ބައެއް ފަހަރު ބޭވަފާތެރިކަން ފެށެނީ ޖިސްމާނީ ގޮތުން ހައްދެއް ފަހަނައަޅައި ދިއުމުގެ މާ ކުރިންނެވެ. އަނެކާގެ ފޯނު ބަލާއިރު އެއްވެސް އެއްޗެއް ނުފެނިދާނެއެވެ. ޝައްކުކުރެވޭ ފަދަ މެސެޖެއް، ސިއްރު ފޮޓޯއެއް، ނުވަތަ ލޯބީގެ ގުޅުމެއް އޮތްކަމުގެ ސާފު ހެއްކެއް ނެތިދާނެއެވެ. ނަމަވެސް ގުޅުމަށް ކޮންމެވެސް ބަދަލުތަކެއް އައިސްފައިވާކަން އިޙުސާސް ކުރެވޭނެއެވެ. ދެކެވޭ ވާހަކަތައް ބަދަލުވެ، ސަމާލުކަން އެހެން ދިމާލަކަށް ހުއްޓި، ލޯބިވާ މީހާ ކައިރީގައި އިނަސް ތިމާ އެކަނިވެރިވެފައިވާކަމުގެ އިޙުސާސް ކުރެވެން ފަށައެވެ.
އާދައިގެ ރަހުމަތްތެރިކަމާއި ފާޅުކަން ބޮޑު ބޭވަފާތެރިކަމާ ދެމެދުގައިވާ އަމަލުތަކަށް ނިސްބަތްކޮށް މިހާރު ބޭނުންކުރާ ބަހެއް އޮވެއެވެ. އެއީ “މައިކްރޯ ޗީޓިންގް” ނުވަތަ ކުދިކުދި ކަންތައްތަކުން ބޭވަފާތެރިވުމެވެ. މީގެ ތެރޭގައި ސިއްރުން ފްލާޓްކުރުމާއި، އެކަށީގެންނުވާ ފަދަ ނަފްސާނީ ގުޅުންތައް ބޭއްވުމާއި، ގަސްދުގައި ވާހަކަތައް ސިއްރުކުރުމާއި، ގުޅުމުން ބޭރުން ލޯބީގެ ތަޢުރީފު ހޯދަން އުޅުން، ނުވަތަ ބައިވެރިޔާއަށް އެނގިއްޖެނަމަ އުނދަގޫވާނެ ފަދަ ގޮތަކަށް އެހެން މީހަކާ ތަކުރާރުކޮށް މުއާމަލާތް ކުރުން ހިމެނެއެވެ.
ކޮންމެ ރަހުމަތްތެރި ވާހަކައެއް، ސޯޝަލް މީޑިއާގެ “ލައިކް” އެއް ނުވަތަ ބޭރުގެ ރަހުމަތްތެރިކަމަކީ ބޭވަފާތެރިވުމެއް ނޫނެވެ. ދުޅަހެޔޮ ގުޅުމެއްގައި އިތުބާރާއި، އަމިއްލަ މިނިވަންކަމާއި، ބައިވެރިޔާ ނޫން އެހެން މީހުންނާ އޮންނަ ރަހުމަތްތެރިކަން ބޭނުންވެއެވެ. މައްސަލައަކަށް ވަނީ ކަންކަން ސިއްރުކުރުމާއި، އެކަން ކުރާ ނިޔަތާއި، ކަނޑައެޅިފައިވާ އިންތަކަށް ތަކުރާރުކޮށް އިޙުތިރާމް ކުޑަކުރުމެވެ.
