ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މަންމަ ކިޔުމުގެ ހުއްދައެއް ނެތް – 2
މުނިއަވަސް ގްރެފިކްސް

އެއީ އާދީއްތަ ދުވަހެއްގެ އިރުއޮއްސުނު ވަގުތެވެ. ރަށުގެ ހޫނުގަދަ އިރުއޮއްސޭ ވަގުތުތަކެކޭ އެއްފަދައިން، ކުޑަދޮރުތައް ހުޅުވާފައި ހުރި ނަމަވެސް ގޭތެރެ އޮތީ ހޫނުކޮށެވެ. ބަދިގެއިން ފިހުނު މަހާއި ރިހަޔާ އެކުވެފައިވާ މީރުވަސް ދުވަމުންދިޔައެވެ.

ރަފީގަށް މިހާރު ފަންސަވީސް އަހަރެވެ. އާއިޝަތަށް ވިހި އަހަރެވެ. ދެކުދިންވެސް ތިބީ ކިޔަވަން ގޮސްފައި ޗުއްޓީއަށް ގެއަށް އައިހެވެ. އެއީ މިހާރު ބޮޑެތި މީހުންނެވެ. އަމިއްލަ ޚިޔާލާއި، ރައްޓެހިންނާއި، އުންމީދުތައް ހުރި ޒުވާނުންނެވެ. ބައެއް ފަހަރު އެކުދިންނަށް ބަލާލުމުން، ކުރިން ސްކޫލް ބޫޓު ހިފައިގެން އަހަރެން ފަހަތުން ދުވި ކުޑަކުދިންނަކީ އެއީކަން ޤަބޫލުކުރަންވެސް ދަތިވެއެވެ.

އެރޭ މަރިޔަމް އިނީ ޒިޔާރަތަކަށް އައިހެވެ. އޭނާ އިނީ އާއިޝަތު ކައިރީގައި، އޭނާގެ ފޯނުން ކޮންމެވެސް އެއްޗެއް ފެނިގެން ހިނިތުންވެފައެވެ. އިބްރާހީމް އިނީ ކާ މޭޒުގެ ދޮށުގައި، ފިހުނު ކުކުޅު ބަހާށެވެ. ރަފީގު އިނީ ބަތް ކަމުން ފޯނު ބަލާށެވެ.

އެރޭ އެ މަންޒަރު ފެނުނީ ވަރަށް އަމާންކޮށް ކަމަށް ހަނދާންވެއެވެ. ނަމަވެސް، ކާރިސާތަކުގެ ތަފާތަކީ އެއީއެވެ. އެއީ އަންނާނެކަން އަންގާފައެއް ނޫނެވެ. ބައެއް ފަހަރު އާދައިގެ ރޭގަނޑުގެ ކެއުމެއްގެ ތެރެއިންވެސް އެކަން ފެށިދާނެއެވެ.

އަހަރެން ކަރުކެހިލީމެވެ. “ރަފީގު، ކާރުގެ އިންޝުއަރެންސް މި ހަފުތާގައި ހަމަވޭ. މާދަމާ އައު ރެޖިސްޓްރޭޝަން ކަރުދާސްތައް ބޭނުންވާނެ.”

އޭނާ އިސްއުފުލާ ބަލައެއް ނުލިއެވެ. “އޯކޭ.”

“އަދި މި މަހުގެ ކަރަންޓު ބިލަށް ދައްކަންޖެހޭ ފައިސާ..”

އޭނާ އަތުން ސަމުސާ ދޫވިއެވެ. ތަށީގައި ޖެހުނު އަޑަށް އެންމެން ހުއްޓުން އެރިއެވެ.

“އަހަރެން އެކަން ކޮށްފާނަމޭ.”

“އަހަންނަށް އެނގޭ.” އަހަރެން މަޑުމައިތިރިކަމާއެކު ބުނީމެވެ. “ހަމައެކަނި ހަނދާންކޮށްލަދިނީ.”

އޭނާ އެންމެ ފަހުން އަހަންނާ ދިމާލަށް ބަލާލިއެވެ. “ކޮންމެ ކަމެއް ހަނދާންކޮށްދޭކަށް ނުޖެހޭނެ.”

