރަށް ތެޅެން ފެށިއެވެ. “ކަލޭ ތިޔަ ކުރަނީ ކީއް؟”

“އަޒްމާރާ، އަހަންނަށް އެނގޭ ކޮރިޑޯ ތެރޭގައި ހުރިއިރު ކަލޭ ބޮސްދޭން ބޭނުންވިކަން… އެކަމަކު އެކަން ނިމުނީ ގޯސްކޮށް. އަހަރެން ބުނިހެން، މިފަހަރު އަހަރެން ހުރީ ބަނޑުފުރައިގެން،” އޭނާ ބުންޏެވެ.

“މިއީ ރަނގަޅުކަމެއް ނޫން ކިޔާމް،” އަހަރެން އިންކާރު ކުރަމުންދިޔައިރުވެސް، އޭނާގެ ބީހުންތަކުން އަހަންނަށް ލިޔާމްގެ ހަނދާންތައް އާވަމުންދިޔައެވެ. އެހެންކަމުން އަހަރެންގެ ބަސްތަކަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އަހަންނަށް އެކަމުން އުފާވެރިކަން ލިބެމުންދަނީ ކީއްވެގެންކަން އޭނާއަކަށް ނޭނގޭނެއެވެ. “ކިޔާމް، ޕްލީޒް، އަހަރެން ބިރުގަނޭ.” އޭނާގެ އަތް އަހަރެންގެ ހަށިގަނޑުގައި ބީހެމުންދިޔައިރު އަހަރެންގެ އަޑު ހުރީ ތުރުތުރުލާފައެވެ. “އާދޭސްކުރަން، ހުއްޓާލާ.” އަހަރެން އޭނާގެ މޭގައި އަތްއަޅައި ކޮއްޕާލަން މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާ އަހަރެންގެ މައްޗަށް ގަދަވެގަތެވެ. އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

“ކަލޭ ހަމަޖެހިބަލަ އަޒްމާރާ. އަހަރެން ކަލެއަށް އަނިޔާ ނުކުރާނެކަމަށް ވަޢުދުވަން،” އޭނާ ހިނިތުންވެލިއެވެ.

“ކަލެއަކަށް ނޭނގޭނެ ކިޔާމް، އަހަންނަކަށް ނުވާނެ…” އޭނާ އަނެއްކާވެސް އަހަރެންގެ ތުންފަތުގައި ބޮސްދިނުމުން އަހަރެންގެ އަޑު ކެނޑުނެވެ. ބިރުވެރިކަމާއި، ހާސްކަމާއި، އަދި އޭނާގެ އަތުގެ ބީހުންތަކުން އަހަރެންގެ ހިތް މޭގެ ތެރެއިން ފުންމާލަފާނެހެން ހީވިއެވެ. އެއީ ލިޔާމްގެ އަތް ފަދައިން އިހުސާސް ކުރެވޭތީއެވެ.

ލިޔާމް ބުނީ އޭނާ އަބަދުވެސް އަހަރެންގެ ހިތުގެ ވިންދު އަޑުއަހާ ކަމަށެވެ. އޭނާ ކޮންމެ ތަނެއްގައި ހުއްޓަސްމެއެވެ. މިވަގުތު އަހަރެންގެ ހިތުގެ ވިންދު ވަނީ އިންތިހާއަށް އަވަސްވެފައެވެ. އެކަމަކު ލިޔާމް މިތަނަކު ނެތެވެ. އޭނާ ކޮބައި ހެއްޔެވެ؟

— ނުނިމޭ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top