ރަނގަޅު ބައިވެރިއަކަށް ވުމުގެ ހަޤީޤީ މާނައަކީ ކޮބައި ހެއްޔެވެ؟
އަޅުގަނޑުމެން އާންމުކޮށް ވާހަކަދައްކަނީ ކެތްތެރި، ވަފާތެރި، އެހީތެރި، އިތުބާރު ހިފޭ، އަދި ދިރިއުޅުމުގެ އުނދަގޫ ހާލަތްތަކުގައި އަޅުގަނޑުމެންނާއެކު ސާބިތުކަމާއެކު ހުންނާނެ ރަނގަޅު ބައިވެރިއަކު ބޭނުންވާ ވާހަކައެވެ. ނަމަވެސް އެ އެދުމާ އެކުގައި އުފައްދަންޖެހޭ މުހިންމު ސުވާލެއް އެބައޮތެވެ. އެއީ، އަމިއްލައަށް ރަނގަޅު ބައިވެރިއަކަށް ވުމުގެ މާނައަކީ ކޮބައިތޯ ކުރާ ސުވާލެވެ.
ސިއްޙަތު ރަނގަޅު ގުޅުމަކީ ހުރިހާ ކަމެއް ދެމީހުންގެ މެދުގައި ހަމަހަމައަށް (50/50 އަށް) ބެހިފައި އޮތުމެއް ނޫނެވެ. ދިރިއުޅުމުގެ ބައެއް ދުވަސްވަރުގައި، އެކަކު އަނެކަކަށްވުރެ ބޮޑަށް ޤުރުބާނީތަކެއް ވާންޖެހޭ ހާލަތްތައް އަންނާނެއެވެ. އެއީ އަނެކާ ބަލިވުމުން، ނުވަތަ ނަފްސާނީ ގޮތުން ބަލިކަށިވުމުން، ނުވަތަ ވަޒީފާގެ މާހައުލުގައި ދަތިތަކެއް ކުރިމަތިވުމުން ނުވަތަ ދިރިއުޅުމުގެ ދަތި އުނދަގޫ މަރުހަލާއެއް ކަޑައްތުކުރަމުންދާތީ ކަމަށް ވެދާނެއެވެ. ހަޤީޤީ ބައިވެރިވުމަކީ އެފަދަ ދުވަސްވަރުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ޖާގަ ދިނުމެވެ. ނަމަވެސް، މައްސަލަ އުފެދެނީ މި ހަމަހަމަނުވުން ދާއިމީ ކަމަކަށް ވެގެންދާ ހިސާބުންނެވެ. އެއީ، އެކަކު އަބަދުވެސް ކެތްތެރިކަމާއި، ވަފާތެރިކަމާއި، ނަފްސާނީ އެހީތެރިކަމާއި، ގޭތެރޭގެ މަސައްކަތާއި، މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި، އަނެކާ ހަމައެކަނި އެކަންކަން ލިބިގަތުމަށް އާދަވެފައި ހުންނަ ހާލަތެވެ.
“ރަނގަޅު ފިރިހެނަކަށް” ވުމަކީ މުއްސަނދިވުން، ނުވަތަ ހުރިހާ ކަމެއްގައި ފުރިހަމަވުން، ނުވަތަ ކޮންމެ މައްސަލައެއް ހައްލުކުރުމުގެ ޤާބިލުކަން ހުރުމެއް ނޫނެވެ. އޭގެ މާނައަކީ ޒިންމާދާރުވުމާއި، އިތުބާރު ހިފޭ މީހަކަށް ވުމާއި، އިޙުތިރާމްކުރުމާއި، ނަފްސާނީ ގޮތުން ތަސައްރަފު ފުދިފައިވާ މީހަކަށް ވުމާއެކު، ގުޅުމުގައި ބައިވެރިވުމުގެ ރޫހު ހުރުމެވެ. ހަމަ މި އުސޫލު އަންހެނުންނަށްވެސް ހިނގާނެއެވެ. އަންހެނަކު ބައިވެރިޔާގެ ފަރާތުން ލޯތްބާއި، ޚަރަދުބަރަދާއި، ކެތްތެރިކަމާއި، ރައްކާތެރިކަމާއި، ނަފްސާނީ އެހީތެރިކަމަށް އެދޭއިރު، އަމިއްލަ ޒިންމާތަކަކީ އިޚުތިޔާރީ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ.
ބައިވެރިވުމަކީ ހަމައެކަނި ތިމާއަށް ލިބޭ އިނާޔަތްތަކެއްގެ ޕެކޭޖެއް ނޫނެވެ.
ގުޅުމުގައި ދެމީހުން ކުރާ ހިއްސާ އަބަދު އެއްގޮތަކަށް ނުހުރެދާނެއެވެ. އަދި އެހެން ހުރުން ލާޒިމެއްވެސް ނޫނެވެ. އެކަކު ބޮޑު އާމްދަނީއެއް ހޯދާއިރު، އަނެކަކު ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި އިސްދައުރެއް އަދާކޮށްފާނެއެވެ. އެކަކު މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު، އަނެކަކު އަމަލީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އެހީތެރިވެދީފާނެއެވެ. ބައެއް ހާލަތްތަކުގައި އެކަކު މާ ބޮޑު ޒިންމާއެއް އުފުލަން ޖެހިދާނެއެވެ. މުހިންމު ކަމަކީ ދެމީހުންވެސް އެކަކު އަނެކަކުގެ މަސައްކަތް ބަލައިގަނެ، އެކަމަށް ޝުކުރުވެރިވެ، ކުޅަދާނަވީ މިންވަރަކުން ހިއްސާވުމުގެ ރޫހު ދެމެހެއްޓުމެވެ.
