އެވަގުތު އޭނާގެ ފޯނު ވައިބްރޭޓް ވިއެވެ. މެސެޖެއް އައެވެ.
“އަދިވެސް އަހަރެންދެކެ ރުޅިއައިސްފައިތަ؟”
ޒައިނާ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓެވެ. ޖަވާބެއް ލިޔެފައި، އަލުން ފޮހެލުމަށްފަހު، އެންމެ ފަހުން ލިޔުނެވެ.
“ނޫން. ރުޅިއައީ ކީއްވެގެންކަން މިހާރު ވިސްނިއްޖެ.”
ސިކުންތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް މެސެޖެއް އައެވެ.
“މިއަދު ބައްދަލުވެވިދާނެތަ؟”
ޖަވާބު ދިނުމުގެ ކުރިން އޭނާ ކުޑަކޮށް ވިސްނައިލިއެވެ.
“މިއަދު އަހަރެންގެ މަސައްކަތް އެބައޮތް.”
“އެހެންވިއްޔާ ނިމެންދެން އަހަރެން އިންތިޒާރު ކުރާނަން.”
ޒައިނާގެ ތުންފަތްމައްޗަށް ނޭނގި ނަމަވެސް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ފޯނު ބޭއްވިއެވެ.
*****
އެވަގުތު، ސިޓިންގރޫމުގައި މަރިޔަމް އިނީ އޭނާގެ ތިމާގެ މީހެއް ކަމަށްވާ ފާތިމަތާއެކު ކައިވެނީގެ ކަންކަމާމެދު މަޝްވަރާކުރާށެވެ.
“އިބްރާހީމްގެ އާއިލާއިން މި ކައިވެންޏާމެދު ވަރަށް ސީރިއަސްހެން ހީވަނީ.” ފާތިމަތު ބުންޏެވެ.
މަރިޔަމް ބޯޖަހައިލިއެވެ. “އެމީހުންގެ ނިޔަތް ވަރަށް ސާފު. އަމާންވެސް އެ އާއިލާގެ ވަޢުދާމެދު ޒިންމާ ނަގާނެކަމަށް އެމީހުން އުންމީދުކުރޭ.”
“ޝައިނާ ކީކޭތަ ބުނަނީ؟”
މަރިޔަމް ފުން ނޭވާއެއް ދޫކޮށްލިއެވެ. “އޭނާއަކީ އަދި ޅަކުއްޖެއް. އޭނާއަށް ރަނގަޅަކީ ކޮބައިކަމެއް އޭނާއަކަށް ނުވިސްނޭ.”
ފާތިމަތު ގޯތިތެރެއަށް ބަލައިލިއެވެ. “ދެން ޒައިނާ ކޮބާ؟”
މަރިޔަމްގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. “މިކަމާ ޒައިނާއާ އެއްވެސް ގުޅުމެއް ނެތް.”
ފާތިމަތު މަޑުމަޑުން ބޯޖަހައިލިއެވެ. “އަހަރެން އުންމީދުކުރަނީ މިކަމުގެ ސަބަބުން ދެބެއިންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހޭނެކަމަށް.”
މަރިޔަމް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ބުންޏެވެ. “އެކަހަލަ ކަމެއް ނުވާނެ.”
ނަމަވެސް، މި ކައިވެންޏަށް އެންމެ ބޮޑު ނުރައްކަލެއް އޮތީ ޒައިނާގެ ފަރާތުން ނޫންކަމެއް މަރިޔަމަކަށް ނޭނގެއެވެ. އެ ނުރައްކާ އޮތީ ޚުދު ޝައިނާ ފޮރުވައިގެން އުޅޭ ބޮޑު ސިއްރުގެ ތެރޭގައެވެ.
*****
ގެސްޓްހައުސްގައި، ނަން ބަދަލުކޮށްގެން އުޅޭ އުޅުމާމެދު ރާހިލް ހުންނަނީ ވަރަށް ބޮޑަށް ހާސްވެފައެވެ. އަމާނާއެކު މޭޒުދޮށުގައި އިންދާ ރާހިލްގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ އިބްރާހީމެވެ.
ރާހިލް ފޯނު ނެގިއެވެ. “އައްސަލާމް ޢަލައިކުމް، ސަރ.”
