ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ތަލަޕަތީ ވިޖޭގެ ބައްޕަ އަދި ތަޖުރިބާކާރު ޑައިރެކްޓަރު އެސް.އޭ ޗަންދުރަޝޭކަރު، ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު “ކުދްރަތު ކާ ކާނޫން” ޑައިރެކްޓްކުރަން ފުރަތަމަ ފަސްޖެހުނު ކަމަށާއި، އޭނާއަކީ ހިންދީ ސިނަމާއަށް “ފްލޮޕެއް” ކަމަށް އޭރު އަމިއްލައަށް ޤަބޫލުކުރެވުނު ކަމަށް ހާމަކޮށްފިއެވެ.
ޗަންދުރަޝޭކަރު މިކަން ހާމަކޮށްފައިވަނީ ދާދިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނި ގޮތުގައި، 1987 ވަނަ އަހަރު ރިލީޒްކުރި މަޤުބޫލު ކޯޓްރޫމް ޑްރާމާ “ކުދްރަތު ކާ ކާނޫން” ޑައިރެކްޓް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނުއިރު ހުރީ އެ މަސައްކަތާމެދު ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. ސަބަބަކީ އޭގެ ކުރިން އޭނާ ހިންދީ ސިނަމާގައި ޑައިރެކްޓްކުރި ފިލްމު “ބަލިދާން” (1985) ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވުމެވެ.
“ބަލިދާން” ފްލޮޕްވުމާ ގުޅިގެން ހިންދީ ފިލްމު އިންޑަސްޓްރީގައި ކުރިއަށް ދިއުމުގެ އުންމީދު ކެނޑިފައި ވަނިކޮށް، ޕްރޮޑިއުސަރުން “ކުދްރަތު ކާ ކާނޫން” ހުށަހެޅުމުން، އޭނާއަކީ ހިންދީ ފިލްމުތަކަށް ކާމިޔާބު ޑައިރެކްޓަރެއް ނޫންކަމަށް ބުނެ އެ ފިލްމު ދޫކޮށްލަން ޗަންދުރަޝޭކަރު މަސައްކަތް ކުރިއެވެ. ނަމަވެސް، ޕްރޮޑިއުސަރުންގެ ބާރުއެޅުމާއި އިތުބާރާއެކު އޭނާ އެ ޕްރޮޖެކްޓާ ހަވާލުވީއެވެ.
ޗަންދުރަޝޭކަރުގެ މި ނިންމުން ވެގެން ދިޔައީ އޭނާގެ ހަޔާތުގައި އެޅި އެންމެ ރަނގަޅު އެއް ފިޔަވަޅަށެވެ. ޖެކީ ޝްރޮފް، ހެމާ މާލިނީ އަދި ޕްރާން ފަދަ މަޝްހޫރު ތަރިން މުހިންމު ރޯލުތަކުން ފެނިގެންދިޔަ މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބި، އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވެގެންދިޔަ މަސައްކަތެކެވެ. މީގެ އިތުރުން، މި ފިލްމުގައި ހިމެނޭ ކޯޓްރޫމް މަންޒަރުތަކާއި ޑައިލޮގްތަކަކީ މިއަދުވެސް ބެލުންތެރިންގެ މެދުގައި ފާހަގަކޮށްލެވޭ ކަންކަމެވެ.
ތަމަޅަ ސިނަމާގައި ގިނަ ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޗަންދުރަޝޭކަރު ފާހަގަކުރި ގޮތުގައި، މި ކާމިޔާބީން އޭނާއަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ އެއް ފަހަރު ލިބޭ ނާކާމިޔާބީއަކީ މުޅި މުސްތަޤުބަލު ނިންމާލަންޖެހޭ ސަބަބެއް ނޫން ކަމެވެ.
އެސް.އޭ ޗަންދުރަޝޭކަރަކީ ދެކުނު އިންޑިއާގައި 70 އަށްވުރެ ގިނަ ފިލްމު ޑައިރެކްޓްކޮށް، އޭނާގެ ދަރިފުޅު ވިޖޭގެ ފުރަތަމަ ފިލްމުތައް ޑައިރެކްޓްކޮށްދީ، ވިޖޭ ސުޕަރސްޓާރަކަށް ހެދުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ފަރާތެވެ.
