ދިވެހި ފުޓްބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި އޮތް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި ވިކްޓަރީ ސްޕޯރޓްސް ކުލަބް ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި ބައްދަލުކުރި “ރަސްވާދަ މެޗު” ކާމިޔާބުކޮށް ލީގުގެ އެއްވަނައިގައި އޮތް ވިކްޓަރީއިން ލީޑު ފުޅާކޮށްފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅެވުނު މި މެޗަކީ މި ސީޒަންގައި އެންމެ ގިނަ ސަޕޯޓަރުން ދަނޑަށް ވަތް މެޗެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވިކްޓަރީގެ ނާއިޒް ހަސަން (ދާދު) އަށެވެ. ނިއުރޭޑިއަންޓްގެ ލާސްޓް ޑިފެންޑަރު ހެދި ގޯހެއްގެ ފައިދާ ނަގައި ހޯދި ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަތް ނަމަވެސް، އޭނާގެ ނިންމުން އެހާ ރަނގަޅެއް ނުވި އެވެ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނު ވިކްޓަރީއިން މި މެޗުގެ ލީޑު ނެގީ 19 ވަނަ މިނިޓްގައި އަލްހާޖީ ގެރޯ ކާމިޔާބުކޮށްދިން ލަނޑުން ނެވެ. މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުނު އަލްހާޖީ ގެރޯ މި ލަނޑު ޖަހާފައިވަނީ، ނިއުރޭޑިއަންޓްގެ އޭރިޔާ ތެރެއަށް ޢަލީ ސާމިސް މަތިމަތިން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ބޯޅަ ދިފާއުކުރަން ކީޕަރު ފައިސަލް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވި އެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ނިއުރޭޑިއަންޓުން ލަނޑު ޖެހީ 31 ވަނަ މިނިޓްގައި މުޙައްމަދު ނާއިމް އެވެ. ނާއިމް މި ލަނޑު ޖަހާފައިވަނީ ޑޮރިއެލްޓަން ނަޝިމެންޓޯސް ވިކްޓަރީގެ ގޯލު ކުރިމަތިން އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ނާއިމްއަށް ޖައްސާލި ބޯޅައެއް އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ގޮސްފައިވެ އެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ފުރަތަމަ ހާފުގެ ފަހުކޮޅު ހިނގައިދިޔަ ހަމަނުޖެހުމަކާއި ގުޅިގެން ވިކްޓަރީގެ މިރްޖަލޯލް ކިސީމޯވް އާއި ނިއުރޭޑިއަންޓްގެ މުޙައްމަދު ނާއިމްއަށް ވަނީ ރަތް ކާޑް ދައްކައިފަ އެވެ.
ގިނަ ބަދަލުތަކެއް ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނުނުއިރު، މި ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ވިކްޓަރީއިން ނެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ނިއުރޭޑިއަންޓަށް ވެސް ލިބުނު މި މެޗުގެ ލީޑު ދެވަނަ ފަހަރަށް ވިކްޓަރީއިން ނެގީ 78 ވަނަ މިނިޓްގައި ކާމިޔާބުކުރި ލަނޑުން ނެވެ. މި ލަނޑު ވިކްޓަރީއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަލްހާޖީ ގެރޯ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަޙްމަދު ރިޒްވާން ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޅިން ހުސްކޮށް ގޯލު ކުރިމަތީ ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ.
2-1 އިން ވިކްޓަރީ ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އަލްހާޖީ ގެރޯ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ވިކްޓަރީއިން 19 ޕޮއިންޓް ހަމަކޮށްފައިވާއިރު، އެ ޓީމާއި އެންމެ ކައިރިން ވާދަކުރާ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންއަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.
މި މުބާރާތުގެ ދެ މެޗެއް މިއަދު ވެސް އޮންނާނެ އެވެ. މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ދިއްދޫ ސްޕޯރޓްސް ބައްދަލުކުރާއިރު، މިރޭގެ މެޗުގައި ބައްދަލުކުރާނީ ބިސްބުރު ސްޕޯރޓްސް ކުލަބާއި ގައްދޫ ރެކްރިއޭޝަން އެވެ.