އަހަރެން ލޯ މަރާލީމެވެ. “އަހަރެން ގަސްތުކުރީކީ..”

“އަބަދުވެސް ތިހެން ހަދަނީ.”

އާއިޝަތު ގޮނޑީގައި ލެނގިލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “އަބަދުވެސް އޭނާ ކަންތައް ކުރަނީ ތިހެން.”

އަހަރެން އޭނާއަށް ބަލާލީމެވެ. “ކީއްކުރަނީއޭ؟”

އާއިޝަތު އަތް އުރާލިއެވެ. “އަހަރެމެންގެ މަންމައަށް ވާން އުޅެނީ.”

މުޅި ކޮޓަރި ހިމޭންވިއެވެ. ފަންކާގެ އަޑުވެސް އާދަޔާ ޚިލާފަށް ބާރުވީހެން ހީވިއެވެ. އަހަރެން އިބްރާހީމަށް ބަލާލީމެވެ. އޭނާ އިނީ ތަށްޓަށް ބަލަހައްޓައިގެންނެވެ.

މިވެސް ކިޔާލަން:  ކުޑަކުޑަ އަޑު - ކުރު ވާހަކަ

“މަރިޔަމް މިހިރީއޭ.” އާއިޝަތު ކުރިއަށް ގެންދިޔައެވެ.

އޭނާގެ މަންމަގެ ތުންފަތްމަތީގައިވީ ކުޑަ ހިނިތުންވުމެކެވެ. ހީވަނީ އުފާވެފައި އިންހެންނެވެ. އަހަރެންގެ މޭތެރެއިން އެއްޗެއް ފިތުނުހެން ހީވިއެވެ.

ރަފީގު ގޮނޑީގައި ލެގިލިއެވެ. “ތީ އަހަރެމެންގެ މަންމައެއް ނޫން.”

އަހަރެން ހިންދިރުވާލީމެވެ. “އަހަންނަށް އެނގޭ.”

“ތީ ބައްޕަގެ އަންހެނުން.”

“އަހަންނަށް އެނގޭ.”

“ވީމާ އަހަރެމެންގެ މައްޗަށް ބާރު ފޯރުވަން ނޫޅޭ.”

ތޭރަ އަހަރު ވަންދެން އަހަރެން ބަލައިބޮޑުކުރި ދެކުދިންނަށް އަހަރެން ބަލާލީމެވެ. އެކަމަކު އެއީ މިހާރު ކުޑަކުދިންނެއް ނޫނެވެ. ފަހަރެއްގައި އެންމެ ހިތްދަތި ކަމަކީ އެއީއެވެ. އެކުދިންނަށް ބުނެވޭ އެއްޗެއް ވިސްނޭވަރުވެއެވެ. ބަސްތަކުން ހިތް ޒަޚަމްކުރެވޭނެކަން އެކުދިންނަށް އެނގެއެވެ. ވަޅި ޖަހަންވީ ސީދާ ކޮން ދިމާލަކަށްކަންވެސް އެކުދިންނަށް އެނގެއެވެ.

އާއިޝަތު އަހަންނަށް ބަލާލިއެވެ. “އަބަދުވެސް އުޅެނީ ތިމަންނަ އަހަރެމެންނަށް ކޮށްދިން ކަންތައްތަކުގެ ވާހަކަ ދައްކަން.”

އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރީމެވެ. “އަހަރެން ނުދައްކަން.”

“ދައްކާ.”

“ކޮން އިރަކު؟”

“ކޮންމެ ފަހަރަކު ސްކޫލް ފީއާއި، ޓިއުޝަނާއި، ކާރާއި، ގޭގެ ވާހަކަ ހަނދާންކޮށްދޭއިރު..”

އަހަރެން އަނގަ ހުޅުވާލާފައި އަލުން ލެއްޕީމެވެ. ސަބަބަކީ ކުއްލިއަކަށް އަހަންނަށް ކަމެއް ވިސްނުނީތީއެވެ.

