ދިވެހި ޕްރިމިއާރ ލީގު 2026/2027 މުބާރާތުގެ 22 ވަނަ މެޗުން މޮޅުވެ ވިކްޓަރީ ސްޕޯޓްސް ކްލަބް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ގައްދޫ ރެކްރިއޭޝަން ކްލަބެވެ. މި މެޗަށް ނުކުތްއިރު ވިކްޓަރީ ވަނީ އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްފަ އެވެ. ގައްދޫ ކުޅުނު 5 މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
މި މެޗަށް ނުކުތްއިރު ވެސް ލީގުގެ އެއްވަނައިގައި އޮތް ވިކްޓަރީ މި މެޗު ކާމިޔާބު ކުރީ 2-0 އިން ނެވެ.
މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކި ގައްދޫ ކޮޅަށް ވިކްޓަރީން ޖެހި ފުރަތަމަ ލަނޑު ޖެހީ މެޗުގެ 17 ވަނަ މިނިޓްގައި އަޙްމަދު ހަސަން އެވެ. ގައްދޫ އޭރިޔާގެ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލައި އަޙްމަދު ހަސަން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައި ބޯމަތިން ފަހަތަށް ގޮހެވެ.
ލަނޑު ޖަހާނެ ފުރުސަތު ގައްދޫން ވެސް ހޯދި މި މެޗުގައި ވިކްޓަރީން އެ ޓީމުގެ ލީޑު ފުޅާކުރީ 40 ވަނަ މިނިޓްގައި އަޙްމަދު މާއިސް ރަޝީދު ޖަހައިދިން ލަނޑުން ނެވެ. މި ލަނޑަކީ އަލީ ސާމިސް ގައްދޫ އޭރިޔޭތެރެއަށް ނަގައިދިން ހުރަސް މާއިސް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުގެ ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފުގައި، ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެ އެވެ.
2-0 އިން ވިކްޓަރީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ވިކްޓަރީއަށް ކުޅެމުން އަންނަ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ވިކްޓަރީއިން 13 ޕޮއިންޓް ހަމަކޮށް ލީގުގެ އެއްވަނައިގައި ހަމަޖެހިލިއިރު އެ ޓީމާއި އެންމެ ގާތުން ވާދަކުރާ ކުލަބް އީގަލްސްއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.
ލީގުގެ ކުޅުން ދެން އޮންނަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު ދިއްދޫގައި ކުޅުމަށް ހަމަޖެހިފައި މެޗުގައި ދިއްދޫ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު، ގަލޮޅު ރަސްމީ ދަނޑުގައި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބިސްބުރު ސްޕޯޓްސް ކުލަބެވެ.
