“ސްކުއިޑް ގޭމް” އިން ބޮޑު މަޤުބޫލުކަމެއް ހޯދި ބަޠަލާ ޖަންގް ހޯ-ޔޮން ކުޅޭ ސައިންސް ފިކްޝަން މޮންސްޓަރ ތުރިލާ “ހޯޕް” އަންނަ 2026 ވަނަ އަހަރުގެ އޮކްޓޯބަރު 23 ގައި އިންޑިއާގެ ސިނަމާތަކުގައި ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ. މި ފިލްމުގެ އެކްޝަން މަންޒަރެއް ފުރިހަމަކުރުމަށް 18 ފަހަރު ޓޭކް ނަގަން ޖެހުނު ކަމަށް އޭނާ ހާމަކޮށްފައިވެއެވެ.
ނިއުސް 18 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޖަންގް ވަނީ ހަތިޔާރު ގެންގުޅޭނެ ގޮތާއި، ކާރު ޑްރިފްޓް ކުރުމުގެ އިތުރުން އެކްޝަންގެ އެކި ހުނަރުތައް ދަސްކޮށްފައެވެ. މިއީ އޭނާގެ ކެރިއަރުގައި ކުރިން ތަޖުރިބާކޮށްފައި ނުވާ އާ ކަންތައްތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ތަމްރީނުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ޖަންގް ބުނީ، މިއީ މި ރޯލުން އޭނާއަށް އެންމެ ފޯރިގަދަވި ކަންތައް ކަމަށެވެ. އޭނާ ބުނި ގޮތުގައި، “ބަޑި ޖަހަން ދަސްކުރުމާއި، ކާރު ޑްރިފްޓް ކުރުން ފަދަ އެކްޝަން އުކުޅުތައް ދަސްކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. ނަމަވެސް، މިއީ ކުރިން ތަޖުރިބާކޮށްފައި ނުވާ ކަންތައްތަކަކަށް ވުމުން، މިއީ އަހަންނަށް އެންމެ ޝައުޤުވެރިވި ބައެވެ.”
ފިލްމުގެ ކޮންމެ ތަފްސީލަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ޑައިރެކްޓަރު ނާ ހޮންގް-ޖިންއާއެކު މަސައްކަތް ކުރުމުގައި ވަރަށް ކެތްތެރިކަމާއި ފަރުވާތެރިކަން ބޭނުންވިއެވެ. އުނދަގޫ މަންޒަރެއްގެ ހަނދާން އާކުރަމުން ޖަންގް ބުނީ، “ޑައިރެކްޓަރު ނާ އަކީ ހުރިހާ ކަމެއް ފުރިހަމައަށް އޮންނަން ބޭނުންވާ މީހަކަށް ވުމުން، ކޮންމެ ކުޑަ ތަފްސީލަކަށް ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހުނު. ބަޑި ބޭނުންކޮށްގެން ނެގި އެއް އެކްޝަން މަންޒަރެއް ނެގުމަށް 18 ފަހަރު ތަކުރާރުކުރަން ޖެހުނު. އެހެންކަމުން އެ މަންޒަރު ނިމުނުއިރު ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި.” މިގޮތަށް ތަކުރާރުކޮށް މަންޒަރުތައް ނަގަން ޖެހުމުން، ޖިސްމާނީ ހަކަތައާއި ސަމާލުކަން އެއްވަރެއްގައި ހިފެހެއްޓުމަކީ މި ފިލްމުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
“ހޯޕް” އަކީ ނާ ހޮންގް-ޖިން ލިޔެ، ޑައިރެކްޓްކޮށް، ކޯ-ޕްރޮޑިއުސްކޮށްފައިވާ ދެކުނު ކޮރެއާގެ ސައިންސް ފިކްޝަން މޮންސްޓަރ ތުރިލާއެކެވެ. މި ފިލްމުގައި ދައްކުވައިދެނީ އެކަހެރި މައިނިންގް އަވަށެއް ކަމަށްވާ ހޯޕް ހާބާގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރި ބޭރު ދުނިޔޭގެ މަޚްލޫގުންގެ ނުރައްކަލެވެ.
އަވަށުގެ ވެރިޔާއާއި އޭނާގެ ކަޒިންއަކު ގެއްލިފައިވާ ގެރިއެއް ހޯދަން އުޅުމުގެ ތެރޭގައި، ގޮތް ނޭނގޭ މަޚްލޫޤަކު ދީފައިވާ ބޮޑެތި ގެއްލުންތަކެއް ފެނެއެވެ. މި ނުރައްކަލާ ކުރިމަތިލުމަށް އަވަށުގެ ވެރިޔާއާއި ފުލުހުންގެ އިތުރުން އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރެއެވެ. އެ މަޚްލޫޤު ބަލިކުރެވުނު ކަމަށް ހީވި ނަމަވެސް، އޭގެ ފަހުން ބޮޑު ޖައްވީ އުޅަނދެއްގައި އެ މަޚްލޫޤުންގެ ރާނީއާއި އޭނާގެ ހަނގުރާމަވެރިން، އެމީހުންގެ ގެއްލިފައިވާ ދަރި ހޯދަން އާދެއެވެ. ބިރުވެރިކަމާއި އޮޅުންބޮޅުންތަކުގެ ތެރޭގައި، އަވަށުގެ މީހުން ބޭރު ދުނިޔޭގެ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވަދެގެންދާ ގޮތް މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމު އިންޑިއާގެ ސިނަމާތަކަށް އަންނާނީ 23 އޮކްޓޯބަރު 2026 ގައެވެ. މި ފިލްމުގައި ޖަންގް ހޯ-ޔޮންގެ އިތުރުން މައިކަލް ފާސްބެންޑަރ، އެލީޝިއާ ވިކާންޑަރ އަދި ހުވަންގް ޖަންގް-މިން މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
