ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ދެ ކުދިން – 2
މުނިއަވަސް ގްރެފިކްސް

އާސިޔާ ފޯނުގެ ސްކްރީން ދައްކާލިއެވެ. މަރީހާގެ ފޮޓޯ އޭނާއަށް ފެނުނެވެ. ހަސަން ހުއްޓުން އެރިއެވެ. “ކަލެއަށް އޭނާ އެނގޭ؟”

އާސިޔާ ހިނިތުންވެލިއެވެ. “ކަލޭ ހީކުރި ވަރަށްވުރެ ބޮޑަށް އަހަރެންނަށް އޭނާ އެނގޭ.”

ހަސަން އޭނާއާ ދިމާލަށް ފިޔަވަޅެއް އެޅިއެވެ. “އާސިޔާ، އަޑުއަހާބަލަ.”

“ނޫން.”

“ޕްލީޒް.”

“ނޫން.” އޭނާ މަސްތަކެއް ވަންދެން ހުރީ އަޑުއަހާށެވެ. މިރޭ އޭނާ ބޭނުންވީ ހަސަނަށް އެ ހަމަހިމޭންކަން އިޙުސާސްކޮށްދޭށެވެ.

ހަސަންގެ އަޑުގައި މާޔޫސްކަން ހުއްޓެވެ. “ކަލޭ ތި ހީކުރާ ކަހަލަ ކަމެއް ނޫން މިއީ.”

“އެހެންވީމާ ކޮން ކަމެއްތޯ ބުނެބަލަ.”

ހަސަން އަނގަ ހުޅުވާލިއެވެ. އެކަމަކު އެއްޗެއް ނުބުނެވުނެވެ. އެ ވަގުތަކީ އާސިޔާގެ އެތެރެހަށީގައި ހުރި ހުރިހާ އެއްޗެއް ފުނޑުފުނޑުވި ވަގުތެވެ. އޭނާގެ ހިތެއް ނޫނެވެ. އޭނާގެ ކުށްހީއެވެ. މީހަކުދެކެ މާ ބޮޑަށް ލޯބިވުމުން އެމީހަކު ތެދުވެރިވާނެ ކަމަށް ކުރި އުންމީދެވެ.

އޭނާ ފޮށި ނެގިއެވެ. ހަސަން އޭނާގެ އަތުގައި ހިފަން އުޅުނެވެ. އާސިޔާ ފަހަތަށް ޖެހުނެވެ. “އަތްނުލާ.”

ހަސަން ހުއްޓުނެވެ. “ކަލޭގެ އަތުން އެހެން މީހެއްގެ ގައިގައި ބީހިފައި ހުއްޓާ، އަހަރެންގެ ގައިގައި އަތްލުމުގެ ޙައްޤެއް ކަލެއަކަށް ނެތް.”

ހަސަން އިސްޖަހާލިއެވެ. އާސިޔާ ދޮރާ ދިމާލަށް ހިނގައިގަތެވެ. ދެން ހަސަން ބުނި އެއްޗަކުން އޭނާ ހުއްޓުނެވެ. “ކަލޭ ތި ދަނީ އޭނާގެ ސަބަބަކުން ނޫން.”

އާސިޔާ އެނބުރި ބަލާލިއެވެ. “ކީކޭ؟”

ހަސަން ކޮޅަށް ޖެހުނެވެ. “ކަލޭ ތި ދަނީ ކަލެއަށް މުޅި ހަޤީޤަތް ނޭނގޭތީ.”

އާސިޔާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. “އެހެންވީމާ ބުނެބަލަ.”

އޭނާ ކުޑަދޮރާ ދިމާލަށް ބަލާލިއެވެ. ބޭރުގައި ބޯކޮށް ވާރޭ ވެހެނީއެވެ. “އަހަރެންނަކަށް ނުބުނެވޭނެ.”

“ކީއްވެ؟”

“ސަބަބަކީ އަހަރެން އެ ވާހަކަ ބުނެފިއްޔާ ހުރިހާ ކަމެއް ބަދަލުވާނެތީ.”

އާސިޔާގެ އަޑު މަޑުވިއެވެ. “ހުރިހާ ކަމެއް މިހާރުވެސް ބަދަލުވެއްޖެ.”

ހަސަން ބޯ ހޫރާލިއެވެ. “ކަލެއަކަށް ނޭނގޭނެ.”

“އެހެންވީމާ އޮޅުންފިލުވައިދީބަލަ.”

