ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ތިރީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

“މުހުތާރު ކިހިނެއް މީހަކަށް އެއްޗެއް ދޭނީ. ނަގާފައިވާ ލޯނުތަކާއި ތަންތަނަށް ދައްކަން ޖެހޭ ފައިސާތައް ދައްކާ ނިމުނުއިރު ކުންފުނީގަ ނެތް ބައި ރުފިޔާއެއްހާ ހިސާބު ވެސް. ހުރިހާ އެއްޗެއް ވިއްކާލައިގެން ކިރިޔާ ދަރަނިތަކުން ސަލާމަތް ވެވޭވަރު ވީ. މިގޭގަ އެ ހުރި ފިހާރައިގެ މުދާތައް މި ޖެހުނީ ނުއަގުގައި ވިއްކާލަން.” ޖިހާދުގެ ކިބައިން ފެނުނީ މާޔޫސްކަމާއި ހިތްދަތިކަމެވެ.

“ތީ ހުސްދޮގު. އަހަރެން ޤަބޫލެއް ނުކުރާނަން ތިޔަ ވާހަކައެއް.” ޖިހާދުގެ އެ ވާހަކަތައް ޤަބޫލުކުރާކަށް ރާނިޔާއަކަށް ފަސޭހައެއް ނުވި އެވެ. އެ ކުންފުންޏާއި މުހުތާރުގެ މުޅި ވިޔަފާރިއަކީ ސާފު ފައިދާގައި ހިންގަމުން އަންނަ ތަންތަންކަން ރާނިޔާއަށް އެނގެ އެވެ. އެކަން އޮޅުވާލަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް ރާނިޔާއަކަށް އޮޅުވައެއް ނުލެވޭނެ އެވެ.

“ހަހަ.. މުހުތާރު ތިމަންނައަށް ދީފައިވާ ތަނެކޭ. ކޯޓުގައި ލިޔުންތައް ހުންނާނެއޭ.. އާނ. އެހެންނު ވާނީ މުހުތާރުގެ އަންހެނުން ވިއްޔަ މީ. އޭނާ ނިޔާވާއިރަށް މީނާއަށް މުދާ ލިބޭހެން ކޯޓުގައި ލިޔުންތައް ރަޖިސްޓްރީކޮށްފައި ބަހައްޓަން. ދުވަސްކޮޅަކު ލުއި ފަސޭހައިގަ އުޅެލަން ލިބުނީމަ ފޮނިކަމެއް ވެސް އެބަހުއްޓޭ ދޯ. ކޯޓަށް ގޮސް ލިޔުންތައް ހޯދުމުގެ ކުރިން ތަން ހުސްކުރާތި. ދަރިންތައް ބައިތިއްބާފަ ނުކުންނަން ތައްޔާރުވޭ. މާދަމާ އަންނާނަން ތަނާއި ހަވާލުވާން.” ރާނިޔާއަށް އިންޒާރު ދެމުން ފާއިދު ހިނގައިގަތެވެ.

“މިއަދު ވެސް އަހަރެން މިތަނުން ނުކުމެގެން ހިނގައިދާނަން އަހަރެންގެ ދެ ދަރިން އަހަރެންނާއި ވަކިނުކުރޭ. އެހެން ހަދައިފިނަމަ އެކުދިންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ދެރައަކަށް ވާނީ. އަހަރެންނާނުލައި އެކުދިންނަކަށް ނޫޅެވޭނެ. އަހަރެންނާއި އަހަރެން ދަރިން ވަކި ނުކުރޭ.” ފާއިދުގެ ފަހަތުން ގޮސް ރާނިޔާ އާދޭސްކުރި އެވެ.

