ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބިންދައިގެންދާ އަދި މަތީ ފަށަލަ ނެއްޓޭ ނިޔަފަތި: ތައިރޮއިޑްގެ ނިޝާނެއްބާ؟
ވިމަންސް ހެލްތު - އެފްބީ

ނިޔަފަތި ތުނިވުމާއި، ބިންދައިގެން ދިއުން ނުވަތަ ނިޔަފަތީގެ މަތީ ފަށަލަ ނެއްޓުމަކީ ބައެއް ފަހަރު ސިއްޙީ ނުރަނގަޅު ހާލަތްތަކެއްގެ ނިޝާނަކަށް ވެދާނެއެވެ. އޭގެ ތެރޭގައި ތައިރޮއިޑް ބަލިތައް ހިމެނުނު ކަމުގައި ވިޔަސް، ހަމައެކަނި ނިޔަފަތީގެ ބަދަލުތަކުން ތައިރޮއިޑް ބަލި ދެނެގަނެވިދާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ބުނެއެވެ.

“އޮނީކޯޝިޒިއާ” ގެ ނަމުން ނަންދެވިފައިވާ މި ހާލަތަކީ ނިޔަފަތީގެ މަތީ ފަށަލަ ތުނިވެ، ރެނދުލައި ނުވަތަ ނެއްޓުމެވެ. މިއީ އާންމުކޮށް ނިޔަފަތީގެ ކުރީކޮޅަށް ދިމާވާ ކަމެކެވެ. މިކަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ގިނަގިނައިން ފެނާ ނުވަތަ ކެމިކަލާ ހަމަވުމާއި، ނިޔަފަތީގެ ފަރުވާތައް، ހަށިގަނޑަށް ބޭނުންވާ މާއްދާތައް މަދުވުން އަދި ސިއްޙީ ތަފާތު ބަލިތައް ހިމެނެއެވެ.

ތައިރޮއިޑާއި މިކަމާ ހުރި ގުޅުން ވަނީ ދިރާސާތަކުން ދައްކާފައެވެ. އޮގަސްޓް 2022 ގައި “ކިއުޓިސް” މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ތައިރޮއިޑް ބަލިތަކުގެ ސަބަބުން ނިޔަފަތީގެ ތަފާތު މައްސަލަތައް ދިމާވެއެވެ. ޚާއްސަކޮށް ހައިޕޯތައިރޮއިޑިޒަމް (ތައިރޮއިޑް ހޯމޯން މަދުވުން) ހުންނަ މީހުންގެ ނިޔަފަތި ތުނިވެ، ދިގުވުން ލަސްވެ، އަދި އަވަހަށް ބިންދައިގެންދާ ގޮތް މެދުވެރިވެއެވެ.

އެމެރިކަން އެކަޑަމީ އޮފް ޑަރމަޓޮލޮޖީން ވެސް ވަނީ ތައިރޮއިޑް ބަލީގެ ސަބަބުން ނިޔަފަތި ބިންދައިގެން ދިއުމާއި، މަތީ ފަށަލަ ނެއްޓުން ފަދަ ބަދަލުތައް އަތުވެދާނެ ކަމަށް ފާހަގަކޮށްފައެވެ. ނަމަވެސް، މިއީ ހަމައެކަނި ތައިރޮއިޑް ބައްޔަށް ޚާއްސަ އަލާމާތްތަކެއް ނޫނެވެ.

ކްލީވްލޭންޑް ކްލިނިކުން ބުނާ ގޮތުގައި ނިޔަފަތީގެ މިފަދަ ބަދަލުތަކުގެ އެހެން ސަބަބުތަކުގެ ތެރޭގައި ފަންގަސް އިންފެކްޝަން، ހަމުގެ ބަލިތައް (އެކްޒީމާ)، ކާނާގެ މާއްދާތައް މަދުވުން، ބޭނުންކުރާ ބައެއް ބޭސްތައް އަދި ގިނަގިނައިން ފެނާއި ކެމިކަލްގައި އަތްލުން ހިމެނެއެވެ.

މިވެސް ކިޔާލަން:  ނިޔަފަތި ޖެހުމުގެ މަޤުބޫލުކަން އިތުރުވުމާއި އޭގެ ސިއްޙީ ނުރައްކާތައް

އެހެންކަމުން، ނިޔަފަތީގެ މަތީ ފަށަލަ ނެއްޓުމަކީ ތައިރޮއިޑް ބަލީގެ ހެއްކެއްގެ ބަދަލުގައި، އެއީ ލިބިދޭ އިޝާރާތެއްގެ ގޮތުގައި ބެލުން ރަނގަޅެވެ. ނިޔަފަތީގެ ބަދަލުތަކާއެކު މާބޮޑަށް ވަރުބަލިވުން، ބަރުދަނަށް ބަދަލު އައުން، ހަންގަނޑު ހިކުން، އިސްތަށިގަނޑަށް ބަދަލު އައުން ނުވަތަ އާދަޔާ ޚިލާފަށް ފިނިވުން ފަދަ ކަންކަން ދިމާވާނަމަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ. ތައިރޮއިޑްގެ މަސައްކަތް ހުރި ގޮތް ދެނެގަނެވޭނީ ލޭގެ ޓެސްޓުތަކާއި މެޑިކަލް ތަހުލީލުތަކުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top