ހަސަން އާސިޔާއަށް ވަރަށް އިރުވަންދެން ބަލަހައްޓައިގެން ހުއްޓެވެ. އެންމެ ފަހުން މަޑުމަޑުން ބުންޏެވެ. “ކަލޭ ތި ހީކުރާ އަންހެންމީހާއަކީ އަހަރެން ދުރަށް ގޮސް އުޅޭ ސަބަބެއް ނޫން.”

މިވެސް ކިޔާލަން:  ސޫރަ - ފަނަރަވަނަ ބައި

އާސިޔާ ނުރުހުމުގެ ނަޒަރަކުން ބަލާލިއެވެ. “އޭގެ މާނައަކީ ކޮބާ؟”

ހަސަން އެއްޗެއް ނުބުނެއެވެ. އަނެއްކާވެސް ފޯނު ވައިބްރޭޓްވިއެވެ. އައު މެސެޖެކެވެ. މިފަހަރު މަރީހާގެ ފަރާތުންނެވެ.

“އަދި އެޕާޓްމަންޓުން ނުނިކުންނާތި. ކަލޭގެ ފިރިމީހާގެ ހެދުންތައް ހުންނަ ވަތްގަނޑު ޗެކްކޮށްލާ. ނޫކުލައިގެ ފައިލް.”

އާސިޔާ ހަސަނަށް ބަލާލިއެވެ. ހަސަން ފޯނަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވިއެވެ. “ނުކުރާތި.” އޭނާ މަޑުމަޑުން ބުންޏެވެ. އެ ބަސްތަކުން އާސިޔާ ކުރިއަށްވުރެ ބޮޑަށް ބިރުގަތެވެ.

އޭނާ ކޮޓަރިއަށް ވަނެވެ. ހަސަން ފަހަތުން ވަނެވެ. “އާސިޔާ، ޕްލީޒް.”

އޭނާ އަލަމާރި ހުޅުވާލިއެވެ. ގަމީސްތަކާއި ފަޓުލޫނުތަކެވެ. ބައެއް ފޮށިތަކެވެ. ދެން އޭނާ އެންމެ ތިރީ ވަތްގަނޑު ދަމާލިއެވެ. އެއްޗެއް ނެތެވެ. އޭނާ އަނެއްކާވެސް ބަލާލިއެވެ. ވަތްގަނޑުގެ އެތެރޭގައި ކުޑަ ލަކުޑި ފިލައެއް ހުއްޓެވެ. މީގެ މަސްތަކެއް ކުރިން ހަސަން އެ ވަތްގަނޑު މަރާމާތުކުރި ހަނދާން އޭނާ ވިއެވެ. އޭނާގެ އިނގިލިތަކުން އެ ފިލާގަނޑު ކޮށްޕާލިއެވެ. އެ ފިލާގަނޑު ކުޑަކޮށް ދުރަށް ޖެހުނެވެ. އޭގެ ފަހަތުގައި އޮތީ ނޫކުލައިގެ ފައިލެކެވެ.

ހަސަން ލޯ މަރާލިއެވެ. އާސިޔާ މަޑުމަޑުން އެ ފައިލް ނެގިއެވެ. އޭނާގެ އަތް ތުރުތުރުލައެވެ. އޭގެ ތެރޭގައި ހުރީ ލިޔެކިޔުންތަކެވެ. ހޮސްޕިޓަލްގެ ކަރުދާސްތަކެވެ. ބޭންކް ސްޓޭޓްމަންޓްތަކެވެ. އައިޑީ ކާޑުގެ ކޮޕީތަކެވެ. އަދި އެއް ފޮޓޯއެވެ. އެއީ ކުޑަ ފިރިހެން ކުއްޖެއްގެ ފޮޓޯއެކެވެ. ގާތްގަނޑަކަށް ހަތަރު އަހަރުގެ ކުއްޖެކެވެ.

އާސިޔާ އެ ކުއްޖާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އެ ކުއްޖާގެ މޫނުން ދަންނަ ގޮތެއް ހުއްޓެވެ. އޭނާ ހަސަނަށް ބަލާލިއެވެ. “މިއީ ކާކު؟”

ހަސަން އެނދުގެ އަރިމަތީގައި އިށީނދެލިއެވެ. އޭނާ ދަންނަ ހަސަންގެ ފަރާތުން ދުވަހަކުވެސް ނުފެންނަ ކަހަލަ މާޔޫސްކަމެއް އޭނާގެ މޫނުމަތިން ފެނުނެވެ. “އަހަރެންގެ ދަރިފުޅު.”

އެ ބަސްތައް މުޅި ކޮޓަރި ތެރޭގައި ގުގުމާލި ކަހަލައެވެ. އާސިޔާއަށް ނޭވާލާން އުނދަގޫވިއެވެ. “ކީކޭ؟”

ހަސަން އޭނާއަށް ބަލާލިއެވެ. “އަހަރެން ކަލެއާ ކައިވެނިކުރުމުގެ ކުރިން އަހަރެންގެ ދަރިއަކު ހުރޭ.”