“މިހާރު ކިހިނެއް ތިވީ؟ ދޭ ދޭ.. ކޯޓަށް ގޮސް ތިބުނާ ލިޔުންތައް ހޯދާ. އޭރުން ދަރިން ގެންދިޔަޔަސް އުފަލާއި އަރާމުގަ އުޅެލަން ބޮޑު ގެއެއް ހުންނާނެއެއްނު. މިވަރުގެ އިމާރާތެއް ހުރިއްޔާ އިންނާނެ ފިރިހެނުން ވެސް ވަރަށް ފަސޭހައިން ވާނެ. އަތުންފައިން އެއްވެސް މަސައްކަތެއް ނުކޮށް އެތައް ބައިވަރު ފައިސާއެއް ލިބޭނެ. ދަރިން ގެންދިޔައިމާ އެ ކުދިންގެ ފަރާތުން ވެސް އުނދަގުލެއް ނުވާނެއެއްނު.” ފާއިދު ކުރީ މަލާމާތެވެ. ފާޅުގައި ނުބުނި ނަމަވެސް ރާނިޔާއަށް އެކަން އެނގެ އެވެ.

“ނޫން.. ނޫން. އެހެން ނުހަދާ. އަހަރެންނާ އަހަރެންގެ ދެ ދަރިން ދުރުނުކުރޭ. ފާއިދު ބުނި ކޮންމެ ކަމެއް އަހަރެން ކުރާނަން. އަހަރެންނާއެކު ދެ ދަރިން ގެންދިޔަދީ.” ފާއިދުގެ ފައިބުޑަށް ތިރިވަމުން ރާނިޔާ ރޯން ފެށި އެވެ.

“ބޭކާރު ވާހަކަތައް އަޑުއަހާކަށް ވަގުތެއް ނެތް.” ރާނިޔާގެ ބޮލުގައި އަތް އަޅާ ދުރަށް ކޮށްޕާލަމުން ފާއިދު ހިނގައިގަތެވެ.

އެފަދަ ކަމަކަށް އެއްވެސް ވަރަކަށް ވިސްނާނުލައި އިން ރާނިޔާ ވިއްސައިގެން ކަހަލަ ގޮތަކަށް ގޮސް އިދިފުށަށް ވެއްޓުނު ނަމަވެސް ޖިހާދާއި ފާއިދު އެކަމަށް ސަމާލުކަމެއް ނުދިނެވެ. އެމީހުން ނުކުމެގެން ދިޔަގޮތަށް ދިޔައީ އެވެ.

މިވެސް ކިޔާލަން:  ރިހި ރޭ - ޗެޕްޓަރ 20

އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ކާމިޔާބަށް ވާސިލުވުމަށް މަސައްކަތްކުރުމަކީ ރާނިޔާ ޤަބޫލުކުރާ އުސޫލެވެ. މީހަކު ދައްކާހާ ވާހަކައެއް ޤަބޫލުކޮށްގެން ވާކަށް ނެތެވެ. ގޮތް ނިންމުމުގެ ކުރިން ބެލެން ހުރި އެންމެ ރަނގަޅަކަށް ބަލަން ޖެހެ އެވެ. އެކަމަށްޓަކައި ކުރެވޭން އޮތް މަސައްކަތެއް ކުރަން ޖެހެ އެވެ.

މަޑުމަޑުން ތެދުވެގެން ގޮސް ގޭތެރެއަށް ވަތް ރާނިޔާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ގައިން ތާހިރުވެ މެންދުރު ނަމާދުކޮށްގެން ކޮޓަރިން ނުކުތް ރާނިޔާއާއިއެކު ދެ ދަރިން ވެސް ނުކުތެވެ.

ފިހާރައިގައި މަސައްކަތްކުރާ ވާޝިޔާ އާއި ރާނިޔާ ބައްދަލުވީ ގެއިން ނުކުތް ވަގުތު ފިހާރަ ކައިރިން ނެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބައްދަލުވެވި ވާހަކަ ދެކެވި އެ ދެމެދުގައި ގާތްކަމެއް އުފެދިފައިވެ އެވެ. ވާޝިޔާއަށް ރާނިޔާގެ ތިން މައިން ފެނުމާއިއެކު ހިނިތުންވެލަމުން އައިސް ޔަޒީދާ އުރާލި އެވެ. ރާނިޔާއަށް ބަލާލަމުން ހާލު އަހާލައި ކަންތައްތައް ކިހިނެއްހޭ ވެސް އަހާލި އެވެ. ވާޝިޔާއަށް ހިނިތުންވެލަމުން ރަނގަޅޭ ބުނި ނަމަވެސް ރާނިޔާގެ ކިބައިން ފެންނަމުންދިޔަ މާޔޫސްކަމާއި ހިތްދަތިކަން ވާޝިޔާއަށް ސިއްރެއް ނުވި އެވެ.

