ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ނޭދެމޭ ވަކިވުމެއް… – ފުރަތަމަ ބައި
މުނިއަވަސް ގްރެފިކްސް

ގިނަ ބަޔަކަށް ކުއްލި ސިހުމެއް ގެނުވި އެ ޚަބަރާއިއެކު ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތަކުން ބޮޑު ޖާގައެއް އެ ވާހަކަތައް ހޯދި އެވެ. އެއް ބަޔަކަށް އެވާހަކަތައް ޤަބޫލު ނުކުރެވުނުއިރު، އަނެއް ބަޔަކު ތިބީ ސުވާލުތަކެއްގެ ތެރޭގަ އެވެ. އެކި މީހުން އެކިގޮތަށް އެވާހަކަތައް ދެއްކިއިރު، އެ ނިންމުމަށް ތަޢުރީފު ކުރި ބަޔަކު ވެސް ތިއްބެވެ. އިބާދުގެ އެ ނިންމުން ބަލައިގަނެ އޭނާއަށް ހިތްވަރުދީ ހެޔޮދުޢާ ކޮށްދިން ބަޔަކު ވެސް ތިއްބެވެ.

“އެ ސޮރާއި އިންނަން އެ މަންޖެ އެއްބަސްވީ ވިޔަފާރީގެ ސާޅީސް އިންސައްތަ ދޭ ގޮތަށޯ.” ޚަބަރު ބަލަން އިން ހާއިމާ ބުނީ އޭނާއަށް އިވުނު އަޑުގެ ވާހަކަ އެވެ.

“އާނ. އެހެންނު ވާނީ.. އެއީ ހަކުރާއި ތެލަށް ގޮސް ހުސްވެފައި ހުންނަ ސޮރެކޭ. އެވަރުގެ މީހަކާ ކާކު ގާތްވާނީ. މަގޭ ދަރިއަކު އެ ކަހަލަ މީހަކާއި އިންނަން ކީއްކުރަން ވާހަކަ ދައްކަން ވެސް މަ ޤަބޫލެއް ނުވާނަން.” ހާއިމާގެ ވާހަކައިގައި ގުލޭމާ ބައިވެރިވި އެވެ.

“އާނ.. އެކަމު އެންމެނެއް އެހެނެއް ނުބަލާނެ. ގައިމު އެ މަންޖެގެ މައިންބަފައިން ވެސް ޤަބޫލުވީމައެއްނު އެކަން އެ ކުރަނީ. ފައިސާ ބޭނުންވިޔަސް އެވަރުގެ މީހަކާ ދަރިއަކު ދެވާކަށް ނުވާނެ ދޯ؟” އަނެއްކާ ވެސް ހައިމާ ބައެއް އިތުރުކޮށްލި އެވެ.

ރާއްޖޭގައި އެންމެ ނަން ހިނގާ ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ، ވަކަރު އިންވެސްޓްމެންޓްގެ ސާޅީސް އިންސައްތަ ހިއްސާ އޭނާއަށް ބަދަލުކުރިކަން ރަސްމީކޮށް އިޢުލާން ކުރުމާއިއެކު ސުވައިލާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ. ލިބުނު އުފަލާއިއެކު ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި އެތައް އިރަކު ހުރެވުނެވެ. އަދިވެސް އޭނާއަކަށް އެވާހަކަތައް ޤަބޫލެއް ނުކުރެވެއެވެ.

ސުމީތާ ހުރީ ސުވައިލާގެ އަތުގައި ހިފާލައިގެން ނެވެ. ސުވައިލާއަށް ހިތްވަރާއި ނަސޭހަތްދީ އޭނާ ހަމައަކަށް އަޅުވަން މަސައްކަތްކުރި ސުމީތާގެ ކިބައިން ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ. ލިބުނު ކާމިޔާބީގެ ހިނިތުންވުމެވެ.

އޭނާއާ ދިމާއަށް އައި އަނާން ފެނުމާއިއެކު، ހިނިތުންވެލެވޭތޯ ސުވައިލާ މަސައްކަތް ކުރި އެވެ. ސުވައިލާގެ ޚިޔާލުތައް މީގެ މަސްތަކެއް ކުރިޔަށް ގެންގޮސްލީ ކުއްލިއަކަށް ނޫނެވެ.

