ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ހޮޓް ޗޮކްލެޓް ފަޖް ކޭކް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް: 15 މިނެޓު
⏱️ ފިހުމަށް: 40 މިނެޓު
⏱️ ހިހޫކުރުމަށް: 20 މިނެޓު
🍽️ ލިބޭ މިންވަރު: 10 – 12 މީހުންނަށް

🛒 ބޭނުންވާ ތަކެތި

ހިކި އެއްޗެހި:

● 1 ޖޯޑު ފުށް (ޕްލެއިން ފްލާ)
● 1/3 ޖޯޑު ކޮކޯ ޕައުޑަރު (ހަކުރު ނުހުންނަ، ފުރާނާފައިވާ)
● ¾ ސައިސަމުސާ ބޭކިންގ ޕައުޑަރު
● ¾ ސައިސަމުސާ ބޭކިންގ ސޯޑާ
● 1 ޖޯޑު ހަކުރު
● ¼ ސައިސަމުސާ ލޮނު

ދިޔާ އެއްޗެހި:

● 1 ބޮޑު ބިސް (ކޮޓަރީގެ ފިނިހޫނުމިނުގައި ހުރި)
● ½ ޖޯޑު ކިރު (ފުލް ފެޓް)
● 5 މޭޒުމަތީ ސަމުސާ ލޮނު ނުލާ ބަޓަރު (ވިރުވާފައި)
● 1 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ
● 1 ސައިސަމުސާ މެނިލާ އެސެންސް
● ½ ޖޯޑު ކެއްކި ހޫނު ފެން

ޗޮކްލެޓް ފަޖް ސޯސް:

● 1 ޖޯޑު ހެވީ ކްރީމް
● 1 ¼ ޖޯޑު ޑާކް ޗޮކްލެޓް ޗިޕްސް ނުވަތަ ކުދިކޮށް ކޮށާފައިވާ ޗޮކްލެޓް

ސާރވް ކުރުމަށް:

● ވެނީލާ އައިސްކްރީމް

👩‍🍳 ތައްޔާރުކުރާނެ ގޮތް

1 – ފުރަތަމަ އަވަން 180 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފަރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. 8 އިންޗީގެ ކޭކު ފިހާ ތަބަކެއްގައި ބަޓަރު އުނގުޅުމަށްފަހު ބޭކިންގ ޕޭޕަރު އަޅާށެވެ.

2 – ބޮޑު ބޯތަށްޓެއްގައި ހުރިހާ ހިކި އެއްޗެހި އެއްކޮށްލާށެވެ.

3 – ހޫނު ފެން ފިޔަވައި، ހުރިހާ ދިޔާ އެއްޗެހި ހިކި އެއްޗެހީގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ހޫނު ފެންކޮޅު އަޅައި އޮމާންވަންދެން ގިރާލާށެވެ. މި މިކްސްޗަރު ހުންނާނީ ތަންކޮޅެއް ދިޔާކޮށެވެ.

4 – ތައްޔާރުކުރި މިކްސްޗަރު ތަބަކަށް އެޅުމަށްފަހު 40 މިނެޓު ވަންދެން ފިހާށެވެ. ކޭކު ރަނގަޅަށް ފިހެވުނުތޯ ބެލުމަށް ދަތްކޮށްޓާ އިލޮށިކޮޅެއް ކޭކުގެ މެދަށް ހަރާލުމުން، އޭގައި ކޭކުކޮޅެއް ތަތްވެފައި ހުރި ނަމަވެސް މައްސަލައެއް ނެތެވެ. ސަބަބަކީ މިއީ ފަޖް ކޭކަކަށް ވާތީއެވެ.

5 – ފިހެވުމުން 10 މިނެޓު ވަންދެން ތަބަކުގައި ބަހައްޓައިގެން ހިހޫކުރާށެވެ. އޭގެ ފަހުން ތަބަކުން ނަގައި އިތުރު 10 މިނެޓު ބަހައްޓާށެވެ. ސާރވް ކުރާއިރު ކޭކު ހުންނަންވާނީ ކުޑަކޮށް ހޫނުކޮށެވެ.

6 – ކޭކު ފޮތިކުރުމަށްފަހު، މައްޗަށް އައިސްކްރީމް ސަމުސަލެއް ލައި، ތައްޔާރުކުރި ޗޮކްލެޓް ފަޖް ސޯސް އަޅައިގެން ސާރވް ކުރާށެވެ.

👩‍🍳 ޗޮކްލެޓް ފަޖް ސޯސް ތައްޔާރުކުރާނެ ގޮތް:

1 – ކްރީމްކޮޅު އުނދުންމަތީގައި ނުވަތަ މައިކްރޯވޭވްގައި ރަނގަޅަށް ހޫނުކުރާށެވެ. ބޮކިޖަހާވަރަށް ކައްކާކަށް ނުޖެހޭނެއެވެ.

2 – ބޯތަށްޓަކަށް ޗޮކްލެޓްތައް އެޅުމަށްފަހު، އޭގެ މައްޗަށް ހޫނުކުރި ކްރީމް އަޅާށެވެ. ޗޮކްލެޓްތައް ކްރީމްގެ ތެރެއަށް ފެތޭނެހެން ބެހެއްޓުމަށްފަހު، ތަށީގެ މަތި ޖަހައި 5 މިނެޓު ވަންދެން ބަހައްޓާށެވެ.

3 – އޭގެ ފަހުން އޮމާން ޗޮކްލެޓް ސޯސްއަކަށް ވަންދެން ރަނގަޅަށް ގިރާލާށެވެ.

4 – ސޯސްގަނޑު އޮލަވުމަށްޓަކައި 20 މިނެޓު ވަންދެން ބަހައްޓާށެވެ. ބޭނުންކުރުމުގެ ކުރިން އެއްފަހަރު ގިރާލާށެވެ.

އިތުރު އިރުޝާދެއް:

  • ބޭކިންގ ސޯޑާ އާއި ބޭކިންގ ޕައުޑަރުގެ ތެރެއިން ކޮންމެވެސް އެކައްޗެއް ބޭނުންކުރާނަމަ، ހަމައެކަނި ބޭކިންގ ޕައުޑަރުނަމަ 3 ސައިސަމުސާ، ނުވަތަ ހަމައެކަނި ބޭކިންގ ސޯޑާ ނަމަ 1 ސައިސަމުސާ ބޭނުންކުރާށެވެ. ސެލްފް ރެއިޒިންގ ފްލާ ބޭނުންކުރާނަމަ ބޭކިންގ ސޯޑާ ނުވަތަ ޕައުޑަރު އަޅާކަށް ނުޖެހޭނެއެވެ.
  • މި ކޭކު ފްރިޖުގައި 5 އިން 7 ދުވަހު ބެހެއްޓޭނެއެވެ. ސާރވް ކުރުމުގެ ކުރިން ކުޑަކޮށް ހޫނުކޮށްލުމުން ރަހަ މީރުވާނެއެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top