“އަޔާންއަށް އެނގެންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތް. އަޔާންގެ ބައްޕަ، އަޔާންމެންގެ ޢާއިލާ ދޫކޮށް ދިޔައީ އަޔާން ތި ހީކުރާ ކަހަލަ ދަރަންޏަކަށް ވައްޓާލާފައެއް ނޫން.”
އަޔާން ހުރި ފިޔަވަޅުމައްޗަށް ގަނޑުވިއެވެ. “ކީކޭ؟”
ނަމަވެސް، މަރިޔަމަށް އެ ވާހަކަ އިތުރަށް ތަފްސީލުކޮށްދެވޭ ގޮތެއް ނުވިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ އޭނާގެ ބައްޕައެވެ.
މަރިޔަމްގެ މޫނުމަތީގެ ކުލަވަރު ވަގުތުން ފަނޑުވެ، ބިރުވެރިކަން ވެރިވިއެވެ. “އަހަރެން ދާންވެއްޖެ.”
އަދި އިތުރު އެންމެ ލަފުޒެއްވެސް ނުބުނެ، މަރިޔަމް އެ ކޮޓަރިން ނުކުމެގެން އަވަސް ހިނގުމެއްގައި ހިނގައްޖެއެވެ.
*****
ކައިވެނީގެ ކުރީ ރޭ، އަޔާން އެނބުރި މާފުށްޓަށް ދިޔައެވެ. އޭނާ ސީދާ ދިޔައީ އޭނާގެ ކުޑައިރުގެ ގެއަށެވެ. އެގޭގެ ކުޑަދޮރު ކައިރީގައި، ވެހެމުންދިޔަ ވާރޭގެ އަޑުއަހަން އޭނާގެ މަންމަ އިނެވެ.
“މަންމާ، އަހަރެން ބޭނުން ބައްޕަގެ ދަރަނީގެ ހަޤީޤަތް އެނގެން.”
ނަސީމާ ވަރަށް ގިނައިރު ވަންދެން އަޔާންގެ މޫނަށް ބަލަން އިނެވެ. އެއަށްފަހު މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ހުރި ބާ ލަކުޑި ފޮށްޓެއްގެ ދަށުން، ކުޑަ ދަގަނޑު ފޮށްޓެއް ނެގިއެވެ. އޭގެ ތެރޭގައި ހުރީ ކުލަ ފަނޑުވެފައިވާ ބައެއް ފޮޓޯތަކާއި، އަތުން ލިޔެފައިވާ ރަސީދުތަކަކާއި، ބައްޕަގެ ނަން ޖަހައި ބަންދުކޮށްފައިވާ ސިޓީއުރައެކެވެ.
އަޔާން ތުރުތުރުއަޅަމުންދިޔަ އިނގިލިތަކުން އެ ސިޓީއުރަ ކަނޑާލިއެވެ. އެ ސިޓީއަކީ އޭނާގެ ބައްޕަ ނިޔާވުމުގެ ތިން މަސް ކުރިން ލިޔެފައިވާ ސިޓީއެކެވެ.
“އަހަރެންގެ ލޯބިވާ ނަސީމާ،
އަހަންނަށް ކަމެއް ދިމާވެއްޖެނަމަ، އަހަރެންގެ ކުށްތަކުގެ ސަބަބުން އަޔާންގެ އުފާތައް ޤުރުބާން ނުކުރުމަށް އޭނާއަށް ވިސްނައިދޭށެވެ. ރަޝީދާއި އަހަންނަކީ ވިޔަފާރީގެ ބައިވެރިންނެވެ. އެކަމަކު އޭނާ އެ ބުނާ ދަރަންޏަކީ މުޅިން އަހަރެން ދައްކަންޖެހޭ އެއްޗެއް ނޫނެވެ. އޭނާ އަހަރެމެންގެ ވިޔަފާރި އެކައުންޓްތައް އަމިއްލަ ބޭނުމަށް ބޭނުންކުރަމުން ދިޔަކަން އަހަންނަށް ވަނީ އެނގިފައެވެ. އަހަރެން ވާނީ އަސްލު ރެކޯޑްތަކުގެ ކޮޕީތައް ރައްކާކޮށްފައެވެ. ކޮންމެވެސް ދުވަހަކުން މި ހަޤީޤަތް ހާމަވާނެ ކަމަށް އުންމީދު ކުރަމެވެ.”
