އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރްޝަންގެ ކުރިއަށް އޮތް ކޮމެޑީ ފިލްމުން، މަޤުބޫލު ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ބޫމީ ޕެޑްނޭކަރް އަނެއްކާވެސް އެކުގައި ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ މި ދެ ތަރިން އެކުގައި މަސައްކަތްކުރާ ތިންވަނަ ފިލްމެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގައި ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ޑައިރެކްޓަރު ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ 99 ވަނަ ފިލްމެވެ. އަކްޝޭ އަދި ބޫމީ އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ 2022 ވަނަ އަހަރު ނުކުތް އާއިލީ ފިލްމު “ރަކްޝާ ބަންދަން” އިންނެވެ. އޭގެ ކުރިން މި ދެ ތަރިން އެންމެ ފުރަތަމަ އެކުގައި މަސައްކަތްކޮށްފައިވަނީ 2017 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު “ޓޮއިލެޓް: އޭކް ޕްރޭމް ކަތާ” ގައެވެ.
ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަދި ނަން ހާމަކޮށްފައިނުވާ މި ފިލްމަކީ 1970 ގެ އަހަރުތަކުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ކޮމެޑީ ފިލްމެކެވެ. އަދި މި ފިލްމުގައި އަކްޝޭ ކުޅޭނީ މިނިކާވަގު ހިފާ މީހެއްގެ (ޓައިގަރ ހަންޓަރެއްގެ) ރޯލެވެ. ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާޖަސްތާނާއި މުމްބާއީގައެވެ. މީގެ އިތުރުން ބޯޕާލްގައިވެސް ޝޫޓިންގތަކެއް ކުރިއަށް ގެންދިއުމަށް ދަނީ ވިސްނަމުންނެވެ. ތިން މަސްދުވަހުގެ ތާވަލަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގައި މަޝްހޫރު އެކްޓަރުން ކަމަށްވާ އައްނޫ ކަޕޫރާއި ރާޖްޕާލް ޔާދަވްވެސް ބައިވެރިވާނެކަމަށް ވަނީ ޚަބަރު ލިބިފައެވެ.
ބޫމީ ޕެޑްނޭކަރް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ “މޭރޭ ހަޒްބަންޑް ކީ ބީވީ” އިންނެވެ. އަދި މި އަހަރުގެ ކުރީކޮޅު ނުކުތް އޭނާގެ ސީރީޒް “ދަލްދަލް” ގައި ދެއްކި މޮޅު އެކްޓިންގއަށް ގިނަ ބައެއްގެ ތަޢުރީފު ވަނީ ލިބިފައެވެ. މަސައްކަތުގެ އިތުރުން، ބޫމީ ވަނީ ދާދިފަހުން އިންޑިއާގެ މަހާރާޝްޓްރާ، އުއްޖައިން އަދި އަންދްރަ ޕްރަދޭޝްގެ އެކި ދީނީ އަދި ސަގާފީ ތަންތަނަށް ޒިޔާރަތްކޮށްފައެވެ.
