ޝަރަފް، ނޫރީންއާ ކައިވެނިކުރަން ނިންމިކަން އިޢުލާންކުރުމުން، އޭނާގެ ޢާއިލާ އެކަމާ މާބޮޑަކަށް ހިތްހަމައެއް ނުޖެހުނެވެ. ޚާއްސަކޮށް އޭނާގެ މަންމަ، ފާޠިމަތު ވަހީދު ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
އޭނާ ދަރިފުޅުގެ އަނތްބަކަށް ވާނެ އަންހެންކުއްޖާގެ ތަޞައްވުރު ކުރަހަމުން ދާތާ އެތައް އަހަރެއް ވެއްޖެއެވެ. އޭނާ އުއްމީދުކޮށްގެން ހުރީ ވަހީދުގެ ޚާންދާނާ ގުޅޭނެ ފަދަ، ނުފޫޒުގަދަ ޢާއިލާއަކަށް ނިސްބަތްވާ، ތަޢުލީމީ ގޮތުންނާއި އިޖުތިމާޢީ ގޮތުން މަތީ ދަރަޖައެއްގެ ކުއްޖަކަށެވެ. ނަމަވެސް، އޭނާގެ ދަރިފުޅު ކައިވެނިކުރަން ބޭނުންވީ ވާހަކަ ނުދެއްކޭ، އާދައިގެ ޢާއިލާއަކަށް ނިސްބަތްވާ އަންހެންކުއްޖަކާއެވެ.
އެންމެ ފުރަތަމަ ބައްދަލުވީ ދުވަހު ނޫރީންއަށް ރައްދުވާ ގޮތަށް ފާޅުގައި އެއްޗެކޭ ބުނެ އިހާނެތިކޮށްލާފައެއް ނުވެއެވެ. ވަހީދުގެ ޢާއިލާއަކީ އެފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ފާޅުގައި ކުރާނެ ބައެއް ނޫނެވެ. އެމީހުން ބޭނުންކުރީ މާ މަކަރުވެރި އުކުޅުތަކެކެވެ. ޢާއިލީ ބޮޑެތި ޖަލްސާތަކުގައި ބައިވެރިވުމަކީ ނޫރީންއަށް ފަސޭހަކަމަކަށް ވާނެތޯ ފާޠިމަތު ސުވާލުކުރިއެވެ. ޝަރަފްގެ އަނބިމީހާގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އޭނާއަށް އަދާކުރެވޭނެތޯ އެހިއެވެ. ނޫރީން މި ވަދެވެނީ ކޮން ކަހަލަ ދިރިއުޅުމަކަށްކަން އޭނާއަށް ފަހުމްވޭތޯ ސުވާލުކުރިއެވެ. ދެން ހިނިތުންވެލާފައި ބުންޏެވެ.
“މި ޢާއިލާގެ ތެރެއަށް ވަނުމަށްޓަކައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަމިއްލަ ނަފްސަށް ގެންނަން ޖެހޭނެ.”
އަދަބުވެރިކަމާއެކު ނޫރީން ބޯޖަހާލިއެވެ.
ނަމަވެސް، އޭނާގެ މަންމައަށް އެ ބުނި ބަހުގެ ފުން މާނަ ވިސްނުނެވެ.
ގެއަށް ދިޔަ މަގުމަތީގައި، މި ކައިވެންޏާ މެދު ޔަޤީންކަން އެބައޮތްތޯ އޭނާގެ ނޫރިންގެ މަންމަ ސުވާލުކުރިއެވެ. ނޫރީން ލިޔުނެވެ. އަހަރެން މި ކައިވެނިކުރަނީ ޝަރަފްއާއެވެ. އޭނާގެ ޢާއިލާއަކާ ނޫނެވެ. އޭނާގެ މަންމަ ވަރަށް ގިނައިރު ވަންދެން ނޫރީންއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
“ޝަރަފްވެސް އެކަން އެގޮތަށް ހަނދާން ބަހައްޓާނެނަމައޭ މަންމަގެ ހިތަށް އަރަނީ.”
