ބީޓްރޫޓަކީ ލޭގެ ދައުރުވުން ރަނގަޅުކުރުމަށާއި، ހިތުގެ ދުޅަހެޔޮކަމަށާއި، ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގައި މިހާރު ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ. ބީޓްރޫޓަކީ ހެނދުނު ހުސްބަނޑާ ހުރެ ބޯލުމުން ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދޭ (ޑިޓޮކްސް) ބުއިމެއްގެ ގޮތުގައި މަޝްހޫރުވެފައިވީ ނަމަވެސް، ސައިންސީ ހޯދުންތަކުން ދައްކާގޮތުގައި މީގެ ފައިދާ ގުޅިފައިވަނީ އޭގައި ހުންނަ ނިއުޓްރިއެންޓްސް ނުވަތަ ފައިދާހުރި މާއްދާތަކާއެވެ.
ބީޓްރޫޓްގައި ހިމެނޭ “ޑައިޓަރީ ނައިޓްރޭޓްސް” ހަށިގަނޑުގެ ތެރޭގައި “ނައިޓްރިކް އޮކްސައިޑް” އަށް ބަދަލުވެއެވެ. މިއީ ލޭހިނގާ ހޮޅިތައް ފުޅާކޮށްދީ، ލޭގެ ދައުރުވުން ފަސޭހަކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. 2024 ވަނަ އަހަރު “ނިއުޓްރިޝަން، މެޓަބޮލިޒަމް އެންޑް ކާޑިއޯވަސްކިއުލާ ޑިޒީޒަސް” މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ބީޓްރޫޓް ޖޫހުގެ ސަބަބުން ލޭގެ ފިއްތުން (ބްލަޑް ޕްރެޝަރު) މަތި މީހުންގެ ސިސްޓޮލިކް ބްލަޑް ޕްރެޝަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. ނަމަވެސް، މި ދިރާސާ ކުރި ފަރާތްތަކުން ފާހަގަކުރާގޮތުގައި މިކަމާ ގުޅޭގޮތުން އިތުރު ހޯދުންތައް ބޭނުންވެއެވެ.
މީގެ އިތުރުން، ކަސްރަތު ކުރުމުގައި ބީޓްރޫޓުން ކުރާ އަސަރުތައް ވެސް ވަނީ ދިރާސާކޮށްފައެވެ. އޭގައި އެކުލެވޭ ނައިޓްރޭޓްސްގެ ސަބަބުން، ވަރުބަލިކަން އިޙުސާސްނުވެ ގިނައިރު ކަސްރަތު ކުރުމަށް މަސްތަކަށް އޮކްސިޖަން ބޭނުންކުރުމުގައި އެހީތެރިވެދެއެވެ. އެހެންނަމަވެސް، މީގެ ނަތީޖާ ބިނާވަނީ އެމީހެއްގެ ދުޅަހެޔޮކަމުގެ މިންވަރާއި، ބޭނުންކުރާ މިންވަރާއި، ކުރާ ކަސްރަތުގެ ބާވަތުގެ މައްޗަށެވެ.
ބީޓްރޫޓަށް ރަތް ނުވަތަ ދަނބު ކުލަ ލިބިފައިވަނީ އޭގައި ހިމެނޭ “ބީޓަލައިން” ޕިގްމަންޓްތަކުންނެވެ. މިއީ އެންޓިއޮކްސިޑެންޓްގެ ގުނަވަންތައް އެކުލެވިގެންވާ މާއްދާތަކެކެވެ. މީގެ އިތުރުން ބީޓްރޫޓުން ފައިބަރާއި، ފޯލޭޓް އަދި އެހެނިހެން މުހިންމު ނިއުޓްރިއެންޓްސް ލިބިދޭތީ، މިއީ ސިއްޙަތަށް ފައިދާހުރި ކާނާއެކެވެ.
އެހެންނަމަވެސް، ހެނދުނު އެންމެ ފުރަތަމަ ކަމަކަށް ބީޓްރޫޓް ބޭނުންކުރުމުން ފުރަމޭ ސާފުކޮށްދޭ ކަމަށް ނުވަތަ މުޅި ދުވަހު ހަކަތަ ހުންނާނެ ކަމަށް ބުނާ ބުނުމަށް ބާރުދޭ ސައިންސީ ހެކިތަކެއް ނެތެވެ.
އިންސާނާގެ ފުރަމެއާއި ގުރުދާއަކީ ޤުދުރަތީ ގޮތުން ހަށިގަނޑުން ކުނި ބޭރުކުރުމުގެ މަސައްކަތް ކުރާ ގުނަވަންތަކެވެ. އެހެންކަމުން ބީޓްރޫޓުން ފައިދާ ހޯދުމަށް ހެނދުނު ވަކި ޚާއްސަ އުސޫލަކުން އެ ބޭނުންކުރުން މަޖުބޫރެއް ނޫނެވެ.
ބީޓްރޫޓަކީ ރޯކޮށް، ކައްކައިގެން، ފިހެގެން ނުވަތަ ޖޫސް ގިރައިގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ލޭގެ ޕްރެޝަރު ދަށްކުރާ ބޭސް ބޭނުންކުރާ ފަރާތްތަކުން، ގަދައަށް ހުންނަ ބީޓްރޫޓް ޖޫސް ބޭނުންކުރުމުގައި ސަމާލުވާންޖެހޭނެއެވެ. ސަބަބަކީ އޭގެ ސަބަބުން ލޭގެ ޕްރެޝަރު މާބޮޑަށް ދަށްވެދާނެތީއެވެ. އަދި ކިޑްނީގައި ހިލަ އުފެދޭ މީހުން ވެސް ޑޮކްޓަރެއްގެ ލަފާގެ މަތިން ބީޓްރޫޓް ބޭނުންކުރުން މަދުކުރަން ޖެހިދާނެއެވެ.
ބީޓްރޫޓަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް އެކުލެވޭ ތަރުކާރީއެކެވެ. ނަމަވެސް މިއީ ހުރިހާ ބައްޔަކަށް އޮތް ފަރުވާއެއް ނޫނެވެ. ދިގުމުއްދަތުގެ ދުޅަހެޔޮކަމަށްޓަކައި، ބީޓްރޫޓާއެކު ފައިދާހުރި ކާނާ ބޭނުންކުރުމާއި، ޤަވާއިދުން ކަސްރަތުކުރުމާއި، އެކަށީގެންވާ ނިދި ހޯދުމާއި، ސިއްޙީ އިރުޝާދުތަކަށް ތަބާވުން މުހިންމެވެ.