އެކުދިން އެކަންކަން ދުވަހަކުވެސް ޤުރުބާނީއެއްގެ ގޮތުގައި ނުދެކެއެވެ. އެކުދިން އެކަންކަން ދެކުނީ އެމީހުންގެ އާއިލާއިން މަގާމެއް ގަންނަން އަހަރެން ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

މަރިޔަމް އެންމެ ފަހުން ވާހަކަދެއްކިއެވެ. “އެކުދިން ބޭނުންވަނީ އެކުދިންގެ އަސްލު މަންމަ.”

އަހަރެންގެ އެތެރެހަށި އެއްކޮށް ހުއްޓުނުހެން ހީވިއެވެ. އަހަރެން އޭނާއަށް ބަލާލީމެވެ. ދެން އިބްރާހީމަށެވެ. އޭނާ އަދިވެސް އެއްޗެކޭ ނުބުނެއެވެ. އެ ހިމޭންކަން އެހެން ކޮންމެ އެއްޗަކަށްވުރެ ބޮޑަށް ހިތުގައި ޖެހުނެވެ. އަހަރެން ގޮނޑި ފަހަތަށް ޖައްސާލީމެވެ.

“މައާފުކުރޭ.”

އެއްވެސް މީހަކު އަހަރެން ހުއްޓުވާކަށް ނޫޅެއެވެ. އަހަރެން ކޮޓަރިއަށް ވަދެ ދޮރު ލެއްޕީމެވެ. އަހަރެން ނުރޮމެވެ. ވަގުތުންނެއް ނޫނެވެ. އަހަރެން އެނދުގެ އަރިމަތީގައި އިށީނދެ އަލަމާރިއަށް ބަލަހައްޓައިގެން އިނީމެވެ. އޭގެ ތެރޭގައި އެވަނީ މަގޭ ދިރިއުޅުމުގެ ތޭރަ އަހަރެވެ.

އާއިޝަތު ކުރިން ލީ ސްކޫލް ޔުނީފޯމެކެވެ. ރަފީގުގެ ބޭނުންކޮށްފައި އޮތް ޖާޒީއެކެވެ. އާއިޝަތަށް އަށް އަހަރުގައި ކުރަހާފައިވާ ކުޑަ ކުރެހުމެކެވެ. ގޮތްގޮތަށް ލިޔެފައިވާ އުފަންދުވަހުގެ ކާޑެކެވެ. ހޮސްޕިޓަލުގެ ބޭންޑެކެވެ. ފޮޓޯތަކެވެ. ބިލުތަކެވެ. ސިޓީތަކެވެ. އަހަރެންގެ އަމިއްލަ އާއިލާއެއް ކަމަށް ޤަބޫލުކޮށްގެން އުޅުނު އާއިލާގެ ކުދިކުދި ހަނދާންތަކެވެ.

މިވެސް ކިޔާލަން:  ގުނަވަންތަ - ބާވީސްވަނަ ބައި

އަހަރެން އެނދު ކައިރީގައި ހުރި ވަތްގަނޑު ހުޅުވާލީމެވެ. އޭގެ ތެރޭގައި ކުޑަ ސިޓީއުރައެއް އޮތެވެ. އޭގެ ބޭރުގައި ފަނޑުވެފައިވާ އަތުލިޔުމުން ލިޔެފައިވެއެވެ.

“ކުދިން ބޮޑުވުމުން އެކުދިންނަށް ދިނުމަށް.”

އަހަރެން އެ ލިޔުނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެކަމުގެ މަތިން އަހަރެން ހަނދާންވެސް ނެތެވެ. އަހަރެން އެ ހުޅުވާލީމެވެ. އޭގެ ތެރޭގައި ހުރީ ލިޔެކިޔުންތަކެވެ. ބޭންކް ސްޓޭޓްމަންޓްތަކެވެ. ސްކޫލް ފީ ދެއްކި ރަސީދުތަކެވެ. ހޮސްޕިޓަލް ބިލުތަކެވެ. ޓިއުޝަން ފީތަކެވެ. ގޭގެ މަރާމާތަށް ހޭދަކުރި ހިސާބުތަކެވެ. މިއީ މާ ބޮޑު ކަންތައްތަކެއް ނޫނެވެ. ލޯބި ސާބިތުކޮށްދެވޭނެ އެއްޗެއްވެސް ނޫނެވެ. އަހަރެން ފައިސާ ދެއްކިކަން މީގެން ސާބިތުވެއެވެ. ނަމަވެސް އެކަން ކުރި ސަބަބެއް މީގެންނެއް ނޭނގޭނެއެވެ.

