ވުޖޫދުން ފޮހެލުން
އެހެން ހުރިހާ ސުވާލަކަށްވުރެ ގިނައިން ވަޝިއްޔާގެ ހިތަށް އަރަމުންދިޔައީ އެންމެ ސުވާލެކެވެ. އެެއީ މިޔޮއް ކުޑަ ދިވެހިރާއްޖޭގައި އެހާ ފަރިތަ ގާތް ގުޅުމެއް އޮންނަ ސްރީލަންކާގައި އޭނާ އެހާ ފުރިހަމައަށް، ފަސޭހައިން ނެތް މީހެއް ގޮތުގައި ގެއްލުނީ ކިހިނެއް ހެއްޔެވެ؟ ނޫނީ ހަނދާން ނައްތާލެވުނީ ކިހިނެއް ހެއްޔެވެ؟
ދިވެހިރާއްޖެއަކީ ކުޑަ ޤައުމެކެވެ. ޚަބަރުތައް ހަލުވިކަމާއެކު ފެތުރޭ، އެކަކު އަނެކަކު ދަންނަ، އަދި އާދައިގެ ކަމެއް ހިނގިޔަސް މުޅި ރާއްޖޭގެ ރަށްތަކަށް އެ ވާހަކަ ފެތުރިގެންދާ ފަދަ ތަނެކެވެ. އެހެންނަމަވެސް އޭނާ ނެތް މީހެއް ގޮތަށް ވުޖޫދުން ފޮހެލެވުނީއެވެ.
ޒުވާން ދިވެހި އަންހެނަކު އެޕާޓްމަންޓަކުން ގެއްލުނީއެވެ. އޭނާގެ އާއިލާއަށް ބިރުވެރި މަޢުލޫމާތުތަކެއް ލިބުނެވެ. ރައްޓެހިން އޭނާއާނުލައި އެނބުރި ރާއްޖެ އައެވެ. ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުނެވެ. ދެންވީ ކިހިނެއް ހެއްޔެވެ؟ ހިމޭންވީއެވެ. ތަހުޤީޤުތައް ހުއްޓުނީ ހެއްޔެވެ؟ މީހުން އޭނާގެ މަތިން ހަނދާން ނެތުނީ ހެއްޔެވެ؟ ނޫނީ އޭނާ ގެއްލުނު ހާދިސާއަކީ އެންމެންވެސް ދައްކަން ބޭނުންނުވާ، އުނދަގޫ މައުޟޫއަކަށް ވީ ހެއްޔެވެ؟
މީހުންގެ ވާހަކަތަކުގެ ތެރެއިން އޭނާގެ ނަން މަޑުމަޑުން ފޮހެވި، އާ ހާދިސާތަކާއި އާ ސްކޭންޑަލްތަކަށް މީހުންގެ ސަމާލުކަން ހުއްޓުނީތޯ އޭނާގެ ހިތަށް އެރިއެވެ. ފަހަރުގައި ބައެއް މީހުންގެ ނަޒަރުގައި އޭނާއަކީ ދެން ހޯދަން ޖެހޭވަރުގެ މީހެއް ނޫނެވެ. ފަހަރުގައި އެމީހުން ވަނީ އޭނާގެ ވާހަކައިގެ ނިމުން އަމިއްލައަށް ލިޔެ ނިންމާލާފައެވެ.
ވަޝިއްޔާ ބައެއް ފަހަރު އޭނާގެ ނޯޓުފޮތް ހިފައިގެން އެކަނި އިނދެ، ރާއްޖޭގައި ތިބި މީހުން އޭނާއާ ބެހޭގޮތުން ދައްކާނެ ވާހަކަތައް ތަަޞައްވުރު ކުރެއެވެ.
“އޭނާ ރާއްޖޭން ބޭރަށް ގޮސް އަމިއްލަ ދިރިއުޅުން ހަލާކުކޮށްލީއެވެ.”
“ނުބައި މީހުންނާ ގުޅުން ބޭއްވީއެވެ.”
“ފުރައިގެން ދިޔަ ފަހުން އޭނާ މުޅިން ބަދަލުވީއެވެ.”
މިފަދަ ހީތަކުން އޭނާއަށް ތަދުވެއެވެ. އެއީ އެންމެންގެ ރުހުން ބޭނުންވާތީއެއް ނޫނެވެ. ނަމަވެސް، މީހެއްގެ ފަރާތުން ލިބުނު އަނިޔާވެރިކަމުގެ ނަތީޖާއަކީ އެމީހަކު އަމިއްލައަށް އިޚްތިޔާރުކުރި ގޮތް ކަމަށް މުޅި މުޖުތަމައަށް އެހާ ފަސޭހައިން އޮޅުވާލެވޭތީއެވެ.