އަޔާން އެ ސިޓީ ދެ ފަހަރަށް ކިޔައިލިއެވެ. އޭނާގެ ދެއަތް ތުރުތުރުއަޅަމުން ދިޔައެވެ.
“ކޮބާ އެ ރެކޯޑްތައް؟”
މަންމަ އިޝާރާތް ކުރީ އެ ދަގަނޑު ފޮށްޓަށެވެ. އޭގެ އެންމެ އަޑީގައި އޮތީ ބާ މެމޮރީ ކާޑަކާއި އަތުން ލިޔެފައިވާ ކުޑަ ނޯޓުކޮޅެއް ހިމެނޭ ކުޑަ ސިޓީއުރައެކެވެ.
“ރަޝީދު އަހަރެންގެ ދަރިފުޅުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން އުޅެފިނަމަ މިއީ މަރިޔަމަށް ދޭންވީ އެއްޗެކެވެ.”
އަޔާން އެ ބަސްތަކަށް ބަލަހައްޓައިގެން ހުއްޓެވެ. ކުއްލިއަކަށް މުޅި ކޮޓަރި އެނބުރެން ފެށިހެން އޭނާއަށް ހީވިއެވެ. މަރިޔަމް އެހާ ބިރުން އުޅުނު ސަބަބު އޭނާއަށް ވިސްނުނެވެ. އަދި މި ކައިވެންޏަކީ ހަމައެކަނި ފައިސާގެ މައްސަލައެއް ނޫންކަމާއި، ބޮޑު ސިއްރެއް ފޮރުވުމަށް ކުރާ ކަމެއްކަން އޭނާއަށް ދެނެގަނެވުނެވެ.
އޭނާ ވަގުތުން މަރިޔަމަށް ގުޅިއެވެ. ފޯނު ރިންގުވިއެވެ. އެއްފަހަރުއެވެ. ދެފަހަރުއެވެ. ދެން މީހަކު ފޯނު ނެގިއެވެ. އެކަމަކު އެއީ މަރިޔަމެއް ނޫނެވެ.
“އަޔާން، މާ ބޮޑަށް ހޯދަން ނޫޅޭ.” ރަޝީދު ވަރަށް ހަރުކަށިކޮށް ބުންޏެވެ. “ތި ވަދެވެނީ ކޮންކަހަލަ ކަމެއްގެ ތެރެއަށް ކަމެއް ކަލެޔަކަށް ނޭނގޭނެ.”
އަޔާން ފޯނުގައި ބާރަށް ހިފަހައްޓައިލިއެވެ. “ކޮބާ މަރިޔަމް؟”
ކުޑަ ހިމޭންކަމަކަށްފަހު، ރަޝީދު ހީނގަތެވެ. “ގޭގަ. އޭނާ ހުންނަންޖެހޭ ތަނުގަ.”
ފޯނު ކެނޑުނެވެ. އަޔާން އަނދިރިވެފައިވާ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓެވެ. ބޭރުން އިވެމުންދިޔައީ ގުގުރީގެ ގަދަފަދަ އަޑެވެ. އޭނާއަށް ވަގުތު ކުޑަތަންވެއްޖެކަން ވިސްނުނެވެ.
*****
ފަތިހު ހަތަރެއް ޖެހިއިރު، ނުދަންނަ ނަންބަރަކުން އަޔާނަށް މެސެޖެއް ލިބުނެވެ. “އޭނާ ސަލާމަތްކުރަން ބޭނުންނަމަ މާލޭގެ ބާ ފާލަން ކައިރިއަށް އާދޭ. އެކަނި.”
އޭނާއަށް ލިބުނު އެންމެ ފުރަތަމަ ލޯންޗަށް އަރައިގެން ފުރިއެވެ. ކަނޑު ގަދަވެފައި، ވިއްސާރައިގެ ތިކިތައް ލޯންޗުގެ ކުޑަދޮރުތަކުގައި ތަޅަމުން ދިޔައެވެ. ވޭތުވެގެންދާ ކޮންމެ މިނެޓަކީ ކެތްކުރަން ދަތި ވަގުތުކޮޅަކަށް ވިއެވެ.