ޝަރަފް ހުރީ އޭނާގެ ޢާއިލާ ކޮންޓްރޯލްކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރުގައެވެ. އާއިލާގެ މީހުންގެ ޚިޔާލުތަކާމެދު ކަންބޮޑުވާން ނުޖެހޭނެކަމުގެ ވަޢުދު އޭނާ ނޫރީންއަށް ވިއެވެ. ކޮންމެވެސް ދުވަހަކުން މަންމަ އޭނާ ބަލައިގަންނާނެ ކަމަށާއި، ތިމާގެ މީހުން އޭނާއަށް އާދަވާނެ ކަމަށާއި، އެމީހުންގެ ދިރިއުޅުން ޢާއިލާގެ އާދަކާދަތަކާ ތަފާތުވާނެކަމަށް ޝަރަފް ބުންޏެވެ. ނޫރީން އޭނާއަށް އިތުބާރު ކުރިއެވެ.
އެމީހުންގެ ކައިވެނީގެ ހަފުލާއަކީ ވަރަށް ކުލަގަދަ ހަފުލާއެކެވެ. މޫދު ފެންނަ ގޮތަށް ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައިވާ މާލަމެއްގައި ބޭއްވި މި ހަފުލާގައި ސަތޭކައަށްވުރެ ގިނަ މެހެމާނުން ބައިވެރިވިއެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިންނާއި، ނުފޫޒުގަދަ ޢާއިލާތަކާއި، މުޖުތަމަޢުގެ އިސް ފަރާތްތައް ހިމެނެއެވެ.
ނޫރީން ހުރީ އެތައް ގަހަނާއަކުން ޒީނަތްތެރިކޮށްފައިވާ ހުދުކުލައިގެ ރީތި ކައިވެނީގެ ހެދުމެއްގައެވެ. ޝަރަފް ހުރީ އޭނާގެ އަމިއްލަ ނަފްސާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވެފައެވެ. މުޅި ހަފުލާގައި އޭނާ އިނީ ނޫރީންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ކެމެރާތަކަށް ހިނިތުންވުން ދެމުން، ނޫރީންގެ ކަންފަތްދޮށުގައި އޭނާ ބޭނުންވާ ކޮންމެ ކަމެއް ފުރިހަމަކޮށްދޭނެކަމަށް ބުނެ ސިއްރުން ވަޢުދުވަމުން ދިޔައެވެ.
ޝަރަފްގެ ޢާއިލާގެ ފަރާތުން އެ ދެމަފިރިންނަށް ހުޅުމާލޭގައި ހުރި އަގުބޮޑު ގެއަކާއި، ލަގްޒަރީ ކާރެއްގެ އިތުރުން އެތައް ހަދިޔާތަކެއް ދިނެވެ. ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައެވެ. ވަހީދުގެ ޢާއިލާއަށް މީހުން މަރުޙަބާ ކިޔަމުން ދިޔައެވެ. ބައެއް މީހުން ޝަރަފްގެ ރީތި ބައިވެރިޔާއަށް ތަޢުރީފު ކުރިއިރު، އަނެއް ބަޔަކު މި އާދަޔާ ޚިލާފު ގުޅުމާމެދު ސިއްރުން ސުވާލު އުފެއްދިއެވެ.
ނަމަވެސް ނޫރީން އެކަންކަމާ އަޅައެއް ނުލައެވެ. އޭނާ ހުރީ އުފަލުންނެވެ. އޭނާ ކައިވެނިކުރީ، އެއްދުވަހަކު ކުޑަ ކެފޭއެއްގައި އޭނާއާ ކުރިމަތީގައި އިށީނދެގެން އިނދެ، އޭނާއާ މުޢާމަލާތުކުރަން ދަސްކުރި މީހާއާއެވެ. އެ މިންވަރު އޭނާއަށް ފުދެއެވެ.
