2019 ވަނަ އަހަރު އޭޕްރީމް މަހުގެ 1 ވަނަ ދުވަހަކީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ތަފާތު ފިލްމެއް ރިލީޒްކުރުމަށް ނިންމާފައިވާ ދުވަހެކެވެ. ޑާކް ރެއިން އެންޓަރޓެއިންމެންޓުން ތައްޔާރުކުރަމުން އަންނަ ކޮމެޑީ ފިލްމު “މާމުއި” ގެ ޝޫޓިން ނިމެން ކައިރިވެފައިވާއިރު، ކޮންމެ ދުވަހަކުވެސް މި ފިލްމުގެ ޕްރޮމޯޝަން އަށް ތަފާތު ސްޓައިލެއްގެ ކޮންމެވެސް ފޮޓޯއެއް ފެންނަމުން ދެއެވެ.

 

“މާމުއި” ފިލްމުން އޯޑިއަންސް ހެއްވާލަން ތައްޔާރުވަމުން އަންނައިރު، މި ފިލްމުން ވަރަށް ތަފާތު ކަންތައްތަކެއް ފެނިގެންދާނެކަމަށް ޤަބޫލުކުރެއެވެ. އެގޮތުން މިދުވަސްކޮޅު، ފިލްމުގެ ޕްރޮމޯޝަން އަށް ފޭސްބްކްގައި ޢާއްމުކުރަމުން އަންނަ ފޮޓޯތަކަށް ބަލައިލުމުން ފާހަގަ ކުރެވެނީ ކުރީގެ ދިވެހި ލަވަތަކާއި އެލަވަތައް ކިޔާފައިވާ ފަންނުވެރިންނާއި އެކްޓަރުންނަށް ‘ޓްރިބިއުޓެއް’ ދިނުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. މިފަދަ ދެ ފޮޓޯއެއް މިހައިތަނަށް ވަނީ އާއްމުކޮށްފައެވެ.

 

ދިވެހި ފިލްމު “އޯކިޑް އޭނާގެ މާ” ގައި މަޝްހޫރު އެކްޓަރ ދަރާ ރަޝީދު ފެނިގެންގޮސްފައިވާ “އަންގައިދޭށޭ އަދުވީ ރުހިގެން އޭ މަލާ” ލަވައިގެ ކޮސްޓިއުމްގައި ރަޝީދު ފެންނަގޮތަށް، ފުބޫ ސްޓޭޖްމަތީގައި ލަވައެއް ހުށައަޅަން ހުންނަ ތަން ދައްކައިދޭ ފޮޓޯގެ ކެޕްޝަން ގައި ލިޔެލާފައިވާ ޢިބާރާތްކޮޅުން މިއީ ދަރާ ރަޝީދަށް ދޭ ޓްރިބިއުޓެއް ކަމަށް ޤަބޫލުކުރެވެއެވެ. 

 

ފުބޫ އާއި އެކު، ސްޓޭޖްގައި މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުކަން ހޯދި ޢަބްދުﷲ ހިޝާން ވެސް ފެނިގެންދެއެވެ.

 

“އަރައިގެން އައި އިރާއެކީ އައިމޭ” ގެ ނަމުގައި ގެނެސްދޭ ލަވައިގެ ވީޑިއޯ އިން ފުބޫ އާއި ނުޒޫ ފެންނަނީ ޤިޔާސް އާއި ޝިރާނީގެ އައުޓްލުކެއްގައި، އެ ޖޯޑު އެންމެ ބޮޑަށް މަޝްހޫރުވެގެން އައި ލަވަ “މަ ހޭނެތިދާނޭ…” ގެ ސްޓެޕްތަކާއި އެކުގައެވެ. މާމުއި ގައި ހިމެނޭ ލަވައިގެ ރިހާސަލް ވީޑިއޯ އިންވެސް މިކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. 

 

“މަ ހޭނެތިދާނޭ..” ލަވައިގެ ސްޓެޕްތަކަށް ފުބޫ އަދި ނުޒޫ ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުން އަންނަ މި ވީޑިއޯ އިން ފުބޫ އާއި ނުޒޫ ގެ ނެށުމުގެ ހުނަރުވެރިކަން ފެނިގެންދާނެ އެވެ.


އައިޝަތު ފުވާދާއި ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ)ގެ ވާހަކަ އަކަށް ޗިއްޕެ ޑައިރެކްޓްވެސް ކުރާ މި ފިލްމުގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

 

މީގެ އިތުރުންވެސް ގިނަ ތަރިންތަކެއް ފިލްމުން ފެނިގެންދާނެ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.