“ރަނގަޅޭ ބުންޏަސް އެހެނެއް ހިޔެއްނުވޭ.” ވާޝިޔާގެ ކިބައިން ފެނުނީ ގާތްކަމެވެ. އޯގާތެރިކަމާއި ހިތްހެޔޮކަމެވެ.

“ތިއީ ވާޝިޔާއަށް ހީވާގޮތް.” އެއްވެސް ކަމެއް ދިމާނުވާކަން ސިއްރުކުރަން މަސައްކަތްކުރި ރާނިޔާ އަވަސްވެގަތީ އެތަނުން ދާށެވެ.

ދާންވީ ތަނަށް ރާނިޔާ ދިޔައީ ކުލީކާރެއްގަ އެވެ. އެތަނުން އެނގުނުގޮތުގައި ފާއިދުމެން ދެއްކީ ތެދު ވާހަކަ އެވެ. އެތަނުން މަޢުލޫމާތު ދިން މުވައްޒަފު ދެއްކި ވާހަކަތަކާއި ފާއިދުމެން ދެ މީހުން ދެއްކި ވާހަކަތައް ދިމާވި އެވެ. އެކަމާއި ދެކޮޅަށް ރާނިޔާ ދައްކާނެ އެއްވެސް ވާހަކައެއް ދައްކާނެ ހެއްކެއް ނެތެވެ.

“ކީއްވެބާ ކޮއްކޮ އަހަރެންނަށް އޮޅުވާލީ؟” ރާނިޔާގެ ހިތުގައި އުފެދުނީ ސުވާލެވެ.

ޖަވާބު ބޭނުންވި ކިތަންމެ ސުވާލެއް ރާނިޔާގެ ހިތުގައި އުފެދުނު ނަމަވެސް އެ ސުވާލުތަކަށް މިއަދަކު ޖަވާބު ލިބޭކަށް ނެތެވެ. އެ ސުވާލުތަކަށް ޖަވާބު ދޭނެ މީހެއް ނުވަތަ ޖަވާބު ހޯދައިދޭނެ މީހެއް ވެސް މިއަދަކު ނެތެވެ.

ވިސްނާ ފިކުރުކުރަން ރާނިޔާ އިނީ ކޮޓަރީގަ އެވެ. ފާއިދުމެންގެ ވާހަކަތައް ޤަބޫލުކުރާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ. އެވަރުގެ ބޮޑު އޮޅުވާލުމެއް ނުވަތަ އެވަރުގެ މަކަރެއް މުހުތާރު އޭނާއަކަށް ނުހަދާނެ އެވެ. އެހެން އެކަން ކުރަންޖެހޭ ސަބަބެއް ވެސް ނޯންނާނެ އެވެ. މިކަމުގެ އަޑީގައި ފާއިދުމެންގެ ބޮޑު ރޭވުމެއް ނުވަތަ އޮޅުވާލުމެއް ވާނެ އެވެ. ކުއްލިއަކަށް ކުރިމަތިލާން ޖެހުނު މާޔޫސްކަމާއި ހިތްދަތިކަމުން އަރައިގަނެވޭނެ އެއްވެސް ގޮތެއް ފެނޭތޯ އޭނާ ބަލަމުންދިޔަ އެވެ. ފާއިދުމެންގެ ވާހަކަތައް ޤަބޫލުކުރާކަށް އޭނާއަކަށް ފަސޭހައެއް ނުވި އެވެ.

“މަންމާ! ކޮން އިރަކުންތަ ދޮންބެ އަންނަނީ؟” ރާނިޔާގެ ފިކުރުތަކުން އޭނާ ދުރުކޮށްލީ ނާއިމްގެ އަޑެވެ.