މިވެސް ކިޔާލަން:  އޯގާވެ ބަސްބުނެލާތޯ

އާސިޔާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ކަލޭ ބުނީމެއްނު ނުހުންނާނެއޭ.”

“އެނގޭ.”

“ކަލޭ ބުނީމެއްނު ކުރިން ކައިވެންޏެއް ނުކުރަމޭ.”

“އެނގޭ.”

“ކަލޭ ބުނީމެއްނު އެއްވެސް މީހަކު ނެތޭ.”

އޭނާގެ ލޮލުން ފެންނަނީ ލަދުވެތިކަމެވެ. “މީހަކު ހުރި.”

އާސިޔާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެބައިވިހެންނެވެ. “ކީއްވެ އަހަރެން ގާތު ނުބުނީ؟”

“އޭރު އަހަރެންގެ އުމުރަކީ ސައުވީސް އަހަރު. އަހަރެންވީ މޮޔައަކަށް. އެ ކުއްޖާގެ މަންމަ އެ ކުއްޖާ ގޮވައިގެން ދިޔައީ. އަހަރެންގެ އާއިލާއިން އެ ހުރިހާ ކަމެއް ފޮރުވީ. އެމީހުން ބުނީ އަލުން ދިރިއުޅުމެއް ފަށާށޭ.”

“އަދި ކަލޭ ފެށީ.”

“އާނ.”

“އަހަރެންނާއެކު.”

“އާނ.”

އޭނާ އަނެއްކާވެސް އެ ފޮޓޯއަށް ބަލާލިއެވެ. އެ ކުއްޖާގެ ހުރީ ހަސަންގެ ލޮލެވެ. އާސިޔާގެ އަތް ބޭއިޚްތިޔާރުގައި ބަނޑުގައި ޖައްސާލެވުނެވެ. “އެ ކުއްޖާއަށް ކިހިނެއްވީ؟”

ހަސަން އިސްޖަހާލިއެވެ. “އޭނާ ބަލިވީ.”

ކޮޓަރިތެރެއަށް ވޭނީ ހަމަހިމޭންކަމެއް ވެރިވިއެވެ. “ކިހާ ބޮޑަކަށް؟”

“އޭނާއަށް ފަރުވާ ބޭނުންވޭ.”

އާސިޔާގެ ނަޒަރު ތޫނުވިއެވެ. “އޭނާ ކޮބާ؟”

ހަސަން ޖަވާބެއް ނުދެއެވެ.

“ހަސަން.”

“އޭނާ ހުރީ އައްޑޫގައި.”

އާސިޔާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. “އެހެންވީމާ ކަލޭ ހުޅުމާލެއަށް ތިދަނީ ކީއްކުރަން؟”

“މަރީހާ އަހަރެންނަށް އެހީވަމުންދާތީ.”

އާސިޔާގެ އޮޅުންބޮޅުން އިތުރުވިއެވެ. “ކޮން ކަމަކު އެހީވަނީ؟”

“ފައިސާގެ ކަންކަމުގައި.”

އޭނާ ހިތި ގޮތަކަށް ހީނލިއެވެ. “އެހެންވީމާ ކަލޭމެންގެ މެދުގައި ގުޅުމެއް އޮތީތާ.”

“ނޫން.”

“ދެން އޭނާ އަހަރެންނަށް ފޮޓޯ ފޮނުވީ ކީއްވެ؟”

“އޭނާ ބޭނުންވީ ކަލެއަށް އެނގެން.”

“ކީއްވެ؟”

ހަސަން ބިމަށް ބަލާލިއެވެ. “އެއީ އެ ކުއްޖާގެ މަންމަ ކަމަށްވާތީ.”

އާސިޔާއަށް ހީވީ އޭނާގެ ހަށިގަނޑުން ހުރިހާ ވަރެއް ދޫވީހެންނެވެ. މަރީހާއަކީ އޭނާގެ ފިރިމީހާގެ ސިއްރު ލޯބިވެރިޔާ ކަމަށް ހީކުރި އަންހެންމީހާއެވެ. ހަސަންގެ ހެދުމުން ދުވި ސެންޓުގެ ވެރިޔާއެވެ. ހަސަންގެ މޭމަތީގައި އަތް ބާއްވައިގެން ހުރި އަންހެންމީހާއެވެ. އެއީ ހަސަންގެ ދަރިފުޅުގެ މަންމައެވެ.

