އަޅުގަނޑުމެން މި ދިރިއުޅެނީ ބޭނުންވާ ކޮންމެ މަޢުލޫމާތެއް އިނގިލިކުރީގެ ބާރުން ހޯދާލެވޭނެ ފަދަ ޒަމާނެއްގައެވެ. އެހެންނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް އަމަލުކުރަމުންދަނީ ކޮންމެ ސުވާލެއްގެ ޖަވާބު ހޯދުމަށް ވަކި ޚާއްސަ ރަހުމަތްތެރިއަކަށް ގުޅަންޖެހޭ ފަދަ ގޮތަކަށެވެ. ކަމެއް އޮޅުންފިލުވަން ބޭނުންވުމުން މީހަކަށް ގުޅަނީއެވެ. އާ ކެއުމެއް ތައްޔާރުކުރަން ބޭނުންވުމުން މީހަކު އެކަން ކިޔައިދެންދެން މަޑުކުރަނީއެވެ. ލިޔުމެއް ތައްޔާރުކުރަން އުނދަގޫވުމުން އެހީތެރިވާނެ މީހަކު ފެނޭތޯ އުންމީދުކުރަނީއެވެ.
މި ހުރިހާ ކަމެއް މިހެން ހުރިއިރު، އިންޓަރނެޓްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފި އޮތުމަކީ ހައިރާންވާންޖެހޭ ކަމެކެވެ.
ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެން ކަންކަން ދަސްކުރުމާއި، މައްސަލަތައް ހައްލުކުރުމާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން މެނޭޖުކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ސާޗް އިންޖީނުތަކުގެ އެހީގައި އުނދަގޫ ސުވާލުތައް ތަހުޤީޤުކުރެވޭއިރު، އޮންލައިން ޓިއުޓޯރިއަލްތަކުން އުނދަގޫ މަސައްކަތްތައް ކުރާނެ ގޮތް ދަސްކޮށްދެއެވެ. ޑިޖިޓަލް ކުތުބުޚާނާތަކުން ތަޢުލީމީ ވަސީލަތްތައް ފޯރުކޮށްދޭއިރު، ޗެޓްޖީޕީޓީ އަދި ގޫގުލް ޖެމިނައި ފަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތަކުން ކަންކަން އޮޅުންފިލުވައިދިނުމާއި، އާ ޚިޔާލުތައް ހޯދުމާއި، ބަސްކޮށާރު މުއްސަނދިކުރުމުގެ އިތުރުން ލިޔުންތެރިކަން ތަރުތީބުކުރުމަށް އެހީތެރިވެދެއެވެ.
ވަސީލަތްތައް އެހެރީ ފެންނާށެވެ. އޮތް ހަމައެކަނި ސުވާލަކީ، އެ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ ޝައުޤުވެރިކަން އަޅުގަނޑުމެންގެ ކިބައިގައި ހުރިތޯއެވެ.
ޝައްކެއްވެސް ނެތްގޮތުގައި، އިންޓަރނެޓުން މަޢުލޫމާތު ހޯދުމަކީ އޭގެ ޒާތުގައި މީހަކު ކަމުގެ މާހިރަކަށް ހަދާނެ ކަމެއް ނޫނެވެ. އިންޓަރނެޓަކީ އިތުބާރު ހިފޭ މަޢުލޫމާތުގެ އިތުރުން، ފެތުރިފައިވާ ދޮގު މަޢުލޫމާތާއި، އޮޅުވާލާފަދަ އިރުޝާދުތަކުން ފުރިގެންވާ ތަނެކެވެ. ޑިޖިޓަލް ލިޓަރަސީ ނުވަތަ ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިވުމަކީ މަޢުލޫމާތު ހޯދުމާއި، އޭގެ ސައްޙަކަން ދެނެގަތުމާއި، ތަފާތު މަސްދަރުތައް އަޅާކިޔައި، މުހިންމު ކަންކަން ކަށަވަރުކުރަން ދަތުމެވެ. އައު ކަންކަން ހޯދާބެލުމުގެ ޝައުޤުވެރިކަން މުހިންމުވާއިރު، ފާޑުކިޔުމުގެ ވިސްނުމާއެކު ކަންކަމާމެދު ފުންކޮށް ވިސްނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ކަމެއް އޮޅުންނުފިލާނަމަ، އެކަމެއް ދިރާސާކުރާށެވެ. އެއް ތަނަކުން ދީފައިވާ މަޢުލޫމާތު