އެމީހުންގެ ގެ ވަރަށް ރީއްޗެވެ. ފަޅު ފެންނަ ގޮތަށް ހުރި ބޮޑެތި ކުޑަދޮރުތަކާއި، ރާއްޖޭން ބޭރުން ގެނެސްފައިވާ ފަރުނީޗަރާއި، ތަނަވަސް ބަދިގެއެއްގެ އިތުރުން ހިތްގައިމު ގަސްތަކުން ފުރިފައިވާ ބަގީޗާއެއް އެ ގޭގައި އޮވެއެވެ. ގޭގައި މަސައްކަތްކުރާ މީހުންނާއި، ޑްރައިވަރުންނާއި، ސެކިއުރިޓީ ބަލަހައްޓާ މީހުން ތިބުމުން އެއީ އާދައިގެ ގެއަކަށްވުރެ ބޮޑަށް އަމިއްލަ ގަނޑުވަރެއް ފަދައެވެ.
ނޫރީން މަޑުމަޑުން އެ ތަނަކީ ދިރިއުޅުން އިޙުސާސްވާ ތަނަކަށް ބަދަލުކުރިއެވެ. މާވަށިތަކަށް ތާޒާ މާ ޖަހައި، ފަރުދާތައް ހޮވައި، ބަދިގެ ޒީނަތްތެރިކޮށް، ގޭގެ އެކި ތަންތަނުގައި ކުދިކުދި ނޮޓުތައް ބެހެއްޓިއެވެ.
“އުފާވެރި ދުވަހަކަށް އެދެން.”
“ރޭގަނޑުގެ ކެއުން ތައްޔާރު.”
“ބޭސްކާން ހަނދާން ނައްތާނުލައްޗޭ.”
ފެށުމުގައި ޝަރަފަށް މިކަންކަންވީ ވަރަށް ހިތްގައިމު ކަންތައްތަކަކަށެވެ. ބައެއް ރޭރޭ ޝަރަފް ގެއަށް އަންނައިރު ނޫރީން އޭނާގެ އިންތިޒާރުގައި ސޯފާގައި ނިދިފައި އޮވެއެވެ. ޝަރަފް އޭނާ އުފުލައިގެން ގެންގޮސް އެނދުގައި ބާއްވައި، ނިތްކުރިއަށް ބޮސްދެއެވެ. ނަމަވެސް، ކުރިން ނޫރީން ދެނެގަތުމަށް މަސައްކަތްކުރި މީހާ، މަޑުމަޑުން އެއްވެސް އޮޅުންފިލުވައިދިނުމަކާނުލައި ހުރިހާ ކަމެއް ނޫރީންއަށް ވިސްނެން ޖެހޭނެކަމަށް ޤަބޫލުކުރަން ފެށިއެވެ.
އޭނާގެ ދިރިއުޅުމުގެ ތެރެއަށް ޢާއިލާގެ ނުފޫޒު ވަރަށް ބޮޑަށް ވަންނަން ފެށިއެވެ. އޭނާގެ ބައްޕަ، ވަހީދު އިބްރާހީމް، އަދިވެސް ޢާއިލީ ވިޔަފާރީގެ މައްޗަށް ބޮޑު ބާރެއް ފޯރުވަމުން ދިޔައެވެ. މުހިންމު ނިންމުންތައް ނިންމަނީ އަމިއްލަ ރޭގަނޑުގެ ކެއުންތަކުގައެވެ. އަދި ބައްޕަ ބޭނުންވާ ކޮންމެ ވަގުތަކު ޝަރަފް ބައްދަލުވުންތަކަށް ހާޒިރުވާން ޖެހެއެވެ. ޢާއިލީ އެއްވުންތަކުގައި ސިއްރުން ވިޔަފާރީގެ ވާހަކަ ދެކެވެއެވެ. ކުރިން އެންގުމަކާނުލައި މެހެމާނުން ގެއަށް އާދެއެވެ. އަދި ނޭނގޭ މީހަކު ކޮޓަރިއަށް ވަދެއްޖެނަމަ ދައްކަމުން ދިޔަ ވާހަކަ ވަގުތުން ހުއްޓާލައެވެ.
