ދިވެހި ޕްރިމިއާރ ލީގު ފުޓްބޯޅަ މުބާރާތުގެ 13 ވަނަ މެޗުން މޮޅުވެ، ދިވެހި ޕްރިމިއާރ ލީގު 2026/2027 ގެ އެއްވަނައަށް އޮޑި ސްޕޯރޓްސް ކުލަބް ޖެހިލައިފި އެވެ. ގަލޮޅު ދަނޑުގައި ރޭ ކުޅެވުނު މި މެޗުގައި ބައްދަލުކުރީ އޮޑި ސްޕޯރޓްސް އާއި ގައްދޫ ރެކްރިއޭޝަން ކުލަބެވެ.
މި މެޗަކީ އޮޑި ސްޕޯރޓްސްގެ ތިންވަނަ މެޗު ނަމަވެސް ގައްދޫގެ ހަތަރުވަނަ މެޗެވެ. މި މެޗަށް ނުކުތްއިރު، އޮޑި ސްޕޯރޓްސް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. ގައްދޫ ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އޮޑި ސްޕޯރޓްސް އެވެ. ކުރިން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާ ގައްދޫ ޓީމުން މި މެޗުގައި ވެސް ކުޅުނީ، ކުރިން މެޗުތަކުގައި ކުޅުނު ކަހަލަ ޑިފެންސިވް ގޭމެކެވެ. އަދި ކައުންޓާރ އެޓޭކްގައި ލިބޭ ފުރުސަތުގައި ލަނޑު ޖަހަން މަސައްކަތްކުރި އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު އޮޑި ސްޕޯރޓްސްއިން ޖެހީ ދިހަވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުޑްސަން ޑިއާސް ޑި ޖީސަސް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ އޮޑި ސްޕޯރޓްސްއިން ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. 16 ވަނަ މިނިޓްގައި އޮޑި ސްޕޯރޓްސްއަށް މި ލަނޑު ޖަހައިދިނީ އަހްޒަމް ރަޝީދެވެ.
26 ވަނަ މިނިޓްގައި އެ ޓީމުގެ ޖަމޮވިކް ޔޫރޮސްއަށް ދެއްކި ރަތް ކާޑާއިއެކު ގައްދޫއަށް ވަނީ އިތުރު އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.
ދެވަނަ ލަނޑު ޖަހަން ވެސް އެހީތެރިވި މުޒްދާންގެ އެހީތެރިކަމާއިއެކު 36 ވަނަ މިނިޓްގައި އިބްރާހިމް ވަހީދު ހަސަން ވަނީ އޮޑި ސްޕޯރޓްސްގެ ތިންވަނަ ލަނޑު ޖަހާފަ އެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ގައްދޫން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މި ހާފުގައި އޮޑި ސްޕޯރޓްސްއަށް ޖެހުނީ އެންމެ ލަނޑެކެވެ.
އޮޑި ސްޕޯރޓްސްގެ ހަތަރުވަނަ ލަނޑު 74 ވަނަ މިނިޓްގައި ޖަހައިދިނީ ޓޮމިސްލަވް ޓޮޑޮރިވިކެވެ.
4-0 އިން އޮޑި ސްޕޯރޓްސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް އޮޑި ސްޕޯރޓްސް ލީގުގެ އެއްވަނަ ޖެހިލީ، މިހާރު ވެސް ހަ ޕޮއިންޓް ހޯދާފައިވާ ވިކްޓަރީ އާއި އީގަލްސް އަދި ނިއުރޭޑިއަންޓާއި ބިސްބުރު ސްޕޯރޓްސްއަށްވުރެ ފައިދާ ލަނޑު ގިނަވުމުން ނެވެ.
ލީގުގެ ދެ މެޗު މިއަދު ހަވީރު ވެސް ކުޅެމުން ދާއިރު، ހއ. ދިއްދޫގައި ކުޅޭ މެޗުގައި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި ދިއްދޫ ބައްދަލުކުރާއިރު، ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި ބައްދަލުކުރަނީ ވިކްޓަރީ ސްޕޯރޓްސް ކުލަބާއި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އެވެ.