“ކަންތައްތައް ކިހިނެއްތަ ދަނީ؟”
ރާހިލް، އަމާނަށް ބަލައިލިއެވެ. “ހުރިހާ ކަމެއްވެސް ރަނގަޅު.”
“މަރިޔަމްގެ އާއިލާއާ ރަނގަޅަށް ބައްދަލުވެއްޖެތަ؟”
“ލައްބަ، ސަރ.”
“ދެން ޝައިނާއާ ދިމާވިތަ؟”
ރާހިލް ކުޑަކޮށް ފަސްޖެހުނެވެ. “ލައްބަ.”
އިބްރާހީމް ހުރީ ވަރަށް އުފަލުންނެވެ. “ވަރަށް ރަނގަޅު. އަހަރެން ވަރަށް އަވަހަށް ފުވައްމުލަކަށް ދާން މި ގަސްތުކުރަނީ. އެންމެންނާ ޚުދު އަހަރެން އަމިއްލައަށް ބައްދަލުކުރަން ބޭނުން.”
ރާހިލްގެ މޫނުމަތިން ކުލަވަރު އޮއްސުނެވެ. “ސަރ މިކޮޅަށް ވަޑައިގަންނަވަނީތޯ؟”
“އާނ، ނުދާންވީ ކީއްވެ؟”
ކޯލް ކަނޑައިލުމަށްފަހު ރާހިލް އަމާނަށް ބަލައިލިއެވެ. “ސަރ، އަހަރެމެންނަށް ވަރަށް ބޮޑު މައްސަލައެއް ޖެހިއްޖެ.”
އަމާން ބުމަ އަރުވައިލިއެވެ. “ކީއްވީ؟”
“ސަރގެ ކާފަ އެބަ އާދޭ.”
އަމާން ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ. “ކޮން އިރަކުން؟”
“ވަރަށް އަވަހަށް.”
އަމާން ގޮނޑީގައި ލެނގިލިއެވެ. “އެހެންވިއްޔާ، މި ކުޅިވަރު ނިންމާލަންވީ ވަގުތު ޖެހުނީ ކަންނޭނގެ.”
ރާހިލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “ފައިނަލީ!”
އަމާން ކުރިއަށް ގެންދިޔައެވެ. “އެކަމަކު، ޒައިނާއާ ދެމެދު އޮތް ކަމެއް ހަމައަކަށް އެޅުވުމަށްފަހު.”
ރާހިލް ލޯ މަރައިލިއެވެ. “އާނ.”
*****
އެދުވަހުގެ މެންދުރުފަހު، ސްކޫލުގެ މަސައްކަތް ނިންމާލުމަށްފަހު ޒައިނާ މައި ގޭޓުން ނުކުތެވެ. އޭނާގެ ބައިސްކަލު ކައިރީގައި މަޑުކޮށްލައިގެން އަމާން ހުއްޓެވެ.
ޒައިނާ ހުއްޓުނެވެ. “ހަމަ އަސްލުވެސް މަޑުކުރީތަ؟”
އޭނާ ހިނިތުންވެލިއެވެ. “އަހަރެން ބުނީމެއްނު އިންތިޒާރު ކުރާނަމޭ.”
ޒައިނާ އަތުގައި ހުރި ފޮތްތައް ރަނގަޅުކޮށްލިއެވެ. “ކީއްކުރަން؟”
“މަޢާފަށް އެދެން.”
“މަޢާފަށް އެދިއްޖައިމެއްނު.”
“އެހެންވީމާ އަނެއްކާވެސް މަޢާފަށް އެދެން ބޭނުންވަނީ.”
ޒައިނާ ހިނިތުންވުން ފޮރުވަން މަސައްކަތް ކުރިއެވެ. “ކީއްވެ؟”
“އެގޮތަށް ރުޅިއައިސްގެން ދުރަށް ދެވުނީމަ.”
ޒައިނާ އޭނާއަށް ބަލައިލިއެވެ. “ވަރަށް ކަންބޮޑުވީ ދޯ؟”
“ވަރަށް ބޮޑަށް.”
ޒައިނާ އިސްދަށަށް ޖަހައިލިއެވެ. “ބިރުގަންނަވާކަށް ގަސްތެއް ނުކުރަން.”
އަމާން ކައިރިއަށް ޖެހިލިއެވެ. “އެހެންވިއްޔާ ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަން ކަމަށް ވަޢުދުވޭ.”
ޒައިނާ ބޯޖަހައިލިއެވެ. “ވަޢުދުވަން.”