މާލެ ދެވުނުއިރު މަގުތައް މަތި އޮތީ އަނދިރިކޮށެވެ. މަގުމަތީގައި ހެދިފައިވާ ފެންގަނޑުތައް ހުރަސްކޮށް، އޭނާ އަވަސްއަވަހަށް ބާ ފާލަމާ ދިމާއަށް ދިޔައެވެ.
މަގުމަތީ ބައްތީގެ އަލީގެ ދަށުގައި އެކަނިމާއެކަނި ހުރި މީހަކު ފެނުނެވެ. އެއީ މަރިޔަމެވެ. އޭނާގެ މޫނުމަތި ދުޅަވެފައި ހުރިއިރު، ދެއަތް ތުރުތުރުއަޅަމުން ދިޔައެވެ.
“އަޔާން!”
އަޔާން ދުވެފައި އޭނާގެ ކައިރިއަށް ދިޔައެވެ. “ކިހިނެއްވީ؟ އަނިޔާއެއް ވިތަ؟”
އޭނާ ދެފަރާތަށް ބޯހޫރައިލިއެވެ. “ބައްޕައަށް ލިޔުންތައް ފެނިއްޖެ. މެމޮރީ ކާޑުގެ ވާހަކަވެސް އެނގިއްޖެ.”
“ކީއްވެ ކުރިން ނުބުނީ؟”
“އަހަރެން ބިރުގަތީމަ.”
އޭނާ އަޔާންގެ އަތަށް ކުޑަ ސިޓީއުރައެއް ދިނެވެ. އޭގެ ތެރޭގައި ހުރީ ބޭންކު ޓްރާންސްފަރތަކުގެ ކޮޕީތަކާއި، ކުރީގެ ވިޔަފާރި އެއްބަސްވުންތަކާއި، ދަރަންޏާ ގުޅޭގޮތުން ރަޝީދު ދައްކަމުންދިޔަ ވާހަކަތަކާ ދިމާނުވާ ރެކޯޑްތަކެކެވެ.
“އަދިވެސް އެބައޮތް.” މަރިޔަމް ސިއްރުސިއްރުން ބުންޏެވެ. “ބައްޕަ ވަނީ ވަރަށް ގިނަ ލިޔުންތަކުގައި އަޔާންގެ ބައްޕަގެ ސޮއި ފޯޖުކޮށްފަ. އަހަރުތަކެއް ވަންދެން ބައްޕަ ދިޔައީ މި ދަރަނީގެ ބޭނުން ހިފައިގެން އަޔާންގެ އާއިލާގެ މައްޗަށް ބާރުފޯރުވަމުން.”
އަޔާންގެ ހިތް ހަލާކުވާވަރު ވިއެވެ. “މަރިޔަމް އަހަންނަށް މި އެހީވަނީ ކީއްވެ؟”
މަރިޔަމް ބަނދަރާ ދިމާއަށް ބަލައިލިއެވެ. “އެހެން އަންހެނަކުދެކެ ލޯބިވާ ފިރިހެނަކާ ކައިވެނިކޮށްގެން މުޅި އުމުރު ހޭދަކުރަން އަހަރެން ބޭނުންނުވާތީ. އަދި އަހަރެންގެ ބައްޕަގެ އަތުގައި އެއްވެސް އެއްޗެއް ނެތް ދުވަހު އަޔާންގެ ބައްޕަ ވަނީ އަހަރެންގެ ބައްޕައަށް އެހީތެރިވެދީފަ. އެހެންވީމަ އަޔާންގެ ބައްޕަގެ ނަން ކިލަނބުވާކަށް އަހަރެން ބޭނުމެއް ނޫން.”
ކުއްލިއަކަށް، ކާރެއްގެ އަލި އެމީހުންގެ މައްޗަށް އެޅުނެވެ. ކަޅު ކުލައިގެ ކާރެއް އެމީހުންނާ ކައިރިއަށް މަޑުކޮށްލިއެވެ. ރަޝީދު ކާރުން ފޭބިއިރު ފަހަތުން އިތުރު ދެ ފިރިހެނުން ފޭބިއެވެ.
