އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަމުންދާ ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުގައި ހޮންގް ކޮންގްއިން ދިވެހިރާއްޖެ ކޮޅަށް 9 ލަނޑު ޖަހައިފި އެވެ. ދިވެހިރާއްޖެ
ގަޑިން މިއަދު 13:00 ގައި ފެށި މި މެޗަކީ ކޮލިފައިންގައި ދެ ޓީމު ވެސް ކުޅޭ ދެވަނަ މެޗެވެ. ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން 5-0 އިން ބަލިވެފައިވާއިރު، ހޮންގް ކޮންގް ކުޅުނު ފުރަތަމަ މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
މެޗު ފެށީއްސުރެ ނިމެންދެން ހޮންގް ކޮންގްއިން ލީޑުކުރި މި މެޗުގެ ކުރީކޮޅު ހޮންގް ކޮންގްއިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިވެހިރާއްޖޭގެ ކީޕަރު ދިފާއުކުރި އެވެ. އެޓޭކަށް ބޮޑު އިސްކަމެއް ދީގެން ޓީމު އެކުގައި ކަހަލަ ގޮތަކަށް ކުރިޔަށް ޖެހިގެން ކުޅެމުންދިޔަ ހޮންގް ކޮންގްއިން ވަނީ މެޗުގެ 22 ވަނަ މިނިޓްގައި ލީޑު ނަގައިފަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އައިޑެން ޗެއުންގް އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ހޮންގް ކޮންގްއިން އެ ޓީމުގެ ލީޑު ފުޅާކުރީ 26 ވަނަ މިނިޓްގައި ޖޭޑަން ލީ ކާމިޔާބުކޮށްދިން ލަނޑުން ނެވެ.
ޑިފެންސިވް ގޭމަކަށް އިސްކަންދީގެން ކުޅުނު ދިވެހިރާއްޖެ ކޮޅަށް ފުރަތަމަ ހާފުގެ ފަހުކޮޅު ހޮންގް ކޮންގްއިން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. 42 ވަނަ މިނިޓްގައި ޒެޔަންގް ލީ އެ ޓީމުގެ ތިންވަނަ ލަނޑު ޖެހިއިރު، 44 ވަނަ މިނިޓްގައި ހަތަރުވަނަ ލަނޑު ޖަހައިދިނީ ޖޯނަސް ލަމް އެވެ.
ދެވަނަ ހާފުގައި ވެސް ފާހަގަކުރެވުނީ ހޮންގް ކޮންގްގެ މޮޅު ކުޅުމެވެ. މި ހާފު ފަށައިގެން މާ ގިނައިރެއް ނުވެ އެ ޓީމުން ވަނީ ފަސްވަނަ ލަނޑު ޖަހައިފަ އެވެ. 47 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޒެޔަންގް ލޫ އެވެ.
މި ހާފުގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޮންގް ކޮންގްއިން ތަނަވަސްކުރިއިރު، އެ ޓީމުގެ ހަވަނަ ލަނޑު 58 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އައިޑެން ޗެއުންގް އެވެ. މި ހާފުގެ ފަހުކޮޅު ވެސް ތަފާތު ދައްކައި ހޮންގް ކޮންގްއިން އިތުރު ލަނޑުތަކެއް ޖެހި އެވެ. 74 ވަނަ މިނިޓްގައި ޖޭޑަން ލީ އެ ޓީމުގެ ހަތްވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ އަށްވަނަ ލަނޑަކީ ދިވެހިރާއްޖޭ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ހޮންގް ކޮންގްއިން އެ ޓީމުގެ 9 ވަނަ ލަނޑު ޖެހީ 89 ވަނަ މިނިޓްގައި ޒަކަރީ ލޫ ލީ ފެންގް އެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ތިންވަނަ މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ދިވެހިރާއްޖެ ގަޑިން 17:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ދިވެހިރާއްޖެއާ ބައްދަލުކުރާނީ ތައިލެންޑެވެ.