އަހަރެން ހުރިހާ އެއްޗެއް އަލުން އަތުރާލީމެވެ. އޭރު އެ ކަރުދާސްތަކުގެ ދަށުގައި އޮތް އެހެން އެއްޗެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ފަށްޖަހާފައިވާ ސިޓީއެކެވެ. އެއީ އަހަންނަށް އެޑްރެސްކޮށްފައިވާ ސިޓީއެކެވެ. އެއީ އިބްރާހީމްގެ އަތުލިޔުމެވެ. އަހަރެންގެ އަތް ތުރުތުރުލާން ފެށިއެވެ.

އަހަރެން އެ ހުޅުވާލީމެވެ. ފުރަތަމަ ފޮޅުވަތް ކިޔާލީމެވެ. ދެން ދެވަނަ ފޮޅުވަތެވެ. ކުއްލިއަކަށް، ތޭރަ އަހަރުވީ އަހަރެންގެ ކައިވެނި ތަފާތު ގޮތަކަށް ފެންނަން ފެށިއެވެ. އިބްރާހީމް އެ ސިޓީ ލިޔެފައިވަނީ އަހަރެމެން ކައިވެނިކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

އޭނާ ލިޔެފައިވަނީ، އޭނާއާ ކައިވެނިކުރުމަކީ އަހަންނަށް “މަންމަ” ކިޔަން ބޭނުންނުވާ ދެކުދިން ބަލައިގަތުންކަން އޭނާއަށް އެނގޭ ކަމަށެވެ. މަރިޔަމްއާއި ކުދިންނާ އޮތް ގުޅުމަކީ އުނދަގޫ ގުޅުމެއްކަން އޭނާ ލިޔެފައިވެއެވެ. ކޮންމެވެސް ދުވަހަކުން އަހަރެން އެކުދިންދެކެ ފޫހިވެދާނެތީ އޭނާ ބިރުގަންނަ ކަމަށްވެސް ލިޔެފައިވެއެވެ.

ނަމަވެސް އެއް ޖުމްލައަކުން އަހަރެން މުޅިން ހުއްޓުން އެރިއެވެ. “އެކުދިން ދުވަހަކުވެސް ކަލޭ މަޑުކުރީ ކީއްވެގެންތޯ އަހައިފިނަމަ، ކަލޭ ވީ ޤުރުބާނީގެ ވާހަކަ ނުބުނާށެވެ. އެކުދިންދެކެ ލޯބިވީ ކަމަށް ބުނާށެވެ.”

އަހަރެން އެ ޖުމްލަ ތަކުރާރުކޮށް ކިޔީމެވެ. އެވަގުތު އަހަންނަށް ރޮވުނެވެ. މަޑުމަޑުންނެވެ. އެއީ އެކުދިންދެކެ ލޯބިވީތީ ދެރަވެގެންނެއް ނޫނެވެ. ނަމަވެސް އެކުދިންނަށް އެކަން ދުވަހަކުވެސް އެނގުނުބާއޭ ހިތަށްއަރާފައެވެ.

މިވެސް ކިޔާލަން:  އަސްލު - ކުރު ވާހަކަ

ޖެހިގެން އައި ދުވަހު، އަހަރެން އާދައިގެ މަތިން ހެނދުނުގެ ނާސްތާ ތައްޔާރުކުރީމެވެ. ބައެއް އާދަތަކަކީ ފަސޭހައިން ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. ރަފީގު ބަދިގެއަށް ވަނެވެ. އޭނާއަށް އަހަރެން ފެނުމުން ހުއްޓުން އެރިއެވެ.

“ބާއްޖަވެރި ހެނދުނެއް.”

