ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސެޕްޓެމްބަރު 2026 ގެ އެންޑްރޮއިޑް އަޕްޑޭޓާއެކު ގޫގުލް އިން އާ ފަސް ފީޗަރެއް ތައާރަފުކޮށްފި

ގޫގުލް އިން ސެޕްޓެމްބަރު މަހުގެ އެންޑްރޮއިޑް އަޕްޑޭޓް (އެންޑްރޮއިޑް ޑްރޮޕް) އާ ފަސް ފީޗަރަކާއެކު ނެރެފިއެވެ. ގޫގުލް މެސެޖަސްގެ ލިސްޓުތައް އެޑިޓްކުރުމުން ފެށިގެން ޖެމިނި ލައިވް ބޭނުންކޮށްގެން ފޯރުކޮށްދޭ ވިޝުއަލް ގައިޑަންސް ނުވަތަ ފެންނަ މަންޒަރުތަކަށް ބަލައި އިރުޝާދު ދިނުމުގެ ހިދުމަތާ ހަމައަށް، މިފަހަރުގެ އަޕްޑޭޓްގައި ހިމެނޭ ކަންކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން ބައެއް ފީޗަރުތަކަކީ އެންޑްރޮއިޑް 17 ގެ ބީޓާ ވަރޝަންގައި މީގެ ކުރިން ވެސް ހިމެނިފައިވާ ކަންކަމެވެ. އަދި ބައެއް ފީޗަރުތަކަކީ ހަމައެކަނި ޕިކްސެލް ފޯނުތަކަށް ހާއްސަ ކަންކަމަށް ވުން އެކަށީގެންވެއެވެ.

2026 ވަނ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެންޑްރޮއިޑް އަޕްޑޭޓާއެކު ގޫގުލް އެޕްތަކަށް ލިބުނު ފަސް ބަދަލެއް މިވަނީ ފާހަގަވެފައެވެ. މީގެ ތެރެއިން ބައެއް އަޕްޑޭޓްތައް އޮގަސްޓް މަހު ނެރުނު ނަމަވެސް، ގޫގުލް އިން މިކަންކަން ރަސްމީކޮށް ގުޅުވާފައިވަނީ ސެޕްޓެމްބަރު މަހުގެ އަޕްޑޭޓާއެވެ.

‘ފައިންޑް ހަބް’ އަދި ‘ޖެމިނި’ މެދުވެރިކޮށް ތަކެތި ހޯދުން

ދަތުރުފަތުރުކުރުމަކީ ވަރަށް ގިނަ ކަންކަމަށް ސަމާލުކަން ދޭންޖެހޭ އަދި ބުރަ މަސައްކަތެކެވެ. ހާއްސަކޮށް ގެންދަންޖެހޭ ތަކެތި ހަނދާން ބެހެއްޓުމަކީ ބައެއް ފަހަރު އުނދަގޫ ކަމެކެވެ. މީގެ އިތުރުން އޮފީހަށް ނުވަތަ އެހެން ތަނަކަށް ދާއިރު ގެންދަންޖެހޭ އެއްޗެއް ހަނދާން ނެތުމަކީ ވެސް ވެދާނެ ކަމެކެވެ. ނަމަވެސް، ފައިންޑް ހަބް އަދި ޖެމިނި ބޭނުންކޮށްގެން މިހާރު ތަކެތި ބެހެއްޓި ތަން ފަސޭހައިން ބަލާލެވޭނެއެވެ.

މިސާލަކަށް، ކޮޓަރީގައި ހުރި އަލަމާރިއެއްގެ ވަތްގަނޑެއްގެ ތެރޭގައި ޕާސްޕޯޓް ބޭއްވުމަށްފަހު، “ހޭ ގޫގުލް، ރިމެމްބަރ އިން ފައިންޑް ހަބް ދެޓް އައި ހޭވް ޕުޓް މައި ޕާސްޕޯޓް އިން ދެޓް ރެސްޕެކްޓިވް ޕްލޭސް” އޭ ބުނެވިދާނެއެވެ. ދެން ޕާސްޕޯޓް ބޭނުންވާ ވަގުތު، “ހޭ ގޫގުލް، ވެއަރ އިޒް މައި ޕާސްޕޯޓް؟” އޭ އެހުމުން ފައިންޑް ހަބް މެދުވެރިކޮށް އެ ބޭއްވި ތަން ވަގުތުން ބުނެދޭނެއެވެ.

މިވެސް ކިޔާލަން:  ގޫގުލް އިން އާ ފީޗަރތަކާއެކު "ގޫގުލްބުކް" ތައާރަފްކޮށްފި: އަގުތަކުގެ ތަފްސީލް

އާންމުކޮށް ހަނދާން ނެތޭ ކޮންމެ އެއްޗަކަށް ވެސް މިގޮތަށް އަމަލުކުރެވިދާނެއެވެ. މީގެ އިތުރުން ތަކެތި ބެހެއްޓި ތަނުގެ ލޮކޭޝަނާއި ފޮޓޯ ވެސް އިތުރުކުރެވިދާނެއެވެ. މި ފީޗަރު ބޭނުންކުރެވޭނީ އެންޑްރޮއިޑް 16 އިން ފެށިގެން މަތީގެ ވަރޝަންތަކުގައެވެ.