އޭނާއަށް ހަޤީޤަތުގައި ވީގޮތެއް އޮޅުންފިލުވަން އެއްވެސް މީހަކު މަސައްކަތް ކުރި ހެއްޔެވެ؟ ވިސްނައިދޭން އެކަކުވެސް މަސައްކަތް ކުރި ހެއްޔެވެ؟ ނޫނީ ދުނިޔެއަށް އެންމެ ފަސޭހަވީ އޭނާގެ މަތިން ހަނދާން ނައްތާލަން ހެއްޔެވެ؟
*****
އެ ރޭ ޖާބިރު ގެއަށް އައީ އާދަޔަށްވުރެ އަވަހަށެވެ.
ވަޝިއްޔާ އިނީ ސިޓިންގ ރޫމުގައި ވިޔަފާރި މަޖައްލާއެއް ކިޔާށެވެ. “ޝްރެޔާ.”
ވަޝިއްޔާ އިސްއުފުލާ ބަލާލިއެވެ. “ވެލްކަމް.. މާ އަވަހަކަށް ގެއަށް ތިއައީ.”
ޖާބިރު ހިނިތުންވެލިއެވެ.
“ތިއީ އަހަރެން އަވަހަށް އައިމަ ދެރަވެގެން ނޫނީ މާޔޫސްވެގެން ބުނި އެއްޗެއްތަ؟”
“އަސްލު އެހެނެއް ނޫން.”
ޖާބިރު އޭނާގެ ކައިރީގައި އިށީނދެ ވަޝިއްޔާ ކިޔަމުން ދިޔަ މަޖައްލާއަށް ބަލާލިއެވެ.
“އަދިވެސް ވިޔަފާރިއަށް ޝައުޤުވެރިވޭތަ ކަނބުލޯ؟”
“އަހަރެން ޝައުޤުވެރިވަނީ މީހުންނަށް. ވިޔަފާރިއަކީ ހަމައެކަނި ފައިސާ ބޭނުންކޮށްގެން މީހުން ނިންމާ ނިންމުންތަކެއް.”
ޖާބިރު ހިނިގަނޑެއް ޖަހާލިއެވެ.
“އޯ ވާއު.. ތިއީ މިހާރު ވަރަށް ހުޝިޔާރު ކުއްޖަކަށް ވެއްޖެ.”
“އެހެންތަ.. ރިޔަލީ؟”
“މިހާރު ތިހުރީ މި ދުނިޔެ ރަނގަޅަށް ދަސްވެފައި، ކުޅަދާނަވެފައި. މައި ޝްރެޔާ.”
ވަޝިއްޔާ މަޖައްލާ ލައްޕާލިއެވެ.
“ހޫނ، އަހަރެންވެސް މިހާރު ތިކަން ޤަބޫލުކުރަން.”
ޖާބިރު ކުޑަ އިރުކޮޅެއް ވަންދެން ވަޝިއްޔާއަށް ބަލަހައްޓައިގެން އިނެވެ.
“އަހަރެން ވާހަކައެއް ދައްކާލަން ބޭނުން. މި ހަފުތާ ބަންދުގައި އަހަރެމެންގެ ޚާއްސަ ހަފުލާއެއް އެބައޮތް. ވަރަށް މުހިންމު ބަޔަކު އަންނާނެ. އަހަރެން ބޭނުންވަނީ ކަލޭ އަހަރެންގެ ގާތުގައި ހުންނަން.”
“އެންމެ ރަނގަޅު. ނޯ ޕްރޮބްލެމް ޑާރލިންގް.”
ވަޝިއްޔާ ވަގުތުން އެއްބަސްވުމުން ޖާބިރު ހުރީ ވަރަށް ހިތްހަމަޖެހިފައި އުފަލުންނެވެ.
“އެއްވެސް އިއުތިރާޒެއް ހަމަ ނެތްތަ؟”
“އޮންނަންވީ ކީއްވެ؟”
ޖާބިރު ވަޝިއްޔާގެ އަތުގައި ހިފާލިއެވެ.
“ތިއީ އަހަރެންގެ ޝްރެޔާ.”
ވަޝިއްޔާ ހިނިތުންވެލިއެވެ. އެއީ މީހަކަށް ޝައްކު ނުވާނެ ފަދަ ފުރިހަމަ ހިނިތުންވުމެކެވެ.
ނަމަވެސް ޖާބިރު މެހުމާނުންނާއި، އިންތިޒާމުތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ދިޔައިރު، ވަޝިއްޔާގެ ސަމާލުކަން ހުރީ މުޅިން އެހެން ކަމަކަށެވެ. ނަމެކެވެ. އެތައް އަހަރެއް ވަންދެން އޭނާ އަޑުނާހާ ނަމެކެވެ. މިރްޒާ ގަފޫރެވެ.
