ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުރަތަމަ މެޗުން ކޮރެއާ މޮޅުވެއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޗައިނާގެ ޔިންޗުއާން ޖިމްނީޒިއަމް ޔިންޗުއާން ޗައިނާގައި މިއަދު ފެށި އިންޓަރނޭޝަނަލް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުން ކޮރެއާ ރިޕަބްލިކް މޮޅުވެއްޖެ އެވެ. ދިވެހިރާއްޖޭ ގަޑިން ހެނދުނު 10:30 ފެށި މި މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެ އާއި ކޮރެއާ އެވެ. މިއީ މުބާރާތުގެ ފުރަތަމަ މެޗެވެ.

ދިވެހިރާއްޖެ އާއި ކޮރެއާގެ އިތުރުން ޗައިނާ އާއި ހޮންގްކޮންގް ބައިވެރިވާ މި މުބާރާތަކީ ޗައިނާއިން ދަޢުވަތު ދިން ހަތަރު ޤައުމު ވާދަކުރާ މުބާރާތެކެވެ.

މުބާރާތުގެ ފުރަތަމަ މެޗު ކޮރެއާއިން ކާމިޔާބުކުރީ ދިވެހިރާއްޖެއިން ލަނޑެއް ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެން ނެވެ. ޑިފެންސަށް އިސްކަން ދީގެން ކުޅުނު ދިވެހިރާއްޖެއިން ކޮރެއާ ކޮޅަށް ލަނޑު ޖެހީ މެޗުގެ 6 ވަނަ މިނިޓްގަ އެވެ. ކައުންޓާރ އެޓޭކެއްގައި އަޙްމަދު ރާހިލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ދިވެހިރާއްޖެއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ޝާދު ނިޒާރެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ކޮރެއާގެ އޭރިޔާ ބޭރުން ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށް ފޮނުވާލި ބޯޅައިން ނެވެ.

ދިވެހިރާއްޖެއިން ލަނޑު ޖަހައި މާގިނައިރެއް ނުވަނީސް ކޮރެއާއިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. 9 ވަނަ މިނިޓްގައި ކޮރެއާއަށް މި ލަނޑު ޖަހައިދިނީ ޝިން ހާ އެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ތިރިތިރިން ގޮހެވެ. ޗައިނާއިން ނަތީޖާ ހަމަހަމަކޮށް މާގިނައިރެއް ނުވެ މެޗުގެ ލީޑު ނެގި އެވެ. މި ލަނޑަކީ ކޮރެއާއިން އުފެއްދި ހަމަލާއެއް ހުއްޓުވަން މަސައްކަތްކުރި ރާއްޖޭ ކުޅުންތެރިއެއް ގައިގައި ޖެހިފައި ވަތް ލަނޑެކެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ކޮރެއާއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު ކޮރެއާއަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޝިން ހާ އެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ކޮރެއާއިން ނެވެ. މި ހާފުގައި ކޮރެއާއިން އިތުރު ދެ ލަނޑު ޖެހިއިރު، ރާއްޖެއިން ފޮނުވާލި ރަނގަޅު ދެހަމަލާއެއް ކާމިޔާބުނުވެ ދިޔަ އެވެ. މި ހާފުގައި ކޮރެއާއަށް ލަނޑުތައް ޖަހައިދިނީ ހެޓްރިކް ފުރިހަމަ ކުރި ޝިން ހާ އާއި ކެޕްޓަން އެވެ.

މި މުބާރާތުގެ މެޗެއް މިއަދު ހަވީރު ވެސް އޮތެވެ. މި މެޗުގައި ބައްދަލުކުރީ ޗައިނާ އާއި ހޮންގްކޮންގް އެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗު އޮންނާނީ 7 ވަނަ ދުވަހު އެވެ. އެ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ހޮންގްކޮންގްއާ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top