ޒަމާނާއި ގުޅޭ ކަހަލަ ގަޔަށް ބާރު އަތްދިގު ޓީޝާޓަކާއި ޖިންސެއް ލައިގެން ހުރިއިރު، އެ ހަށިގަނޑުގެ ފުރިހަމަކަމާއި ބައްޓަމުގެ ޗާލުކަން، ވަނާތަކާއި ހަށިގަނޑުގެ އެކުލެވުން ކިހާ ގުޅޭކަން ކިތަންމެހާ ވެސް ރަނގަޅަކަށް އެނގެން ހުއްޓެވެ. ފަންކަން އެލުވެލިފައިވާ ކަޅުކުލަގަދަ ދިގު އިސްތަށިގަނޑެކެވެ. ޖަންބުކުލައިގެ ކޯތާފަތެކެވެ. ކޮށްފައިވާ ފުރިހަމަ މޭކަޕާއިއެކު މޫނަށް ހެޔޮވަރުގެ އައިނެއް އަޅާލާފައި ހުރުމުން، އެ މޫނުމަތީގެ ފުރިހަމަކަން އިތުރުވެފައިވެއެވެ.

އަނާންއަށް އެ އަންހެން ކުއްޖާ ފެނުނީ ސަލްޓަން ޕާކާއި ސީއެޗްއެސްއީއާ ދެމެދުން ސަލްޓަން ޕާކާއި ދިމާއަށް އަންނަނިކޮށެވެ.

ފުރަތަމަ ނަޒަރުން އަނާންގެ ހިތުގައި އެ ސޫރަ ބިންވަޅު ނެގުނެވެ. އެހެން ހުރިހާ ކަމެއް ހަނދާން ނެތުނެވެ. ކުރާނެ ހަރަކާތެއް ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައި ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއް ވެސް ނޭނގުނެވެ.

މިވެސް ކިޔާލަން:  އަނދިރީގެ ތެރޭން - ފުރަތަމަ ބައި (މިނީ ސީރީޒް)

“ކިހިނެއްވީ؟ އަލަށްތަ އަންހެން ކުއްޖެއް ފެނުނީ؟” އަނާން ސިއްސައިގެން ދިޔައީ ކައިރީގައި ހުރި މުހީތުގެ އަޑަށެވެ.

“ލިބޭނެނަމަ..” އަނާންގެ ބަސް ހުއްޓުނެވެ. އަނާންއާ ދިމާއަށް އެ އަންހެން ކުއްޖާ ބަލާލީ އެވަގުތު އެވެ. ހިނިތުންވެލުމާއިއެކު އެ މޫނުމައްޗަށް އިތުރު ފުރިހަމަކަމެއް ގެނުވި އެވެ.

“އޭތް! ކޮން ނަމެއްތަ ކިޔަނީ؟” އަތުގައި އޮތް ސިނގިރޭޓް މަގުމައްޗަށް ވައްޓާލަމުން އެ އަންހެންކުއްޖާއާ ދިމާއަށް އަނާން ހިނގައިގަތެވެ.

“ފައިވް ހަންޑްރެޑް ރުފިޔާ ދެވިދާނެތަ؟” އަނާން ދިޔައީ ސިއްސައިގެން ނެވެ. ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ އެދުނީ އަނާން ހީވެސް ނުކުރާ ކަހަލަ ކަމަކު އެވެ.

އަނާންއަކަށް އެކަމެއް ނުވި އެވެ. ކައިރީގައި ތިބި ދެ ރައްޓެހިންނަށް ބަލާލިއިރު، އެމީހުނަށް ވެސް އެކަން ވާކަށް ނެތެވެ.

“ތީ ވާވަރަކީ.. އަންހެނަކު ފެންނައިރަށް ކަޅިހުއްޓޭ. ވާހަކަ ދައްކަން ޖެހޭ.. އަދި އެވަރުން ނުވެގެން..” ވާހަކަ ދައްކަމުން ދައްކަމުން އެ އަންހެން ކުއްޖާ ބަލާލީ ޕާކާއި ދިމާއަށެވެ. އެއަށްފަހު، އަތުގައި އޮތް ގަޑިއަށް ވެސް ބަލާލި އެވެ.

“ތިރީހަކަށް މިނިޓް ފަހުން އަޞްރު ނަމާދަށް ބަންޤި ގޮވާނެ. ޖަމާއަތުގަ ނަމާދު ކޮށްލެވޭނެތަ؟” އަންހެން ކުއްޖާ އޭނާގެ ދެވަނަ އެދުން ވެސް ހާމަކުރި އެވެ. އަނާން ބަލާލީ ކައިރީގައި ތިބި ދެ އެކުވެރިންނަށެވެ. އެމީހުން ކިބައިން ފެނުނީ ހިތްހަމަނުޖެހުމެވެ. ނުވަތަ އެ ހުށަހެޅުމަށް އެމީހުން ސަމާލުކަން ނެތްކަމެވެ. އަތުގައި އޮތް ސިނގިރޭޓް ދަމާލައި ވައިގެ ތެރެއަށް ދުންތައް ދޫކޮށްލަމުން އެ މީހުންގެ ކޫލްކަން ވެސް ދައްކާލި އެވެ.