ސާފުނުވާނަމަ، އެހެން މަސްދަރެއް ހޯދާށެވެ. ޝައުގުވެރިވާ މައުޟޫއެއްނަމަ، އެކަމެއް އިތުރަށް ހޯދައި ބަލާށެވެ. ސުވާލުތައް ތައްޔާރުކޮށް، ބޭނުންވާ މަޢުލޫމާތު ސާފުކުރާށެވެ. ކަމެއް ނޭނގުމަކީ ލަދުވެތިވާންޖެހޭ ކަމެއް ނޫނެވެ. ހަޤީޤީ ހުރަހަކީ، ކަންކަން ދަސްކުރުމަކީ އަބަދުވެސް މީހަކު އައިސް ކިޔައިދޭންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރުމެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މި މަސައްކަތް މިހާރު ވަނީ ކުރިއަށްވުރެ ފަސޭހަވެފައެވެ. ލިޔުމެއް ތައްޔާރުކުރަން އުނދަގޫވާނަމަ، އޭއައި ބޭނުންކޮށްގެން ޚިޔާލުތައް ތަރުތީބުކޮށް، ބަސްމަގު ރީތިކުރެވިދާނެއެވެ. އުނދަގޫ މައުޟޫއެއް ދެނެގަތުމަށް ދަތިވާނަމަ، ސާދާކޮށް ކިޔައިދިނުމަށް އެދެވިދާނެއެވެ. އާ ޚިޔާލެއް ބޭނުންވާނަމަ، އޭއައިގެ އެހީގައި ތަފާތު މަޝްވަރާތައް ހޯދައި، އަމިއްލަ ބުއްދީގެ ބޭނުންކޮށްގެން އެކަން ކުރިއަށް ގެންދެވިދާނެއެވެ.
ހަނދާނުގައި ބަހައްޓަންވީ ކަމަކީ، އޭއައި އަކީ އެހީތެރިއެއް ކަމެވެ. އެއީ ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގޭ ފަރާތެއް ނޫނެވެ. އޭއައި އިން ނުބައި މަޢުލޫމާތު ދިނުމާއި، ހަޤީޤަތާ ޚިލާފު ކަންކަން ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ތިޔަބޭފުޅާގެ އަމިއްލަ ވިސްނުމާއި، ކަންކަން ކަށަވަރުކުރުމާއި، ޒިންމާދާރުކަން އިސްކުރުން ނުހަނު މުހިންމެވެ. މި ވަސީލަތްތައް ބުއްދިވެރިކަމާއެކު ބޭނުންކޮށްފިނަމަ، އިންސާނާގެ ވިސްނުމުގެ ބާރުގެ ބަދަލުގައި، މަސައްކަތުގެ ދުވެލި ހަލުވިކޮށްދޭނެއެވެ.
މި އުސޫލަކީ ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައިވެސް ހިފަންޖެހޭ އުސޫލެކެވެ. ވީޑިއޯ ޓިއުޓޯރިއަލްތަކުގެ އެހީގައި އާ ކާނާ ތައްޔާރުކުރަން ދަސްކުރެވިދާނެއެވެ. އޮންލައިން ވަސީލަތްތަކުން އާ ހުނަރުތައް ދަސްކުރެވިދާނެއެވެ. އަދި ޑިޖިޓަލް ކަލަންޑަރުތަކާއި ހަނދާންކޮށްދޭ އެލާމްތަކުގެ އެހީގައި، މުހިންމު ބައްދަލުވުންތަކާއި ސުންގަޑިތައް ހަނދާންނެތުމުގެ މައްސަލައަށް ހައްލު ހޯދިދާނެއެވެ.
އެހެންނަމަވެސް، އަމިއްލައަށް ކަންކަން ކުރުމުގެ މާނައަކީ އެހެން މީހުންގެ އެހީތެރިކަމަށް އިންކާރުކުރުމެއް ނޫނެވެ. މުދައްރިސުންނާއި، ޑޮކްޓަރުންނާއި، ފަންނީ މާހިރުންގެ ބޭނުން އަދިވެސް ނުހަނު ބޮޑެވެ. ޚާއްސަކޮށް ފަންނީ މަޢުލޫމާތާއި ބުއްދިވެރި ނިންމުންތައް ބޭނުންވާ ހާލަތްތަކުގައި އެފަރާތްތަކުގެ އެހީތެރިކަން ހޯދުމަކީ ބަލިކަށިކަމެއް ނޫނެވެ. މަޤުސަދަކީ މައްސަލަތައް ދެނެގަނެ، އަމިއްލައަށް އުނގެނެވެން އޮތް މިންވަރަކަށް އުނގެނުމަށްފަހު، ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަން ހޯދުމަށް އިސްކަންދޭ މީހަކަށް ވުމެވެ.