އަމިއްލަ ނަފްސަށް މާ ބޮޑަށް ބަލާ (ނާސިސިސްޓިކް) ސިފަތައް ހުންނަ މީހުންނާއެކު އޮންނަ ގުޅުންތަކުގައި މިއީ ވަރަށް އޮޅުންބޮޅުން ބޮޑު ކަމަކަށް ވެއެވެ. އަބަދުވެސް މީހުންގެ ތަޢުރީފާއި ސަމާލުކަން ބޭނުންވާ މީހަކު، ތަފާތު ދިމަދިމާލުން އެ ސަމާލުކަން ހޯދުމަށް ޝައުޤުވެރިވެދާނެއެވެ. އަދި އެއީ ސީރިއަސް ކަމެއް ކަމަށް އެމީހުން ނުދެކެފާނެއެވެ. ފްލާޓްކުރުމަކީ ގެއްލުމެއް ނެތް ސަމާސާއެއްގެ ގޮތުގައި ދެކި، ސިއްރު ވާހަކަތަކަކީ ރަހުމަތްތެރިކަން ކަމަށް ބުނެ، އަދި ފޮހެލާ މެސެޖުތަކަކީ “އެއްވެސް އެއްޗެއް ނޫން” ކަމަށް ހަދައިފާނެއެވެ. އަދި ބައިވެރިޔާ މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން، “ކީއްވެ ތިކަން ސިއްރުކުރީ؟” މި ސުވާލުގެ މިސްރާބު، “ތިއީ ކީއްވެގެން އަމިއްލަ ނަފްސަށް އިތުބާރު ނެތް މީހެއް؟” މި ސުވާލަށް ބަދަލުކޮށްލައެވެ.
މިފަދަ ބަދަލުތަކަކީ ނަފްސާނީ ގޮތުން ވަރަށް ބޮޑު ގެއްލުމެއްދޭ ކަންކަމެވެ. ސަބަބަކީ، ވަކި ހިސާބަކުން އެ އަމަލުތަކާމެދު ސުވާލުކުރާ މީހާ، ހަޤީޤަތުގައި ވަމުންދާ ގޮތާމެދު ސުވާލުކުރުން ހުއްޓާލައި، އަމިއްލަ ނަފްސުގައި އުނިކަމެއް ހުރީތޯ ސުވާލުކުރަން ފަށާތީއެވެ.
ނަފްސާނީ ގޮތުން ބޭވަފާތެރިވުމުގެ އެންމެ ވޭންދެނިވި އެއް ސިފައަކީ މިއީއެވެ. އެއީ އަމިއްލަ އިޙުސާސްތަކާއި ފެންނަ ފެނުމާމެދު އަމިއްލައަށް ޝައްކުކުރުވުމެވެ. އެމީހުން އަމިއްލަ ގުޅުމުގެ ތެރޭގައި ޖާސޫސުންނަށްވެ، އޮންލައިން ހަރަކާތްތައް ބަލައި، ދެކެވުނު ވާހަކަތައް ހަނދާންކޮށް، އަމަލުތަކަށް އަންނަ ބަދަލުތައް ފާހަގަކޮށް، އަމިއްލަ އިޙުސާސްތަކަކީ ހަޤީޤަތެއްކަން ސާބިތުކޮށްދޭނެ ހެއްކެއް ހޯދުމަށް މަސައްކަތް ކުރެއެވެ.
ނަމަވެސް ހަމައެކަނި ޝައްކަކީ ބޭވަފާތެރިވުމުގެ ހެއްކެއް ނޫނެވެ. އަދި ހިތަށް އަރާ އެއްޗަކީ ހެއްކެއްގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ވެސް ނޫނެވެ. ކަމެއް ގޯސްކޮށް އުޅޭކަމުގެ އިޙުސާސް ކުރެވުމަކީ، އެކަމަށް ސަމާލުކަންދީ ވާހަކަ ދައްކަންޖެހޭ ސަބަބެކެވެ. އެއީ އަމިއްލައަށް ނިންމާ ނިންމުމެއް ނޫނެވެ.
