ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހާރޑް ރޮކް އާއި އޮޅުވެލި ފައިނަލަށް
ރިސޯޓް ލީގު - އެފްބީ

ރިސޯޓް ލީގު 2026 ސައުތު މާލެ ޒޯނުގެ ފައިނަލަށް ހާރޑް ރޮކް ހޮޓެލް މޯލްޑިވްސް އާއި ސަން ސިޔާމް އޮޅުވެލި ދަތުރުކޮށްފި އެވެ. މި ޒޯންގެ ސެމީ ފައިނަލް ދެ މެޗު އިއްޔެ ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހާރޑް ރޮކް ހޮޓެލް މޯލްޑިވްސް އާއި އޯޒެން ލައިފް މާދޫ އެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޖޭޑަބްލިޔޫ މެރިއޮޓް އާއި ސަން ސިޔާމް އޮޅުވެލި އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ހާރޑް ރޮކް ކާމިޔާބުކުރިއިރު، މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ ވެސް އެ ޓީމުން ނެވެ. ލީޑު ނެގުމަށް ދެ ޓީމުން ވެސް މަސައްކަތްކުރި މި މެޗުގެ އެއްވަނަ މިނިޓްގައި ހާރޑް ރޮކްއިން ވަނީ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުސައިން އައްފާޝް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއެއް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަކުރުމަށް މާދޫއިން މަސައްކަތް ކުރަމުން ދަނިކޮށް ދެން ވެސް ފެނުނީ ހާރޑް ރޮކްގެ ލަނޑެކެވެ. މި ލަނޑަކީ މާދޫގެ ގޯލް ކުރިމައްޗަށް ހާރޑް ރޮކްގެ ކުޅުންތެރިއެއް ނަގައިދިން ހުރަސް ދިފާއުކުރަން މަސައްކަތްކުރި މާދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ލަނޑު ޖަހާނެ ފުރުސަތުތައް މާދޫއަށް ވެސް ލިބުނު މި ހާފު ނިމުމުގެ ކުރިން ހާރޑް ރޮކްއިން ތިންވަނަ ލަނޑު ޖެހި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހާރޑް ރޮކްއަށް މި ލަނޑު ޖަހައިދިނީ އަޙްމަދު ބައްސާމް އެވެ.

މިވެސް ކިޔާލަން:  "އެހެނަސް" ގެ ނިމުން ބެލޭނީ ނޭވާ ހިފަހައްޓާލައިގެން އިނދެ!

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ހާރޑް ރޮކް އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މާދޫއިން ގިނަ މަސައްކަތްތަކެއް ކުރިއިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް އިސްކަންދީ ލީޑު ފުޅާކުރުމަށް ހާރޑް ރޮކްއިން ވަނީ މަސައްކަތްކޮށްފަ އެވެ. މި ހާފުގައި ވެސް ފުރަތަމަ ފެނުނީ ހާރޑް ރޮކްގެ ލަނޑެކެވެ. 30 ވަނަ މިނެޓުގައި ހާރޑް ރޮކްގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު މަޝީދު އެވެ. ހާރޑް ރޮކްގެ ކީޕަރު އެއްލި ބޯޅައެއް މާދޫ އޭރިޔާ ތެރެއިން ހޯދައި ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ވައްދާލައި ހުސައިން އައްފާޝް ކާމިޔާބުކޮށްދިން ދެވަނަ ލަނޑަކީ މި ޒޯންގައި ފެނުނު އެންމެ ތަފާތު އެއް ލަނޑެވެ. 5-0 އިން ނިމިދާނެ ކަމަށް ބެލެވުނު މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުތެރޭ މާދޫއިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް މަދީހް އެވެ.

މެޗު ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ހާރޑް ރޮކް ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ހުސައިން އައްފާޝް އެވެ.

ފޮޓޯ: ރިސޯޓް ލީގު – އެފްބީ

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޖޭޑަބްލިޔޫ މެރިއޮޓް އާއި ސަން ސިޔާމް އޮޅުވެލި އެވެ. މިއީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މެޗެކެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު، ފެށުމާއިއެކު ދެ ޓީމުން ވެސް ވަނީ ލީޑު ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ވެސް ހޯދާފަ އެވެ. މެޗުގެ ކުރީކޮޅު އޮޅުވެލިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނު ނަމަވެސް، ހާފުގެ މެދަކާއި ހަމައަށް ދިޔައިރު މެރިއޮޓްއިން ވަނީ ކުޅުން ރަނގަޅުކޮށް އޮޅުވެލީގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ. އެޓޭކާއި އެއްވަރަށް ޑިފެންސަށް ވެސް އިސްކަން ދީގެން ދެ ޓީމުން ކުޅުނު މި ހާފުގައި ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވެސް ފެނުނީ މޮޅު ކުޅުމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މިވެސް ކިޔާލަން:  ދަރާ ރަޝީދު ގެ ހިތުގެ މައްސަލަ އަކަށް ފަރުވާ ހޯދުމަށް މިއަދު އިންޑިޔާއަށް ފުރަނީ

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފު ވެސް ފަށައިގެން ރަނގަޅަށް ކުޅުނީ އޮޅުވެލިން ނެވެ. އަމިއްލަ ސަޕޯޓަރުންގެ ބޮޑު ތަރުހީބަކާއިއެކު ރަނގަޅު ކުޅުމެއް ދެއްކި އޮޅުވެލިން ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭގޮތެއް ނުވި އެވެ. މި ހާފުގެ ކުރީކޮޅު މެރިއޮޓްއަށް ވެސް ވަނީ ރަނގަޅު ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފަ އެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތައް އެއްވެސް ޓީމަކަށް ބޭނުން ނުކުރެވި ހާފު ނިމުމަކާއި ހަމައަށް ދިޔައިރު، ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ލަސް ކުޅުމެކެވެ.

0-0 އިން މެޗު އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޕެނަލްޓީ ޖަހަން ޖެހިދާނެކަމަށް ހީވި މި މެޗުން އޮޅުވެލި މޮޅުވި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. އޮޅުވެލީގެ ކީޕަރު ކުރިޔަށް އެއްލި ބޯޅައެއް އޭރިޔާތެރެއިން ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައި އޮޅުވެއްޔަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އަމީމް އިބްރާހިމް އެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ހުސް ފުރުސަތެއް އޮޅުވެއްޔަށް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ.

މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ އޮޅުވެލި ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ހަސަން ސުހައިލް އެވެ.

މި ޒޯންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ހަވީރު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top