ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މާރޯކާ އަލްބަމް” ގެ ސީޑީ ދިވެހިބަހުގެ އެކެޑަމީއަށް ހަދިޔާކޮށްފި

ރާއްޖޭގެ ފުރަތަމަ ދިވެހި ސޯލޯ ހިޕްހޮޕް އަލްބަމް ސިމްބޮލިކް ރިކޯޑްސްގެ “މާރޯކާ” ގެ ސީޑީ ދިވެހިބަހުގެ އެކެޑަމީއަށް ހަދިޔާކޮށްފި އެވެ.

 

ހިޕްހޮޕް މިއުޒިކްގެ ދާއިރާގައި ރާއްޖޭގައި އެންމެ އުހުގައި ހުރި ސިމްބޮލިކް ރިކޯޑްގެ އާޓިސްޓް މުޙައްމަދު މާހިދު (މާޓު) ގެ މި ސޯލޯ އަލްބަމް ރިލީޒް ކޮށްފައިވަނީ މިދޔަ ބުދަ ދުވަހުގެރޭ ބޭއްވި ޚާއްސަ ޝޯއެއްގަ އެވެ.

 

ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ އަށް މި ލަވަ ސީޑީ އިއްޔެ ހަދިޔާކުރީ ސިމްބޮލިކް ރިކޯޑްސްގެ ކްރިއޭޓިވް ހެޑް އިސްމާޢީލް ނާއިލް ނަޝީދާއި ސިމްބޮލިކް ރިކޯޑްސްގެ އެމްޑީ އަޙްމަދު މުޙައްމަދު އެވެ. 

 

“މާރޯކާ” ލަވަ ސީޑީ ހަދިޔާކުރުމަށް އިޝާރާތްކުރައްވާ ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ އޭނާގެ ފޭސްބްކް ގައި ބުނެފައިވަނީ މާރޯކާ އޯޑިޔޯ ސީޑީ ހަދިޔާކުރެއްވި ކަމަށް ޓަކައި ސިމްބޮލިކް ރެކޯޑްސްގެ ހުރިހައި ޅެންވެރީންނަށާއި މޫސީގާރުންނަށާއި އެހެނިހެން މަދަދުދާރުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.

 

“މާރޯކާގެ މާނައަކީ ހާމަ ނުވަތަ ކަޝްފުއެވެ. މާރޯކާގެ ލަވަތަކުން ފެންނަނީ ވެސް މި ކަމެވެ. މިއީ ދިވެހިޅެންވެރިކަމަށް އަންނާނެ އިންގިލާބީ ދިރުމަކަށް ވާނޭ ކަމަށް އުންމީދު ކުރަމެވެ. ދިވެހިބަހުގެ ރީތިކަމާއި މުއްސަނދިކަން އިތުރަށް ހާމަވާނޭ ޅެންވެރިކަމަކަށް މާރޯކާ ޅެންވެރިކަން ވާނޭ ކަމަށް ވެސް އުންމީދުކުރަމެވެ. މިއީ ޒުވާނުން އަދުގެ ޖީލު ބަލައިގަންނަ ގޮތަށް އަމާޒުކުރައްވައިގެން ހައްދަވައިފައިވާ ލަވަތަކެކެވެ. މިއީ ކުޑަކަމެއް ނޫނެވެ. ބަރު ބުރަ ކަމެކެވެ. ހުރިހައި ޒުވާނުންނަށް ޝުކުރު ދަންނަވަމެވެ.” މާރޯކާ އަލްބަމާމެދު އަޝްރަފް ޢަލީ ގެ ޝުޢޫރުތައް ފާޅުކުރައްވަމުން ހާމަކުރެއްވިއެވެ.

 

“މާރޯކާ” އަލްބަމުގެ ލަވަތަކުގައި ލޯތްބާއި، ބިރުވެރިކަމާއި، ސިޔާސީ ކަންކަމާއި، އިޖުތިމާއީ މައްސަލަތައް ފަދަ އެކި މައުލޫޢުތަކަށް ތައްޔާރުކޮށްފައިވާ ލަވަތައް ހިމެނޭނެ ކަމަށް ސިމްބޮލިކް ރެކޯޑްސް އިން ބުނެއެވެ.

 

ސިމްބޮލިކް ރިކޯޑްސް އިން މިހާތަނަށް ވަނީ މި އަލްބަމްގެ ދެ ލަވައެއް އަލްބަމްގެ ޕްރޮމޯޝަނަލް ލަވައިގެ ގޮތުގައި އާންމުވެސް ކޮށްފައެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top