އަމާން ހިނިތުންވެލިއެވެ. “ރަނގަޅު. ދެން ހިނގާލަން ދެވިދާނެތަ؟”
ޒައިނާ ފަސްޖެހުނެވެ. “ކޮންތާކަށް؟”
“ހަމަހިމޭން ތަނަކަށް.”
އިރުކޮޅަކަށްފަހު، އޭނާ އެއްބަސްވިއެވެ. އެމީހުން ދިޔައީ ދުރުގައި މަސްދޯނިފަހަރު އަޅާފައި އޮތް، އަތިރިމަތީގެ ހަމަހިމޭން ސަރަޙައްދަކަށެވެ. ހަވީރުގެ މަޑު އަވި މޫދުގެ ލޮނުގަނޑަށް އެޅި، ވިދަމުންދިޔައިރު، ރާޅުތައް މަޑުމަޑުން ގޮނޑުދޮށަށް ބީއްސަމުން ދިޔައެވެ.
އަމާން ކުޑަ ބޮއްޔެއް ނަގައި އަތަށް ލިއެވެ. “އެނގޭތަ؟”
“ކޮން ކަމެއް؟”
“މިހާ ހިތްގައިމު ތަނަކަށް އަހަރެން ދުވަހަކުވެސް ނުދަން.”
ޒައިނާ ހިނިތުންވެލިއެވެ. “ފަހަރުގައި ޗުއްޓީއެއް ބޭނުންވެފައި ހުރީމަ ކަންނޭނގެ.”
“ފަހަރުގައި މީހަކާ ބައްދަލުވާން ޖެހިފައި ހުރީމަ ކަންނޭނގެ.”
ޒައިނާ އަނެއް ފަރާތަށް އެނބުރުނެވެ. “ތީ ވާހަކަ ދައްކަން ވަރަށް މޮޅު މީހެއް.”
“އަހަރެން އެހެން ބުނަނީ ހިތުން ޤަބޫލުކުރެވޭތީ.”
ޒައިނާ ހިމޭންވިއެވެ.
އަމާން އޭނާއަށް ބަލައިލިއެވެ. “ޒައިނާ، އަހަރެން އެއްޗެއް އަހައިލަންތަ؟”
“އަހާބަލަ.”
“ދުވަހަކުވެސް ހީވޭތަ އަމިއްލަ ދިރިއުޅުން ކޮންޓްރޯލްކުރަނީ އެހެން މީހުން ނިންމާ ނިންމުންތަކުންހެން؟”
ޒައިނާ ހައިރާންވެފައި ބަލައިލިއެވެ. “ތިހެން ތިއެހީ ކީއްވެ؟”
“ހަމަ އެނގެން ބޭނުންވާތީ.”
ޒައިނާ އިރުކޮޅަކު ވިސްނައިލިއެވެ. “ބައެއް ފަހަރު އެހެން ހީވޭ. އެކަމަކު އަހަރެން ޤަބޫލުކުރަނީ ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ އުފާވެރިކަން ޚިޔާރުކުރުމުގެ ޙައްޤު އޮންނަންވާނެކަމަށް.”
އަމާން ބޯޖަހައިލިއެވެ. “އެ ނިންމުމުގެ ސަބަބުން އެހެން މީހުންނަށް ހިތާމަ ލިބުނަސް؟”
ޒައިނާ އޭނާއަށް ބަލައިލިއެވެ. “އެއީ އެންމެ އުނދަގޫ ބައި. އަހަރެމެން ބޭނުންވާ ހުރިހާ ކަމެއް އަބަދަކު ނުވާނެ.”
އަމާން ފުންކޮށް އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ޒައިނާދެކެ ލޯބިވެވެން ފަށައިފިކަން ބުނެދޭން އޭނާ ބޭނުންވިއެވެ. ނަމަވެސް އެ ބަސްތައް ބޭރުނުވެ ހިތުތެރޭގައި ތާށިވިއެވެ.
*****
އެވަގުތު، ޝައިނާ އިނީ ސަލްމާންގެ އިންތިޒާރުގައެވެ. ތަކުރާރުކޮށް ގުޅުމުންވެސް ފޯނު ނުނަގައި އުޅުމަށްފަހު، އެންމެ ފަހުން ބައްދަލުކުރަން އޭނާ އެއްބަސްވީއެވެ. ސަލްމާން އައުމާއެކު ޝައިނާ ވަގުތުން ސުވާލުކުރަން ފެށިއެވެ.