“ބާއްޖަވެރި ހެނދުނެއް.”

މިނެޓުތަކެއް ފަހުން އާއިޝަތުވެސް އަތުވެއްޖެއެވެ. އޭނާ އިނީ އަހަންނާ ހަތަރުކަޅި ހަމަކުރަން ޖެހިލުންވެފައެވެ. އަހަރެން މޭޒުމަތީގައި ނާސްތާ ބެހެއްޓީމެވެ. އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އެކުދިން ދިއުމުން، އަހަރެން އެއްޗެހި ބަންދުކުރަން ފެށީމެވެ. ހަޅޭއްލެވުމެއް، އިލްޒާމް އެޅުވުމެއް ނެތެވެ. ހަމައެކަނި ފޮށިގަނޑަކަށް އަންނައުނު އެޅީއެވެ.

އަހަރެންގެ ކައިވެނީގެ ފޮޓޯއެވެ. އަހަރެންގެ ލިޔެކިޔުންތަކެވެ. އަހަރެންގެ މަންމަގެ ފަށްލާ ހުސް ފޮށިގަނޑެވެ. އާއިޝަތު ކުރަހާފައިވާ ކުޑަކުޑަ ކުރެހުމެވެ. ރަފީގުގެ ބޭނުންކޮށްފައި އޮތް ޖާޒީއެވެ. އެ ފަހު ދެ އެއްޗާމެދު އަހަރެން ވިސްނާލީމެވެ. ދެން އަލުން އެ ބެހެއްޓީމެވެ. އެއީ އެކުދިންގެ އެއްޗިއްސެވެ. އަހަރެންގެ އެއްޗިއްސެއް ނޫނެވެ.

އެ ދުވަހު މެންދުރުފަހު އިބްރާހީމް ގެއަށް އައެވެ. ދޮރު ކައިރީގައި ފޮށި ހުއްޓާ އޭނާއަށް ފެނުނެވެ.

“ކީއް ތިކުރަނީ؟”

“ދަނީ.”

އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “ޙައްވާ.”

“އަހަރެން އަޑުއެހިން.”

“އެކުދިން ތިބީ ރުޅި އައިސްފައި.”

“އެކުދިން ބުނީ ތެދަށް.”

“ކަލެއަށް އެނގެއެއްނު އެކުދިން ގަސްތުކުރީކީ..”

“އެމީހުން އެ ބުނީ އެމީހުންގެ ހިތުގައި އޮތް އެއްޗެއް.”

އޭނާ އިށީނދެލިއެވެ. ތޭރަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އޭނާގެ ލޮލުން ބިރުވެރިކަން އަހަންނަށް ފެނުނެވެ.

“އަހަރެން އެކުދިންދެކެ ލޯބިވަން.” އަހަރެން މަޑުމަޑުން ބުނީމެވެ.

“އަހަންނަށް އެނގޭ.”

“އަހަރެން އެކުދިންދެކެ އެހާ ބޮޑަށް ލޯބިވާތީ، އަހަރެންގެ ސަބަބުން އެކުދިން ބަންދުވެފައި ތިބޭކަށް ބޭނުމެއް ނޫން.”

އޭނާ އަހަރެންގެ އަތުގައި ހިފަން އުޅުނެވެ. އަހަރެން އަތް ދަމައިގަތީމެވެ.

“މިކަން އިތުރަށް އުނދަގޫ ނުކުރޭ.”

“ކަލޭ ދާނީ ކޮންތާކަށް؟”

“އަހަންނަކަށް ނޭނގެ.”

ދެން އޭނާ ބުނި ބަހަކުން އަހަރެން ހުއްޓުން އެރިއެވެ. “ސިއްރުތައް ހިފަހައްޓައިގެން ހުރީ ހަމައެކަނި ކަލެއެއް ނޫން.”

އަހަރެން އެނބުރިލީމެވެ. “ތިޔަ ބުނީ ކީކޭ؟”

އޭނާ ކުޑަދޮރާ ދިމާލަށް ބަލާލިއެވެ. “ކަލެއަށް އެނގެންޖެހޭ ކަމެއް އެބައޮތް.”

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top