މައްސަލަ އުފެދެނީ ބަދަލުގައި އެއްޗެއް ދިނުމުގެ އިޙުސާސެއް ނެތި، އަބަދުވެސް އަނެކާގެ ފަރާތުން ކަންކަމަށް އެދުމުންނެވެ. ބަދަލުގައި ވަފާތެރިކަމެއް ނުދީ އަނެކާގެ ވަފާތެރިކަމުގެ ފައިދާ ނެގުމަކީ ފަސޭހަ ކަމެކެވެ. އަދި އަމިއްލައަށް ކަންކަން ދެނެގަންނަން އިންކާރުކުރަމުން އަނެކާގެ ކިބައިން ހަމްދަރުދީއަށް އެދުމަކީވެސް ފަސޭހަ ކަމެކެވެ. ނުވަތަ ބައިވެރިޔާ އެހީއަށް ބޭނުންވާ ވަގުތު ފެންނަން ނެތި، އަމިއްލަ ނަފްސަށް އެހީތެރިކަން ބޭނުންވުމުން އެކަމަށް އެދުމަކީ އުސޫލެއް ނޫނެވެ.
ބައެއް ފަހަރު، މީހުންނަށް ލޯބި ލިބުމާއި ޚިދުމަތް ލިބުން އޮޅޭގޮތްވެއެވެ. އެމީހުން ބޭނުންވަނީ އިތުބާރު ހިފޭ މީހެކެވެ. ނަމަވެސް ތިމާ މީހާއަކީ އިތުބާރު ހިފޭ މީހެއްތޯ ވިސްނައެއް ނުލައެވެ. އެމީހުން ބޭނުންވަނީ ކެތްތެރިކަމެވެ. އެކަމަކު އަމިއްލަ ނަފްސުގައި ކެތްތެރިކަމެއް ނުހުރެއެވެ. އެމީހުން ބޭނުންވަނީ ތެދުވެރިކަމެވެ. އެކަމަކު ކަމަކާ ކުރިމަތިލާން ޖެހުމުން ދިފާއީ އައްޑަނައެއް ނަގައެވެ. އެމީހުން ބޭނުންވަނީ އުނދަގޫ ވަގުތުތަކުގައި ކައިރީގައި ހުންނާނެ މީހެކެވެ. ނަމަވެސް ބައިވެރިޔާއަށް އެފަދަ އެހީތެރިކަމެއް ބޭނުންވާ ހިނދު ފެންނާކަށް ނުހުރެއެވެ.
މީގެ މާނައަކީ އެމީހަކީ ގޯސް މީހެކޭ ނޫނެވެ. އާއިލީ މާހައުލާއި، ސަގާފަތާއި، ނުވަތަ މާޒީގެ ތަޖުރިބާތަކުގެ ސަބަބުން ނޭނގި ނަމަވެސް އަމިއްލަ އެދުން ބޮޑު އާދަތަކެއް އަށަގަނެފާނެއެވެ. އެހެންނަމަވެސް، ކަމެއް މެދުވެރިވާ ސަބަބު އެނގުމަކީ، އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ބީރުކަންފަތެއް ދިނުމެއް ނޫނެވެ.
ގުޅުމެއްގެ މާނައަކީ، އެކަކު އަބަދު ވަރުބަލިވަންދެން މަސައްކަތްކޮށްގެން އޭނާގެ ލޯބި ސާބިތުކޮށްދޭން ޖެހުމެއް ނޫނެވެ.
ފަހަރުގައި، އެންމެ މުހިންމު ސުވާލަކީ އަހަންނަށް އަނެކާގެ ވާހަކަ އަޑުއަހައި، ކަންކަމުގައި ބައިވެރިވެ، މާފަށް އެދި، ދޫދީ، އަދި އިސްލާހުވެވިދާނެ ހެއްޔެވެ؟ އަހަރެންގެ ބައިވެރިޔާ ކުރާ މަސައްކަތް އަހަރެން ބަލައިގަންނަން ހެއްޔެވެ؟ އަދި ދިރިއުޅުން ދަތިވާ ހާލަތްތަކުގައި އަހަރެން ބައިވެރިޔާއާއެކު ހުންނަން ހެއްޔެވެ؟
ކޮންމެ މީހަކީވެސް ރަނގަޅު ބައިވެރިއަކު ޙައްޤުވާ މީހެކެވެ. ނަމަވެސް ދެމިއޮންނަ ގުޅުމެއް ބިނާވަނީ، ދެމީހުންވެސް އެކަކު އަނެކަކަށް އަޅާލުމާއި، ޒިންމާދާރުކަމާއި، މަސައްކަތް ފޯރުކޮށްދީގެންނެވެ.
ސަބަބަކީ، ލޯބި ފެށިގެން އަންނަނީ ދެމީހަކު އެކަކު އަނެކަކު އިޚުތިޔާރުކުރާ ހިސާބުން ކަމަށް ވިޔަސް، ހަޤީޤީ ބައިވެރިވުމެއް ބިނާވަނީ އެކަކު އަނެކަކަށް ދިނުމަށް އެމީހުން އިޚުތިޔާރުކުރާ ކަންތައްތަކުގެ މައްޗަށެވެ.
