މަޝްހޫރު ބޮލީވުޑް ތަރި އަޖޭ ދޭވްގަން އާއި ސަންޖޭ ދަތު އެކުގައި ފެނިގެންދާ ފިލްމު “ރޭންޖަރ” ސިނަމާތަކަށް ގެންނަން ކުރިން ނިންމާފައި އޮތް ތާރީޚު ބަދަލުކޮށް، 2027 ވަނަ އަހަރަށް ފަސްކޮށްފިއެވެ.
ޖަންގަލީގެ އެޑްވެންޗާ އަދި އެކްޝަން ކަންތައްތަކެއް ފެނިގެންދާ މި ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިއަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް ބޮލީވުޑް ހަންގާމާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާރު މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޢީދު ބަންދާ ދިމާކޮށެވެ. މިއީ ސްކޫލް އަދި ކޮލެޖް ޗުއްޓީއާ ވެސް ދިމާވާ ދުވަސްވަރަކަށް ވާތީ، ޖަންގަލީގެ މިފަދަ އެޑްވެންޗާ ފިލްމަކަށް ގިނަ ބެލުންތެރިން ލިބޭނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދެކެއެވެ.
ތަމަންނާ ބާޓިއާ ވެސް މުހިންމު ރޯލަކުން ފެންނަ މި ފިލްމަކީ ޖަނަވާރުން ހިމާޔަތްކުރުމާއި، ވަގަށް ޖަނަވާރު ހިފާ މީހުންނާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގައި އަޖޭ ދޭވްގަން ފެންނާނީ މިސްރާބު ހިފާފައިވާ ފޮރެސްޓް އޮފިސަރެއްގެ ގޮތުގައެވެ. އަދި ސަންޖޭ ދަތު ފެނިގެންދާނީ ވަގަށް ޖަނަވާރު ހިފާ ނުރައްކާތެރި ގޭންގުގެ އިސް ވިލަންގެ ގޮތުގައެވެ. މި ފިލްމުގެ ކްލައިމެކްސް މަންޒަރުތައް މިދިޔަ މަހު މުމްބާއީގައި ވަނީ ޝޫޓްކޮށް ނިންމާލާފައެވެ.
“ރޭންޖަރ” ގެ ތާރީޚު ފަސްކުރުމާ ގުޅިގެން، ޑިސެމްބަރު މަހުގެ އެ ތާރީޚުގައި މިހާރު ފެނިގެންދާނީ އަނީސް ބަޒްމީ ޑައިރެކްޓްކޮށް، އަކްޝޭ ކުމާރު، ވިދްޔާ ބާލަން އަދި ރާޝީ ކަންނާ ހިމެނޭ ކޮމެޑީ ފިލްމެވެ. މި ފިލްމު ބޮކްސް އޮފީހުގައި ކުރިމަތިލާނީ ޝްރައްދާ ކަޕޫރުގެ “އީތާ” އާއެވެ. މީގެ އިތުރުން ޕްރަބާސްގެ “ފައުޖީ” ވެސް ޑިސެމްބަރު 3 ގައި ރިލީޒްކުރާނެ ކަމަށް އަޑުފެތުރިފައި ވީނަމަވެސް، އެ ފިލްމު ވެސް 2027 އަށް ފަސްކޮށްފާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
“ރޭންޖަރ” 2027 އަށް ފަސްވުމާއެކު، 2026 ވަނަ އަހަރު އަޖޭ ދޭވްގަންގެ ފެނިގެންދާނެ ފިލްމުތަކުގެ އަދަދު މިހާރު ވަނީ ދޭކަށް މަދުވެފައެވެ. އެގޮތުން ދެން އޭނާގެ އެންމެ އަވަހަށް ރިލީޒްވާނީ އޮކްޓޯބަރު 2 ގައި ނެރުމަށް ހަމަޖެހިފައިވާ “ދްރިޝްޔަމް: ދަ ކޮންކްލޫޝަން” އެވެ. މިއީ މިއަހަރު ކާމިޔާބުކަމާއެކު ނެރުނު “ދަމާލް 4” އަށްފަހު އޭނާގެ ފެނިގެންދާނެ އެންމެ ބޮޑު ފިލްމެވެ.
“ރޭންޖަރ” ގެ ޝޫޓިންގގެ ބާކީ މަސައްކަތްތައް ކުރިއަށްދާއިރު، ސީދާ ފިލްމު ރިލީޒްކުރާނެ ތާރީޚެއް ޕްރޮޑަކްޝަން ޓީމުން ފަހުން އިޢުލާންކުރާނެއެވެ.