ދުޅަހެޔޮ ގުޅުމެއްގައި، އަދަބު ލިބިދާނެކަމުގެ ބިރުވެރިކަމެއް ނެތި އުނދަގޫ ސުވާލުތައް ކުރެވެން ޖެހޭނެއެވެ. މަލާމާތްކުރުމެއް، ބިރުދެއްކުމެއް ނުވަތަ މޮޔައެއް ކަމަށް އިޙުސާސްކޮށްދިނުމެއް ނެތި، ދެމީހުންގެ ދެމެދުގައިވާ އިންތަކާއި، ރަހުމަތްތެރިކަމާއި، އަމިއްލަ މިނިވަންކަމާއި، އުނދަގޫވާ ފަދަ އަމަލުތަކާމެދު ވާހަކަދެކެވެން ޖެހޭނެއެވެ. އަދި ހަޤީޤީ މައްސަލައަކީ މީހަކު ސީދާ “ބޭވަފާތެރިވީ” ތޯ ނޫންތޯ ބެލުމެއް ނޫނެވެ. ބައެއް ފަހަރު މާ މުހިންމު ސުވާލަކީ ތިމާ ދެރަވުމުގެ އެއްވެސް ޙައްޤެއް ނެތްކަމަށް ބުނަމުން، ގަސްދުގައި އިތުބާރު ގެއްލޭ ފަދަ ގޮތަކަށް އެމީހަކު އަމަލުކުރީ ހެއްޔެވެ؟
ޖިސްމާނީ ބޭވަފާތެރިކަމުގެ ހެކި ފެންނަން ހުރެދާނެއެވެ. ނަމަވެސް ނަފްސާނީ ބޭވަފާތެރިކަމަކީ ފޮޓޯއަކުން ދައްކާލަން އުނދަގޫ ކަމެކެވެ. އެއީ ތަކުރާރުކޮށް އެހެން ފަރާތްތަކަށް ސަމާލުކަން ދިނުމާއި، ގުޅުމުން ބޭރުގައި ގާތްކަން އުފެއްދުމާއި، ސިއްރުތައް ރައްކާތެރިކުރުމާއި، ގަސްދުގައި އިންތަކުން ބޭރުވުމާއި، އަދި އަސާސީ ގޮތުން ލިބެންޖެހޭ ޔަގީންކަމަށް އެދުމަކީ ވެސް ބުއްދިވެރިކަމެއް ނޫން ކަމަށް ބައިވެރިޔާއަށް އިޙުސާސްކޮށްދިނުމެވެ.
ހަމައެކަނި ހިތަށް އަރާ އެއްޗަކަށް ބިނާކޮށް މީހަކަށް ތުހުމަތުކުރާކަށް ނުޖެހެއެވެ. ނަމަވެސް، ފޯނުން ފެންނަ “ސްކްރީންޝޮޓެއް” ނެތުމަކީ ތިމާއަށް ކުރެވޭ އުނދަގޫ އިޙުސާސްތައް ދޫކޮށްލަންޖެހޭ ސަބަބެއްވެސް ނޫނެވެ.
އިތުބާރު ބިނާވަނީ ދެފުށް ފެންނަ ގޮތަށް ކަންކަން ހުރުމާއި، އެއްގޮތަކަށް އަމަލުތައް ބެހެއްޓުމާއި، އިޙުތިރާމް ކުރުމުގެ މައްޗަށެވެ. އެއީ އަނެކާ ޖާސޫސަކަށް ހަދައިގެން ކުރާ ކަމެއް ނޫނެވެ. އަދި ގުޅުމެއްގެ ސަބަބުން ތިމާގެ އަގާއި، ހަޤީޤަތާއި، ދެރަވުމުގެ ޙައްޤު އޮތްތޯ ތަކުރާރުކޮށް ސުވާލު އުފެދޭނަމަ، “އެމީހާ ބޭވަފާތެރިވަނީ ހެއްޔެވެ؟” މި ސުވާލަށްވުރެ ފުން ސުވާލެއް ކުރަން ޖެހެއެވެ. އެއީ “މި ގުޅުމުގެ ތެރޭގައި އަދިވެސް އަހަންނަށް ރައްކާތެރިކަމާއި، އިޙުތިރާމާއި، ޤަދަރު ލިބޭ ހެއްޔެވެ؟”
ސަބަބަކީ ބައެއް ފަހަރު އެންމެ ބޮޑު ބޭވަފާތެރިކަމަކީ މީހަކު ހައްދުން ނެއްޓުނުކަން އެނގުމެއް ނޫނެވެ. އެއީ ތިމާ ވޭނުގައި އުޅޭއިރު، އެ މަންޒަރު ބަލަން އެމީހަކު ކިހާ ދުވަހަކު ހުރިކަން އިޙުސާސްވުމެވެ.