ނާއިމް ގެނެސް އުނގުތެރެއަށް ލަމުން މަޑުމަޑުން ބައްދާލިއިރު ރާނިޔާގެ ދެލޮލުން ކަރުން ފާއްދާލައިފި އެވެ. މުހުތާރު ނިޔާވި ވާހަކަ ދެ ދަރިން ގާތު ރާނިޔާ ބުނި ނަމަވެސް އެ ކުދިންނަކަށް އެކަން ނަގައެއް ނުގަނެވުނެވެ. އެ ވާހަކަތައް އިތުރަށް ދައްކާނެ ހިތްވަރެއް ރާނިޔާއަކަށް ނުލިބުނެވެ.

މިވެސް ކިޔާލަން:  ރިހި ލޯބި - ޗެޕްޓަރ 2

ކޮންމެ މީހަކީ ތަފާތު މީހެކެވެ. އުޅުމާއި މިޒާޖާއި ވިސްނުމާއި ފިކުރުގެ އިތުރުން ސިފަ ވެސްމެ އެވެ. އެންމެ މުހިންމު ވާޖިބުތައް އަދާކުރުމުގައި ވެސް އެކަން އޮތީ ހާމައަށް ފެންނާށެވެ. ލިބޭ ވަގުތު ލިބިގަންނާށޭ ނުލިބޭތާ ޖަހައިގަންނާށޭ ބުނާ ބުނުމަކީ ބައެއް މީހުނަށް ފެންފޮދެއް ބޯލުންހާ ފަސޭހަ ކަމެކެވެ. މާނަކުރުން ވެސް އޮތީ އެމީހަކު ބޭނުންވި ގޮތަކަށެވެ. އަނެކާގެ ޙައްޤަކަށް ބަލައިލުމެއް ނެތެވެ.

ރާނިޔާ ކޮޓަރިން ނުކުތީ ބެލް ޖަހާލި އަޑު އިވިގެން ނެވެ.

ދޮރު ހުޅުވާލަމުން ގެއިން ނުކުތް ވަގުތު ފެނުނު މަންޒަރާއިއެކު ރާނިޔާގެ ހަރަކާތް ހުއްޓުނެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި އެތައް އިރަކު ހުރެވުނެވެ. ލިބުނު ހައިރާންކަމާއިއެކު ދެރަވެސްވި އެވެ.

ވާޝިޔާ އާއި އޭނާއާއެކު ފިހާރައިގައި މަސައްކަތްކުރާ ސަލްމީނާ ވެސް އެތަނުގައި ހުއްޓެވެ. ދެމީހުންގެ އަތުގައި ދަބަސްތަކާއި ފޮށިތައް ހުރިއިރު ހަރާކާތްތަކުން ފެންނަމުން ދިޔައީ މާޔޫސްކަމާއި ހިތްދަތިކަމެވެ. ދެލޯ ކައިރިން ކަރުނައިގެ އަސަރުތައް ފިލާ ނުދެއެވެ. ކޮންމެ ވެސް ކަމެއް ދިމާވެއްޖެ އެވެ.

“ވާޝިޔާ! ކިހިނެއްވީ؟ ތީ ކޮންކަމެއް؟” އަވަސްއަވަހަށް ވާޝިޔާއާ ދިމާއަށް ދަމުން ރާނިޔާ ސުވާލުކުރި އެވެ.

“ވަޒީފާއިން ވަކިކޮށްފި. މިރެއިން މިރެއަށް ކޮޓަރިން ނުކުތުމަށް ވެސް އަންގައިފި. އަހަރުމެން ދަނީ.” ވާހަކަ ދެއްކީ ވާޝިޔާ އެވެ. ވަޒީފާއިން ވަކިކުރުމުން އެމީހުންނަށް ލިބިފައިވާ ހިތާމައާއި ހިތްދަތިކަން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަން ހުއްޓެވެ. ރޮވިފައި ހުރި ވާޝިޔާ މަޑުމަޑުން އައިސް ރާނިޔާއާ ސަލާންކޮށްލި އެވެ. ސަލްމީނާ ވެސް އައިސް ރާނިޔާއާ ސަލާންކޮށްލި އެވެ.

