އައިއޯއެސް 27 މިހާރު އާންމުކޮށް ދޫކޮށްލާފައިވާއިރު، މީގެ ތެރޭގައި ސިރީ އޭއައި، އެޕަލް އިންޓެލިޖެންސްގެ އިތުރު ފީޗާތަކާއި، އޭއައި ފޮޓޯ އެޑިޓިންގް އަދި ލިކުއިޑް ގްލާސް ކަސްޓަމައިޒް ކުރުމުގެ ގިނަ ފުރުސަތުތަކެއް ހިމެނެއެވެ. މި އަޕްޑޭޓަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދިޔަ ނަމަވެސް، ކޮންމެ ބޮޑު އަޕްޑޭޓަކަށްފަހު ދިމާވާ ފަދައިން، ބައެއް ފޯނުތަކުގެ ބެޓެރި އަވަހަށް ހުސްވުމާއި ފޯނު އާދަޔާ ޚިލާފަށް ހޫނުވުމުގެ މައްސަލަތައް، ބޭނުންކުރާ ބައެއް ފަރާތްތަކަށް ވަނީ ފާހަގަކުރެވިފައެވެ.
އެޕަލްގެ ސަޕޯޓް ލިޔެކިޔުންތަކުގައިވާ ގޮތުން، މިއީ އާންމުކޮށް ދިމާވާ ކަމެކެވެ. މިއީ ފޯނަށް މައްސަލައެއް ދިމާވުން ނޫންކަމަށް އެޕަލްއިން ބުނެއެވެ. ބޮޑު ސޮފްޓްވެއަރ އަޕްޑޭޓަކަށްފަހު، ފޯނުގެ ބެކްގްރައުންޑްގައި ކުރަންޖެހޭ ސެޓަޕްތައް ނިންމުމަށް ވަގުތު ބޭނުންވެއެވެ. މީގެ ތެރޭގައި ފޯނުގައި ހުންނަ ފައިލްތަކާއި ޑޭޓާތައް އިންޑެކްސް ކުރުމާއި، އާ ފީޗާތަކަށް ބޭނުންވާ އިތުރު ބައިތައް ޑައުންލޯޑް ކުރުމުގެ އިތުރުން އެޕްލިކޭޝަންތައް އެންމެ ފަހުގެ ވަރޝަނަށް އަޕްޑޭޓް ކުރުން ހިމެނެއެވެ.
މި ހުރިހާ މަސައްކަތްތަކެއް ބެކްގްރައުންޑްގައި ހިނގަމުންދާއިރު، ފޯނުން އިތުރަށް ކަރަންޓު ބޭނުންކޮށް ހޫނު އުފައްދައެވެ. މީގެ ސަބަބުން ބެޓެރީގެ ދުވެއްޔާއި ފޯނުގެ ފިނިހޫނުމިނަށް ވަގުތީ ގޮތުން ބަދަލު އަންނަކަމަށް އެޕަލްއިން ފާހަގަކުރެއެވެ. އަދި އައިއޯއެސް 27 އަށް ކުރިއަށް އޮތްތަނުގައި އަންނަ އަޕްޑޭޓްތަކާއެކު ބެޓެރީގެ މައްސަލަތައް ހައްލުވެގެންދާނެއެވެ.
މީގެ އިތުރުން، އާ ފީޗާތަކުގެ ސަބަބުން ފޯނުން ބެޓެރި ބޭނުންކުރާ ގޮތަށް ދާއިމީ ބަދަލުތަކެއް އަތުވެދާނެ ކަމަށްވެސް އެޕަލްއިން ބުނެއެވެ. މިސާލަކަށް ސިރީ އޭއައި އާއި އެޕަލް އިންޓެލިޖެންސްގެ ފީޗާތަކަކީ ފޯނުގެ ޕްރޮސެސަރަށް ބާރުބޮޑު މަސައްކަތްތަކަކަށް ވާތީ، ކުރިއަށްވުރެ ގިނައިން ފޯނުން މަސައްކަތް ކުރަންޖެހެއެވެ. އެހެންނަމަވެސް، ކުރިއަށް ހުރި އަޕްޑޭޓްތަކުގައި އާ ފީޗާތަކާއި ބެޓެރީގެ ދިގުމިން ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދާނެކަމަށް އެޕަލްއިން ހާމަކުރެއެވެ.
އައިއޯއެސްގެ އާ އަޕްޑޭޓަކަށްފަހު މިފަދަ ކަންތައްތަކަކީ އާ ކަންތައްތަކެއް ނޫނެވެ. މީގެ ކުރިން އައިއޯއެސް 26، އައިއޯއެސް 18 އަދި އައިއޯއެސް 17 ނެރުނު ދުވަސްވަރުވެސް މިފަދަ މައްސަލަތައް ކުރިމަތިވެފައިވެއެވެ.
