ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ސިއްރު – ޗެޕްޓަރ 5
މުނިއަވަސް ގްރެފިކްސް

އާޝިޔާ ލޯ މަރާލިއެވެ. އެ މަންޒަރު އޭނާގެ ހިތަށް ވަރަށް ބޮޑަށް ތަދުކުރިއެވެ. ދެ އާއިލާއެވެ. ލޯބިން ފުރިގެންވާ ދެ ކައިވެންޏެވެ. މައިންބަފައިންކުރެ އެކަކާ ނުލައި ބޮޑުވާންޖެހޭނެ ދެ ކުދިންނެވެ. މީގެ އެއްވެސް ކަމެއް ބުއްދިއަށް ޤަބޫލެއް ނުކުރެވެއެވެ.

“ހަމްދާންގެ ކަންތައް ކިހިނެއް؟” ނަޖުމީ މަޑުމަޑުން އެހިއެވެ. “އޭނާ ކީކޭ ބުނީ؟”

“އޭނާ ބުނީ ކްލައިންޓުންނާ ބައްދަލުކުރަން ދަނީ ކަމަށް. ވިޔަފާރި ބައްދަލުވުންތަކެއް ކަމަށް. މަޣުރިބު ނަމާދަށްފަހު އަހަންނަށް މެސެޖުވެސް ކުރި. ބުނީ ސަލާމަތުން ދެވިއްޖެ ކަމަށް.”

ނަޖުމީ ހިމޭނުން ހުއްޓެވެ. “ޒޯޔާވެސް އަހަންނަށް ކުރީ ހަމަ އެ މެސެޖު.”

އާޝިޔާ ހައިރާންވިއެވެ. “ކީކޭ ތިބުނީ؟”

“މަޣުރިބު ނަމާދަށްފަހު އޭނާ މެސެޖުކުރި. ސަލާމަތުން ދެވިއްޖެ. މާދަމާ ވަރަށް ބުރަވާނެ. މާ ލަސްވަންދެން މަޑުނުކޮށް ނިދާށޭ.”

އޭނާގެ ނޭވާލުން އަވަސްވިއެވެ.

“އަހަރެން މިއަދު ސަތޭކަ ފަހަރު އެ މެސެޖުތައް ކިޔައިފިން.”

“އަހަރެންވެސް.”

އަނެއްކާވެސް ހިމޭންކަމެވެ. އެންމެ ފަހުން، އެމީހުންގެ ތެރެއިން އެކަކުވެސް ކުރަން ބޭނުންނުވާ ސުވާލު އާޝިޔާ ކުރިއެވެ.

“ނަޖުމީއަށް ހީވޭތަ؟”

އޭނާ ހުއްޓާލިއެވެ. އެ ޖުމްލަ ފުރިހަމަކުރާނެ ހިތްވަރެއް އޭނާގެ ނެތެވެ. ނަޖުމީއަށް އެކަން ވިސްނުނެވެ.

“ނޫން.”

އޭނާ ވަގުތުން ޖަވާބު ދިނެވެ. ވަރަށް އަވަހަށް، އަދި ވަރަށް ޔަގީންކަމާއެކުގައެވެ.

“ނޫން. އަހަރެން ހަމްދާން ދަންނާތާ ވިހި އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ. އޭނާއަކީ އަހަރެންގެ އެކުވެރިއަކަށްވުމުގެ ކުރިން އަހަރެންގެ ކޮއްކޮއެއް ކަހަލަ މީހެއް. އަދި ޒޯޔާ..” އޭނާގެ އަޑު މަޑުވިއެވެ. “އޭނާއަކީ އަހަރެންގެ މުޅި ދުނިޔެ. އަހަރެމެންނަށް އެމީހުން އޮޅުވާލާފާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ޤަބޫލެއް ނުކުރާނަން.”

