މޫނުގައި އުނގުޅާ މޮއިސްޗަރައިޒަރު ހުސްވުމުން، އޭގެ ބަދަލުގައި ބޮޑީ ލޯޝަން ބޭނުންކުރުމަކީ ފަސޭހަ ގޮތެއް ކަމަށް ފެނިދާނެއެވެ. ހަމުގެ ބަލިތަކާ ބެހޭ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިއީ ކޮންމެހެން ގެއްލުންހުރި ކަމެއް ނޫން ނަމަވެސް، ބައެއް ބޮޑީ ލޯޝަންތަކަކީ މޫނުގައި އުނގުޅާ ކްރީމްތަކަށްވުރެ ބަރު އަދި ހަންގަނޑުގެ ލޯވަޅުތައް ބައްދާލާ ފަދަ މާއްދާތައް ގިނަ އެއްޗެހި ކަމުން، މޫނުގެ ހަންގަނޑާ އެ އެއްޗެހި ނުގުޅުމަކީ އެކަށީގެންވާ ކަމެކެވެ.
މިނަރަލް އޮއިލް، ޕެޓްރޯލިއަމް ޖެލީ އަދި ޑައިމެތިކޯން ފަދަ މާއްދާތަކަކީ ހަންގަނޑުން ފެން މަދުވިޔަނުދީ ހިމާޔަތްކޮށްދޭ ފަށަލައެއް އުފައްދައިދޭ މާއްދާތަކެކެވެ. މި ތަކެއްޗަކީ އަމިއްލަ ޒާތުގައި ނުރައްކާތެރި އެއްޗެހި ނޫން ނަމަވެސް، ބަރު ކްރީމްތައް ބޭނުންކުރުމުގެ ސަބަބުން ބައެއް ފަހަރު ހަމުގެ ބައެއް މައްސަލަތައް އިތުރަށް ގޯސްވެދާނެއެވެ. ޚާއްސަކޮށް ހަމުގެ ލޯވަޅުތައް ފަސޭހައިން ބެދޭ މީހުންނަށް މި މައްސަލަ ބޮޑުވެއެވެ.
ބަރު ކްރީމްތަކާއި މޮއިސްޗަރައިޒަރުތަކާ ގުޅުންހުރި އެއް މައްސަލައަކީ “މިލިއާ” އެވެ. މިއީ ލޮލުގެ ވަށައިގެންނާއި، ކޮލާއި، ނޭފަތް އަދި ނިތްކުރިމަތިން ފެންނަ ކުދިކުދި، ހަރު، ހުދުކުލައިގެ ނުވަތަ މުތީއެއް ފަދަ ކުދި ބިހިތަކެކެވެ. ކްލީވްލޭންޑް ކްލިނިކުން ހާމަކުރާ ގޮތުގައި، މިލިއާ އުފެދެނީ މަރުވެފައިވާ ހަމުގެ ސެލްތައް ހަންގަނޑުގެ އަޑީގައި ތާށިވެ، ހަރުވުމުގެ ސަބަބުންނެވެ. މިއީ އޮށާޅައާ ތަފާތު އެއްޗެކެވެ. އަދި އާންމުގޮތެއްގައި މިއީ ހަށިގަނޑަށް ގެއްލުންހުރި އެއްޗެއް ނޫނެވެ.
ކްލީވްލޭންޑް ކްލިނިކްގެ ޑާމަޓޮލޮޖިސްޓް ޑރ. އެމީ ކަސޫފް ފާހަގަކުރައްވާ ގޮތުގައި، މީހެއްގެ ހަންގަނޑާ ނުގުޅޭ މާ ބަރު މޮއިސްޗަރައިޒަރުތައް ބޭނުންކުރުމަކީ މިލިއާ އުފެދުމަށް މަގުފަހިވާ ކަމެކެވެ. ނަމަވެސް ބޮޑީ ލޯޝަން ބޭނުންކުރާ ކޮންމެ ފަހަރަކު މިލިއާ އުފެދޭކަށް ނުޖެހެއެވެ. މީގެ އިތުރުން، ޤުދުރަތީ ގޮތުން ނުވަތަ ހަންގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން ނުވަތަ އަވީގައި ގިނައިރުވުމުގެ ސަބަބުން ވެސް މިލިއާ އުފެދިދާނެއެވެ.
ބޭނުންކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ އެމީހެއްގެ ހަމުގެ ބާވަތަށާއި، ބޭނުންކުރާ ސަރަހައްދަކަށް ބަލައިގެން އުފެއްދުންތައް އިޚްތިޔާރު ކުރުމަށެވެ. އަވަސްއަވަހަށް މިލިއާ އުފެދޭ މީހުންނަށް އެންމެ ރަނގަޅީ މޫނަށް ޚާއްސަ ލުއި މޮއިސްޗަރައިޒަރުތައް ބޭނުންކުރުމެވެ. އަދި ލޮލުގެ ވަށައިގެންވާ ނާޒުކު ހަންގަނޑުގައި ބަރު އުފެއްދުންތައް ބޭނުންކުރުމުން ދުރުހެލިވާންޖެހެއެވެ.
އާންމުގޮތެއްގައި މިލިއާ އޭގެ ޒާތުގައި ފިލައިގެން ދެއެވެ. ނަމަވެސް ގޭގައި އަމިއްލައަށް އެ ފިއްތައިގެން ނުވަތަ ކޮނެގެން ނައްތާލަން އުޅުމަކީ އިންފެކްޝަން އުފެދި ނުވަތަ ލަކުނުލާފާނެ ކަމެކެވެ. ގިނަ ދުވަސްވަންދެން ނުފިލާ ހުންނަ މިލިއާ، ސިއްޙީ މާހިރެއްގެ އެހީތެރިކަމާއެކު ރައްކާތެރިކަމާއެކު ނައްތާލެވިދާނެއެވެ.
