ފިލްމުގެ ނަމާއި އެއްގޮތަށް ލަސްވަމުން ލަސްވަމުން އަންނަ “ލަސްވިޔަސް” ގެ ޝޫޓިން އެހާބޮޑު ލަސްތަކެއް ނުވެ މިއަހަރު ފަށާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ މުޙައްމަދު ނިޔާޒު (ޓެޑްރީ) ބުނެފިއެވެ.

 

ޓެޑްރީ ބުނީ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތްވެސް އެއްކޮށް ނިމިއްޖެ ކަމަށާއި ފިލްމު ރަސްމީކޮށް ލޯންޗުކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ވެސް މިއަހަރު ފަށާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.

 

ފަސް ލަވަ ހިމެނޭ “ލަސްވިޔަސް” އަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ އަށް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ. ޓެޑްރީގެ އަމާޒަކީ އަންނަ މަހު ކުރީ ކޮޅު ފިލްމު ލޯންޗުކުރުމެވެ.

ސަޅިބައިސާ ސީރީޒް އަކީ މުޙައްމަދު ނިޔާޒް (ޓެޑްރީ) ގެ ޑައިރެކްޝަން ތަކުން ބެލުންތެރިނަށް ތަފާތެއް ދައްކުވައިދިން ސީރީޒް އެކެވެ. އެއަށްފަހު ޓެޑްރީ ގެ ޑައިރެކްޝަނަކަށް ފެނުނީ ދިވެހި ސިނަމާއަށް ބޭނުންވެފައިވާ ތަފާތު ދައްކުވައިދިން ފިލްމެވެ. 1994 ގައި ރިލީޒް ކުރެވުނު ފިލްމު ‘ދެރިޔާ’ އެވެ. އޭގެ ފަހުން ޓެޑްރީ ޑައިރެކްޓް ކޮށްފައިވާ ފީޗާ ފިލްމެއް އަދި މިވަނީ ފެންނަވަރު ނުވެފައެވެ.

 

މީގެ ކުރިންވެސް މުހައްމަދު ނިޔާޒް (ޓެޑްރީ) ވަނީ ބައެއް ފީޗާ ފިލްމު އުފެއްދުމަށް އިޢުލާނު ކޮށްފަ އެވެ. ރާއްޖޭގައި އުފެދުނު މޮޅު ލިޔުންތެރިންގެ ތެރެއިން ސައިކުރާ ނައީމް ލިޔުއްވި އެންމެ މަޝްހޫރު އެއް ވާހަކަ ކަމަށްވާ ‘މަންމަ’ ވާހަކަ އަށް ފިލްމެއް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށް މީގެ އަހަރުތަކެއް ކުރިން ޓެޑްރީ ވަނީ އިޢުލާނު ކޮށްފަ އެވެ. އެ ވާހަކައަށް ފިލްމެއް ހެއްދެވުމުގެ އުއްމީދުގައި، 1996 ހިސާބުގައި ނައީމް އެ ވާހަކަ އަގަކާއި ނުލައި މުހައްމަދު ނިޔާޒް (ޓެޑްރީ) އަށް ވަނީ ދެއްވާފަ އެވެ. އެ ފިލްމުގެ ކަރުހާދުގެ މަސައްކަތް ޓެޑްރީ ކުރި އެވެ. އެކަމަކު ނައީމް ދުނިޔޭގައި ހުންނަވަނިކޮށް މަންމަ ވާހަކަ ފިލްމަކަށް ހެދިފައެއް ނުވެއެވެ. މިކަން ވަނީ ޚުދު ޓެޑްރީގެ އެންމެ ބޮޑު ނާކާމިޔާބީ ގެ ގޮތުގައިވެސް ޓެޑްރީ ސިފަކުރައްވާފަ އެވެ.

 

ޓެޑްރީ ހަދަން އިޢުލާންކޮށް މަސައްކަތްކުރިއަށް ނުދިޔަ ބައެއް ފިލްމްތަކުގެ ތެރޭގައި ‘މަންމަ’ ގެ އިތުރަށް ‘ދުންތަރި’ ވެސް އެ ލިސްޓްގައި ހިމެނެއެވެ. ޓެޑްރީ ގެ “ލަސްވިޔަސް” އަކީ މިއަހަރު ސިނަމާ އަށް އަންނާނެ ކަމަށް އިޢުލާނުކޮށްފައިވާ ފިލްމެކެވެ. ނަމަވެސް ރިލީޒް ކުރާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް މި ފިލްމުގެ ފުރަތަމަ ޓީޒާ މިދިޔަ އަހަރު ވަނީީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.

 

“ލަސްވިޔަސް” އަކީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން ފެނިގެންދާ ފިލްމެއްކަން ޓީޒާ އިން އެނގުނަސް ފިލްމާއި ބެހޭ މާބޮޑު މަޢުލުމާތެއް ޓީޒާ އާއިއެކު ވަނީ ތިލަނުކޮށެވެ. އޭނާ ބުނީ ޓީޒާ ފެށިގެން އަންނަ އިރު އެ އިވޭ ‘ކައިވެނީގެ އަމާޒު ކަމުގާ…” ލަވައިގެ ކަޑިން މުޅި ފިލްމުގެ ވާހަކަ އެއަށް ބިނާވެފައި ވާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.