ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެވަނަ މެޗުން މޮޅުވެ ވެލާ ދެވަނައަށް ޖެހިލައިފި  
ރިސޯޓް ލީގު - އެފްބީ

ރިސޯޓް ސުޕަރ ލީގު ފުޓްސަލް މުބާރާތުގައި ބ. ޒޯންގެ ޗެމްޕިއަން ފިނޮޅު މޯލްޑިސް އާއި ނ. ޒޯންގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑް ބައްދަލުކުރި ދެވަނަ މެޗުން މޮޅުވެ ވެލާ ޕްރައިވެޓް އައިލެންޑް ލީގުގެ ދެވަނައަށް ޖެހިލައިފި އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު 3-2 އިން ކާމިޔާބު ކުރީ ފިނޮޅު މޯލްޑިވްސް އެވެ. މެޗު ޑްރޯކޮށްލައިގެން ވެސް ލީގުގެ ދެވަނަ ޔަގީންކުރުމުގެ ފުރުސަތު އޮތް ފިނޮޅާއި ދެކޮޅަށް ވެލާއިން ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މުޅި މެޗު އެ ޓީމުގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން ކުޅުނު ވެލާއިން ވަނީ މެޗު ފަށައިގެން މާ ގިނައިރެއް ލީޑު ނަގާފަ އެވެ. މެޗުގެ ދެވަނަ މިނިޓްގައި ވެލާއަށް މި ލަނޑު ޖަހައިދިނީ އިމްރާން އެވެ. އިމްރާންގެ މި ލަނޑާއިއެކު ދެ މެޗުގެ އެގްރިގޭޓް ވަނީ 3-3 އިން ހަމަހަމަވެފަ އެވެ. ނަތީޖާ ހަމަހަމަކުރުމަށް ފިނޮޅުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުނުވެ އުޅެނިކޮށް ވެލާއިން އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. ހަތްވަނަ މިނިޓްގައި ވެލާއަށް މި ލަނޑު ޖަހައިދިނީ އަޒްލީމް އެވެ.

ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔަ ފިނޮޅަށް އެއްވެސް ފުރުސަތެއް ނުދީ ކުޅެމުންދިޔަ، ވެލާއިން ދެވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ތިންވަނަ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ބޮޑުކުރި އެވެ. 8 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ އެވެ. 14 ވަނަ މިނެޓުގައި ޒާހިދު ވަނީ ވެލާގެ ހަތަރުވަނަ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި ވެސް ގިނަ ލަނޑުތަކެއް ފެނުނު މި މެޗުގެ 17 ވަނަ މިނެޓުގައި އިމްރާން ޖެހި ދެވަނަ ލަނޑާއިއެކު މެޗުގެ ނަތީޖާ 5-0 އަށް ބަދަލުވިއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަލީލް ވަނީ ވެލާއަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފިނޮޅުން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޝުއާއު އެވެ.

މިވެސް ކިޔާލަން:  އާރުސީސީ އާއި މީޑިއާނެޓް ވެސް ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ފުރަތަމަ ހާފު މި ނަތީޖާގައި ނިމުނުއިރު ދެވަނަ ހާފުގައި ވެސް ވެލާއިން ވަނީ މޮޅު ކުޅުމެއް ދައްކައި އިތުރު ލަނޑުތަކެއް ޖަހައިފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު އިމްރާން ހެޓްރިކް ފުރިހަމަ ކުރިއިރު ހާފުގެ ފަހުކޮޅު އިމްތިނާން ވަނީ ވެލާގެ އަށްވަނަ ލަނޑު ޖަހައިދީފަ އެވެ. އަދި މެޗުގެ ފަހު މިނިޓާއި އިތުރު ވަގުތުގައި އިމްރާން ވަނީ އިތުރު ދެ ލަނޑު ވެލާއަށް ޖަހައިދީފަ އެވެ.

10-1 އިން ވެލާ މޮޅުވި މި މެޗާއިއެކު ވެލާއަށް ކުރި ލިބިފައިވަނީ 12-4 ގެ އެގްރިގޭޓުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާ ޕްރައިވެޓް އައިލެންޑްގެ ކެޕްޓަން އަޙްމަދު އިމްރާން އެވެ.

މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި ދަ އެސްޓީ ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top