އަންހެން ކުއްޖާ ހިނގައިގަތެވެ. އެމީހުނަށް އެއްވެސް ސަމާލުކަމެއް ނުދީ އޭނާ ދިޔަގޮތަށް ގޮސް ވަނީ ޕާކަށެވެ. ޕާކުތެރެއިން ލާފައި ގޮސް އަނެއް މަގަށް ނުކުތް އެ އަންހެންކުއްޖާ ވަނީ ޤައުމީ ކުތުބުހާނާއަށެވެ.

“ހާދަ ކަޓު ގޮލައެކޭ ދޯ؟ އެވަރު މީހެއް ފެނިގެން ކަލޭ ތިޔަ ކަޅި ހުއްޓުނީ. ޗީޗީ.. މިފަދަ ޒަމާނެއްގަ ކާކު އެވަރުގެ ކަމަކާ އުޅޭނީ. މަ ނަމަ ވައި ވެސް ނޭޅޭނަން. އަނެއްހެން ބަލާއިރު.. ހޮޓް ގޮތެއް ވެސް ހުރީކީ ނޫން ވިއްޔަ.” މުހީތުގެ ކިބައިން ފާޅުވީ މަލާމާތެވެ. އެކަމުގައި އަދީބު ވެސް ބައިވެރިވި އެވެ.

ޕާކާއި ދިމާއަށް އަނާން ހިނގައިގަތެވެ. މުހީތު އާއި އަދީބު އޭނާއަށް ގޮވި އެވެ. މަޑުކުރުމަށް އެދުނެވެ. އެއީ ސަމާސާކަމަށް ވެސް އެތައް ފަހަރަކު ބުންޏެވެ. އަނާން އެކަމަށް ސަމާލުކަމެއް ނުދިނެވެ.

ޕާކުތެރެއަށް ވަދެގެން ދިޔަގޮތަށް އަނެއް ފަރާތަށް ނުކުތް އަނާން ވަނީ ޤައުމީ ކުތުބުހާނާއަށެވެ.

ތަނުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މީހުން ތިބި ނަމަވެސް އެއްވެސް މީހަކު ވާހަކައެއް ނުދައްކަ އެވެ. ކޮންމެ މީހަކު ކޮންމެވެސް ފޮތެއް ހިފައިގެން އިންއިރު، އެއްބަޔަކު އެ ފޮތް ކިޔަނީ އެވެ. އަނެއް ބަޔަކު ފޮތް ބަލައިގެން ކޮންމެވެސް މަޢުލޫމާތެއް ހޯދައި އެހެން ފޮތެއްގައި ރައްކާކުރަނީ އެވެ. ބޭނުންވާ މަޢުލޫމާތު ހޯދައި ފޯނުން ފޮޓޯ ނަގާ މީހުން ވެސް ތިއްބެވެ.

މިވެސް ކިޔާލަން:  ފަރުދާ - ފުރަތަމަ ބައި

އަނާނަށް އެ އަންހެން ކުއްޖާ ފެނުނީ ތަންކޮޅެއް ދުރުން ނެވެ. އޭރު އޭނާ ހުރީ ރެކެއް ކައިރީ ފޮތެއް ބަލާށެވެ. އަތުގައި އޮތް ފޯނަށް ވެސް އިރުކޮޅަކުން ބަލާލަ އެވެ. ހޯދަން އުޅޭ ފޮތާއި ގުޅޭ މުހިންމު މަޢުލޫމާތެއް ފޯނުގައި ހުރީ ކަމަށް ވެސް ވެދާނެ އެވެ.

“އައްސަލާމް ޢަލައިކުމް! ކޮންކަހަލަ ފޮތެއް ތޯ ތި ހޯއްދަވަނީ؟” ވަރަށް ކައިރިން، އެހެނަސް ފަހަތުން އަންހެން ކުއްޖެއްގެ އަޑު އިވުނެވެ. އަވަސްއަވަހަށް އެނބުރިލަމުން ފަހަތް ބަލާލިއިރު، ޒުވާންފުރައިގެ އަންހެން ކުއްޖަކު އެތަނުގައި ހުއްޓެވެ.

