ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ލީޑް ރޯލު ކުޅެ، މިދިޔަ އޮކްޓޫބަރު މަހު ސިނަމާތަކުގައި ދެއްކި ކާމިޔާބު ފިލްމު “ދްރިޝްޔަމް: ދަ ކޮންކްލޫޝަން” އޯޓީޓީ ޕްލެޓްފޯމުގައި ސްޓްރީމްކުރަން ފަށާ ތާރީޚު އިޢުލާނުކޮށްފިއެވެ. ސިނަމާތަކުގައި 8 ހަފުތާގެ މުއްދަތެއް ހޭދަކުރުމަށްފަހު، މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
ނެޓްފްލިކްސްއިން މިކަން އަދި ރަސްމީކޮށް އިޢުލާނު ނުކުރި ނަމަވެސް، އެ ޕްލެޓްފޯމުގައި ކުރިއަށް އޮތް ފިލްމުތަކުގެ ލިސްޓުން މިހާރު މި ފިލްމު ވަނީ ފެންނަން ފަށާފައެވެ. އަބީޝެކް ޕާތަކް ޑައިރެކްޓްކޮށްފައިވާ “ދްރިޝްޔަމް: ދަ ކޮންކްލޫޝަން” އަކީ ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މި ފްރެންޗައިޒްގެ އެންމެ ފަހު ބައެވެ. މިއީ މޯހަންލާލް ލީޑް ރޯލު ކުޅުނު މަލަޔާލަމް ފިލްމު ސީރީޒް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ހިންދީ ފިލްމެކެވެ.
ބޮކްސް އޮފީސް ޓްރެކަރ “ސެކްނިލްކް” އިން ހާމަކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 110 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ 589 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިފައެވެ. މިއާއެކު މި ފިލްމު ވެގެން ގޮސްފައިވަނީ “ދުރަންދަރު 2” އަދި “ރާމާޔަނާ: ޕާޓް 1” އަށް ފަހު، 2026 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ތިންވަނަ ހިންދީ ފިލްމަށެވެ.
މި ފިލްމުން ކުރީގެ ބައިތަކުން ފެނިގެންދިޔަ ތަރިން ކަމަށްވާ ތައްބޫ، ޝްރިޔާ ސަރަން، އިޝިތާ ދައްތާ، ކަމްލޭޝް ސާވަންތު އަދި ރަޖަތު ކަޕޫރުގެ އިތުރުން، އާ ކާސްޓުންގެ ގޮތުގައި ޕްރަކާޝް ރާޖް އަދި ޖައިދީޕް އަހްލާވަތުވެސް ވަނީ ފެނިގެން ގޮސްފައެވެ. ޖައިދީޕް ފެނިގެންދަނީ ހުނަރުވެރި އަދި ވަރުގަދަ ފުލުހެއްގެ ރޯލުންނެވެ.
ފިލްމު ރިވިއުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ވަރަށް ފުރިހަމަކޮށެވެ. ކުށުގެ ވެށްޓެއްގައި ހެކިތައް އަތުރާލެވިފައިވާ ފަދައިން، ވާހަކައިގެ ބައިތައް ގުޅުވާލާފައިވާ ގޮތް ފާހަގަކޮށްލެވެއެވެ. އަދި ކުރީގެ ބައިތަކުގެ ކާމިޔާބީއަށް އެކަނި ބަރޯސާނުވެ، ބެލުންތެރިން ހީނުކުރާ ފަދަ ޓްވިސްޓުތަކަކާއެކު، ކުދި ރޯލުތަކަށްވެސް ޝައުޤުވެރި އަދި މަޖާ ސިފަތަކެއް ގެނެސްދީފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި ފިލްމުގެ ބޮޑު ކާމިޔާބީއަށްފަހު، އަޖޭ ދޭވްގަން ދެން އެންމެ އަވަހަށް ފެނިގެންދާނީ ޖެނުއަރީ 2027 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ އޭނާގެ ކާމިޔާބު ކޮމެޑީ ފްރެންޗައިޒްގެ “ގޯލްމާލް 5” އިންނެވެ.
