ރިސޯޓް ސްޕަރ ލީގު ފުޓްސަލް މުބާރާތުގައި ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް ބައްދަލުކުރި ދެވަނަ މެޗް ވެސް ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ކާމިޔާބު ކޮށްފިއެވެ. ހޯމް އެންޑް އަވޭ އުސޫލް ކުރިޔަށް މި މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗް ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގައި ކުޅެފައިވާއިރު، ދެވަނަ މެޗް ކުޅެފައި ވަނީ ނިވާ ކުރުނބާ މޯލްޑިވްސް ގައެވެ.
މި ދެ ޓީމުގެ ކުޅުނު ފުރަތަމަ މެޗް އޮޅުވެލި ކާމިޔާބު ކުރީ 2-1 އިން ނެވެ.
މުޅި މެޗްގައި ވެސް މޮޅު ކުޅުމެއް ދެއްކި އޮޅުވެލި މޯލްޑިވްސް އިން ވަނީ މި މެޗްގެ 38 ވަނަ ސިކުންތުގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ސިނާން އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ބަރޮސް މޯލްޑިވްސްއިން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް ދެން ވެސް ފެނުނީ އޮޅުވެލި މޯލްޑިވްސްގެ ލަނޑެކެވެ. ފުރަތަމަ ލަނޑު ޖެހިތާ މާގިނަ އިރެއް ނުވެ އޮޅުވެލި މޯލްޑިވްސްއަށް މި ލަނޑު ޖަހައި ދިނީ މުޙައްމަދު ވިގާމް އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި ވިގާމް ވަނީ އެމެޗްގައި ވެސް ލަނޑެއް ޖަހާފަ އެވެ.
ދެވަނަ ލަނޑަށްފަހު ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ އޮޅުވެލި މޯލްޑިވްސް އެވެ.
ފަސްވަނަ މިނެޓުގައި އޮޅުވެލި މޯލްޑިވްސްއިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހާފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ މެޗްގެ ފުރަތަމަ ލަނޑު ޖަހައިދިން އަލީ ޝިއާއު އެވެ.
ލަނޑުޖަހާނެ ފުރުސަތު ބަރޮސް މޯލްޑިވްސްއަށް ވެސް ލިބުނު މި މެޗްގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކު އެވެ.
ދެވަނަ ހާފުގައި ބަރޮސް މޯލްޑިވްސްއިން ކުޅުން ރަނގަޅުކޮށް، ހާފުގެ ކުރީކޮޅު ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި އެވެ.
ދެވަނަ ހާފުގެ ފަސްވަނަ މިނިޓްގައި ބަރޮސް މޯލްޑިވްސްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ސަލީމް އެވެ. މެޗުން މޮލުވުމަށްޓަކައި ބަރޮސް މޯލްޑިވްސްއިން މިހާފުގައި ގިނަ މަސައްކަތްތަކެއް ކުރިއިރު ލިބިފައިވާ ލީޑު ދެމެހެއްޓުމަށް އޮޅުވެލި މޯލްޑިވްސްއިން ވަނީ އިސްކަން ދީފަ އެވެ.
މެޗުގެ ފަހުކޮޅު ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ދެ ޓީމުގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ވެސް ދެއްކި މިމެޗް، ނިމުމުގެ ކުރިން އޮޅުވެލި މޯލްޑިވްސްއިން އިތުރު ދެ ލަނޑު ޖެހިއެވެ.
މެޗުގެ އިތުރު ވަގުތުގައި އޮޅުވެލި މޯލްޑިވްސްއަށް މި ދެ ލަނޑު ޖަހައިދިނީ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން މުޙައްމަދު ވިގާމް އާއި މުޙައްމަދު ޔައީޝް ވަހީދު އެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗްގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޮޅުވެލި މޯލްޑިވްސްގެ މުޙައްމަދު ވިގާމް އެވެ.
މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު ހަވީރު އެވެ. ވެލާ ޕްރައިވެޓް އައިލެންޑްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗްގައި ބައްދަލު ކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާއި ފިނޮޅު މޯލްޑިވްސް އެވެ.
