މަގުބޫލު ފިލްމީ ތަރި މަރިޔަމް އައްޒަގެ ބިރުވެރި ފިލްމު “ދެވި” އުފެއްދުމުގެ ފަހަތުގައިވާ އަސްލު ވާހަކަތަކާއި، އެ ފިލްމުގެ މޭކިންގެ ފުރަތަމަ އެޕިސޯޑް ސެޕްޓެމްބަރު 15 ވާ އަންގާރަދުވަހުގެ ރޭ ދައްކާލުމަށް ތައްޔާރުވެއްޖެއެވެ.
ޔާރާ ޕްރޮޑަކްޝަނުން ގެނެސްދޭ މި ޚާއްސަ ސީރީޒަކީ “ދެވި: ބިހައިންޑް ދަ ފިއާ”ގެ ނަމުގައި ގެނެސްދޭ ސިލްސިލާއެކެވެ. މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް، “އަ ޑްރީމް ޓޭކްސް ޝޭޕް” ދެއްކުމަށް ހަމަޖެހިފައިވަނީ އަންގާރަދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައެވެ.
މި މޭކިން ވީޑިއޯތަކުން، ސްކްރީނުން ފެނިގެންދިޔަ ބިރުވެރި މަންޒަރުތައް އުފެއްދުމަށް ކުރެވުނު މަސައްކަތްތަކާއި، ކެމެރާގެ ފަހަތުގައި ހިނގައިދިޔަ ކަންކަން ހާމަވެގެންދާނެއެވެ. އަދި ފިލްމު ހަގީގަތަކަށް ހެދުމަށްޓަކައި ދެކުނު ހުވަފެންތަކާއި، ދިމާވި އެކިއެކި ގޮންޖެހުންތަކުގެ އިތުރުން، މި ޕްރޮޖެކްޓުގައި ބައިވެރިވި ޓީމުގެ މުހިންމު ހިއްސާ އާއި ތަޖުރިބާތައް މި ސިލްސިލާގެ ތެރެއިން ބެލުންތެރިންނަށް ފެނިގެންދާނެއެވެ.
ޔާރާ ޕްރޮޑަކްޝަންގެ “ދެވި” ޓީމުން ބުނެފައިވަނީ، ސްކްރީނުން ފެނުނު ބިރުވެރިކަމުގެ ފަހަތުގައި އަމިއްލަ ޚާއްސަ ވާހަކައެއް އެކުލެވިގެންވާ ކަމަށާއި، މި އެޕިސޯޑްތަކުން އެ ހުރިހާ ވާހަކަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ. އެހެންކަމުން އަންގާރަދުވަހުގެ ރޭ 9:00 ގައި ދައްކާލާ ފުރަތަމަ އެޕިސޯޑަކީ ފިލްމަށް ލޯބިކުރާ ގިނަ ފަރާތްތަކަކަށް ޝައުގުވެރި މައުލޫމާތުތަކެއް ލިބިގެންދާނެ އެޕިސޯޑަކަށް ވާނެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓް ވިއްކަމުން އަންނައިރު، އޮންލައިންކޮށް ބުކް ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން 7424544 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އޮންލައިންކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ.
ޔާރާ ޕްރޮޑަކްޝަންސްގެ “ދެވި” އަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު ގިނަ ތަރިންތަކެއް އެކުގައި ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން ލީޑް ރޯލުން ފެންނަ މަރިޔަމް އައްޒަގެ އިތުރުން ޝަރަފް ޢަބްދުﷲ، އަލަށް ތައާރަފުވާ ހަމްދާން ސަލީމް، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) މި ފިލްމުން ފެނިގެންދާނެއެވެ.
ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަން އަދި ވިޝާލް ޒަކީ އާ ގުޅިގެން ޔާރާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ މި ފިލްމަކީ ޙުސައިން ހާޒިމް (ސޭންޑީ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ ޙުސައިން ހާޒިމް (ސޭންޑީ) އަދި ޝަހުދާ މަހުމޫދު އެވެ.