ނޫރީންގެ ކިބައިން އުއްމީދު ކުރެވެނީ ވަހީދު ޚާންދާނުގެ އަދަބުވެރި ޅީދަރިއެއްގެ ގޮތުގައި އުޅުމަށެވެ. އޭނާ ހުންނަން ޖެހެނީ ރީތިކޮށް ހެދުން އަޅައިގެންނެވެ. ޢާއިލީ ހުރިހާ ކަމެއްގައި ބައިވެރިވާން ޖެހެއެވެ. މީހަކު ވާހަކަ ދެއްކުމުން ހިނިތުންވާން ޖެހެއެވެ. އަދި އޭނާއާ ނުބެހޭ ކަންކަމުގައި ސުވާލުކުރުމުން ދުރުހެލިވާން ޖެހެއެވެ.
ޢާއިލީ އެއްވުންތަކުގައި އޭނާގެ ނޯޓުފޮތް މެދުވެރިކޮށް މުޢާމަލާތުކުރަން އުޅުމުން، ބައެއް ތިމާގެ މީހުން ކެތްތެރިކަން ކުޑަވެއެވެ.
“ޝަރަފް، އަހަރެން މި ބުނި އެއްޗެއް އޭނާ ގާތު ބުނެބަލަ.” ބައެއް ފަހަރު އޭނާގެ މަންމަ އަމުރުކުރާނެއެވެ.
ބައެއް ފަހަރު ޝަރަފް އެ ވާހަކަތައް ތަރުޖަމާކޮށްދެއެވެ. އަނެއްބައި ފަހަރު އެކަމެއް ނުކުރެއެވެ.
ނޫރީން އަމިއްލައަށް ޖަވާބުދޭން މަސައްކަތްކޮށްފިނަމަ، މީހަކު އޭނާގެ ވާހަކަ މެދުކަނޑާލާނެއެވެ.
“މިކަން މާ ބޮޑު އުނދަގޫ ކަމަކަށް ނުހަދަމާ ހިނގާ.”
އޭނާއަށް އިޙުސާސްވާން ފެށީ އޭނާއަކީ އެ ޢާއިލާގެ މެންބަރެއް ނޫން ކަމަށާއި، އެމީހުން ބަލައިގަންނަން މަޖުބޫރުވެފައިވާ އުނދަގޫ އިތުރުވުމެއްގެ ގޮތުގައެވެ.
ނޫރީންގެ ހިތްނުތަނަވަސްކަން ޝަރަފަށް ފާހަގަކުރެވުނެވެ. ނަމަވެސް އޭނާގެ ދިފާޢުގައި ވާހަކަދެއްކުމުގެ ބަދަލުގައި، ޝަރަފް ފެށީ ކަންކަމަށް އާދަވުމަށް ނޫރީންއަށް ނަޞޭޙަތްތެރިވާށެވެ.
“އަހަރެންގެ ޢާއިލާގެ ގޮތަކީ އެއީ. ހުރިހާ އެންމެން ކަލެއަށްޓަކައި ބަދަލުވާނެކަމަށް އުއްމީދުކޮށްގެން ނުވާނެ.”
އެއްދުވަހެއްގެ ހަވީރު ނޫރީން ލިޔުނެވެ.
“އަހަރެން އެމީހުން ބަދަލުވާކަށް ނޭދެން. އަހަރެން އެދެނީ އަހަރެންނަކީވެސް އިންސާނެއްގެ ގޮތުގައި އެމީހުން ދެކުމަށް.”
