– ފާޚާނާ ބޭނުންކުރުމުގައި ގިނަ ބަޔަކަށް ކުރެވެނީ ނުބައި އާދަތަކެއް
ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން ގިނަ ބަޔަކަށް ބަނޑާއި ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތައް ކުރިމަތިވެއެވެ. ހާވަޑް ޔުނިވަރސިޓީގެ ދިރާސާވެރިއަކު ހާމަކުރައްވާ ގޮތުގައި، އަޅުގަނޑުމެންނަށް އާދަވެގެން ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ހީވެސް ނުކުރާހާ ބޮޑެތި ނޭދެވޭ އަސަރުތައް ސިއްހަތަށް ކުރެއެވެ.
ޓްރިޝާ ޕަސްރީޗާ އަކީ ގޮހޮރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން އެ ދާއިރާގެ ދިރާސާވެރިއެކެވެ. ‘އިލްސްޓްރޭޓަޑް ވެޓެންސްކަޕް’ މަޖައްލާގައިވާ ގޮތުން، އޭނާ ވަނީ ފާއިތުވި 20 އަހަރު ދުވަހު ފާޚާނާ ބޭނުންކުރުމުގެ އާދަތަކާއި ހަޖަމުކުރުމުގެ ނިޒާމާ ހުރި ގުޅުންތައް ދިރާސާކުރައްވާފައެވެ.
މީގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ހަށިގަނޑުގެ ގުދުރަތީ ގަޑި ނުވަތަ ‘ސާކޭޑިއަން ރިދަމް’ އެވެ.
ހެނދުނު ހޭލާ ފުރަތަމަ ގަޑިއިރަކީ ބޮޑުގޮހޮރު އެންމެ ހަރަކާތްތެރިވާ ވަގުތެވެ. މި ވަގުތުގެ ތެރޭގައި ހަށިގަނޑުން މަސައްކަތް ކުރަނީ ބޮޑުކަމުދާ ތަކެތި ބޭރުކުރުމަށެވެ. އަދި ފާޚާނާއަށް ދާންޖެހޭކަމުގެ އިޝާރާތް ހަށިގަނޑުން ފޮނުވައެވެ.
ޕަސްރީޗާ ތަފްސީލުކޮށްދެއްވާ ގޮތުގައި، މި އިޝާރާތްތަކަށް އިޖާބަ ނުދީ އާދަވެގެން މަޑުކުރާނަމަ، ދުވަސްވުމުން އެ އިޝާރާތްތައް ދެނެގަތުމަށް ހަށިގަނޑަށް އުނދަގޫވެއެވެ. އޭނާ ލަފާދެއްވާ ގޮތުގައި ހެނދުނު ކޮފީއެއް ބުއިން ނުވަތަ ކަސްރަތަށް ދުވުމަކީ ބޮޑުގޮހޮރުގެ ހަރަކާތްތައް އަވަސްކޮށްދިނުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
ފައިބަރާއެކު ދިޔާ އެއްޗެހި ބޭނުންކުރުން
ކާނާގައި ހިމެނޭ ފައިބަރުގެ ސަބަބުން ބޮޑުކަމުދާ ތަކެތި މަޑުކޮށްދިން ނަމަވެސް، ހަމައެކަނި ފައިބަރު ބޭނުންކޮށްގެން އެކަށީގެންވާ ނަތީޖާއެއް ނުފެންނާނެއެވެ. އެކަމަށްޓަކައި ހަށިގަނޑަށް ދިޔާ އެއްޗެހި ބޭނުންވެއެވެ.
އެހެންކަމުން، ފައިބަރު ގިނަ ކާނާ ބޭނުންކުރަން ފަށާއިރު މަޑުމަޑުން އެ މިންވަރު އިތުރުކުރުމަށާއި، ހަމައެއާއެކު ގިނައިން ފެން ބުއިމަށް ޕަސްރީޗާ އިރުޝާދުދެއްވައެވެ. އެކަށީގެންވާ ވަރަށް ފެން ނުލިބޭނަމަ ބޮޑުކަމުދާ ތަކެތި ހަރުވެ، ބޭރުކުރުމަށް އުނދަގޫވެއެވެ.
މީގެ އިތުރުން ފާޚާނާގައި އިށީނދެ އިންނަ ގޮތަކީވެސް ވަރަށް މުހިންމު ކަމެކެވެ. އާންމުކޮށް އިށީނދެ އިންނަ ގޮތުގެ ސަބަބުން ފުރަގަސްފަރާތުގެ މަސްތައް ލުއިކޮށްލުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
ގެނެވިދާނެ ކުޑަ ބަދަލެއް
ޕަސްރީޗާ އަމިއްލަފުޅަށްވެސް ބޭނުންކުރައްވަނީ ފާޚާނާގައި އިންނައިރު ފައިދަށަށް ލާ ކުޑަ ގޮނޑިއެކެވެ. މީގެ ސަބަބުން ކަކޫ ހުންނާނީ އުނަގަނޑަށްވުރެ މަތީގައެވެ. މިއީ ބޮޑުކަމުދާ ތަކެތި ފަސޭހައިން ބޭރުކުރުމަށް މަގުފަހިކޮށްދޭ ގޮތެކެވެ.
އަދި ފާޚާނާގައި އިންނަ ވަގުތު ފޯނު ބޭނުންނުކުރުމަށާއި، މާ ގިނައިރު ފާޚާނާގައި މަޑުނުކުރުމަށްވެސް އޭނާ ލަފާދެއްވައެވެ.
ނަމަވެސް އޭނާ ދެއްވާ އެންމެ މުހިންމު އިރުޝާދަކީ މިއަށްވުރެވެސް ސާދާ ކަމެކެވެ: ބޮޑުކަމުދާން ޖެހިއްޖެކަމުގެ އިހުސާސް ކުރެވުމާއެކު، ލަސްނުކޮށް ފާޚާނާއަށް ދާށެވެ.
ޕަސްރީޗާ ވިދާޅުވާ ގޮތުގައި، ހަށިގަނޑުގެ ގުދުރަތީ އިޝާރާތްތަކަށް ސަމާލުކަން ދިނުމަކީ ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަންތަކެވެ.