“ކޮންތާކު އުޅުނީ؟”
“ބުރަކޮށް.”
“އަހަންނަށް ފިލަންވެގެން ބުރަކޮށް ދޯ؟”
ސަލްމާން ފޫހިވެފައި ނޭވާއެއް ދޫކޮށްލިއެވެ. “ޕްލީޒް، އަނެއްކާވެސް ފަށައިނުގަނެބަލަ.”
ޝައިނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. “ސަލްމާން، އަހަރެން ވަރަށް ސީރިއަސް ވާހަކައެއް ދައްކަން ބޭނުން.”
“ދެން ކޮން ކަމެއް؟”
“މަންމަ އެ އުޅެނީ އަހަރެންގެ ކައިވެނި ހަމަޖައްސަން.”
“އެހެންވިއްޔާ ބުނޭ ބޭނުމެއް ނޫނޭ.”
“އަހަރެން ބުނެފިން. އެކަމަކު އަޑެއް ނާހާ.”
ސަލްމާން ރުޅިގަދަވާ ގޮތްވިއެވެ. “އަހަރެން ކީއްކުރަންވީ؟”
“އަހަރެން ބޭނުމީ ސަލްމާންގެ އާއިލާއާއެކު އައިސް އަހަރެންގެ ކައިވެންޏަށް އެދެން.”
ސަލްމާން އެއްވެސް އެއްޗެއް ނުބުނެ ހިމޭންވިއެވެ.
ޝައިނާގެ އަޑު ތުރުތުރުއަޅަން ފެށިއެވެ. “ސަލްމާން، އަހަރެން ފައިސާއަކަށް، މުއްސަނދި ދިރިއުޅުމަކަށް ނޭދެން. އަހަރެން ބޭނުމީ ހަމައެކަނި ސަލްމާން އަހަރެންގެ ކައިރީގައި ހުރުން.”
ސަލްމާން ދުރަށް މޫނު އަނބުރައިލިއެވެ. “އަހަންނަކަށް ނުވާނެ ތިކަމެއް.”
އެ ޖަވާބު ވެގެންދިޔައީ ޝައިނާގެ ކަންކަށިމަތީގައި ޖެހި އެތިފަހަރަކަށެވެ. “ކީއްވެ؟”
“އަހަރެންގެ އާއިލާއިން ދުވަހަކުވެސް މިކަމެއް ޤަބޫލެއް ނުކުރާނެ.”
“މަސައްކަތްވެސް ނުކޮށެއްނު ތިބުނީ!”
“އަހަންނަށް އަހަރެންގެ އާއިލާ އެނގޭ.”
ޝައިނާ ކައިރިއަށް ޖެހިލިއެވެ. “ދެން އަހަންނަށް ވީ ވަޢުދުތައް ކޮބާ؟”
ސަލްމާން ކެތްތެރިކަން ކޮޅުންލިއެވެ. “ޝައިނާ، އަހަރެން ދެން މި ގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން.”
ޝައިނާ ހުއްޓުން އަރާފައި ބަލަހައްޓައިގެން ހުއްޓެވެ. “ސަލްމާން އަހަރެން ދޫކޮށްލަނީތަ؟”
ސަލްމާން އެއްވެސް ޖަވާބެއް ނުދިނެވެ.
“ޖަވާބު ދީބަލަ!”
“އަހަންނަށް މަޢާފްކުރޭ.” މިހެން ބުނެ އޭނާ އެނބުރި ހިނގައިގަތެވެ.
ޝައިނާ އެކަނިމާއެކަނި ރޯން ހުއްޓެވެ. ދުވަހަކުވެސް އޭނާއާއެކު ދިރިއުޅެން ގަސްތުނުކުރާ މީހަކަށްޓަކައި، އޭނާގެ ހުރިހާ އެއްޗެއް ޤުރުބާން ކުރެވިއްޖެކަން ފުރަތަމަ ފަހަރަށް އޭނާއަށް އިޙުސާސް ކުރެވުނެވެ.
*****
އެރޭ މަރިޔަމަށް ފެނުނީ ޝައިނާ އޭނާގެ ކޮޓަރީގައި ހިމޭނުން އިންދައެވެ.