“މަރިޔަމް!” ރަޝީދު ހަޅޭއްލަވައިގަތެވެ. “މިކޮޅަށް އާދޭ. މިހާރު!”
އޭނާ އަޔާންގެ ފަހަތަށް ޖެހިލިއެވެ. “ނޫން، ބައްޕާ.”
ރަޝީދުގެ މޫނު ބަނަވިއެވެ. “ތި ކުރެވެނީ ކީއްކަމެއް ކަލެޔަކަށް ނޭނގެ.”
“އެހެން މީހެއްގެ އާއިލާ ބައްޕަ ހަލާކުކޮށްލިއިރުވެސް ބައްޕައަކަށް ނޭނގުނު.”
ވަގުތުކޮޅަކަށް އިވެމުންދިޔައީ ހަމައެކަނި ޓިނުގަނޑުމަތީގައި ތެޅެމުންދިޔަ ވާރޭގެ އަޑެވެ. ކުއްލިއަކަށް ރަޝީދު ސިޓީއުރަ އަތުލަން ކުރިއަށް ޖެހިގަތެވެ. އަޔާން މަރިޔަމް ދުރަށް ޖެއްސިއެވެ. އެތަނުން އެކަކު އަޔާންގެ އަތުގައި ހިފެހެއްޓުމުން، އަތުގައި ހުރި ލިޔުންތައް ތެމިފައިވާ މަގުމައްޗަށް ބުރައިގެން ދިޔައެވެ. އަޔާން ސަލާމަތްވާން މަސައްކަތް ކުރި ނަމަވެސް، އެމީހާގެ ބާރު މާ ގަދައެވެ.
އެވަގުތު ވާރޭގެ އަޑު ފޫއަޅުވާލާފައި އަޑެއް އިވުނެވެ. “ހުއްޓާލާ!”
ކައިރީގައި އޮތް ވެހިކަލަކުން ފުލުހުންގެ އޮފިސަރަކާއި އިތުރު ދެ ފުލުހުން ފޭބިއެވެ. އެމީހުންގެ ފަހަތުގައި އަތްދަބަހެއް ހިފައިގެން ދުވަސްވީ ފިރިހެނަކު ހުއްޓެވެ. އަޔާނަށް ވަގުތުން އޭނާ ދެނެގަނެވުނެވެ. އެއީ އޭނާގެ ބައްޕަގެ ކުރީގެ އެކައުންޓަންޓް އިބްރާހީމެވެ.
“މި ދުވަހަށް އަހަރެން އިންތިޒާރުކުރާތާ ކިތަންމެ އަހަރެއް ވެއްޖެ.” އިބްރާހީމް މަޑުމަޑުން ބުންޏެވެ.
ރަޝީދުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެ އެކައުންޓަންޓް ވަނީ އަސްލު މާލީ ރެކޯޑްތައް ރައްކާކޮށް، އެންމެ ފަހުން އެ ތަކެތި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރަން އެއްބަސްވެފައެވެ.
ފުލުހުން ރަޝީދު ހިފަހައްޓައި ބިޑިއަޅުވަމުން ގެންދިޔައިރު، އޭނާ އަޔާނާ ދިމާއަށް އެނބުރުނެވެ. “ކަލެއަށް ހީވަނީތަ ކަލޭ މޮޅުވީ ކަމަށް؟”
އަޔާން ސާބިތުކަމާއެކު އޭނާގެ މޫނަށް ބަލައިލިއެވެ. “ނޫން. އަހަރެން ހަމައެކަނި ބޭނުންވަނީ އަހަރެންގެ އަމިއްލަ ދިރިއުޅުން އަނބުރާ ހޯދަން.”
އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް، އޭނާގެ ހިތާއި މޭމަތީގައި އަޅާފައި އޮތް ބޮޑު ބުރަދަން ލުއިވެގެން ދިޔަކަން އިޙުސާސް ކުރެވުނެވެ. ނަމަވެސް އަދިވެސް އެއްކަންތައް ބާކީ އެބައޮތެވެ. ލިޔާނާއެވެ.
