ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހް ރުކް ޚާންގެ އާ ފިލްމު “ކިންގް” ގައި އަރިޖީތު ސިންގްގެ ލަވައެއް
ގޫގަލް

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހް ރުކް ޚާން ކުރިއަށް އޮތް ފިލްމު “ކިންގް” ގައި ކުޅަދާނަ ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްގެ ހިތްގައިމު ލަވައެއް ހިމެނޭނެކަން ޝާހްރުކް ޚާން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.

ޝާހްރުކް ޚާން މިކަން ހާމަކުރީ އިއްޔެ (އަންގާރަ ދުވަހު) އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރިއަށް ގެންދިޔަ “އާސްކް އެސްއާރްކޭ” ސެޝަނެއްގައެވެ. މި ސެޝަންގެ ތެރެއިން ސަޕޯޓަރަކު ފިލްމުގެ ލަވައެއް އަވަހަށް ރިލީޒްކޮށްދިނުމަށް އެދުމުން، ޝާހް ބުނީ ފިލްމުގައި އަރިޖީތުގެ ލަވައެއް ހިމެނޭ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ ލަވައިގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުން ކަމަށެވެ.

އަރިޖީތުގެ މަސައްކަތަށް ތަޢުރީފު ކުރަމުން ޝާހް ބުނީ، އަރިޖީތަކީ މަސައްކަތް ފުރިހަމަކުރަން ވަރަށް ބޮޑަށް ވިސްނާ “ޕާފެކްޝަނިސްޓެއް” ކަމަށާއި، އެހެންކަމުން ލަވަ އެންމެ ފުރިހަމަ ކުރުމަށް އޭނާ ވަގުތު ނަގާނެ ކަމަށެވެ.

ޝާހް އަދި އަރިޖީތު މީގެ ކުރިންވެސް ވަނީ ގިނަ ކާމިޔާބު ލަވަތަކެއް އެކުގައި ގެނެސްދީފައެވެ. އޭގެ ތެރޭގައި “ހަވާއޭން”، “ގޭރުއާ”، “މަންވާ ލާގޭ”، “ޒާލިމާ” އަދި ފަހުގެ މަޝްހޫރު ލަވަ “ޖޫމޭ ޖޯ ޕަތާން” ފާހަގަކޮށްލެވެއެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރާ “ކިންގް” އަކީ ޝާހްގެ ދަރިފުޅު ސުހާނާ ޚާންއާއެކު އޭނާ ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ޝާހް ފެންނާނީ ތަޖުރިބާކާރު އެސެސިންއެއްގެ ރޯލުންނެވެ. މީގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ދީޕިކާ ޕަޑުކޯން، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ އަދި ރާގަވް ޖުޔަލް ވެސް ފެނިގެންދާނެއެވެ.

މިވެސް ކިޔާލަން:  ބޮލީވުޑްގެ އެއްމެ ނަންހިނގާ ކޮޕީކެޓަކީ އަނޫ މަލިކް

ރެޑް ޗިލީސް އެންޓަޓެއިންމަންޓާއި މާފްލިކްސް ޕިކްޗާސް ގުޅިގެން އުފައްދާ މި ފިލްމު ލަސްނުވެ، ކުރިންވެސް ރޭވިފައިވާ ގޮތަށް މިއަހަރުގެ ޑިސެމްބަރު 24 ގައި ސިނަމާތަކަށް ގެންނާނެ ކަމަށް ޝާހް ވަނީ ޔަޤީންކަން ދީފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top