“ކީއްވެ އަނދިރީގައި ތިއިނީ؟”
ޝައިނާ އަވަސްއަވަހަށް ލޯ ފޮހެލިއެވެ. “ކަމެއް ނުވޭ، މަންމާ.”
މަރިޔަމް ބޮކި ދިއްލައިލިއެވެ. “ދަރިފުޅު މިއަދު އުޅެނީ ވަރަށް ތަފާތުކޮށް.”
“އަހަރެން ވަރުބަލިވެފައި މިހުރީ.”
“އެއީ އަމާންގެ ކަންތަކާތަ؟”
ޝައިނާ މޫނު އަނބުރައިލިއެވެ.
މަރިޔަމް އޭނާގެ ކައިރީގައި އިށީނެވެ. “އަޑުއަހާ. މި ކައިވެންޏަކީ ވަރަށް ރަނގަޅު ފުރުސަތެއް. އަމާނަކީ އަބުރުވެރި، މުއްސަނދި އާއިލާއަކުން އައިސްފައި ހުރި މީހެއް. ކުޑަކުދިންހެން ފަސްޖެހިގެން އަމިއްލަ މުސްތަޤުބަލު ހަލާކުކޮށްނުލާ.”
ޝައިނާގެ ލޮލަށް އަނެއްކާވެސް ކަރުނަ ޖަމާވިއެވެ. “އަހަރެން އެހެން މީހަކުދެކެ ލޯބިވަންޏާޔޯ؟”
މަރިޔަމް ހުއްޓުން އެރިއެވެ. “ކީކޭ ތިބުނީ؟”
ޝައިނާ އިސްދަށަށް ޖެހިއެވެ. “އަހަރެން އަމާނާ އިންނާކަށް ބޭނުމެއް ނޫން.”
މަރިޔަމްގެ މޫނުމަތި ހަރުކަށިވިއެވެ. “ކާކު އެއީ؟” ޝައިނާ ޖަވާބެއް ނުދިނެވެ.
“ޝައިނާ، މަންމަ އެބަ ސުވާލެއް ކުރަމޭ!”
“އޭނާގެ ނަމަކީ ސަލްމާން.”
މަރިޔަމް ކޮޅަށް ތެދުވިއެވެ. “މިކަމެއް ހިނގާތާ ކިހާ ދުވަހެއް ވެއްޖެ؟”
“މަސްތަކެއް ވެއްޖެ.”
“ދެން މަންމަ ގާތުގައި ނުބުނީ ކީއްވެ؟”
“އަހަރެން ބިރުގަތީ.”
މަރިޔަމްގެ އަޑު ބާރުވިއެވެ. “ދަރިފުޅަށް ވިސްނޭތަ ތި ކުރެވުނު ކަންތައް؟ ސިއްރުން ފިރިހެނަކާ ބައްދަލުކުރާކަން އެނގިއްޖެއްޔާ މީހުން ކީކޭ ކިޔާނީ؟”
ޝައިނާ ރޯން ފެށިއެވެ. “އަހަރެން އޭނާދެކެ ލޯބިވޭ، މަންމާ.”
“ލޯތްބޭ؟ ތިނޫން އެއްޗެއް ނުވިސްނޭތަ؟” މަރިޔަމް ދޮރާ ދިމާއަށް ހިނގައިގަތެވެ. “ތި ގުޅުން މިހާރުން މިހާރަށް ނިމުނީ.”
ޝައިނާ ބަލައިލިއެވެ. “އެކަމަކު..”
“އިތުރު އެއްވެސް އެއްޗެއް އަޑުއަހާކަށް ބޭނުމެއް ނޫން.” ދޮރު ލެއްޕުނެވެ. ޝައިނާ މޫނުގައި އަތްއަޅައި ގިސްލާފައި ރޯން ފެށިއެވެ.
*****
ޖެހިގެން އައި ދުވަހު، އަމާނަށް ރާހިލް ގޮވިއެވެ.
“ސަރ، ސަރގެ ކާފަ ފުރަން ހަމަޖެހިއްޖެ.”
“ރަނގަޅު.”
“އަދި އެހެން ކަމެއްވެސް އެބައޮތް.”
“ކޮން ކަމެއް؟”
“މަރިޔަމް ވަރަށް ސީރިއަސްކޮށް ކައިވެނީގެ ވާހަކަ ދައްކަން ފަށައިފި.”