މި ހަފުތާގެ ކުރީކޮޅު ޖާބިރު އޭނާގެ ބައިވެރިއަކާ ފޯނުން ދެއްކި ވާހަކައެއްގެ ތެރެއިން ވަޝިއްޔާއަށް އެ ނަން އިވުނެވެ. އެކަން ފާހަގަނުވާ ކަމަށް ހެދިގެން ހުއްޓަސް، އެ ނަމުގެ ކޮންމެ އަކުރެއް އޭނާގެ ހަނދާނުގައި ހަރުލާފައި ހުއްޓެވެ.
މިހާރު އޭނާގެ ހިތަށް އަރަނީ ކުއްލިއަކަށް ޖާބިރުގެ ދުލުން މިރުޒާގެ ނަން އަންނަންވީ ކީއްވެގެން ބާވައެވެ؟ އޭނާ އަދިވެސް ވަޝިއްޔާ ހޯދަނީ ހެއްޔެވެ؟ އޭނާއަށް އެންމެ ފަހުން ވަޝިއްޔާ ފެނުނީ ހެއްޔެވެ؟ އަދި ފެނުނުނަމަ، އޭނާ ނައީ ކީއްވެ ހެއްޔެވެ؟
ވަޝިއްޔާ ކުޑަދޮރުން ބޭރަށް ބަލާލިއެވެ. ބޭރުގެ އުޑުމަތި އޮތީ އާދަޔާ ޚިލާފަށް ބަނަކޮށެވެ. ވަޔާ ގަސްތައް ހޫރެމުންދާއިރު، ދުރުން ގުގުރީގެ އަޑު އިވެމުން ދިޔައެވެ.
ޖާބިރުގެ ވާހަކަ ކުރިއަށް ދިޔައެވެ. ވަޝިއްޔާއަށް އެއިން އެއްވެސް އަޑެއް ނީވެއެވެ.
ވޭތުވެދިޔަ ތިން އަހަރު ދުވަހު، އޭނާގެ ހިމޭންކަމަކީ ކަންކަން ޤަބޫލުކުރުން ކަމަށް އެންމެންނަށް ހީވިއެވެ. އޭނާގެ ކެތްތެރިކަމަކީ އުފަލުގައި ހުރުން ކަމަށް އެމީހުންނަށް އޮޅުނެވެ. އޭނާގެ އާ ނަމަކީ އޭނާގެ އާ ބާރާއި ނުފޫޒު ކަމަށް އެމީހުން ހީކުރިއެވެ. ނަމަވެސް ވަޝިއްޔާ އެއްވެސް ކަމެއް ހަނދާން ނައްތައެއް ނުލައެވެ.
އެ އެޕާޓްމަންޓެއް، ކެމެރާތަކެއް، އެ ފިިރިހެނުންނެއް، އިންޖެކްޝަންތަކެއް، އަދި އެ ފޮޓޯތަކާއި ވީޑިޔޯތަކެއް އޭނާ ހަނދާނެއް ނުނެތެއެވެ. އަދި އޭނާގެ ބައްޕަ ނަންބަރަށް ގުޅުމުން، ވަޝިއްޔާއަކީ މިހާރު އެ އާއިލާއަށް މަރުވެފައިވާ މީހެއް ކަމަށް ބުނި ފޯނު ކޯލުވެސް ހަނދާނެއް ނުނެތެއެވެ. އަދި މިރުޒާވެސްމެއެވެ.
އެއް އިރެއްގައި އޭނާ އެދެމުންދިޔައީ މީހަކު އައިސް އޭނާ ސަލާމަތް ކޮށްދިނުމަށެވެ. ނަމަވެސް މިހާރު އޭނާ ބޭނުންވަނީ ޖަވާބެވެ. އޭނާ ބޭނުންވަނީ ނަންތަކެވެ. އޭނާ ބޭނުންވަނީ ހަޤީޤަތެވެ. އޭނާ ހައްޔަރުކޮށްގެން ގެންގުޅުނީ ކޮން ބައެއްގެ ރޭވުމަކުން ކަމާއި، އެކަމުން މަންފާ ހޯދީ ކާކުކަން އެނގެން އޭނާ ބޭނުންވެއެވެ. އަދި އެހާ ގިނަ ބަޔަކު އެއްވެސް އަދަބެއް ނުލިބި ސަލާމަތްވީ ކީއްވެގެންކަން އެނގެން އޭނާ ބޭނުންވެއެވެ.
އޭނާ ދެން އިންތިޒާރު ކުރަނީކީ އޭނާގެ ކުރީގެ ދިރިއުޅުން އަނބުރާ ލިބޭކަށް ނޫނެވެ. އޭނާ ތައްޔާރުވަމުން އެދަނީ އެ ދިރިއުޅުން އޭނާގެ އަތުން ފޭރިގަތް މީހުންނާ ކުރިމަތިލާށެވެ.
