މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ކޮށާލަން އިންޒާރުދީ، ފުރައްސާރަކުރާ ޒާތުގެ މެސެޖުތަކެއް މީހަކު ފޮނުވުމާއި ގުޅިގެން އެ މައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސްގައި އޭނާ އެދިއްޖެ އެވެ.
މިކަން އޭނާ ހާމަކޮށްފައިވަނީ މިއަދު ކުރި ޓްވީޓެއްގައެވެ. ސުނީތާއަށް އެމީހާކޮށްފައިވާ މެސެޖުގައި ހަޑިހުތުރު ބަހުން ވާހަކަދައްކައި ބުނެފައިވަނީ ހިންނަވަރަށް އަރައިފިއްޔާ ކޮށާލާނެކަމަށާއި އޮރިޔާންކުރާނެ ކަމަށެވެ.
އެ މެސެޖުތަކުގެ ސްކްރީންޝޮޓާއި މެސެޖުކުރި މީހާގެ ޕްރޮފައިލް ސުނީ އާންމުކޮށްފައި ވެއެވެ.

ސުނީތާ ބުނީ އެމީހާ އަކީ ކާކުކަމެއްވެސް ނޭނގޭކަމަށާއި، އަދި އޭނާއަށް މީހަކު އިންޒާރުދޭވަރުގެ ގޯސް ކަމެއް ކުރެވުނު ކަމެއްވެސް ނޭނގޭކަމަށެވެ. އަދި ފުލުހުންގެ އިދާރާއިން މިކަން ބަލައި، ފިޔަވަޅު އަޅާނެކަމަށް އުއްމީދުކުރާ ކަމަށް ސުނީގެ ޓުވީޓްގައި ބުނެފައިވެ އެވެ.