*****
ޖެހިގެން އައި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އަޔާން މާފުށްޓަށް އެނބުރި އައެވެ. ކައިވެނި ވަނީ ކެންސަލްކުރެވިފައެވެ. ހުރިހާ ހެއްކެއް މިހާރު ވަނީ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރެވިފައެވެ. އަދި މަރިޔަމް ވަނީ ތިމާގެ މީހުންގެ ގާތަށް ދިރިއުޅުން ބަދަލުކޮށްފައެވެ.
އޭނާ ރަށުގެ ހަނި މަގުތަކުން ހިނގަމުން ދިޔައީ ފަރިތަ ގެތަކާއި ފިހާރަތައް ފަހަނައަޅައެވެ. ކޮންމެ ކަންމައްޗަކުން ވެސް އޭނާއަށް ހަނދާންކޮށްދެނީ ލިޔާނާގެ މަތިންނެވެ. އެކުގައި ސައިބޯން ތިބި ކެފޭއެވެ. ވާރޭގެ ތެރޭގައި އެކުގައި އުފާ ފާޅުކުރި މަގެވެ. އަދި ދުވަހަކުވެސް ވަކިނުވުމަށް އެކަކު އަނެކަކަށް ވަޢުދުވި އަތިރިމައްޗެވެ.
އިރުއޮއްސެން ކައިރިވެފައި ވަނިކޮށް، އޭނާއަށް ލިޔާނާ ފެނުނީ ގޮނޑުދޮށާ ކައިރިންނެވެ. އޭނާ އިނީ ރުކެއްގެ ހިޔަލުގައި، ރާޅުތައް ގޮނޑުދޮށަށް ބީއްސަމުންދާ މަންޒަރު ބަލާށެވެ. ކަނޑުގެ ތާޒާ ވައިރޯޅިއާއެކު އޭނާގެ އިސްތަށިގަނޑު މަޑުމަޑުން ވިހުރެމުން ދިޔައެވެ.
“ލިޔާނާ.”
އޭނާ އެނބުރި ބަލައިލިއެވެ. އެތައް ސިކުންތެއް ވަންދެން، އޭނާ ހަމައެކަނި އަޔާންއަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން އޭނާ ތެދުވިއެވެ. “ކީއްކުރަން މިތަނަށް ތިއައީ؟”
“އަހަރެން މިއައީ ހުރިހާ ކަމެއް ސާފުކޮށްދޭން.”
ލިޔާނާ އުފަލެއް ނެތް ގޮތަކަށް ހީނލިއެވެ. “ތިކަމަށް މާ ބޮޑަށް ލަސްވެއްޖެ.”
“އަހަންނަށް އެނގޭ.”
“ކަލޭ އަހަންނަށް ހެދިގޮތް ކުޑަކޮށްވެސް އިޙުސާސްވޭތަ؟”
އަޔާންގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. “ކޮންމެ ދުވަހަކު، ކޮންމެ ވަގުތަކު އަހަރެން ތިކަމާމެދު ވިސްނިން.”
“ދެން ކީއްވެ ގުޅާނުލީ؟ ކީއްވެ އަހަންނަށް ކިޔައިނުދިނީ؟”
އޭނާ ތުރުތުރުއަޅާ އަޑަކުން ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަހަރެން ބިރުގަތީމަ. ހުރިހާ ކަމަކުން ލިޔާނާ ދުރުގައި ބަހައްޓައިގެން އަހަރެންގެ އާއިލާ ރައްކާތެރިކުރެވިދާނެ ކަމަށް އަހަންނަށް ހީކުރެވުނީ. އަހަރެންދެކެ ރުޅިއައިސްގެން ނަމަވެސް، ލިޔާނާ އަހަރެން މަތިން ހަނދާންނައްތާލައި ކުރިއަށް ހިނގައިދާނެ ކަމަށް ހީކުރެވުނީ.”