އަނާން އިޚްތިޔާރުކުރީ އެންމެ ކުރު އަދި އެންމެ ފަސޭހަ މަގެވެ. ފޮތެއްގެ ވާހަކަ ބުނުމުން، އެކަން އެންމެ ފަސޭހައިން ވާނެ މަގު އޭނާ ދައްކައިދިނެވެ. ފެނުނު ހިތްހެޔޮކަމާއި ވީ އެހީތެރިކަމަށް ޝުކުރު އަދާކުރަމުން އަނާން އޭނާގެ މަޤުސަދާއި ދިމާއަށް އެނބުރުނެވެ.

އެ އަންހެން ކުއްޖާ ފޮތްތަކެއް ހިފައިގެން ގޮސް މޭޒެއް ކައިރީ އިށީނުމުން އަނާން ވެސް ފޮތެއް ނަގައިގެން ގޮސް އެ މޭޒު ކައިރީ، އޭނާގެ ކުރިމައްޗަށް ވާގޮތަށް އިށީނެވެ. ފޮތަށް ބަލާކަމަށް ހެދިގެން އިނަސް އަނާންގެ ހުރިހާ ސަމާލުކަމެއް ހުރީ އެ އަންހެންކުއްޖާއަށެވެ. އެއިން އެއްވެސް ކަމަކަށް، އެއްވެސް ސަމާލުކަމެއް ނުދިން އެ އަންހެންކުއްޖާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުރީ އޭނާގެ އަތުގައި އޮތް ފޮތަށާއި ނޯޓްތައް ލިޔަމުންދިޔަ ފޮތަށެވެ.

“އަތް ވާޅެއް ވެސް ނުވޭތަ؟” އެ އަންހެން ކުއްޖާއާ ދިމާއަށް ބަލާލަމުން އަނާން ކުރި ސުވާލަށް އޭނާ ޖަވާބެއް ނުދިނެވެ. އެކަމަށް ސަމާލުކަމެއް ވެސް ނުދިނެވެ.

ކުރަން އައި މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބެނީސް އަނާން ފޫހިވެއްޖެ އެވެ. އެތަނުގައި ދެން މާގިނައިރު ނީނދެވޭނެ އެވެ. ޖެހޭނީ ބޭރަށް ނުކުންނާށެވެ.

“ދާންވީނު ކޮފީއެއް ބޯލަން.” މޭޒުކައިރިން ތެދުވަމުން އަނާން ދަޢުވަތު ދިނެވެ.

ކުރިން ވާހަކަ ނުދެއްކި ނަމަވެސް މިފަހަރު ވާހަކަ ދައްކާނެ ކަމަށް އަނާން އުންމީދު ކުރި އެވެ. އެހެނަސް އޭނާ މިފަހަރު ވެސް ސަމާލުކަމެއް ނުދިނެވެ. އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔަ އެވެ. އެ މަސައްކަތް އޭނާއަށް އެހާ ވެސް މުހިންމީ ކަންނޭނގެ އެވެ.

އަނާން ތެދުވަން އުޅުނު ވަގުތު އެ އަންހެންކުއްޖާ އޭނާއަށް ބަލާލި އެވެ. އަދި އެހާމެ އަވަހަށް އިސްޖެހި އެވެ. އޭނާގެ މަސައްކަތާއި ދިމާއަށް އެނބުރުނީ ވެސް އެހާމެ އަވަހަށެވެ.

“އަޞްރު ނަމާދު ކޮށްލައިގެން ސަޔަށް ދޯ ދާނީ؟” އަނާން ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް އޭނާއާ ވާހަކަ ދައްކާށެވެ. އެކަމު މި ފަހަރު ވެސް އެކަން ކާމިޔާބެއް ނުވި އެވެ.

މިވެސް ކިޔާލަން:  ކަރުދާހުގެ ގަނޑުވަރު – ތިންވަނަ ބައި

އަޞްރު ނަމާދަށް ބަންޤި ގޮވުމާއިއެކު އެ އަންހެން ކުއްޖާ ޤައުމީ ކުތުބުހާނާއިން ނުކުތެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް އަނާން ވެސް ނުކުތެވެ. އަންހެންކުއްޖާ މިސްރާބު ޖެހީ އިސްލާމީ މަރުކަޒަށް ވަދެ ނަމާދު ކުރާށެވެ. މިއިން ދުވަހަކު ވެސް މިސްކިތަށް އަރާފައިނުވާ އަނާން ވެސް އޭނާގެ ފަހަތުން އިސްލާމީ މަރުކަޒަށް ވަނެވެ.