އާސިޔާ އިށީނދެލިއެވެ. އިރުކޮޅަކަށް އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެން އޭނާ މަޑުމަޑުން ބުންޏެވެ. “ކަލޭ އަހަރެންނަށް އޮޅުވާލީ.”

މިވެސް ކިޔާލަން:  ކާށި ފާތުމަ - ކުރު ވާހަކަ

ހަސަން ބޯ ޖަހާލިއެވެ. “ހުރިހާ ކަމެއްގައި.”

“ހުރިހާ ކަމެއްގައެއް ނޫން.”

“ފުދޭވަރަށް.”

އޭނާ މޫނު ފޮހެލިއެވެ. “އަހަރެން ލަދުގަތީ.”

“ދަރިއަކު ހުރީތީ؟”

“ނޫން.”

“ދެން ކޮން ކަމަކާ؟”

“އަމިއްލަ ދަރިފުޅު ދޫކޮށްލި ކަހަލަ ފިރިހެނަކަށް ވީތީ.”

އާސިޔާ އޭނާއަށް ބަލާލިއެވެ. “އަދި އަނބިމީހާއަށް އެކަން ސިއްރުކޮށްގެން ކަލޭ ހީކުރީ ކީއްކުރެވޭނެ ކަމަށް؟”

ހަސަންގެ އަތުގައި ޖަވާބެއް ނެތެވެ. އާސިޔާ އަނެއްކާވެސް އެ ފައިލް ހުޅުވާލިއެވެ. އޭގައި މެޑިކަލް ރިޕޯޓްތައް ހުއްޓެވެ. އެ ކުޑަ ފިރިހެން ކުއްޖާއަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހެއެވެ. އޭގެ ޚަރަދު ވަރަށް ބޮޑެވެ. އާސިޔާގެ ނަޒަރު އެ ލިޔުންތަކަށް ހުއްޓުނެވެ. ދެން އޭނާއަށް ފެނުނީ ތާރީޚެވެ. ފުރަތަމަ މެޑިކަލް ރިޕޯޓްގެ ތާރީޚަކީ އެމީހުންގެ ކައިވެނީގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރީގެ ތާރީޚެކެވެ.

އޭނާ ހަސަނަށް ބަލާލިއެވެ. “ކަލެއަށް އެނގޭ.”

“އާނ.”

“އެނގިހުރެ ކަލޭ އަހަރެންނާ ކައިވެނިކުރީ.”

“އަހަރެން ކަލޭދެކެ ލޯބިވީ.”

އޭނާ ބޯ ހޫރާލިއެވެ. “ތެދުވެރިކަމެއް ނެތް ލޯތްބަކީ އަމިއްލަ އެދުމުގެ އެހެން ސިފައެއް.”

ހަސަން އޭނާއަށް ބަލާލިއެވެ. “އަހަރެން ހީކުރީ ކަލެއަށް އެނގުމުގެ ކުރިން ހުރިހާ ކަމެއް ހަމައަކަށް އެޅޭނެ ކަމަށް.”

“ދެން އެޅުނުތަ؟”

“ނޫން.”

އާސިޔާ ފައިލް ލައްޕާލިއެވެ. “ނޫން.” އޭނާގެ އަޑުގައި ހުރީ ހައިރާންވާ ފަދަ ހަމަޖެހުމެކެވެ. “ކަލޭ ހުރިހާ ކަމެއް އިތުރަށް ގޯސްކުރީ.”

އޭނާ އިސްޖަހާލިއެވެ. އާސިޔާ ތެދުވިއެވެ. “އަހަރެން ކަލޭދެކެ ރުޅިއެއް ނާދޭ.” ހަސަން ބަލާލިއެވެ.

“ރުޅިއައުން މާ ފަސޭހަވީސް. އަހަރެން މި ރުޅިއަންނަނީ ކަލޭ ޤަބޫލުކުރަން އުޅުމުގެ ތެރޭގައި އަހަރެން މިވީ މީހާއާމެދު.” އޭނާގެ ކޯތާފަތް މަތިން ކަރުނަ ފައިބަން ފެށިއެވެ. “އަހަރެން އަބަދު ހީކުރީ އަހަރެންނަށް ކޮންމެސް ކަމެއް އުނިކުރެވެނީ ކަމަށް. ހީކުރީ ބަނޑުބޮޑުވުމުން އަހަރެން ބަދަލުވީ ކަމަށް. އަހަރެން ރީތި ނޫނީ ކަމަށް. އަހަރެންގެ ލޯބި މަދުވީ ކަމަށް. ކަލޭ އަހަރެން މަތިން ފޫހިވީ ކަމަށް.”

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top