ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އީގަލްސް ލަދުގަންނަވާލައި ނިއު ދެވަނައަށް ޖެހިލައިފި
ދިވެހި ޕްރިމިއާރ ލީގު -އެފްބީ-

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގެ 26 ވަނަ މެޗު ފަސޭހަކަމާއި ކާމިޔާބުކޮށް ލީގުގެ ދެވަނައަށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް ޖެހިލައިފި އެވެ. ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މި މެޗުގައި ނިއުރޭޑިއަންޓާއި ބައްދަލުކުރީ ކުލަބް އީގަލްސް އެވެ.

މި މެޗަކީ ލީގުގައި އީގަލްސް ކުޅޭ ހަވަނަ މެޗު ނަމަވެސް ނިއުރޭޑިއަންޓް ކުޅޭ ފަސްވަނަ މެޗެވެ. މި މެޗާއި ހަމައަށް ލީގުގެ ދެވަނައިގައި އޮތް އީގަލްސް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފައިވާއިރު، އަނެއް ދެ މެޗު ނިމިފައިވަނީ އެއްވަރުވެގެން ނެވެ. ނިއުރޭޑިއަންޓް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައިވާއިރު، އަނެއް ދެ މެޗު ނިމިފައިވަނީ އެއްވަރުވެގެން ނެވެ.

މުޅި ހާފުގައި ވެސް މޮޅު ކުޅުމެއް ދެއްކި ނިއުރޭޑިއަންޓުން ވަނީ އަށްވަނަ މިނިޓްގައި ލީޑު ނަގާފަ އެވެ. އަލީ ފާސިރު ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޮރިއެލްޓަން ގޯމޭޒް ނަޝިމެންޓޯސް އެވެ. ނަތީޖާ ހަމަހަމަކުރުމަށްޓަކައި މަސައްކަތްކުރަމުންދިޔަ އީގަލްސްއަށް ރަނގަޅު ފުރުސަތެއް ނުލިބި އުޅެނިކޮށް ނިއުރޭޑިއަންޓުން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. އީގަލްސްގެ އޭރިޔާ ތެރެއިން އީގަލްސްގެ ކުޅުންތެރިއަކު ޢަލީ އަޝްފާޤް (ދަގަނޑޭ) އަށް ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ނިއުރޭޑިއަންޓަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފަހިކުރި ނިއުރޭޑިއަންޓުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ތިންވަނަ ލަނޑު ވެސް ޖެހިއެވެ. ޢަލީ އަޝްފާޤް (ދަނގަޑޭ) އީގަލްސްގެ ގޯލު ކުރިމައްޗަށް މަތިމަތިން ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި ނިއުރޭޑިއަންޓަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޑޮރިއެލްޓަން ގޯމޭޒް ނަޝިމެންޓޯސް އެވެ. މި ލަނޑާއިއެކު ލީގުގައި މިވަގުތު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ޑޮރިއެލްޓަން ގޯމޭޒް ނަޝިމެންޓޯސް ވަނީ ޖެހިލާފަ އެވެ.

މިވެސް ކިޔާލަން:  ސާޖީނިއޯ ޑެސްޓް ނެދަލޭންޑްސްގެ ފުޓްބޯޅަ ޓީމަށް ނޫނެކޭ ބުނެފި

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ނިއުރޭޑިއަންޓެވެ. ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ އިބްރާހީމް މައިޝާން ވަނީ ނިއުރޭޑިއަންޓަށް އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފަ އެވެ. އަމިއްލަ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި އީގަލްސްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އަލީ ފާސިރު ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދެ ދަނޑީގައި ދެފަހަރު ޖެހިފައި ވަތް ލަނޑާއިއެކު ނިއުރޭޑިއަންޓުން ނަތީޖާ 5-0 އަށް ބަދަލުކޮށްލި އެވެ. ނިއުރޭޑިއަންޓްގެ އަބްދުލްލައި ބިލިޓީ 77 ވަނަ މިނިޓްގައި އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިދިންއިރު އެ ޓީމުގެ ހަތްވަނަ ލަނޑު 88 ވަނަ މިނިޓްގައި ޖަހައިދިނީ ހަސަން ރާއިފް އެވެ. މި މެޗުގައި އީގަލްސްއިން ޖެހި ލަނޑު ޖެހީ އާމިރު ސޮއެބް އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 11 ޕޮއިންޓް ހަމަކޮށް ނިއުރޭޑިއަންޓް ލީގުގެ ދެވަނައަށް ޖެހިލީ އީގަލްސްއާ އެއްވަރަށް ޕޮއިންޓް ހޯދައި ފައިދާ ގޯލުގެ ތަފާތުން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އެވެ.

ލީގުގެ މިރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ވިކްޓަރީ ސްޕޯރޓްސް ކުލަބާއި އޮޑި ސްޕޯރޓްސް ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top