އާޝިޔާ ތުންފަތް ބާރުކޮށްލިއެވެ. އޭނާ ބޭނުންވީ ނަޖުމީގެ ބަސް ޤަބޫލުކުރާށެވެ. ހިތުގެ އަޑިންނެވެ. އެހެނީ، އެއީ ތެދަކަށް ނުވެއްޖެނަމަ، އޭނާގެ ދިރިއުޅުމާ ބެހޭގޮތުން އޭނާއަށް އެނގޭ އެއްވެސް ކަމަކީ ހަޤީޤަތެއް ނޫނެވެ.

“އެކަމަކު..” ނަޖުމީ މަޑުމަޑުން ކުރިއަށް ގެންދިޔައެވެ. “ފުލުހުންނަށް އެމީހުން ފެނުނީ..” އޭނާގެ ވާހަކަ މެދުކެނޑުނެވެ. “އެމީހުން ފެނުނީ އެއް ކޮޓަރިއަކުން.”

އެ ބަސްތައް އާޝިޔާގެ މޭގެ ތެރޭގައި ހިލަގަނޑެއް ފަދައިން ބަރުވިއެވެ. އާޝިޔާ ކޮޓަރީގެ ފާރަށް ބަލަހައްޓައިގެން ހުއްޓެވެ. އާއިލީ ކޮންމެ ޕިކްނިކެއް އޭނާގެ ހަނދާނަށް އައެވެ. ކޮންމެ ޢީދެއްގެ އުފާވެރިކަމެވެ. ކޮންމެ އުފަންދުވަހެކެވެ. އެ ހަތަރު މީހުން އެކުގައި ހޭދަކުރި ހިނދުކޮޅުތަކެވެ. އެކުގައި ކެއި ކެއުންތަކެވެ. ޗުއްޓީތަކަށް ރޭވި ރޭވުންތަކެވެ. ދަރިން ކުޅެން ތިބޭއިރު އެމީހުން އިރުއޮއްސޭ މަންޒަރު ބަލަން ތިބި ވަގުތުތަކެވެ. އެމީހުންނާމެދު ޝައްކުކުރާނެ އެންމެ ހިނދުކޮޅެއްވެސް ދުވަހަކުވެސް ނާދެއެވެ. ކުއްލިއަކަށް އޭނާ ހަނދާނެއް އައެވެ.

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 11

“ނަޖުމީ.”

“އާނ؟”

“ޒޯޔާ ދުވަހަކުވެސް ގެސްޓްހައުސްއެއްގެ ވާހަކަ ދެއްކިތަ؟”

“ނޫން.”

“ހަމްދާން؟”

“ނޫން.”

“ދެން އެމީހުން އެތާ ތިބީ ކީއްވެ؟”

އެއިން އެކަކަށްވެސް ދޭނެ ޖަވާބެއް ނެތެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު، ފަތިސް ނަމާދު ކުރިތާ ދެ ގަޑިއިރުވެސް ނުވަނީސް، ރޭގެ ތޫފާނަށްވުރެ ހަލުވިކަމާއެކު މުޅި ރަށަށް ޚަބަރު ފެތުރިގެން ދިޔައެވެ. ކެފޭތަކުގެ ބޭރުގައި މީހުން ސިއްރުސިއްރުން ވާހަކަދައްކަމުން ދިޔައެވެ. ބަނދަރުމަތީގެ ތޮށިގަނޑު ކައިރިއަށް އަވަށްޓެރިން އެއްވެ ތިއްބެވެ. ސޯޝަލް މީޑިއާގައި އެކި މަޢުލޫމާތުތައް ފެތުރެން ފެށިއެވެ. އަނދާފައިވާ ގެސްޓްހައުސްގެ ފޮޓޯތައް އޮންލައިންކޮށް ފެންނަން ހުއްޓެވެ. ފަޔަރ ފައިޓަރުން އަލިފާން ނިއްވަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވިއެވެ.