ބޭރުގައި ވައި ގަދަވަމުން ދިޔައެވެ. ތޫފާން އަންނަނީއެވެ. އަދި މިފަހަރު، އެ ތޫފާނުގެ ތެރޭގައި އެހީތެރިކަމެއް ނެތި ބަނދެވޭނެ މީހަކީ ވަޝިއްޔާއެއް ނޫނެވެ.
*****
އެއީ ފައިސާއާއި ނުފޫޒުން ފުރިހަމަކޮށްފައިވާ ހިތްގައިމު ރޭގަނޑެކެވެ. ބޮޑެތި ބްލޫރީ ބޮކިތަކުގެ އުޖާލާކަމުން މުޅި ހޯލު އޮތީ ދިއްލިފައެވެ. ދޮރުމަތީގައި ހުރި ބޮޑެތި މާބޮނޑިތަކާއި، އޮމާން މާބްލް ތަޅުންގަނޑުން އެ ފެންނަ ރަންކުލައިގެ އަލިތަކުން މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ވެއިޓަރުން، އެކި ކަހަލަ މީރު ކާތަކެއްޗާއި ބުއިންތައް ހިފައިގެން މެހުމާނުންގެ މެދުގައި ހަރަކާތްތެރިވަމުން ދިޔައީ ނުހަނު އަދަބުވެރިކަމާއެކުގައެވެ.
އެއީ ހަމައެކަނި ދަޢުވަތު ދެވުނު މުއްސަނދިންނާއި ބާރުގަދަ މީހުންނަށް ބޭއްވި ޚާއްސަ ހަފުލާއެކެވެ. ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. ކަޅު ކޯޓު ފަޓުލޫނުގައި ތިބި ސެކިއުރިޓީ އޮފިސަރުން ކޮންމެ ދޮރެއް ބަލަހައްޓަމުން ދިޔައިރު، ބައެއް ޚާއްސަ މެހުމާނުންނަށް ވަކިން ސެކިއުރިޓީ ދީފައިވެއެވެ. އަދި މުޅި ތަން އޮތީ ސިއްރު ކެމެރާތަކުގެ ނަޒަރުގެ ދަށުގައެވެ.
ކާތަކެއްޗަކީ ފަސްތަރީގެ ފެންވަރުގެ އެއްޗިއްސެވެ. މާހައުލު ވަނީ ވަރަށް ފުރިހަމައަށް ތަރުތީބުކުރެވިފައެވެ. ރާއްޖެއާއި ސްރީލަންކާގެ މިއުޒީޝަނުންގެ ހުނަރުން މުޅި ހޯލު އޮތީ ފުރާލާފައެވެ. ދިވެހި ރާގުތަކާއި ހުޅަނގުގެ މިއުޒިކް އެކުވެގެން އުފެދިފައިވާ ހިތްގައިމު ރާގުތަކުން އެރޭގެ މާހައުލަށް ތަފާތު ދިރުމެއް ގެނެސްދެއެވެ.
ފިރިހެނުން ތިބީ ކަޅު ކޯޓު ފަޓުލޫނުގައެވެ. އަންހެނުން ތިބީ ނުހަނު ރީތި ހަވީރީ ހެދުންތަކާއި، އަގުބޮޑު ގަހަނާތަކުން ޒީނަތްތެރިވެގެންނެވެ.
ޖައްވުގެ ތެރެއިން ދުވާ މީރުވަހާއި، މާތަކުގެ ވަހާއި، އެ މާހައުލުގެ ތަނަވަސްކަމުން ހީވަނީ އަގުބޮޑު ސެންޓާއި ފައިސާގެ ވަސްވެސް ދުވާހެންނެވެ.
އެ މީހުންގެ ތެރޭގައި ޝްރެޔާ ރަޙްމާން ހުއްޓެވެ. އޭނާ ލައިގެން ހުރީ ރަންކުލައިގެ ފޭރާމަކުން ފަރުމާކޮށްފައިވާ ރީތި ހަވީރީ ހެދުމެކެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ނުހަނު ފުރިހަމައަށް އައްސާލެވިފައެވެ. ކަރުގައި އޮތް އަލިމަހުގެ ހާރާއި، އެއާ ގުޅޭ ރަން ހީލްސްގެ ސަބަބުން ފުރިހަމަން އިތުރުކޮށްދެއެވެ.
އޭނާ ފެންނަނީ ޖާބިރު ދުނިޔެއަށް ދައްކަން ބޭނުންވި ފަދަ އަންހެނެއްގެ ގޮތުގައެވެ. ކެރޭ، ރީތި، އަދި އަތްނުފޯރާ ފަދަ އަންހެނެއްގެ ގޮތުގައެވެ. ކޮންމެއަކަސް، އެންމެން ޤަބޫލުކުރީ އެގޮތަށެވެ.
(ނުނިމޭ)
