ޗައިނާގައި މިހާރު ކުރިޔަށްދާ އިންޓަރނޭޝަނަލް ފުޓްސަލް މުބާރާތުގެ ދެވަނަ މެޗުގައި ދިވެހިރާއްޖެއިން ހޮންގް ކޮންގް ކޮޅަށް ހަތް ލަނޑު ޖަހައިފި އެވެ. ރާއްޖެ ގަޑިން މިއަދު ހެނދުނު 10:30 ގައި ފެށި މި މެޗުގައި ބައްދަލުކުރި ދިވެހިރާއްޖެ އާއި ހޮންގް ކޮންގް ވެސް ކުޅުނު މިއީ ދެވަނަ މެޗެވެ. ފުރަތަމަ މެޗުން 5-1 އިން ދިވެހިރާއްޖެ ބަލިވެފައިވާއިރު، ހޮންގް ކޮންގް ބަލިވެފައި ވަނީ 4-0 އިން ނެވެ.
މުޅި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ދިވެހިރާއްޖެއިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ ދިވެހިރާއްޖޭ ކުޅުންތެރިން އުފައްދަން މަސައްކަތްކުރި ހަމަލާއެއް ދިފާއުކުރަން މަސައްކަތްކުރި ހޮންގް ކޮންގް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ ދިވެހިރާއްޖެއަށް ލީޑު ފުޅާކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދިވެހިރާއްޖެއިން ތަނަވަސްކުރި މި މެޗުގައި ދިވެހިރާއްޖެއިން އުފެއްދި ގިނަ ހަމަލާތަކެއް މި ހާފުގައި ހޮންގް ކޮންގްގެ ކީޕަރު ދިފާއުކޮށްފައި ވެސް ވެއެވެ. ދިވެހިރާއްޖެއިން ތިންވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅު ޝަނާން ރަޝާދު އެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ދިވެހިރާއްޖެއިން ނެވެ. މި ހާފުގައި ދިވެހިރާއްޖެއިން އިތުރު ހަތަރު ލަނޑު ޖެހި އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ހަތަރުވަނަ ލަނޑު ޖެހީ ފުރަތަމަ މެޗުގައި ވެސް ދިވެހިރާއްޖެއަށް ލަނޑު ޖަހައިދިން މުޙައްމަދު ޝާދު ނިޒާރު އެވެ. އިސްމާއިލް ވަޖީހު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޝަނާން ރަޝާދު އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، އޭގެ އިރުކޮޅެއް ފަހުން އިޝާން އިބްރާހިމް ވަނީ ދިވެހިރާއްޖޭގެ ހަވަނަ ލަނޑު ޖަހައިފަ އެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ދިވެހިރާއްޖެއިން ހަތްވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު ޓީމަށް ޖަހައިދިނީ ހަތަރުވަނަ ލަނޑު ޖަހައިދިން މުޙައްމަދު ޝާދު ނިޒާރު އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ދިވެހިރާއްޖެ ވަނީ ޕޮއިންޓް ޓޭބަލްގެ ތިންވަނައަށް ޖެހިލައިފަ އެވެ.
ދިވެހިރާއްޖެ ކުޅޭ ތިންވަނަ މެޗު އޮންނާނީ މި މަހުގެ 9 ވަނަ ދުވަހު ހަވީރު އެވެ. ދިވެހިރާއްޖެ ގަޑިން 16:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ޗައިނާ އެވެ.
