ހޫނު މޫސުން ކުރިމަތިވަމުން އަންނައިރު ނުވަތަ ދިރިއުޅޭ މާހައުލަކީ ހޫނުގަދަ ތަނަކަށް ވާނަމަ، ފިނިކުރާ ނިޒާމުތައް ތައްޔާރުކުރުމަކީ މުހިންމު ކަމެކެވެ. ގޭބިސީތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ވަސީލަތަކީ އޭސީ ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް، އޭސީ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމުގެ މަޢުލޫމާތު ނެތުމުގެ ސަބަބުން، ގިނަ ބަޔަކަށް މުޅި ދުވަހު 24 ގަޑިއިރު މެދުނުކެނޑި އޭސީ ޖައްސާފައި ބެހެއްޓެއެވެ.
އޭސީ ވަކިވަރެއްގައި ހިފަހައްޓާފައި ބެހެއްޓުމަކީ ޚަރަދު ކުޑަވާނެ ކަމެއް ކަމަށް ޤަބޫލުކުރެވުނު ނަމަވެސް، މީގެ ހަޤީޤަތް ހޯދުމަށް މި ދާއިރާގެ ތަޖުރިބާކާރުންނާ ވަނީ ސުވާލުކުރެވިފައެވެ. އެ ބޭފުޅުން ވަނީ ހޫނުގަދަ ވަގުތުތަކުގައި ފިނިކޮށް ދެމެހެއްޓުމުގެ އިތުރުން، އޭސީ އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރާނެ މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ.
މުޅި ދުވަހު އޭސީ ޖައްސާފައި ބެހެއްޓުމުން ފައިސާ ސަލާމަތްވޭތަ؟
ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި މީގެ ޖަވާބު އެހާ ސާދާއެއް ނޫނެވެ. ޚިދުމަތްދޭ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯޑީ ރައިޓް ވިދާޅުވާ ގޮތުގައި، އަމާޒަކަށް ވާންވާނީ މުޅި ދުވަހު އޭސީ ޖައްސާފައި ބެހެއްޓުމެއް ނޫނެވެ. އޭގެ ބަދަލުގައި އިސްކަންދޭންވީ އޭސީ އެންމެ ފައިދާހުރި އަދި ހަކަތަ އިސްރާފުނުވާނެ ގޮތަކަށް ބޭނުންކުރުމަށެވެ. ރަނގަޅަށް ބަލަހައްޓާފައިވާ އޭސީއެއް ނަމަ، ކަނޑައަޅާފައިވާ ފިނިމިނަށް ދިއުމުން އަމިއްލައަށް ނިވި، އަލުން ހިނގަން ފަށާނެއެވެ. ނަމަވެސް މެދުނުކެނޑި ހިނގަމުންދާނަމަ، އެއީ ވައި ދައުރުވުމުގައި ނުވަތަ ހޫނު ބޭރުވިޔަނުދީ ހިފެހެއްޓުމުގެ ނިޒާމުގައި މައްސަލައެއް ހުރިކަމުގެ ނިޝާނެކެވެ.
އެހެންކަމުން، މުޅި ދުވަހު އޭސީ ޖައްސާފައި ބެހެއްޓުމަކީ ބައެއް ހާލަތްތަކުގައި ހަކަތަ އިސްރާފުވެ، ބޭކާރު ޚަރަދު ހިނގާނެ ކަމެކެވެ. ޚާއްސަކޮށް ގޭގައި މީހަކު ނޫޅޭ ވަގުތުތަކުގައި މިކަން ފާހަގަކުރެވެއެވެ.
ތަޖުރިބާކާރު ޕެޓްރިކް ގޭމްބަލް ވިދާޅުވާ ގޮތުގައި، މުޅި ދުވަހު އޭސީ ޖައްސާފައި ބެހެއްޓުމަކީ މުޅިން ރަނގަޅު ނުވަތަ މުޅިން ގޯސް ކަމެއްގެ ގޮތުގައި ނިންމޭކަށް ނެތެވެ. މިކަން ބިނާވަނީ ގޭގައި މީހުން އުޅޭ މިންވަރަށާއި، ބޭނުންވާ ފިނިމިނަށާއި، އަދި އޭސީގެ ފެންވަރާއި އުމުރަށެވެ. ގޭގައި މީހުން އުޅޭނަމަ އޭސީ ޖައްސާފައި ބެހެއްޓުމުން އަރާމު ލިބި، ވައިގެ ތެތްކަން ކުޑަކޮށްދެއެވެ. ނަމަވެސް ގޭގައި މީހަކު ނެތް ވަގުތެއްގައި މުޅި ދުވަހު އޭސީ ޖައްސާފައި ބެހެއްޓުމަކީ ބޭނުންތެރި ކަމެއް ނޫނެވެ.