ލިޔާނާގެ ދެލޯ ބޮޑުވިއެވެ. “ކަލޭ ގަސްތުގައި އަހަންނަށް ބޭވަފާތެރިވި ކަމަށް ދައްކައިގެން އަހަރެން މަގުއޮޅުވާލީތަ؟”
އޭނާ އިސްދަށަށް ޖެހިއެވެ. “އެއީ ހަމައެކަނި އޮތް ގޮތް ކަމަށް އަހަންނަށް ވިސްނުނީ.”
އެވަގުތު ލިޔާނާ އަޔާންގެ ކޯތާފަތްމަތީގައި ޖެހިއެވެ. އެ އަޑު އެ ހަމަހިމޭން ގޮނޑުދޮށުގައި ގުގުމައިގެން ދިޔައެވެ.
“އަހަރެންގެ ހިތަށް އެންމެ ރަނގަޅު ގޮތް ނިންމަން ކަލެއަށް ޙައްޤު ދިނީ ކާކު؟”
އަޔާން ގުޑައިވެސް ނުލައެވެ. “ތީ ތެދެއް.”
ލިޔާނާ ރޯން ފެށިއެވެ. “އަހަރެން ކަލެއަށް އިންތިޒާރުކުރިން. މީހުން ކަލެއަކީ ދޮގުވެރިއެކޭ ބުނި ވަގުތުވެސް އަހަރެން ކަލޭގެ ދިފާޢުގައި ވާހަކަދެއްކިން. އަހަންނަށް ކުރެވުނީ ކޮން ކުށެއްބާއޭ ހިތަށްއަރައި ރޮއިރޮއިފައި އަހަރެން ނިދީ.”
“އަހަންނަށް މަޢާފުކުރޭ.”
“ކަލޭ އެނބުރި އައުމަށް އެދި އަހަރެން ދުޢާކުރި އަދަދު ކަލެއަށް އެނގޭތަ؟”
އަޔާންގެ އަޑު ބެދުނެވެ. “އާނ. ސަބަބަކީ އަހަރެންވެސް ދުޢާކުރީ ހަމަ އެކަމަށް.”
ލިޔާނާ އެނބުރި ދުރަށް ބަލައިލިއެވެ. ގިނައިރުތަކެއް ވަންދެން، ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އިރު އޮއްސެމުން ގޮސް، މުޅި ކަނޑުގެ ސަތަހައަށް ގަދަ އޮރެންޖު ކުލައިގެ ދޯދިތައް ފަތުރާލިއެވެ.
އެންމެ ފަހުން ލިޔާނާ މަޑުމަޑުން ބުންޏެވެ. “އަހަރެން އަދިވެސް ކަލޭދެކެ ލޯބިވޭ.”
އަޔާން ދެލޯ މަރާލިއެވެ.
“އެކަމަކު ދެން ދުވަހަކުވެސް އިތުބާރު ކުރެވިދާނެ ކަމެއް އަހަންނަކަށް ނޭނގެ.”
އަޔާން އިތުރަށް ގާތަށް ޖެހިލުމަށްފަހު، އެމީހުންގެ ދެމެދުގައި ދުރުމިނެއް ބަހައްޓަމުން ހުއްޓުނެވެ. “މިއަދު އަހަންނަށް މަޢާފުކުރާކަށް އަހަރެން ނޭދޭނަން. އެއްވެސް ކަމެއް ހަނދާން ނައްތާލާކަށްވެސް ނުބުނާނަން. އަހަރެން އެދޭ ހަމައެކަނި ކަމަކީ، އަހަރެންގެ ހިތުން ލިޔާނާއަށް އޮތް ލޯބި ދުވަހަކުވެސް ފަނޑުނުވާކަން ލިޔާނާއަށް އެނގުން.”
ލިޔާނާ އޭނާގެ ކޯތާފަތް ފޮހެލިއެވެ. “ހަމައެކަނި ލޯތްބަކުން ނުފުދޭ، އަޔާން.”
“އަހަންނަށް އެނގޭ.”
“އެހެންވިއްޔާ ސާބިތުކޮށްދީ.”
އޭނާ ބޯޖަހައިލިއެވެ. “އަހަރެން ސާބިތުކޮށްދޭނަން.”
(ނުނިމޭ)