‘ވިޝުއަލް ގައިޑަންސް’ މެދުވެރިކޮށް ތަކެތި ދެނެގަތުން

ބާޒާރުކުރަން ގޮސް އުޅޭއިރު، އެއްގޮތަކަށް ހުންނަ އެކި ބްރޭންޑްތަކުގެ މުދާ ވަކިކުރަން އުނދަގޫވާ ފަހަރު އާދެއެވެ. މިފަދަ ހާލަތްތަކުގައި ޖެމިނި ލައިވް އެކުލެވޭ ގޫގުލްގެ ވިޝުއަލް ގައިޑަންސް ފީޗަރުގެ އެހީތެރިކަން ލިބޭނެއެވެ.

ކެމެރާ މެދުވެރިކޮށް ތަކެތި ބަލަމުންދާއިރު، ރިއަލް-ޓައިމްކޮށް ނުވަތަ ވަގުތުން ވަގުތަށް އެ އެއްޗަކާ ބެހޭ އިރުޝާދު ލިބޭނެއެވެ. މިސާލަކަށް ވަކި މިސްރާބަކަށް ދާންވީ މަގު ހޯދުމަށް ނުވަތަ މާކެޓެއްގައި ހުރި ވަކި އުފެއްދުމެއް ދެނެގަތުމަށް މި ފީޗަރު ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ފެންނަ މަންޒަރުތަކުގެ ތަފްސީލު އަޑުންނާއި ލިޔުމުން ފޯރުކޮށްދޭތީ، ކެމެރާ އެ އެއްޗަކަށް ދިމާކޮށްލުމުން އެއްވެސް އުނދަގުލަކާ ނުލައި މައުލޫމާތު ލިބޭނެއެވެ.

މި ފީޗަރު ބޭނުންކޮށްގެން ކާބޯތަކެތީގެ ލޭބަލްގައި ހުންނަ ކުދި އަކުރުތައް ކިޔައި އޭގެ މާނަ ދެނެގަތުމާއި، އަނދިރި ތަންތަނުގައި ހުންނަ ރެސްޓޯރެންޓް މެނޫތައް ކިޔުން ފަދަ އެތައް ކަމެއް ފަސޭހަކަމާއެކު ކުރެވޭނެއެވެ. މިއީ “ވިޝުއަލް އިންޓެލިޖެންސް” ނުވަތަ ފެންނަ މަންޒަރުތަކުން މައުލޫމާތު ދެނެގަތުމުގެ އެންމެ ކުރިއަރާފައިވާ ފެންވަރެވެ.

2026 ސެޕްޓެމްބަރުގެ އެންޑްރޮއިޑް އަޕްޑޭޓާއެކު ދަތުރުފަތުރުގެ ތެރޭގައި ބޯއެނބުރުމުގެ މައްސަލައަށް ހައްލެއް

ދަތުރުފަތުރު ކުރުމުގެ ތެރޭގައި ބޯއެނބުރުމާއި މޭނުބައިކުރުން (މޯޝަން ސިކްނަސް) އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. މިއީ ކޮންމެހެން ވަކި ބާވަތެއްގެ އުޅަނދެއްގައި ދަތުރުކުރުމުން ދިމާވާ ކަމެއް ނޫނެވެ. ބައެއް މީހުންނަށް ކާރު، ރޭލު ނުވަތަ ބަހުގައި ދަތުރުކުރާއިރު ވެސް މި އުނދަގޫތައް ތަހައްމަލު ކުރަންޖެހެއެވެ. މިކަމަށް ހައްލު ހޯދުމަށް ތަފާތު ގޮތްތައް ހުންނައިރު، ސެޕްޓެމްބަރު މަހުގެ އެންޑްރޮއިޑް އަޕްޑޭޓުގައި ހިމެނޭ “މޯޝަން އެސިސްޓް” އަކީ މިކަމަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

މިވެސް ކިޔާލަން:  ސަބްވޭ ސަރފާސް: ނިމުމެއް ނެތް ދަތުރެއް؟

މި ފީޗާގެ ސަބަބުން ފޯނުގެ ސްކްރީނަށް ކުދި ބޮކިތަކެއްގެ ސިފައިގައި ހަރަކާތްތަކެއް އިތުރުކޮށްދެއެވެ. މީގެ ސަބަބުން ލޮލަށް ފެންނަ މަންޒަރާއި އުޅަނދު ދަތުރުކުރާ މިސްރާބާ ދެމެދު ހުންނަ ތަފާތު ކުޑަކޮށްދީ، ބޯއެނބުރުމުން ދުރުކޮށްދެއެވެ. މީގެ އިތުރުން، މި ބޮކިތަކުގެ ކުލައާއި، ބައްޓަމާއި، އަދި ފެންނަ މިންވަރު (އޮޕޭސިޓީ) ފަދަ ތަފާތު ސެޓިންގްސްތައް ބޭނުންގޮތަކަށް ބަދަލުކޮށްލުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.