އޭސީ ޖައްސާފައި ބެހެއްޓުން އެންމެ އެކަށީގެންވަނީ ކޮން އިރަކު؟
ފައިސާ ސަލާމަތް ކުރުމަށްޓަކައި މުޅި ދުވަހު އޭސީ ޖައްސާފައި ބެހެއްޓުމަކީ ލާޒިމު ކަމެއް ނޫނެވެ. އެހެންނަމަވެސް، އޭސީ އެއްކޮށް ނިވާލުމުގެ ބަދަލުގައި، ފިނިމިން ކޮންޓްރޯލްކުރާ މިންގަނޑު ކޮންމެވެސް ވަރަކަށް މަތިކޮށްލުމަކީ ބައެއް ހާލަތްތަކުގައި ފައިދާހުރި ކަމެކެވެ.
މި ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ހިލް ފާހަގަކުރައްވާ ގޮތުގައި، ވަޒީފާއަށް ނުވަތަ ބޭރަށްދާއިރު އޭސީ އެއްކޮށް ނިވާލުމަށްވުރެ، ފިނިމިން ކުޑަކޮށް މަތިކޮށްލުން ބުއްދިވެރިއެވެ. ސަބަބަކީ، އޭސީ ނިވާލުމުން ގޭތެރެ މާބޮޑަށް ހޫނުވެއްޖެނަމަ، އެނބުރި އައިސް އަލުން ޖައްސާއިރު ގޭތެރެ ފިނިކުރުމަށްޓަކައި މެޝިނަށް ބާރުބޮޑުވެ، ހުއްޓުމެއްނެތި ގިނައިރު ހިނގަން ޖެހުމުން ކަރަންޓު ޚަރަދު ބޮޑުވާތީއެވެ.
ކަރަންޓު އިސްރާފުވާ އާންމު ކަންކަން
ގިނަ ބަޔަކަށް ހެދޭ އެއް ގޯހަކީ އޭސީގެ ފަންކާގެ ބާރު އަމިއްލައަށް ބަދަލުވާ ގޮތަށް ބެހެއްޓުމުގެ ބަދަލުގައި، މެދުނުކެނޑި އެއްވަރެއްގައި ހިނގާ ގޮތަށް ބެހެއްޓުމެވެ. މިގޮތަށް ބެހެއްޓުމުން ފަންކާ އަބަދު ހިނގަމުންދާތީ ކަރަންޓު ބިލު ބޮޑުވެއެވެ.
އަނެއް ކަމަކީ ޚަރަދު ކުޑަކުރުމުގެ ނިޔަތުގައި ބޭރަށްދާއިރު އޭސީ މުޅިން ނިވާލުމެވެ. ހިލް ލަފާދެއްވާ ގޮތުގައި، އާންމުކޮށް 22 ޑިގްރީގައި ބަހައްޓާނަމަ، ބޭރަށްދާއިރު 25 ނުވަތަ 26 ޑިގްރީއަށް މަތިކޮށްލުން ރަނގަޅެވެ. މިއީ ގޭތެރެ މާބޮޑަށް ހޫނުވިޔަނުދީ ފިނިމިން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ގޮތެކެވެ.
އޭސީއަށް ބާރުބޮޑު ނުކޮށް ގޭތެރެ ފިނިކޮށް ބެހެއްޓުމަށް މުހިންމު އިރުޝާދުތަކެއް:
- އޭސީ މެދުނުކެނޑި ބޭނުންކުރަން ފެށުމުގެ ކުރިން އަހަރަކު އެއްފަހަރު މަރާމާތުކޮށް ސާވިސްކުރުން.
- ޤަވާއިދުން ވައި ސާފުކުރާ ދާގަނޑު (ފިލްޓަރު) ދޮވެ ސާފުކުރުން ނުވަތަ ބަދަލުކުރުން.
- ޒަމާނީ ފިނިމިން ކޮންޓްރޯލްކުރާ ނިޒާމެއް ބޭނުންކުރުން.
- ވައި ދައުރުކުރުމަށް ފަންކާ ބޭނުންކުރުން.
- އޭސީ ޖައްސާފައި ހުންނައިރު ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕާފައި ބެހެއްޓުން.
- ދުވާލުގެ އަވިއަރާ ވަގުތުތަކުގައި ފަރުދާތައް ދަމާފައި ބެހެއްޓުން.
- ބޭރުގައި ހުންނަ ފިނިކުރާ މައި ޔުނިޓު ސާފުކޮށް ބެހެއްޓުން.
- ފުރާޅުން ހޫނު ނުވަންނާނެހެން ހޫނު ދިފާއުކުރާ މާއްދާއެއް އެޅުން ނުވަތަ ސީލިންގް ރަނގަޅުކުރުން.
