ސެމަގްލޫޓައިޑް ބޭނުންކުރުމުގެ ސަބަބުން ބައިޕޯލާ ޑިސްއޯޑަރ ހުންނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މިންވަރު މަދުވާކަން ފާހަގަކުރެވުނު ނަމަވެސް، މިކަން ކަށަވަރުކުރުމަށް އިތުރު ދިރާސާތަކެއް ބޭނުންވެއެވެ.
އާންމުގޮތެއްގައި ބޭސްތައް އުފައްދަނީ ވަކި ޚާއްޞަ ބައްޔަކަށް ފަރުވާކުރުމަށެވެ. ނަމަވެސް، ބައެއް ފަހަރު އެ ބޭސްތަކުން ހީނުކުރާ ފަދަ އެހެން ފައިދާތަކެއް ވެސް ފެނެއެވެ. މިހާރު ދިރާސާވެރިން ބަލަމުންދަނީ ސެމަގްލޫޓައިޑް ބޭނުންކުރުމުން ބައިޕޯލާ ޑިސްއޯޑަރ ހުންނަ މީހުންނަށް އާދަޔާޚިލާފު ފައިދާތަކެއް ކުރޭތޯއެވެ. ދިރާސާވެރިންނަށް ފާހަގަވި ގޮތުގައި، މި ބަލި ހުންނަ މީހުން ސެމަގްލޫޓައިޑް ބޭނުންކުރާ މުއްދަތުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ނިސްބަތް ދަށެވެ.
ސެމަގްލޫޓައިޑަކީ ހަކުރު ބައްޔާއި ފަލަބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެކެވެ. ބައިޕޯލާ ޑިސްއޯޑަރަކީ ބައެއް ފަހަރު ބަލީގެ އަލާމާތްތައް ވަރަށް ބޮޑަށް އިތުރުވެ، ހޮސްޕިޓަލުގައި ފަރުވާ ހޯދަންޖެހޭ ބައްޔެކެވެ. ސްވިޑަންގައި މި ބަލީގެ މީހަކު ނަފްސާނީ ފަރުވާއަށް ހޮސްޕިޓަލުގައި އެވްރެޖްކޮށް 21 ދުވަސް ހޭދަކުރަންޖެހޭއިރު، މީގެ ސަބަބުން އަމިއްލަ ދިރިއުޅުމަށާއި މާލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެއެވެ. މީގެ އިތުރުން، ބައިޕޯލާ ޑިސްއޯޑަރ ހުންނަ މީހުންގެ މެދުގައި ޓައިޕް 2 ހަކުރު ބައްޔާއި ފަލަބަލި ހުންނަ ނިސްބަތް އާންމު މީހުންނަށްވުރެ ދެގުނަ އިތުރެވެ.
ޖީއެލްޕީ-1 ބޭސްތަކުން ސިކުނޑިއަށް އަސަރުކޮށްފާނެ
ސެމަގްލޫޓައިޑަކީ “ގްލޫކަގަން-ލައިކް ޕެޕްޓައިޑް 1 ރިސެޕްޓަރ އެގޮނިސްޓްސް” ނުވަތަ ކުރުކޮށް ޖީއެލްޕީ-1 ގެ ނަމުން ނަންދެވިފައިވާ ބޭސްތަކުގެ ގްރޫޕަށް ނިސްބަތްވާ ބޭހެކެވެ. މި ބޭސްތަކުން މަސައްކަތްކުރަނީ ސިކުނޑީގެ ސެލްތަކަށް ކެމިކަލް ސިގްނަލްތަކަށް އިޖާބަދިނުމަށް އެހީތެރިވެދޭ ޖީއެލްޕީ-1 ރިސެޕްޓަރުތައް ހީވާގިކޮށްގެންނެވެ. މި ގްރޫޕްގައި ހިމެނޭ އެހެން ބޭސްތަކުގެ ތެރޭގައި ލިރަގްލޫޓައިޑް އަދި ޑުލަގްލޫޓައިޑް ހިމެނެއެވެ. ޖީއެލްޕީ-1 ބޭސްތަކުން ސިކުނޑީގެ ސެލްތަކުގެ ދުޅަހެޔޮކަމަށާއި ސްޓްރެސްއަށް އަސަރުކުރާތީ، މި ބޭސްތަކުން ނަފްސާނީ ދުޅަހެޔޮކަމަށް ބަދަލެއް އާދޭތޯ ދިރާސާވެރިން ވަނީ ބަލަން ފަށާފައެވެ.