ނަމާދުކޮށްގެން އަނާން ނުކުތްއިރު އެ އަންހެންކުއްޖާ ފެންނާކަށް ނެތެވެ. މަގަށް ނުކުމެ ބަލާލިއިރު، މަގުމަތީގައި ވެސް ނެތެވެ. އެކަމުގެ ސަބަބުން ކޮންމެ ވެސް ވަރަކަށް ހިތްހަމަނުޖެހުނު ނަމަވެސް އަނާން މަޑުކޮށްލި އެވެ. އަންހެންކުއްޖާ މިސްކިތުން ނުކުތީ އިރުކޮޅެއް ފަހުން ނެވެ.

“ހަތަރެއް ޖަހަންވާއިރަށް ޑިއުޓީއަށް ދާން ޖެހޭ. ސައިކެއް ނެތްތަ؟” އަނާނަށްވުރެ ކުރިން އެ އަންހެންކުއްޖާ ވާހަކަ ދެއްކި އެވެ. އޭނާ އެދުނު ކަންތައް ކޮށްދޭން އަނާން ކިތަންމެ ބޭނުންވިޔަސް އެކަން ވާކަށް ނެތެވެ. އޭނާގެ އަތުގައި ސައިކަލެއް ނެތެވެ.

“ނެތް ދޯ؟ އަޅާނުލާ.” އަންހެންކުއްޖާ އަވަސްއަވަހަށް ގޮސް ޗާންދަނީމަގަށް ނުކުތެވެ. އަދި އަނާނަށް މާބޮޑު ސަމާލުކަމެއް ނުދީ ޓެކްސީއަކަށް އަރައިގެން ނައްޓާލި އެވެ. ގަޑި ޖެހުމުގެ ކުރިން ޑިއުޓީއަށް ދިއުން އޭނާއަށް އެހާ ވެސް މުހިންމެވެ.

ކަންތައްތައް ދިމާވި ގޮތުން އަނާންގެ ވިސްނުމަށް ބޮޑު ބަދަލެއް އައެވެ. އަންހެންކުއްޖަކާމެދު ދުވަހަކު ވެސް ނުވިސްނާ ވަރަށް އޭނާއާމެދު ވިސްނުނެވެ. އެއީ ކާކުތޯ ބަލަން ބޭނުންވި އެވެ. ބައްދަލުކޮށްލަން ހިތް އެދުނެވެ.

އިންތިޒާރެއް ކުރާނަމަ ވަގުތަކީ ދިގު އެއްޗެކެވެ. ސިކުންތެއް އެއީ ގަޑިއެއްގެ އިރު ކަމުގައި ވެސް ބައެއް ފަހަރު ހީވެ އެވެ. އެއަށްވުރެ ގިނައިރު ކަމުގައި ވެސް ހީވެދާނެ އެވެ. އަނާން ހުރީ ވަގުތުގެ ދައުރުވުން ލަސްވެ ހިތާހިތާ ޝަކުވާ ކޮށްލަކޮށްލަ އެވެ.

ޖެހިގެން އައި ދުވަހުގެ އެ ގަޑިއަށް އެތަނަށް އަނާން ދިޔައީ އެންމެ ބޭނުމަކު އެވެ. އެއީ އެ އަންހެންކުއްޖާއާ ބައްދަލުކުރުމެވެ. އަނާނަށް ޤަބޫލުކުރެވުނު ގޮތުގައި އެ އަންހެންކުއްޖާ ލައިބްރަރީއަށް އަންނާނީ މެންދުރުފަހު އެވެ. އެންމެ ފަސޭހައިން އޭނާއާ ބައްދަލުވާނެ ގޮތަކީ އެއީ އެވެ.

މުޅި ހިސާބު ބަލައިގެން ވެސް އެ އަންހެންކުއްޖާއެއް ނުފެނުނެވެ.

އަނާން ލައިބްރަރީއަށް ވަނީ އެތަނުގައި އެ އަންހެންކުއްޖާ އިނދެދާނެކަމަށް ބަލައިގެން ނެވެ. މުޅި ތަން ބެލުނުއިރު ވެސް އޭނާއެއް ނުފެނުނެވެ. އަޅުން ކުރާނީ މަސައްކަތެވެ. ކާމިޔާބު ދެއްވާނީ އެހެން ފަރާތަކުން ނެވެ. އަނާންގެ ހިތް ބުނަނީ އޭނާ އަންނާނެ ކަމަށެވެ. ފޮތެއް ހިފައިގެން އައިސް މޭޒެއް ކައިރީ އިށީން އަނާންގެ ލޮލުގެ އަމާޒަކީ އެތަނަށް ވަންނަން ހުންނަ ދޮރެވެ. އެތަނަށް އޭނާ ވަދެއްޖެނަމަ އަނާނަށް ފެންނާނެ އެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top