ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ތަޤުވާ؛ އިންސާނުންނަށްވާ ރައްކާތެރި ކިއްލާއެއް

ދުނިޔަވީ ވަސްވާސްތަކާއި ފިތުނަތަކުން ރައްކާތެރިވުމަށްޓަކައި އިންސާނުންނަށް އައްޑަނައެއް ބޭނުންވެއެވެ. އިސްލާމްދީނުގައި މި އައްޑަނައަށް ކިޔަނީ ތަޤުވާ (ބިރުވެތިކަން) އެވެ. އަދި އެއީ އެމީހުންގެ ކޮންމެ ޢަމަލެއްގައިވެސް ﷲ މަތިން ހަނދުމަކުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

ތަޤުވާއަކީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ބާވަތެކެވެ. އިންސާނުން ނުރައްކާތަކަށް ބިރުގަންނަ ފަދައިން، އިލާހީ ރައްކާތެރިކަން ލިބިގަތުމަށްޓަކައި އެބައިމީހުން އަމާން ކިއްލާއަކަށް ދެއެވެ.

ﷲ ގެ މަގުގައި ހިނގާ މީހުން ސިފަކުރެވިފައިވަނީ ތަޤުވާގެ ފޭރާން ލައިގެން ތިބޭ ބައެއްގެ ގޮތުގައެވެ. މިއީ އިންސާނުންނަށް ޤަދަރާއި ޢިއްޒަތް ގެނެސްދޭ، އަދި އަގުވަޒަންކުރުމުގެ މިންގަނޑަކަށްވާ ރޫޙާނީ ފޭރާމެކެވެ.

“ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ.” (ސޫރަތުލް ޙުޖުރާތު، އާޔަތް 13)

މި ފޭރާމުން ޒީނަތްތެރިވެގެން މެނުވީ، ﷲ ގެ މަގުގައި ފިޔަވަޅެއް ނޭޅޭނެއެވެ. އާދަމްގެފާނާއި ޙައްވާގެފާނު ﷲ ގެ އަމުރުފުޅާ ޚިލާފުވެވަޑައިގަތުމުން، އެބޭފުޅުންނަށް މި ފޭރާން ގެއްލިގެން ދިޔައެވެ.

ތަޤުވާއަކީ ތައުބާވުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. އެހެންކަމުން އޭގެ މާނައަކީ ﷲ އަށް ކިޔަމަންތެރިވުމެވެ. އަދި އޭގެ މާނައަކީ ޝުކުރުވެރިވުމާއި ކެތްތެރިވުންވެސް މެއެވެ. ސަބަބަކީ މި ދެ ސިފައަކީ ހިތުގައި އީމާންތެރިކަން އަށަގެންނެވުމަށް މަގުފަހިކޮށްދޭ ދެ ސިފައަށް ވާތީއެވެ.

އިޚްލާޞްތެރި ނިޔަތަކާއި، ﷲ އަށާއި ޤިޔާމަތް ދުވަހަށް އޮންނަ އީމާންތެރިކަމާއެކު ކުރެވޭ ކޮންމެ ޢަމަލަކީ ކަށަވަރުންވެސް ތަޤުވާގެ މައްޗަށް ބިނާވެފައިވާ ޢަމަލެކެވެ.

“ހަމަކަށަވަރުން، ﷲގެ ރަސޫލާގެ އަރިހުގައި އެއުރެންގެ އަޑު މަޑުކުރާ މީހުންނީ އެއުރެންގެ ހިތްތައް ﷲ، އިމްތިޙާނު ކުރައްވައި، ތަޤްވާވެރިވުމަށް ފަހިކޮށްދެއްވި މީހުންނެވެ. އެއުރެންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއްހުށްޓެވެ.”(ސޫރަތުލް ޙުޖުރާތު، އާޔަތް 3)

ތަޤުވާއަކީ މި ދުނިޔެއިން އާޚިރަތަށް މީހަކަށް ގެންދެވޭނެ އެންމެ ހެޔޮ އެއްޗެކެވެ. މި ދަތުރުގައި ފައިދާކުރަނިވި އެއްޗެއްގެ ގޮތުގައި ދެމިއޮންނާނީ ހަމައެކަނި ތަޤުވާގެ މައްޗަށް ބިނާވެފައިވާ ޢަމަލުތަކާއި ސުލޫކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top