ބިރުވެރި ދުވެއްޔެއްގައި ތަފާތު ތުހުމަތުތައް ފެތުރެމުން ދިޔައެވެ. ބައެއް މީހުން ބުނަމުންދިޔައީ އެއީ ފޭރުމެއް ކަމަށެވެ. އަނެއް ބަޔަކު ބުނީ އެއީ ރޭވުންތެރި ކުށްވެރި ގްރޫޕެއްގެ މަސައްކަތެއް ކަމަށެވެ. މަސްތުވާތަކެއްޗާއި ފައިސާގެ މުޢާމަލާތްތަކެއްގެ ވާހަކަވެސް ދެކެވެމުން ދިޔައެވެ. އެކަކަށްވެސް ހަޤީޤަތެއް ނޭނގެއެވެ. އެކަމަކު ކޮންމެ މީހަކަށްވެސް ހީވަނީ އެމީހަކަށް ހުރިހާ ކަމެއް އެނގޭހެންނެވެ.

މެންދުރުވީއިރު، ފުރަތަމަ ވާހަކައަށްވުރެ ބާރަށް އެހެން އަޑެއް ފެތުރެން ފެށިއެވެ. އާޝިޔާއަށް މިކަމެއް ނޭނގެއެވެ. އޭނާ އިނީ ގޭގައި ހަމްދާނަށްޓަކައި ޤުރުއާން ކިޔަވަން ތިބި އާއިލާގެ މީހުންގެ މެދުގައެވެ. އޭނާގެ ފޯނު އޮތީ އެއްފަރާތެއްގައި ބާއްވާލާފައެވެ.

ކުއްލިއަކަށް ފޯނު މެދުނުކެނޑި ވައިބްރޭޓްވާން ފެށިއެވެ. ފުރަތަމަ މެސެޖެކެވެ. ދެން އަނެއް މެސެޖެވެ. އެއަށްފަހު ދިހަ މެސެޖެވެ. ހިނދުކޮޅެއްގެ ތެރޭގައި އެތައް ބައިވަރު ނޮޓިފިކޭޝަންތަކެއް އަންނަން ފެށިއެވެ. އާޝިޔާގެ ދެބެންގެދެދަރި ކޮއްކޮ ފުރަތަމަ ފޯނު ނެގިއެވެ. ފޯނުގެ ސްކްރީނަށް ބަލައިލުމާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު އޮއްސިގެން ދިޔައެވެ. އޭނާ އަވަސްއަވަހަށް ފޯނު ލޮކްކޮށްލިއެވެ.

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 17

“އާޝިޔާ..”

“ކީއްވީ؟”

“ފޯނަށް ނުބަލާތި.”

“ކޮން ކަމެއްތަ؟”

“ކަމެއް ނުވޭ.”

“އާމިނާ.. ކީއްވީހޭ؟”

އާމިނާ ފޯނު ދިނުމުގެ ކުރިން ފަސްޖެހުނެވެ. “އަހަރެން ހީކުރަނީ.. އަމިއްލަ ނަފްސު ތައްޔާރުކޮށްލުން ރަނގަޅުވާނެހެން.”

އާޝިޔާ ފޯނު ހުޅުވައިލިއެވެ. ސަތޭކައަށްވުރެ ގިނަ ނޮޓިފިކޭޝަންތަކުން ސްކްރީން ފުރިފައި އޮތެވެ. ފޭސްބުކް، ވަޓްސްއަޕް، ވައިބަރ، މެސެންޖަރ އަދި ޓިކްޓޮކެވެ. މީގެ އިތުރުން ޚަބަރު ފަތުރާ ވަސީލަތްތަކުގެ އެލާޓްތަކެވެ. ކޮންމެ ތަނަކުންވެސް ފެންނަނީ އެއް ސުރުޚީއެކެވެ. އޭނާ ފުރަތަމަ ފެނުނު ލިޔުން ހުޅުވައިލިއެވެ. އޭނާގެ އަތް ތުރުތުރުލާވަރުން ފޯނުގައި ހިފަހައްޓައިގެން ހުންނަންވެސް އުނދަގޫވިއެވެ.