ދިރާސާގެ ހޯދުންތައް
ގްރިފިތު ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިން އެންޑް ޑެންޓިސްޓްރީގެ ޕްރޮފެސަރ މާކް ޓޭލާ އިސްވެ ހުންނަވައި، ސްވިޑަންގެ ގައުމީ ސިއްހީ ރެކޯޑުތައް ބޭނުންކޮށްގެން މި ދިރާސާ ކުރިއަށް ގެންދެވިއެވެ. މި ދިރާސާގައި 2009 އާއި 2024 އާ ދެމެދު ބައިޕޯލާ ޑިސްއޯޑަރ ހުރި އަދި މަދުވެގެން ހަކުރު ބަލީގެ ކޮންމެވެސް އެއް ބާވަތަކަށް ބޭސް ބޭނުންކުރި 14,694 މީހުން ހިމެނުނެވެ. މީގެ ތެރެއިން 5,200 މީހުން ޖީއެލްޕީ-1 ބޭހެއް ބޭނުންކުރިއިރު، 3,682 މީހުން ބޭނުންކުރީ ސެމަގްލޫޓައިޑެވެ.
ދިރާސާގެ މުއްދަތުގައި، ސެމަގްލޫޓައިޑް ބޭނުންކުރުމުން ނަފްސާނީ ސަބަބުތަކަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ނިސްބަތް 21 އިންސައްތަ ދަށްވިކަން ފާހަގަކުރެވުނެވެ. އަދި ބަލީގެ އަލާމާތްތައް އަލުން ބޮޑުވެގެން އެޑްމިޓްކުރަންޖެހޭ ނިސްބަތް 17 އިންސައްތަ ދަށްވިއެވެ. ނަމަވެސް، ލިރަގްލޫޓައިޑް އަދި ޑުލަގްލޫޓައިޑް ވަކިން ބެލުމުން މިފަދަ ސާފު ނަތީޖާއެއް ނުފެނުނެވެ.
މިކަން މެދުވެރިވާ ސަބަބު
ހަކުރު ބައްޔަށް ބޭނުންކުރާ ބޭހަކުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރަނީ ކީއްވެގެން ހެއްޔެވެ؟ ބަރުދަން ލުއިވުމާއި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ނުސީދާ ގޮތެއްގައި އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން، ޖަނަވާރުން ބޭނުންކޮށްގެން ކުރި ދިރާސާތަކުން ދައްކާގޮތުގައި ޖީއެލްޕީ-1 ބޭސްތަކުގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށްދެއެވެ.
ނަމަވެސް، މި ދިރާސާއަކީ ކުރިން ހުރި ރެކޯޑުތަކެއްގެ މައްޗަށް ބިނާކޮށް ކުރި ދިރާސާއަކަށްވާތީ، ސެމަގްލޫޓައިޑްގެ ސަބަބުން ސީދާ މި ނަތީޖާ ނުކުތްކަމަށް ކަށަވަރުކޮށް ބުނާކަށް ނޭނގެއެވެ. ބައެއް މީހުން މި ބޭސް ބޭނުންކުރަން ފެށީ އެމީހުންގެ ނަފްސާނީ ހާލަތު ކުރިއަށްވުރެ ރަނގަޅު ދުވަސްވަރެއްގައި ކަމަށް ވެސް ވެދާނެއެވެ.
ދިރާސާގެ ނިންމުން
މި ހޯދުންތަކަކީ އުންމީދީ ހޯދުންތަކެއް ނަމަވެސް، މިއީ އަދި ބައިޕޯލާ ޑިސްއޯޑަރަށް ފަރުވާކުރާ ގޮތް ބަދަލުކުރަންވީ ވަގުތެއް ނޫނެވެ. ސެމަގްލޫޓައިޑަކީ ނަފްސާނީ ބައްޔަށް ފަރުވާކުރަން ކަނޑައެޅިފައިވާ ބޭހެއް ނޫނެވެ. ދިރާސާވެރިން ބުނާ ގޮތުގައި، މި ބޭހުގެ ފައިދާ ކަށަވަރުކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި “ރެންޑަމައިޒްޑް ކޮންޓްރޯލްޑް ޓްރަޔަލް” ތަކެއް ހަދަންޖެހެއެވެ. އެއީ އެކި ގްރޫޕްތަކަށް ބަހާލައިގެން ބޭހުގެ އަސަރު ވަރަށް ތަފްޞީލުކޮށް ބަލާ ދިރާސާތަކެކެވެ.
މި ދިރާސާ ޝާއިޢުކޮށްފައިވަނީ “އެކްޓާ ސައިކިއެޓްރިކާ ސްކެންޑިނަވިކާ” ނަމަކަށް ކިޔާ ސައިންޓިފިކް ޖާރނަލްގައެވެ.
