ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އެފްއޭއެމް ވިމެންސް ލީގު 2026” ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްއިން ދަ ގްރާންޑޭ ސްޕޯރޓްސް ކުލަބް ކޮޅަށް 15 ލަނޑު ޖަހައިފި އެވެ.
އިއްޔެ ހަވީރު ފެށި މި މުބާރާތުގެ ދެ މެޗު އިއްޔެ އާއި ރޭ ވަނީ ކުޅެފަ އެވެ.
ފުޓްސަލް އާއި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ މަޝްހޫރު ގިނަ ތަރިންތަކަކާއިއެކު މުބާރާތަށް ނުކުތް ނިއުރޭޑިއަންޓުން ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުޅި މެޗު ޑޮމިނޭޓްކުރި ނިއުރޭޑިއަންޓުން ވަނީ މެޗުގެ 6 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ގްރާންޑޭގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގައި އެ ޓީމުގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި ނިއުރޭޑިއަންޓަށް މި ލަނޑު ކާމިޔާބުކޮށްދިނީ ސުމަޔާ މަޓްސުޝިމާ އެވެ. ފުރަތަމަ ލަނޑު ޖަހައި މާ ގިނައިރެއް ނުވެ ސުމަޔާ މަޓްސުޝިމާ ވަނީ ދެވަނަ ލަނޑު ޖަހައި ނިއުރޭޑިއަންޓްގެ ލީޑު ފުޅާކޮށްދީފަ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނިއުރޭޑިއަންޓުން ހޯދި މި މެޗުގެ ފުރަތަމަ ހާފުގައި އެކަނި ވެސް ނިއުރޭޑިއަންޓުން 7 ލަނޑު ޖެހިއެވެ. މި ހާފުގައި ސުމަޔާ މަޓްސުޝިމާ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދި އެވެ.
ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ނިއުރޭޑިއަންޓުން ނެވެ. މިހާފުގައި ވެސް ނިއުރޭޑިއަންޓުން ގިނަ ލަނޑުތަކެއް ޖެހިއިރު، މައިސާ އަބްދުލް ހަންނާން އާއި ސަބީނާ ކަޓުން ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަދި މަރިޔަމް ނޫރާ އާއި އާމިނަތު ފަޒްލާ ވެސް ނިއުރޭޑިއަންޓަށް ލަނޑު ޖަހައިދިނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މެޗުގައި ނިއުރޭޑިއަންޓަށް ފަސް ލަނޑު ޖަހައިދިން ސުމަޔާ މަޓްސުޝިމާ އެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރުގެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ދަ ގްރާންޑޭ އެވެ. އަދި ރޭގަނޑުގެ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި ސޮކަރމޭޓްސް އެވެ.