ޝަރަފް އެ ޖުމްލަ ކިޔާލުމަށްފަހު ނޯޓުފޮތް އެއްފަރާތެއްގައި ބޭއްވިއެވެ. “ކަލޭ ތީ މާ އިމޯޝަނަލް މީހެއް.”
ނޫރީން ހިތުގައި އެންމެ އަވަހަށް ޖެހޭ ހިތްދަތި، ޝަރަފް ބުނާ ބަހަކީ އެއީ ކަމުގައި ވިއެވެ.
ނޫރީން ބަނޑުބޮޑުވުމުން، ދަރިއަކު ލިބުމަކީ އެމީހުންގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށް އޭނާ ހީކުރިއެވެ. ޝަރަފް ހުރީ ވަރަށް އުފަލުންނެވެ. އެ ޚަބަރު ޢާއިލީ ކެއުމެއްގެ ތެރޭގައި އިޢުލާން ކުރެވުނެވެ. އަދި ވަގުތުން ވަހީދުގެ ގެއަކީ ތައްޔާރީތަކުން ފުރިގެންވާ ތަނަކަށް ބަދަލުވިއެވެ.
ޝަރަފްގެ މަންމަ ކުޑަކުއްޖާގެ ކޮޓަރިއާ ބެހޭގޮތުން ވާހަކަދައްކަން ފެށިއެވެ. އޭނާގެ ދައްތަމެންނާއި ކޮއްކޮމެން ނަންތައް ހުށަހަޅަން ފެށިއެވެ. ޢާއިލާއަށް އިތުރު ވާރިސަކު ބޭނުންވާކަމަށް ބުނެ އޭނާގެ ބައްޕަ ސަމާސާ ކުރިއެވެ.
ޝަރަފް ކުރިއަށްވުރެ ބޮޑަށް ނޫރީންއަށް އަޅާލަން ފެށިއެވެ. ޝަރަފް ކުޑަކުދިންގެ ހެދުމާއި، އަގުބޮޑު ފަރުނީޗަރު ގަނެ، ފުރަތަމަ އަލްޓްރާސައުންޑް ފޮޓޯ ލިބުމުގެވެސް މާ ކުރިން ދަރިފުޅުގެ މުސްތަޤުބަލު ރާވަން ފެށިއެވެ.
އެމީހުންނަށް ފިރިހެން ކުއްޖަކު ލިބުމުން، އެ ކުއްޖާއަށް އިޔާންގެ ނަމުން ނަން ދިނެވެ. ނޫރީންއަށް މައިވަންތަކަމަކީ މީގެ ކުރިން ދުވަހަކުވެސް އިޙުސާސް ނުކުރެވޭ ފަދަ އާ ތަޖުރިބާއެކެވެ.
ނަރުސްކުއްޖާ އެންމެ ފުރަތަމަ ތުއްތު ދަރިފުޅު އޭނާގެ މޭގައި ޖައްސާލި ވަގުތު ނޫރީންއަށް ރޮވުނެވެ. އެ ކުޑަކުޑަ މޫނާއި، ކުދިކުދި އިނގިލިތަކާއި، ނިދީގައި އަނގަ ތަޅުވާލާ ގޮތަށް އޭނާ ބަލަން ހުއްޓެވެ. އޭނާ ދަރިފުޅު ގާތްކޮށްލައި، އެ ދަރިފުޅުގެ އިސްތަށިގަނޑުގައި ސިއްރުން ބޮސްދިނެވެ. އެ ދަރިފުޅަށް އަދި އޭނާގެ ލޯބި ވާހަކަ ދައްކާ އަޑަކުން ފަހުމް ނުވި ނަމަވެސް، ކޮންމެވެސް ދުވަހަކުން އެކަން އެނގޭނެ ކަމުގެ އުއްމީދުގައެވެ.
(ނުނިމޭ)