އެ ސުރުޚީގައި އޮތީ.. “ފޭރުމުގެ އަމަލެއްގެ ތެރެއިން ވިޔަފާރިވެރިއަކާއި ސީނިއަރ ނަރުހަކު ގެސްޓްހައުސްއެއްގެ ތެރޭގައި މަރާލައިފި. އަމިއްލަ ގުޅުމެއް އޮތްތޯ ފުލުހުން ތަހުޤީޤު ކުރަނީ.”

އެ ޚަބަރުގެ ތިރީގައި މީހަކު ކޮމެންޓެއް ކޮށްފައި އޮތެވެ. “މީހުންނާ އިނދެގެން ތިބޭ މީހުން އެއް ކޮޓަރިއެއް ބުކްކުރާ ސަބަބު އެންމެންނަށްވެސް އެނގޭނެ.”

ދެން އޮތީ އެހެން ކޮމެންޓެކެވެ. “އެމީހުންގެ އަނބިފިރިންނަށް ދެރައީ.”

އޭގެ ފަހުން އަނެއް ކޮމެންޓެވެ. “ފަޅާއެރީ ދޯ.”

މިފަދަ އެތައް ސަތޭކަ ބަސްތަކެކެވެ. މީހުންގެ ނިންމުންތަކެވެ. ހީތަކެވެ. ތުހުމަތުތަކެވެ. ހަމްދާނާ ދުވަހަކުވެސް ބައްދަލުނުވާ މީހުންނެވެ. ޒޯޔާއާ ވާހަކަވެސް ދައްކާފައިނުވާ މީހުންނެވެ. އެއީ ކޮންކަހަލަ ބައެއްކަން އޭރު އެމީހުން އަމިއްލައަށް ނިންމައިފިއެވެ. އެމީހުންގެ ދިރިއުޅުން ނިމިގެންދިޔަ ގޮތްވެސް ކަނޑައަޅައިފިއެވެ.

އާޝިޔާއަށް ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. ލޯމަތިން ފެންނަ މަންޒަރުތައް ފުސްވިއެވެ. އޭނާ ތުރުތުރުލާ އިނގިލިތަކުން ފޯނު ނިއްވާލިއެވެ. ހަމްދާން މަރުވި ފަހުން ފުރަތަމަ ފަހަރަށް އޭނާ ހަމައެކަނި ހިތާމަކުރަނީއެއް ނޫނެވެ. އޭނާ އެ ލޯބިވާ އިންސާނާގެ އަބުރު ރައްކާތެރިކުރުމަށްޓަކައި ހަނގުރާމަކުރަން މަޖުބޫރުވީއެވެ. އަދި އޭނާގެ ހިތުގެ ފުންމިނުން މަޑުމަޑު އަޑެއް އިވެމުންދިޔައެވެ. މިއީ މުޅި ހަޤީޤަތެއް ނޫނެވެ.

އެކަން އޭނާއަށް އެނގެން މަޖުބޫރެވެ. ހޮސްޕިޓަލުން އައި ފަހުން އޭނާ ވަށާލާފައިވާ އިޙުސާސްތަކެއް ނެތް ފަަރުދާ ކަހާލީ ކުއްލިއަކަށް ހިތަށް އެރި ވަރުގަދަ ޚިޔާލަކުންނެވެ.

