ސައިންޓިސްޓުން އުންމީދު ކުރަނީ މި ހަނދުގެ ސަބަބުން ކުޑަ ޚަރަދެއްގައި މަގުތައް އަލިކުރެވިދާނެކަމަށް.

 

ރޭގަނޑުގެ އުޑުމައްޗަށް ވަރަށް އަވަހަށް “ބައިވެރިޔަކު” ލިބިދާނެއެވެ. ޗައިނާގެ ސިޓީއެއްގެ މަގުތައް އަލިކުރުމަށްޓަކައި 2020ވަނަ އަހަރު ޖައްވަށް ހެދި ހަނދެއް ފޮނުވަން އެގައުމުގެ ސައިންޓިސްޓުން އެބަ މަސައްކަތް ކުރެއެވެ.

 

ޗައިނާގެ ސްޓޭޓް މީޑިއާ ބުނާގޮތުގައި ސީޗުއާން ޕްރޮވިންސްގެ ވެރިރަށް ޗެންދޫގެ މަތީގައި މި ހަނދު “އެލުވަން” ސައިންޓިސްޓުން ބޭނުންވެއެވެ. މި ހަނދު ވާނީ އިރުގެ އަލި ދުނިޔެއަށް ފޮނުވުމަށް ޓަކައި ރިވެލި ކޮށްދޭގޮތަށް ތައްޔާރުކުރެވޭ ދިއްލޭ ސެޓެލައިޓަކަށެވެ. މީގެ ބޭނުމަކީ އެ ސިޓީގެ މަގުތައް އަލިކޮށްދިނުމެވެ.

 

ސައިންޓިސްޓުން ލަފާކުރާގޮތުގައި މި ހެދިހަނދު އަސްލު ހަނދަށްވުރެ 8 ގުނަ އަލިގަދަވާނެއެވެ. ސަބަބަކީ މި ހަނދު ދައުރު ކުރާނީ ދުނިޔެއާ 500 ކިލޯމީޓަރު (310) މޭލު ކައިރިން ކަމަށް ވާތީއެވެ. އަސްލު ހަނދު ދައުރު ކުރަނީ ދުނިޔެއާ 380،000 ކިލޯމީޓަރު (236،000 މޭލު) ދުރުންނެވެ.

 

“ނަމަވެސް މިހަނދުން މުޅި އުޑުމަތި އަލިކޮށެއް ނުދޭނެ” ޓިއަންފޫ ސައިންސް ސޮސައިޓީގެ ޗީފް ވޫ ޗޫފެންގ ޗައިނާ ޑެއިލީ ނޫހަށް ޚަބަރު ދިނެވެ. ނަމަވެސް މި ހަނދުން ފޮނުވައިދޭ އަލި އިންސާނުންގެ ލޮލަށް ފެންނާނީ މަގުބައްތި ތަކުގެ އައްޔަށްވުރެ ފަސްބައި އަލިމަޑުކޮށެވެ.

 

ވޫ ލަފާކުރާގޮތުގައި މިކަމުން، ޗެންދޫ ސިޓީއިން އަހަރަކަށް ޚަރަދުވާ ފައިސާއިން 1.2 ބިލިއަން ޔުއާން (173 މިލިއަން ޑޮލަރު) ސަލާމަތް ކުރެވޭނެއެވެ. އަދި ކަރަންޓް ކެނޑުމުން މަގުތަކަށް ވެރިވާ އަނދިރިކަމުގެ ސަބަބުން ދިމާވާ ދަތިތަކާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން މި ހަނދުގެ ސަބަބުން ކުޑަކުރެވޭނެއެވެ. މިކަން ކާމިޔާބު ވެއްޖެނަމަ އިތުރު 3 ހެދިހަނދު 2022 ވަނައަހަރު ގާއިމް ކުރެވޭނެއެވެ.

 

“ނަމަވެސް އަދި ވަރަށްގިނަ ޓެސްޓް ކުރަންޖެހޭ” ވޫ ބުންޏެވެ. “މިއީ ކުރެވޭނެ ކަމެއްތޯއާއި މީގެ ސަބަބުން ގުދުރަތީ ވެށްޓަށް ދިމާވެދާނެ ކަންކަން ބެލުމަށް”

 

“އަހަރެމެން މިކަން ކުރާނީ މީހުންނޫޅޭ ހަނަފަސް ސަހަރާއެއްގައި. އޭރުން އިންސާނުންނަށް މިއިން ކޮށްފާނޭ ނޭދެވޭ އަސަރުންނާއި މުވާސަލާތީ ނިޒާމުތަކަށް ދިމާވެދާނޭ ގެއްލުންތަކުން ސަލާމަތްވެވޭނެ” ވޫ ޑެއިލީއަށް ޚަބަރު ދެމުން ބުންޏެވެ.

 

ޗައިނާގެ މި މަސައްކަތަކީ މުޅިން އާ މަސައްކަތެއް ނޫނެވެ. 1990 ގައި ރަޝިޔާއިން ޖައްވުގައި ލޯގަނޑުތަކެއް ގާއިމްކޮށް އިރުގެ އަލި އެގައުމުގެ އުތުރުގައިވާ، އިރުގެ އަލިކަން ނުފޯރާ ސިޓީތަކަށް ފޮނުވަން ތަހުލީލުތަކެއް ކުރިއެވެ. ނަމަވެސް 1999 ގައި މި ލޯގަނޑުތައް ނުހުޅުވިގެން މި މަސައްކަތް ހުއްޓާލިއެވެ. އޭގެފަހުން މިތަކެތި ވަނީ ޖައްވުގައި އަންދާލާފައެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.