ޓެކްނޮލޮޖީ އާއި އިންޓަރނެޓްގެ ވަސީލަތްތައް އެންމެންނަށް އެއްވަރަކަށް ލިބިފައި ނުވި ނަމަވެސް، މި ވަސީލަތްތައް ލިބެން ހުރި ފަރާތްތަކުން އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަކީ މުހިންމު ކަމެކެވެ. “މިކަން ކުރާކަށް އަހަންނަކަށް ނޭނގެ” އޭ ބުނުމުގެ ބަދަލުގައި، “މިކަން ކުރަން ދަސްކުރެވޭނީ ކިހިނެއް؟” މި ސުވާލު އުފެއްދުމަކީ މާ ފައިދާހުރި ކަމެކެވެ.
ވިސްނުމަށް ގެނެވޭ މި ކުޑަކުޑަ ބަދަލުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، އުމުރަށް އުނގެނުމުގެ ރޫޙު އާލާވެ، އެހެން މީހުންނަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެއެވެ.
ޓެކްނޮލޮޖީގެ ސަބަބުން ތަޢުލީމީ ދާއިރާއަށާއި މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، އެ ބަދަލުތަކާ ފައިހަމަކުރުމަކީ ކޮންމެ އާ ކަމެއްގެ ފަހަތުން ކަނުކޮށް ދިއުމެއް ނޫނެވެ. އަދި ހުރިހާ ވިސްނުމެއް މެޝިންތަކަށް ދޫކޮށްލުމެއްވެސް ނޫނެވެ. އޭގެ މާނައަކީ އައު ކަންކަން ހޯދައި ބެލުމުގެ ޝައުޤުވެރިކަން ދެމެހެއްޓުމާއި، ބޭނުންތެރި ހުނަރުތައް އުނގެނުމާއި، މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމާއި، ކަންކަން ކުރުމަށް މިއަށްވުރެ ރަނގަޅު ގޮތްތައް ފެންނަން ހުރިނަމަ އެގޮތްތަކަށް ހޭނުމެވެ.
ކަމެއް ނުވާނެ ކަމަށް ނިންމުމުގެ ކުރިން، އޭގެ ހައްލެއް ހޯދާށެވެ. ހުރިހާ ކަމެއް މީހަކު ކޮށްދޭން އެދުމުގެ ކުރިން، އޭގެ އަސާސީ ކަންކަން އަމިއްލައަށް ދަސްކުރެވޭތޯ ބަލާށެވެ. އަދި އެހީއަކަށް ބޭނުންވާ ހިނދު، އެކަމާ ބެހޭ ސާފު ވިސްނުމަކާއި ރަނގަޅު ސުވާލުތަކަކާއެކު އެހީއަށް އެދޭށެވެ.
ބުރަ މަސައްކަތުގެ ބަދަލުގައި ބުއްދިވެރިކަމާއެކު މަސައްކަތްކުރާށެވެ. ނިކަމެތިކަމުގެ ބަދަލުގައި ކަންކަން ހޯދައިބެލުމުގެ ޝައުޤުވެރިކަން އިސްކުރާށެވެ. ޓެކްނޮލޮޖީގެ ބޭނުން ހިފާއިރު، އަމިއްލަ ބުއްދި ސިކުނޑީގައި ހޭލައްވާފައި ބަހައްޓާށެވެ.
މަޢުލޫމާތު ހޯދުން ފަސޭހަވަމުންދާ މި ޒަމާނުގައި، ޖަވާބުތައް ހިތުދަސްކުރުމާ އެއްވަރަށް، މަޢުލޫމާތު ހޯދާނެ ގޮތާއި، އޭގެ ސައްޙަކަން ވަޒަންކުރާނެ ގޮތާއި، އަދި އެ މަޢުލޫމާތެއް އަމަލީ ގޮތުން ބޭނުންކުރާނެ ގޮތް ދަތުމަކީ ނުހަނު އަގުހުރި ކަމެކެވެ.