“ހިތްވަރުކުރޭ.. އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއް މެދުވެރި ކުރައްވާނެ.. އަހަރެން ވެސް މާދަމާ މިތަނުން ނުކުންނަން ޖެހޭ. ދާނެ ތަނެއް ވަންނާނެ ހިޔާވައްސެއް އަހަރެންގެ ވެސް ނެތް.” ވާޝިޔާގެ ގައިގައި ބައްދާލި ރާނިޔާ ފެށީ ރޯށެވެ.

“އެ ކީއްވެ؟” ވާޝިޔާއަށް ލިބުނީ ހައިރާންކަމެވެ.

“މުހުތާރު ނިޔާވުމުގެ ކުރިން ފާއިދަށް މިގެ ދީފައި ވަނީ. ކޯޓުގެ ލިޔުންތަކުން ވެސް ފެންނަން އޮތީ އެހެން. އެކަމު އަހަރެންނަށް ހީވަނީ އޮޅުވާލުމެއްހެން އެއީ.” ރާނިޔާ ބުނީ އޭނާއަށް ހީވާގޮތެވެ.

“މުހުތާރު ނިޔާވީމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މުދާތަކަށް ވެރިވެގަންނަން އެ އުޅެނީ. އަހަރުމެން ކައިރީ ވެސް ބުނީ ފިހާރަ އާއި އަހަރުމެން އުޅޭ ކޮޓަރި ވެސް ކުއްޔަށް ދީގެނޭ މުހުތާރުގެ ދަރަނިތައް ދެއްކެން އޮތީ. އެކަމު އަހަރެންނަށް ޔަގީން އެއީ ހުސް ދޮގުކަން. އަމީ ބުނި ގޮތުން ވިއްޔާ ފިހާރައަކީ ސައްތައިންސައްތަ ފައިދާވަމުން އަންނަ ތަނެއް. އެތަނުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ. އެބުނާވަރުގެ ބޮޑު ލޯނެއް ވެސް މުހުތާރުގެ ނޯންނާނެ. އެ ވާހަކަ ދެއްކީމަ އޭނަ ވެސް ވަޒީފާއިން ވަކިކޮށްފި.” ރާނިޔާ އާއި ވަޝިޔާގެ ވާހަކައިގައި ސަލްމީނާ ވެސް ބައިވެރިވި އެވެ. ސަލްމީނާ ހާމަކުރީ އޭނާއަށް ލިބިފައިވާ މަޢުލޫމާތާއި އޭނާއަށް ޤަބޫލުކުރެވޭ ގޮތެވެ.

މިވެސް ކިޔާލަން:  ޙުޔޫން - އެޕިސޯޑް 03

“ކުރާނެ ކަމެއްނެތް.. އިރާދަ ކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. އާދޭ އެތެރެއަށް. މިރޭ މިގޭގައި މަޑުކޮށްލާފަ މާދަމާ ހެނދުނު އެހެން ތަނަކަށް ދާނީ.” ވާޝިޔާ އާއި ސަލްމީނާއަށް އެހީތެރިވުމަށް ރާނިޔާ އިސްކަން ދިނެވެ.

ފާއިދުމެން ބުނި ފަދައިން ޖެހިގެން އައި ދުވަހު މެންދުރު ކުރީ ފާއިދާއި ޖިހާދު އައެވެ. ގެއާއި ހަވާލުވާން ފާއިދު އައިއިރު އެ ދެ މީހުންގެ އިތުރުން ވެސް އެހެން ދެ މީހަކު ތިއްބެވެ.

“އާދޭސްކޮށްފައި ބުނަން.. އަހަރެންނަށް ތިހެން ނުހަދާ. އަހަރެންނާއި އަހަރެންގެ ދެ ދަރިން ދުރުނުކުރޭ. ފާއިދު ބުނި ކޮންމެ ކަމެއް އަހަރެން ކުރާނަން.” ފާއިދުގެ ފައިބުޑަށް ވެއްޓި ރާނިޔާ އާދޭސްކުރަން ފެށި އެވެ. އޭނާއަށް އެހެން ނުހެދުމަށް އެދި ޖިހާދު ކައިރީ ވެސް އާދޭސްކުރި އެވެ.