އަމާން ހިމޭންވިއެވެ. “ޝައިނާއާތަ؟”
“އާނ.”
އަމާން ކުޑަދޮރާ ދިމާއަށް ބަލައިލިއެވެ. “ރާހިލް، އަހަރެން ވާހަކައެއް ބުނަން ބޭނުން.”
“ކޮން ވާހަކައެއް؟”
“އަހަރެން ޝައިނާއާ އިންނާކަށް ބޭނުމެއް ނޫން.”
ރާހިލް ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ. “ދެން ކީއްކުރަން ތި ގަސްތުކުރަނީ؟”
އަމާން ފުން ނޭވާއެއް އެތެރެއަށް ދަމައިލިއެވެ. “އަހަރެން ބޭނުމީ ޒައިނާއާ ކައިވެނިކުރަން.”
ރާހިލް ހިމޭންވިއެވެ. “އޭނާ ގާތުގައި ތި ވާހަކަ ބުނެފިންތަ؟”
“އަދި ނުބުނަން.”
“އެހެންވިއްޔާ އެންމެ ފުރަތަމަ އޭނާއަށް ހަޤީޤަތް ކިޔައިދޭންވާނެ.”
އަމާން ބޯޖަހައިލިއެވެ. “އަހަރެން ކިޔައިދޭނަން.”
*****
އެދުވަހުގެ ހަވީރު، ކުރީގެ ބޮޑު ގަސްދޮށުން އަމާން ޒައިނާއާ ބައްދަލުކުރިއެވެ. ގަހުގެ ގޮފީގައި ބަނދެފައިވާ ރަތް ފޮތިކޮޅު އަދިވެސް އޮތެވެ. އަމާން ފެނުމުން ޒައިނާ ހިނިތުންވެލިއެވެ.
“އައީ ދޯ.”
“އާނ، ނައިހެއް ނުހުރެވޭނެއެއްނު.” އޭނާ ޒައިނާގެ ކައިރީގައި ހުއްޓުނެވެ.
“ޒައިނާ، އަހަރެން ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން.”
ޒައިނާ އޭނާއާ ދިމާއަށް އެނބުރުނެވެ. “ކޮން ވާހަކައެއް؟”
އަމާން ކުޑަކޮށް ފަސްޖެހުނެވެ. ދެން ފުން ނޭވާއެއް ލުމަށްފަހު ބުންޏެވެ.
“އަހަންނަށް ހީވަނީ.. އަހަންނަށް ޒައިނާދެކެ ލޯބިވެވިއްޖެހެން.”
ޒައިނާގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. ސިކުންތުކޮޅަކަށް އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގި، ގަބުވެފައެވެ.
އަމާން ކުރިއަށް ގެންދިޔައެވެ. “އަހަންނަށް އެނގޭ އަހަރެމެން ދިމާވިތާ އަދި މާ ގިނަ ދުވަހެއް ނުވާކަން. އެކަމަކު ދުވަހަކުވެސް މީގެ ކުރިން އަހަންނަށް މިފަދަ އިޙުސާސެއް ނުކުރެވޭ. ޒައިނާއާއެކު ހުންނަ ވަގުތު، އެހެން އެއްވެސް ކަމަކާމެދު އަހަންނަކަށް ނުވިސްނޭ.”
ޒައިނާ އޭނާއަށް ބަލަހައްޓައިގެން ހުރީ، އެތެރެއިން އުތުރިއަރަމުންދިޔަ ޖަޒުބާތުތައް ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންނެވެ.
“އަމާން..”
“ބުނޭ.”
“އަމާންގެ އާއިލާ ކޮބާ؟”
އަމާން ހިނިތުންވެލިއެވެ. “އަހަރެން އެމީހުންނާ ވާހަކަ ދައްކާނަން.”
“ދެން ޝައިނާ ކޮބާ؟”
އަމާންގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. “އޭނައަށް ކީއްވީ؟”
“އަމާންގެ އާއިލާ މި ރަށަށް އައީ ޝައިނާއާ އަމާން ކައިވެނި ކުރުވަންވެގެން.”
އަމާންގެ މޫނުމަތިން އުނދަގޫވިކަން ފެނިގެންދިޔައެވެ. “އެއީ އަހަރެން އަމިއްލައަށް ޚިޔާރުކުރި ގޮތެއް ނޫން.”