މި ފީޗާ މިހާރު ވެސް ޕިކްސެލް ފޯނުތަކުގައި އެންޑްރޮއިޑް 17 އާއެކު ތައާރަފުކޮށްފައިވީ ނަމަވެސް، މި ފަހަރުގެ އަޕްޑޭޓާއެކު އެހެނިހެން އެންޑްރޮއިޑް ފޯނުތަކަށް ވެސް މި ފީޗާ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގޫގުލް މެސެޖަސް މެދުވެރިކޮށް ގޫގުލް ކީޕްގެ ލިސްޓުތައް އެޑިޓްކުރުން

މިއީ އާރު.ސީ.އެސް މެދުވެރިކޮށް ގޫގުލް މެސެޖަސް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ އާ ފަސޭހައެކެވެ. މި ފީޗާގެ އެހީގައި، ގްރޫޕް ޗެޓްތަކުގައި ނުވަތަ ވަކިވަކި މީހުންނާ ކުރާ ޗެޓްތަކުގައި، ގޫގުލް ކީޕްގައި ހުންނަ ލިސްޓުތައް އެކަކު އަނެކަކާ ގުޅިގެން އެއްވަގުތެއްގައި އެޑިޓް ކުރެވޭނެއެވެ. މިސާލަކަށް، ރެސިޕީއަކަށް ބޭނުންވާ ތަކެތީގެ ލިސްޓު ނުވަތަ ދަތުރަކަށް ތައްޔާރުވާއިރު ބޭނުންވާ ތަކެތީގެ ލިސްޓު ފަދަ ކަންކަން ފަސޭހަކަމާއެކު ނިންމާލެވޭނެއެވެ.

މީގެ މައިގަނޑު މަގްސަދަކީ ޗެޓްގައި ހިމެނޭ ހުރިހާ ބައިވެރިންނަށް ވެސް ބައިވެރިވެވޭ ގޮތަށް، ހަނދާންކުރަންޖެހޭ ކަންކަމުގެ ލިސްޓުތައް ތަރުތީބުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ގޫގުލް މެސެޖަސްގެ ތީމް ބަދަލުކުރުން

2026 ސެޕްޓެމްބަރުގެ އެންޑްރޮއިޑް އަޕްޑޭޓާއެކު، ގޫގުލް މެސެޖަސް އެޕްލިކޭޝަނުގެ ތީމްތައް ބަދަލުކުރުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. މިދިޔަ ހަފުތާގައި ތައާރަފުކުރި މި ބަދަލާއެކު، މެސެޖު ކުރާ ފޯނުގެ ފަހަތަށް (ބެކްގްރައުންޑް) ބޭނުން ކުލައެއް ނުވަތަ ފޮޓޯއެއް ލުމުގެ އިޚުތިޔާރު ލިބެއެވެ.

މިވެސް ކިޔާލަން:  މެޓާ އާއި ގޫގުލް އިން ކުޑަކުދިން ދެވިހިފާ ގޮތަށް ސޯޝަލް މީޑިއާ ފަރުމާކުރި ކަމަށް ކޯޓުން ނިންމައިފި

މި އެޕްލިކޭޝަނުން ތީމްގައި ހިމެނޭ މައިގަނޑު ކުލައަށް އަމިއްލައަށް ބަދަލުވާނެއެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ކޮންމެ މީހަކާ ކުރާ ޗެޓެއްގައި ވެސް ވަކިވަކިން ތަފާތު ތީމްތައް ބޭނުންކުރެވޭނެ ކަމެވެ.

ކޮންމެ މަހަކު ވެސް ގޫގުލް އިން އެ ކުންފުނީގެ އެޕްލިކޭޝަންތަކަށް ގިނަ އަޕްޑޭޓްތަކެއް ގެނެއެވެ. 2026 ސެޕްޓެމްބަރުގެ މި އަޕްޑޭޓުގައި ހިމެނޭ ބައެއް ފީޗާސްތަކަކީ މީގެ ކުރިން ވެސް ބައެއް ފޯނުތަކަށް ތައާރަފުކޮށްފައިވާ ކަންކަމަށް ވީނަމަވެސް، އުންމީދަކީ މި ހުރިހާ ފީޗާސްތަކެއް ވެސް ވީހާވެސް އަވަހަކަށް ހުރިހާ އެންޑްރޮއިޑް ފޯނުތަކަކަށް ލިބިގެންދިއުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top