“އޮތީ އެންމެ ގޮތެއް. އެގޮތާއި ޚިލާފުވެއްޖެނަމަ ވަގުތުން މިތަނުން ނެރޭނަން.” ރާނިޔާގެ މޫނަށް ބަލާލަމުން ހިނިތުންވެލި ފާއިދުގެ ކިބައިން ފެނުނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ.

“އަހަރެންނާ އަހަރެންގެ ދެ ދަރިން ދުރު ނުކުރަންޏާ ފާއިދު ބުނި ކޮންމެ ގޮތެއް އަހަރެން ހަދާނަން. ހުވާކޮށްފައި މިބުނީ.” ދަރިންނާއިއެކު އުޅެވޭނެ ކިތަންމެ ކުޑަ ފުރުސަތެއް ލިބުނު ނަމަވެސް ރާނިޔާ އެ ފުރުސަތު ބޭނުމެވެ. އެކަމަށްޓަކައި ކިތަންމެ ބޮޑު ޤުރުބާނެއް ވާން ޖެހުނަސް އޭނާގެ މައްސަލައެއް ނެތެވެ.

“ދަރިން ބަލާ މީހެއްގެ ގޮތުގަ ހުރެވިދާނެ. މިހާރު ތިޔަ އުޅޭ ދެ ކޮޓަރި އާއި ބަދިގެ ބައި ފިޔަވާ އެހެން ތަނެއް ބޭނުމެއް ނުކުރެވޭނެ. އަހަރެންގެ ހުރިހާ ކަމެއް ބަރާބަރަށް ބަލަހައްޓަން ވާނެ. އަހަރެން ކުރާ އެހެން ކަންކަމާ ބެހިގެން ނުވާނެ.” ފާއިދު ބަލާލީ އެތަނުގައި ތިބި އަނެއް ދެމީހުންނަށެވެ.

ލިބުނު ފުރުސަތާއިއެކު ރާނިޔާގެ ހިތް އުފަލުން ފުރުނެވެ. ހެއްދެވި ފަރާތަށް ޝުކުރު ދެންނެވުމަށް އަވަސްވެގަތެވެ. ފާއިދު ބުނި ފަދައިން ކަންތައް ކުރާނެކަމުގެ ޔަގީންކަން ދިނެވެ. ތަކުރާރުކޮށް އެތައް ފަހަރަކު އޭނާއަށް ޝުކުރު އަދާކުރި އެވެ. ޖިހާދަށް ވެސް ޝުކުރު އަދާކުރި އެވެ.

ދަރަނިތައް ދައްކައި ނިމުނުއިރު މުހުތާރުގެ އެއްވެސް އެއްޗެއް ނެތެވެ. ރިސޯޓް ހިއްސާ ވިއްކާލައި ފިހާރަތައް ކުއްޔަށް ދިނެވެ. ދަރަނިތައް ނިންމުމަށްޓަކައި އިތުރަށް ހޯދަން ޖެހުނު ފައިސާގެ ކަންތައް ހަމަޖެއްސުމަށްޓަކައި ޖިހާދާއި ފާއިދު ދެ ގެއާ ހަވާލުވި އެވެ. އެއީ މިވަގުތު އޮތް އެންމެ ރަނގަޅު ހައްލެވެ.

ގޭގެ ކުލީގެ ގޮތުގައި ލިބެމުންދިޔަ ލާރިއާއިއެކު ފިހާރައިގެ ކުލި ވެސް ފާއިދުގެ އެކައުންޓަށް ޖަމާވާން ފެށި އެވެ. ކުއްލިއަކަށް ލިބުނު ތަނަވަސްކަމާއިއެކު ފާއިދުގެ މިސްރާބު ބަދަލުކޮށްލި އެވެ. ކުރަމުން އައި ވަކީލުކަން ހުއްޓާލައި އަމިއްލަ ވިޔަފާރިއާއި ދިމާއަށް މިސްރާބު ޖެހި އެވެ. ރާއްޖޭން ބޭރަށް ކުރަމުންދިޔަ ދަތުރުތައް އިތުރުވި އެވެ.

(ނުނިމޭ)

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top