ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޗެނަލް، ހަމް ޓީވީއިން އަލަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ޑްރާމާ ސީރީޒް “މުނައްވަރާ ކާ ޚާދިމް” ގެ ފުރަތަމަ ޓީޒަރު ރަސްމީކޮށް ދައްކާލައި، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
ހަމް ޓީވީގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް ދޫކޮށްލި މި ޓީޒަރާއެކު، ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޒުވާން ޖޯޑު ކަމަށްވާ ހަމްޒާ ސޮހެއިލް އަދި ސެހެރް ޚާންގެ ކެމިސްޓްރީ އަނެއްކާވެސް މިވަނީ ސްކްރީނަށް އަންނަން ތައްޔާރުވެފައެވެ. މި ޓީޒަރު ހިއްސާކުރަމުން ހަމް ޓީވީން ބުނެފައިވަނީ، ބައެއް ފަހަރު ހިތް ލޯބީގައި ޖެހުމަށް ބޭނުންވަނީ އެންމެ ހިނދުކޮޅެއް ނުވަތަ އެންމެ ބަލައިލުމެއް ކަމަށެވެ.
މޫމިނާ ދުރައިދު ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ މި ޑްރާމާއަކީ މަޝްހޫރު ލިޔުންތެރިޔާ ސަރްވަތު ނަޒީރުގެ ވާހަކައަކަށް ތައްޔާރުކުރާ ސިލްސިލާއެކެވެ. އަދި މި ޑްރާމާ ޑައިރެކްޓްކުރަނީ ކުޅަދާނަ ޑައިރެކްޓަރު ޝެހެޒާދު ކަޝްމީރީއެވެ.
މި ޑްރާމާގެ އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ލީޑު ރޯލު ކުޅޭ ހުނަރުވެރި އެކްޓަރު ހަމްޒާ ސޮހެއިލް، މި ސީރީޒްގެ މިއުޒިކް ޑައިރެކްޓްކޮށް، ކޮމްޕޯޒްވެސް ކޮށްފައިވާކަމެވެ. މިއީ އޭނާގެ ފަންނުވެރިކަން އިތުރު ދިމާއަކުން ފެނިގެންދާނެ ކަމެކެވެ.
ހަމްޒާ އަދި ސެހެރް އެކުގައި ކުރިން ފެނިގެންދިޔަ މަޤުބޫލު ޑްރާމާ “ފެއަރީ ޓޭލް” އަށްފަހު، މި ދެ ތަރިން އަލުން އެކުގައި ފެނިގެންދާތީ ސަޕޯޓަރުން ތިބީ ނުހަނު އިންތިޒާރުގައެވެ. މި ޑްރާމާ ވަރަށް އަވަހަށް ހަމް ޓީވީން ދައްކަން ފަށާނެކަމަށް ވަނީ އިޢުލާނުކޮށްފައެވެ.