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 18

އެނދުން ތެދުވެގެން ގޮސް، މީހަކު ސުވާލެއް ކުރުމުގެ ކުރިން އަވަސްއަވަހަށް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އެނދު ކައިރީގައި ހުރި ވަތްގަނޑު ހުޅުވައި، އޭގެ ތެރޭގައި ހުރި ރަސީދުތަކާއި، ބާ ފޮޓޯތަކާއި، ޗާޖަރުތަކާއި، ގަލަމާއި އަދި ހަމްދާން އަބަދުވެސް ރައްކާކުރާ ކުދިކުދި ސާމާނުތައް ހާވަން ފެށިއިރު އޭނާގެ ދެއަތް ތުރުތުރުލައެވެ.

ކަމެއް ފެންނާކަށް ނެތެވެ. އަލަމާރި ހުޅުވައި ބަލައިފިއެވެ. އެއްވެސް އެއްޗެއް ނެތެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ އެނދު ކައިރީގައި އޮތް ކަނަށެވެ. އޭނާގެ ލެޕްޓޮޕް ދަބަހެވެ.

ހަމްދާން އޮފީހުން އަންނަ ގޮތަށް އަބަދުވެސް ބާލީސް ކައިރިއަށް އެއްލާލާފައި އޮންނަ ކަޅުކުލައިގެ ކުޑަ ލެޕްޓޮޕް ދަބަސް އެތަނުގައި އޮންނަތާ ކިތަންމެ ދުވަހެކެވެ. އޭނާ އެ ދަބަސް ކައިރިއަށް ދަމާލުމަށްފަހު، ޒިޕް ކަހާލިއެވެ. ލެޕްޓޮޕެއް ނެތެވެ. އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ.

މިފަހަރު މާ ބޮޑަށް ހާސްވެފައި ހުރެ، ދަބަހުގެ ހުރިހާ ޖީބުތަކާއި ވަތްގަނޑުތައް ބަލައި، ޔޫއެސްބީ ޑްރައިވްތަކާއި ބިޒްނަސް ކާޑުތައް އަޅާފައި ހުންނަ ކުޑަ ވަތްގަނޑުވެސް ޗެކްކުރިއެވެ. އެއް ވަތްގަނޑު އޮތީ ހުސްކޮށެވެ. ހަމައެކަނި ހުސްކޮށެއް ނޫނެވެ. އެތަނުން ކޮންމެވެސް އެއްޗެއް ނަގާފައިވާކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އާޝިޔާއަށް ހުއްޓުން އެރިއެވެ.

އޭނާ ހޯދަނީ ކޯއްޗެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާ އެ ހޯދަނީ ކީއްވެގެން ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް، ހިތާމައާއި ޤަބޫލުކުރަން ދަތި އިޙުސާސްތަކުގެ ފުންމިނުގައި، ކޮންމެވެސް އެއްޗެއް އޭނާގެ އަތުން ބީވެއްޖެކަމުގެ ބާރުގަދަ އިޙުސާސެއް ކުރެވެމުންދިޔައެވެ. އެއީ ހަމައެކަނި ހަމްދާނެއް ނޫނެވެ. ހަމައެކަނި އޭނާގެ ފިރިމީހާއެއްވެސް ނޫނެވެ. އެހެން ކޮންމެވެސް އެއްޗެކެވެ.

އެ ދެމީހުން އެކުގައި ހޭދަކުރި ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ. އޭނާގެ ގާތުގައި ހަމްދާން ދުވަހަކުވެސް ބުނެފައިނުވާ ކަމެކެވެ. އެ ހުސްކޮށް އޮތް ވަތްގަނޑުގައި އޭނާގެ އިނގިލިތައް ބާރުކޮށްލިއެވެ. އެ ވަގުތު އާޝިޔާއަށް އެނގުނު ކަމަކީ، އޭނާ އެ ހިތާމަކުރަނީ ހަމައެކަނި އޭނާދެކެ ލޯބިވި އިންސާނާ ވަކިވުމުން ނޫންކަމެވެ. އޭނާއަށް އެ ފެށުނީ ހަޤީޤަތް ހޯދުމުގެ ދަތުރެވެ. އަދި އެ ދަތުރުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދާނެއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top