ޒައިނާ އިސްދަށަށް ޖަހައިލިއެވެ. “ވިސްނައިގެން އުޅެންވާނީ. ބައެއް ފަހަރު އަހަރެމެން ނިންމާ ނިންމުންތަކުގެ އަސަރު އެހެން މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ކުރާނެ.”
އަމާން މަޑުމަޑުން ޒައިނާގެ އަތުގައި ހިފައިލިއެވެ. “އަހަރެން މިއަދު އެއްވެސް ގޮތެއް ނިންމާކަށް ނޭދެން. އަހަރެން ބޭނުންވީ ހަމައެކަނި އަހަރެންގެ ހިތުގައި އޮތް އެއްޗެއް ޒައިނާއަށް އަންގައިދޭން.”
ޒައިނާ އެމީހުންގެ އަތްތަކަށް ބަލައިލިއެވެ. ހިތުގެ އަޑީގައި ސިއްރުން ކުރަމުން އައި އުންމީދުތަކާއި ލޯބި، ހަޤީޤަތަކަށް ވެދާނެކަމަށް ޤަބޫލުކުރަން އޭނާގެ ހިތް އެދުނީ ފުރަތަމަ ފަހަރަށެވެ.
*****
އެރޭ، ޝައިނާ އިނީ އޭނާގެ ކޮޓަރީގައި އެކަނިމާއެކަންޏެވެ. އޭނާ އަލަމާރީގެ ކުޑަ ވަތްގަނޑެއް ހުޅުވައިލުމަށްފަހު، ފަށްޖަހާފައި އޮތް ކަރުދާސްކޮޅެއް ނެގިއެވެ. އޭގެ އެތެރޭގައި އޮތީ ސިއްރުން ބައްދަލުވި ދުވަހެއްގައި އޭނާއާއި ސަލްމާން ނަގާފައިވާ ފޮޓޯއެކެވެ.
ޝައިނާ އެ ފޮޓޯއަށް ބަލަހައްޓައިގެން ވަރަށް ގިނައިރު އިނެވެ. ދެން، އޭނާގެ މަޑު އަތްތިލަ ގެންގޮސް ބަނޑުމަތީގައި ބާއްވައިލިއެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހޮރިގަތެވެ. އެންމެންނަށް ސިއްރުކޮށްގެން އުޅޭ ވަރަށް ބޮޑު ކަމެއް އޭނާގެ އެބައޮތެވެ. އެއީ، މަންމަ އެ ރާވަމުންދާ ކައިވެނި ފުނޑުފުނޑުކޮށްލެވިދާނެފަދަ ބޮޑު ކަމެކެވެ. ދެބެއިންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހައިލެވިދާނެ ފަދަ ހަޤީޤަތެކެވެ.
އޭނާ ފޯނު ނަގައި ސަލްމާންގެ ނަންބަރަށް ގުޅިއެވެ. ފޯނު ރިންގުވަމުން ދިޔައެވެ. ނަމަވެސް އޭނާ ފޯނެއް ނުނެގިއެވެ. ޝައިނާ މަޑުމަޑުން ފޯނު ތިރިކޮށްލިއެވެ.
“ސަލްމާން.. އަހަރެން ދެން ހަދަންވީ ކިހިނެއް؟” އޭނާގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ.
*****
ހަވީރުގެ ފިނި ވައިރޯޅިތައް ރުއްތަކުގެ ތެރެއިން ދައުރުވަމުން ދިޔައީ ދުރުން އިވޭ ރާޅުތަކުގެ އަޑު ގޮވައިގެންނެވެ. އަދި ޒައިނާ އޭނާގެ ރަތް ފޮތިކޮޅު ބަނދެފައިވާ ބޮޑު ގަސްދޮށުގައި ހުރެ، އަމާން ދިޔައީ އޭނާ ލޯބިވާ އަންހެންކުއްޖާއާއެކު އުފާވެރި މުސްތަޤުބަލެއް ހޯދުމުގެ ހުވަފެން ދެކެމުންނެވެ. އެ ދެމީހުންގެ އުފާވެރިކަން މިވަގުތު ބިނާވެފައި އެވަނީ، ކުރިމަތިން އަންނަން އޮތް ބިޔަ ތޫފާނެއްގެ ތުންފަތްމަތީގައިކަން އެއިން އެކަކަށްވެސް ރޭކާނުލައެވެ.
(ނުނިމޭ)
